ސޯޝަލް އެންޑް ފެމިލީ ޑުވެލޮޕްމެންޓު މިނިސްޓަރ ޑރ. އައިޝަތު ޝިހާމް
ސޯޝަލް އެންޑް ފެމިލީ ޑުވެލޮޕްމެންޓު މިނިސްޓަރ ޑރ. އައިޝަތު ޝިހާމް
ސަރުކާރުގެ އަމާޒަކީ އާއިލީ ލޯބީގެ ތެރެއިން ބޮޑުވާ ކުދިން އިތުރުކޮށް، ދައުލަތަށް ނެގޭ ކުދިންގެ އަދަދު މަދުކުރުން ކަމަށް ސޯޝަލް އެންޑް ފެމިލީ ޑުވެލޮޕްމެންޓު މިނިސްޓަރ ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ މަސައްކަތާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިނިސްޓަރ ޑރ. އައިޝަތު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލާއެއް ހޯދައިދިނުމަށް ބޮޑު އިސްކަމެއް ދީގެން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ގެ ނަމުގައި ސަރުކާރުން ހިންގަމުންދާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 67 ކުދިންނަށް އާއިލާތައް ހޯދާދެވިފައިވާ ކަމަށެވެ.

އޭގެތެރޭގައި އަމިއްލަ އާއިލާ އަދި ތިމާގެ މީހުން ބައެއް ކުދިންނާ ހަވާލުވެފައިވާއިރު، ބައެއް ފަރާތްތަކުން ކުދިން ފޯސްޓަރ ކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެކުދިންގެ އަމިއްލަ އާއިލާތަކުން ކުދިން ފޯސްޓަރ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓާރ ވިދާޅުވީ، އެކަމުގެ ސަބަބުން މިނިސްޓްރީގެ މަސައްކަތާއިގެން ކުރިއަށްދާން އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމަށެވެ.

"އުންމީދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ތިބި 139 ކުދިންނަށް އާއިލާތައް ހޯދައިދިނުން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ފޯސްޓަރ އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ކުދިން ފޯސްޓަރ ކުރާ އާއިލާތަކުން އެކުދިންގެ ކަންތައްތައް ވަރަށް ރަނގަަޅަށް ބަލަހައްޓަމުންދާ ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"މިހާރުވެސް އިތުރު 35 ފަރާތަކުން ކުދިން ބަލަހައްޓަން ބޭނުން ވެގެން ހުށަހަޅާފައި އެބަ އޮތް،" މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2022 ވަނަ އަހަރާ އަޅާކިޔާއިރު 2024 ގައި ވެލްފެއާ ސެންޓަރުތަކުގައި ތިބި ކުދިންގެ އަދަދު 19 އިންސައްތަ ދައްވެފައިވާ ކަމަށެވެ. އަދި ދައުލަތަށް އާ ކުދިން ނަގާ މިންވަރު 23 އިންސައްތައިން ދައްވެފައިވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން