ޞާދިރު ޢަލީދީދީ   4 ސެޕްޓެމްބަރު 2020 - 14:40
ސަންޑޭ
ސަންޑޭ
އެޕިސޯޑް 12

...............

[ދަލޭކަދައްތާ! މުނާޒާ މެރީކުރަން އަހަރެންގެ ބައްޕަމެން ރުހޭނެތަ؟ އަހަންނާ ކައިވެނިކޮށްގެން މުނާޒަށް އިންސާނުންގެ ތެރޭގައި، އިންސާނުންގެ ލޯތަކަށް ފެނިގެން އުޅެވޭނެތަ؟] ނަދުހާ ވިސްނާލިއެވެ.

[ނޫޅެވުނަސް ކީއް، ރާއްޖެއިން ބޭރު އަންހެން ކުދިންވެސް ދިވެހި ފިރިހެނުންނާ އިނދެގެން ރާއްޖޭގައި އުޅެއެއްނު. ހަމައެގޮތަށް ނަދުހާއަށްވެސް މުނާޒާއެކު ވަކިން އުޅެވިދާނެއެއްނު.] ދަލޭކަ އަބަދުވެސް ވާހަކަ ދައްކަނީ މުނާޒާ އެއްކޮޅަށެވެ. މުނާޒްގެ ހިތްވަރަކީ އެއީއެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުންގޮސް ނަވާލާއި ނަދުހާ ވަކިވިތާ ތިންމަސް ފުރިއްޖެއެވެ. މަންމައާއި ބައްޕަ އަދި ރަޙްމަތްތެރިޔާ އަފްޒަލާއި، ކޮއްކޮ ޝިޒްނާގެ ހިތްވަރާއި ނަޞޭޙަތުގެ ސަބަބުން ނަވާލަށްވަނީ ހިތްވަރު ލިބިފައެވެ. ނަވާލްގެ ޢަޒުމަކީ އޭނާގެ ދިރިއުޅުމަށް މުޅިން އާ ބައިވެރިޔަކު ހޯދުމެވެ. ނަދުހާގެ ހަނދާންތަކާ ދުރަށް ދިޔުމަށްޓަކައެވެ.

[އަނެއްކާވެސް ބައްޕަމެންތަ ދަރިފުޅުގެ ދިރިއުޅުމަށް ކުއްޖަކު ޚިޔާރު ކުރަންވީ؟] ފާއިޒު ނަވާލާ ވާހަކަ ދެއްކީ ހެނދުނުގެ ނާސްތާ ކުރަން ތިބެފައެވެ.

[އާނ، ވަރިހަމަ. އެކަމަކު ނަދުހާކަހަލަ ކުއްޖަކަށް ވެގެން ނުވާނެ. އަހަންނަށް ދެން އިތުރަކަށް އެފަދަ ހިތްދަތިކަމެއް ބަރުދާސްތު ނުކުރެވޭނެ.] ނަވާލް ފުން ނޭވާއެއްލިއެވެ.

[ބައްޕައަށް ފެންނަނީ، މިފަހަރު ދަރިފުޅު އަމިއްލައަށް ކުއްޖަކު އިޚްތިޔާރު ކުރަން....ދަރިފުޅަށް ކިތަންމެ ރީތި ކުއްޖަކުވެސް ލިބިދާނެ.] ފާއިޒް ސައިތަށީގެ އެންމެފަހު ކޯވަރު ބޮއިލަމުން ބުންޏެވެ. އެއީ ތެދެކެވެ. ނަވާލާހެދި ނަވާލްގެ ޙަޔާތަށް އަންނަން އޭނާގެ އޮފީހުންވެސް އެތައް ކުދިންނެއް އުޅެއެވެ. ނަމަވެސް، އޭރު އޭނާ ނަދުހާދެކެވާ ލޯތްބެއްގެ ބޮޑުކަމުން އެހެން ކުއްޖަކާ ދޭތެރޭ ވިސްނާނެ ފުރްޞަތެއް ނޯވެއެވެ. އެއޮފީހުގެ ސީނިއަރ ސެކްރެޓަރީއަށް އުޅޭ ޒިލާއަކީވެސް އޭނާއާހެދި ނިކަންވަރުހުންނަ ކުއްޖެކެވެ. ޢަމަލުން އޭނާވަނީ ނަވާލްދެކެ ލޯބިވާ ކަމުގެ އެތައް ސިގްނަލެއް ދީފައެވެ.

[އަފޫ...ޒިލާ އަދިވެސް ހުސްތަ؟] ނަވާލާއި އަފްޒަލާ ވާހަކަ ދެއްކީ އޮފީހުގައި އިނދެ ފޯނުންނެވެ. އޭރު އަފްޒަލް ހުރީ އޮފީސް ދަތުރެއްގައި ރާއްޖެތެރެއަށް ގޮހެވެ.

[ހީވަނީ އަދި ހުސްހެން، ބޭނުންވީތަ؟] އަފްޒަލް ހީލިއެވެ.

[އެހެން ނޫންނަމަ ކީއްކުރަން މި މަޢްލޫމާތު ހޯދަންވީ؟] ނަވާލް ޖަވާބުދިނެވެ.

[މާދަމާ ހެދުނު އަހަރެން ދާނަން. ކޮބާ ޝިޒޫ ގާތަށް ގެޔަށް ދިޔައިންތަ؟] އަފްޒަލް ބުންޏެވެ.

[އޮފީސް ނިންމާފައި ދަމުން ވަދެލާނަން. ޗުއްޓީ ހަދާލަން ރަނގަޅު ރަށެއްތަތީ....މީހުން ރަނގަޅުތަ؟] ނަވާލް އެއްސެވެ.

[ވަރަށް ފައްކާ. މެހްމާންދާރީ އަދާކުރުން ވަރަށް ރަނގަޅު....ނަވާލަށް އެނގޭތަ، މެހްމާންދާރީ އަދާކުރަން ނޭނގޭ ބަޔަކީ މާލޭ މީހުންނޭ. ރާއްޖޭގެ އެނޫން (މާލެ ނޫން) ކޮންމެ ތާކުންވެސް މެހްމާންދާރީ ރަނގަޅުވާނެ.]

ޙަޤީޤަތުގައި ނަވާލަކީ މާލޭ މީހަކަށްވާތީ، އަފްޒަލް ނަވާލާ ދިމާކޮށްލީއެވެ. [އޭތް އަހަންނާ ދިމާއަށް ބުނި އެއްޗެއްދޯތީ. އަހަރެން ނުލާހިކު ރަނގަޅެއްނު.]

[ނަވާލް ތީ ބެސްޓޭ. އެކަމަކު ބުނަން، މާލޭގައި ހާހަކުން ނުހުންނާނެ ތިކަހަލަ އެއްގެވެސް. މާލޭގެ ބައެއް މީހުން ދެކޭގޮތުގައި ހުރިހާ އިޙްތިރާމަކާއި ޤަދަރާއި ޢިއްޒަތެއްވެސް ޙައްޤުވެގެންވަނީ އެމީހުންނަށް. އެމީހުން ރާއްޖެތެރެއަށް ދިޔައީމާ ކުކުޅު ހަދާފައި ކާންދޭންވެސް ޖެހޭނެ. އެއާޚިލާފަށް ކާންދީ ނިންދަވައި ހެދީމާ، މާލެއައިސް ބައްދަލުވީމާ، އަމިއްލަ ގެވެސް ދައްކައެއްނުލާނެ. ހަލޯ ކިހިނެއްހޭ އަހާލުމަށްފަހު ގޮސް ލޯމަތިން ގެއްލޭނެ.] އަފްޒަލް އަމިއްލަ ތަޖްރިބާގެ އަލީގައި ބުންޏެވެ.

[ދެން ތިވާހަކަ ހުއްޓާލަބަލަ. ޒިލާ....ގެ ކަންތައް ބަލަންވެއްޖޭ.] ނަވާލް މަޥްޟޫޢު ބަދަލުކޮށްލިއެވެ.

[ޒިލާދޯ؟ އެއީ ނިކަން ނަލަ މަންޖެއެއްދޯ؟ އަހަންނަކަށް ހިއެއްނުވޭ އަދި އޭނަ ބިޓެއްނެގިހެނެއް.] އަފްޒަލް ބުންޏެވެ. އެއީ ނަވާލަށް ލިބުނު ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެކެވެ. އޭނާ މިހާރު ބޭނުންވަނީ ނަދުހާގެ ހަނދާންތަކާ ދުރުވެވޭނެ މަގެއް އޮތިއްޔާ، އެމަގެއް ޚިޔާރު ކުރާށެވެ.

ހީކުރިގޮތަށް ނަދުހާގެ ކައިވެންޏަކީ އުފާވެރި ގުޅުމަކަށް ނުވީތީ، ނަދުހާގެ މައިންބަފައިން މިހާރުވަނީ ވަރަށް މާޔޫސްވެފައެވެ. ޝަކީބްގެ ހުރިހާވެސް ފިކުރަކީ އެދަރިފުޅުގެ މުސްތަޤްބަލެވެ. ނަދުހާގެ ފުރަތަމަ ކައިވެންޏަށް ދިމާވިގޮތުން ޝަކީބްގެ ދެމަފިރިންވެސް ވަނީ ވަރަށް މާޔޫސްވެ އުއްމީދު ގެއްލިފައެވެ. ނަދުހާގެ ވާހަކަ ޤަބޫލުކޮށް، އެމީހުން ކުށްވެރި ކުރަނީވެސް ނަވާލެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި، ނަވާލް، ނަދުހާގެ ދިރިއުޅުން ފުނޑުފުނޑުކޮށްލީއެވެ. ނަމަވެސް، އެމީހުންނަކީ ތަހުޒީބުގެ ދޮރާށިން އެތެރެވެފައިވާ ބަޔަކަށްވާތީ، ނަވާލްގެ މައިންބަފައިންގެ ކުރިމަތީގައި އަޑުގަދަކޮށް، ހިސާބުގަނޑު މީހުން އެއްކުރާކަށް އެމީހުންނެއް ނުވިސްނައެވެ. ނަމަވެސް، އެމީހުން ނަދުހާއަށް ނަޞޭޙަތްތެރިވީ އަލުން ނަވާލްގެ ކައިވެންޏާ ނުރުހުމަށެވެ. އެފަދަ މީހަކު ދެންވެސް ތަކުރާރުކޮށް ވަރިކުރާނެ ކަމަށް ވިސްނައިދީފައެވެ.

[ބައްޕާ، ދެން އަލުން އަހަރެން އޭނަޔާ އިންނާނެތަ؟ ހަނދާން ނައްތާލަންޖެހޭނީ. ދެން އޭނަ ކިތަންމެ އާދޭހެއް ކުރިޔަސް، އަހަންނެއް ނޫޅެން އޭނަޔާ އަނގައިން ބުނާކަށްވެސް.] ބައްޕަގެ ނަޞޭޙަތާ ގުޅުވައިގެން ނަދުހާ ބުންޏެވެ.

[ދަރިފުޅާ، ކިތަންމެ ވަރުގަދަ ޢަޒުމެއްގައި ހުއްޓަސް، ވާހަކަ މޮޅު ފިރިހެނުންގެ އަވައިގައި ނިކަން ފަސޭހައިން އަންހެން ކުދިން ޖެހިދާނެ. ހަމަ އެހާމެ ފަސޭހައިން އެފަދަ ފިރިހެނުން އަންހެން ކުދިންގެ މަގުވެސް އޮޅުވާލާނެ.] ޝަކީބް ބުންޏެވެ. އެއީ ޒުވާން ޢުމުރުގައި ޚުދު އޭނާވެސް ކޮށްއުޅުނު ކަމެކެވެ. އޭނާއަށް އެތަޖްރިބާ އެހާ ރަނގަޅަށް ލިބިފައިވަނީ އެހެންވެގެންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ނަދުހާއާއި ނަވާލްގެ ކައިވެނި ރޫޅުނުތާ ހަތަރުމަސް ފުރިއްޖެއެވެ. އަދިވެސް ނަދުހާގެ ޙަޔާތުގައި އާކައިވެންޏެއްގެ ކުލައެއް ނުޖެހެއެވެ. އޭނާ ހަމަ ކުރީގެވެސް އާދައިގެ މަތިން މުނާޒާއެކު ވަގުތުތައް ހޭދަކުރަމުންދަނީ ގޭގެ ޓެރަސް މަތީގައެވެ. ނަދުހާ އެގޮތަށް އުޅުނަސް، ނަވާލްގެ ދިރިއުޅުން މިހާރުވަނީ މުޅިން ބަދަލުވެ އުޖާލާވެފައެވެ. އާއެކެވެ. ނަވާލަކީ މިހާރު ތެދުވެރި ގެވެހި އަންހެން ކުއްޖެއްގެ ފިރިއެކެވެ. މިހާރު ބޭނުންވަނީ އޭނާގެ ހުރިހާ އުފާތަކެއްވެސް އަދި ލޯތްބެއްވެސް އަނބިމީހާ ޒިލާއަށްޓަކައި ހުސްކުރާށެވެ. އެފަދައެވެ. ޒިލާވެސް އޭނާގެ ހުރިހާ ވަގުތުތަކެއް ހޭދަކުރަމުން އެދަނީ ނަވާލަށް އުފަލާއި ހިތްހަމަޖެހުން މިލްކުކޮށްދިނުމަށެވެ. އެހެންކަމުން، އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށްވެސް އޭނާ ފިރިމީހާގެ ޚިޔާލު ހޯދައެވެ.

ނަވާލް، އާ ޙަޔާތެއް ފަށައިގެން އުޅޭ ޚަބަރު ލިބުމުން، ނަދުހާގެ ބައްޕަ ޝަކީބް ނަދުހާވެސް އާ ޙަޔާތެއް ފެށުމަށް ނަދުހާއަށް ލަފާދިނެވެ. ނަދުހާ ބުނީ، އޭނާ ކައިވެންޏަކާ ދޭތެރޭ ވިސްނާ ކަމަށެވެ. ނަމަވެސް، އޭނާގެ ޙަޔާތާ ގުޅޭ މީހެއްގެ ސަބަބުން، އޭނާގެ ދިރިއުޅުން މުޅިން ބަދަލުވެދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

[ތިބުނީ ކޮންގޮތަކަށް ދިރިއުޅުން ބަދަލުވާ ވާހަކަތަ؟] ޝަކީބް އެއްސެވެ. ނަދުހާ ބަލައިލީ، އޭނާއާ ދާދި ގާތުގައި ހުރި ދަލޭކަގެ މޫނަށެވެ.

[މިހާރު ނުބުންޏަކަސް ބަދަލުވީމާ އެނގޭނެ. ބުނަން މިއުޅެނީ....ބައްޕަމެން ޝަކުވާކުރާކަށް އޭރުން އަހަންނެއް ނުފެންނާނެއޭ.....] ނަދުހާ ބުންޏެވެ. ޝަކީބަށް ނަދުހާ ކީ އެއްޗެއް، އެއްވެސްވަރަކަށް އޮޅުމެއްނުފިލިއެވެ. ދަރިފުޅު ކިހިނެއް ކޮންވާހަކަތަކެއް ތިދައްކަނީ. ތިކިޔާ އެއްޗެއް ރަނގަޅަށް ކިޔާބަލަ.] ޝަކީބް ބުންޏެވެ. އޭނާ ބުނަން އުޅޭ އެއްޗެއް ތަފްޞީލުކޮށް ކިޔައިދޭން އޭނާއަށް މަޖުބޫރުވިއެވެ. އެހެންކަމުން، ދެންވެސް އޭނާ ދަލޭކަގެ މޫނަށް ބަލައިލިއެވެ.

[ބައްޕާ އަހަރެންގެ ޙަޔާތަށް އަންނަން އުޅޭ ބައިވެރިޔާ ބޭނުންވަނީ އޭނަޔާއެކު އަހަރެން ގެންދަން....އެއީ ބައްޕަމެންނަށް ނުފެންނަފަށަށް. އެކަމަކު އޭނާދެކެ އަހަރެން ވަރަށް...ވަރަށް ލޯބިވޭދޯ ދަލޭކަދައްތާ.] ނަދުހާ ދަލޭކައަށް ދޯދިނެވެ. ލުއި ހިނިތުންވުމަކާއެކު ދަލޭކަ ބޯޖަހާލިއެވެ.

[ދަރިފުޅާ، ތިބުނާ މީހެއްގެ ގާތު ބުނޭ، ތިވިސްނާ ގޮތަށް ތިކަމެއް ނުވާނެއޭ...ދެން ދަރިފުޅު ކޮންމެފަދަ މީހަކާ އިނަސް، އުޅެންޖެހޭނީ މިގޭގަ. ބައްޕަމެން އެހެން ގޮތަކަށް އެއްބަހެއް ނުވާނަން. ދަރިފުޅުވެސް ނިކަން ވިސްނާލަބަލަ. ދަރިފުޅު މިރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަކޮށްފިއްޔާ، ބައްޕައާއި މަންމަ ކިހާ އެކަނިވާނެ.] ޝަކީބް ނަދުހާގެ ބޮލުގައި ފިރުމާލިއެވެ. ނަދުހާއަށް ވިސްނުނެވެ. ބައްޕަވެސް އެބުނީ ތެދެކެވެ. މުނާޒާއެކު އޭނާ ހިނގައްޖެއްޔާ، މަންމައާއި ބައްޕަ މުޅިން އެކަނިވާނެއެވެ. އެއީ އެއްވެސް އިންޞާފެއް ނޫނެވެ. ބަނޑުއަޅާ ވިހެއުމަށްފަހު، ތަޢްލީމާއި ތަރުބިއްޔަތުދީ ބޮޑުކުރީމާ، މައިންބަފައިންގެ ބޮލުގައި ކޮޅުފައިން ޖަހާފައި ދިޔުމަކީ، އޭނާގެ ހިތްވެސް އެދޭ ކަމެއް ނޫނެވެ. އެހެންނޫނީ އަމިއްލަ ބަނޑުން އުފަންވާ ކުދީންގެ ފުށުން އެފަދަ އިމްތިޙާނާ ކުރިމަތިލުމަކީވެސް ގާތް ކަމެކެވެ.

[އެކަމަކު ބައްޕާ....މުނާޒް ބޭނުން....] ނަދުހާ ކޮށިއެރިއެވެ.

[ތިބުނާ މުނާޒެއްގެ ގާތު ބުނޭ، ކައިވެންޏަށްފަހު މިގޭގަ އުޅެވެންޏާ މައްސަލައެއް ނެތޭ...ބައްޕައާއި މަންމަ މަރްޙަބާ ކިޔަމޭ.....] ޝަކީބް ބުންޏެވެ. ނަދުހާ ބޯޖަހާލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. އޭރު އެނދުމަތީގައި މުނާޒް އޮތެވެ. ނަދުހާގެ އިންތިޒާރުގައެވެ.

[ކޮންއިރަކު މުނާޒް ތިއައީ....] ކޮޓަރި އެތެރެއިން ތަންޑުއެޅުވުމަށްފަހު ނަދުހާ އެއްސެވެ.

[ދެންމެ ނަދުހާގެ ކުރީގައި ހުރެގެން މިވަނީ....ބައްޕަ ކޮންވާހަކަތަކެއްތަ ދެއްކީ؟] ނަދުހާގެ ސުވާލަށް ޖަވާބުދެމުން މުނާޒް އެއްސެވެ.

[ބައްޕަ ބުނީ ކައިވެނިކޮށްގެން މިގޭގަޔޯ އުޅެންޖެހޭނީ. އަޅެ ކިހިނެއްތަ ހަދާނީ.] ނަދުހާ ގޮތްހުސްވި ކަހަލައެވެ.

[އަހަންނަކީ އިންސާނެއް ނޫނޭވެސް ބައްޕަ ގާތު ބުނިންތަ؟] މުނާޒް ނަދުހާ، އޭނާގެ ހަށިގަނޑާ ގާތަށް ލަފާލިއެވެ.

[އެހެން ބުނަން ކެރޭތަ؟ އޭރުން ވަގުތުން ބައްޕަ ކައިވެންޏަށްވެސް އިންކާރު ކުރާނެއެއްނު.] ނަދުހާ މުނާޒްގެ މޭގައި ބޯއަޅާލިއެވެ. މުނާޒްގެ ދެއަތް ނަދުހާ ވަށާލާ ބާރުކޮށްލިއެވެ.

[ނަދޫވެސް ބޭނުންވަނީ ކައިވެނިކޮށްގެން އަހަރެން މިގޭގަ ދިރިއުޅެންތަ؟] މުނާޒް ނަދުހާގެ ނިތްކުރީގައި ބޮސްދިނެވެ.

[ނަދޫ....ނަދޫ ކިތަންމެ އެދުނަސް، އިންސާނުންގެ ތެރޭގައި ކިހިނެއްތަ އަހަރެން ދިރިއުޅޭނީ....އަހަރެންގެ މަންމައާއި ބައްޕަ ކުޑައިރު އަހަންނަށް އެބާރުދިންނަމަ، އިންސާނުންގެ ތެރޭގައި ކިތަންމެ ދުވަހެއް ވަންދެންވެސް އުޅެވިދާނެ....] މުނާޒްގެ ވާހަކައިގައި ފޮރުވިފައިވާ މާނައެއްވެއެވެ. ނަމަވެސް އެފަދަ ވިސްނުމެއް ނަދުހާގެ ނެތެވެ.

[މިހާރުވެސް އެބާރު ހޯދިދާނެއެއްނު....] ނަދުހާ ބުންޏެވެ.

[މިހާރު އަހަރެންގެ މަންމައާއި ބައްޕަ ދުނިޔޭގައި ނެތޭ. ދުނިޔޭގައި ތިބިނަމަވެސް މިޢުމުރަކު ނުވާނެ.] މުނާޒް ބުންޏެވެ.

[ކޮންމެގޮތެއްވިޔަސް، އަހަންނަކަށް މަންމައާއި ބައްޕަ ދޫކޮށްފައި މުނާޒާއެކު ނުދެވޭނެ. އެހެންނޫނަސް އަހަންނަށްވެސް ޖިންނިންގެ ތެރެއަކު ނޫޅެވޭނެއެއްނު.]

[ނޫނޭ ނަދޫއަށް އުޅެވޭނެ. އެހެން އިންސާނުންނަށް ނޫޅެވުނަސް ނަދުހާއަށް އެއްވެސް އުނދަގުލެއް ނުވާނެ.] މުނާޒް ނަދުހާގެ ލޮލަށް ބަލަން ހުރެފައި ބުންޏެވެ.

[އެއީ ކީއްވެ؟] ނަދުހާ އެހިއެވެ.

[ނަދޫ ތީވެސް އިންސާނަކަށް ނުވާތީ.] މުނާޒް ހީގަތެވެ. ނިކަން ބާރަށެވެ. އެއީ މުނާޒް ކުރި ސަމާސާއެކެވެ.

[އަހަންނަކީ އިންސާނަކަށް ނުވަންޏާ ކޯއްޗެއްތަ؟] ނަދުހާ މުނާޒްގެ ސަމާސާގައި ބައިވެރިވަމުން ބުންޏެވެ.

[ސަންޑޭއެއް....(ހަންޑިއެއް) ތީ.....] މިހާރު މުނާޒްގެ ރާގުވެސް ތަފާތުވިއެވެ. ހީގަތުންވެސް ކުރިއަށްވުރެ ބާރެވެ.

[ސަންޑޭ އޭ! އާދީއްތައިގެ ވާހަކަތަ ތިދައްކަނީ.] ނަދުހާއަށް މުނާޒް ބުނި އެއްޗެއް މާރަނގަޅަކަށް ނުވިސްނުނެވެ.

[ސަންޑޭއަކީ އަހަރެމެންގެ ނަސްލު މީހުން، ޖިންނިން ތެރޭގައި އުޅޭ އަންހެން އެއްޗެއްސަށް ކިޔާ ނަމެއް. އޭގެ އަޞްލަކީ ހަންޑި.] މުނާޒް ތަފްޞީލަށް ދިޔައެވެ.

[ތިބުނީ އަހަންނަކީ ހަންޑިއެކޭތަ؟] މުނާޒްގެ ސަމާސާގައި ބައިވެރިވަމުން ނަދުހާވެސް ހީގަތެވެ.

[މީހަކު ހަމަ ބުނާ އެއްޗަކުން ހެއްލޭދޯ. ތިހެންވީއިރު ކީއްވެބާ ނަވާލަށް ބޯނުލެނބީ.] މުނާޒް ނަދުހާއާ ދިމާކުރާފަދަ ގޮތަކަށް ބުންޏެވެ.

[އައްދޭ މުނާޒް ހީކުރީ ހަމަ ބުނާ ކޮންމެ ވާހަކައެއްވެސް އަހަރެން ޤަބޫލުކުރާނެ ކަމަށްދޯ. ދެން ތިބޭކާރު ވާހަކަތައް ހުއްޓާލަމާ. އޭތް އަޅެ ދެން އަހަރެން ކިހިނެއްތަ ހަދާނީވެސް. އަހަރެން މުނާޒްދެކެ ހާދަ ލޯބިވެޔޭ.] ނަދުހާ އިސްޖަހާލިއެވެ.

[ތީ ދޮގެއް. ދުލުން ތިފާޅުކުރާވަރަށް ނަދުހާ އަހަރެންދެކެ ލޯތްބެއްނުވޭ. ލޯބިވާނަމަ ކައިވެންޏަށްފަހު އަހަންނާއެކު ދިރިއުޅެން އެއްބަސްވާނެ.] ފުރްޞަތުގެ ބޭނުންކޮށްގެން މުނާޒް ބުނެލިއެވެ.

[ހުއްޓާލާ....ހުއްޓާލާ މުނާޒް، މުނާޒް ތިއުޅެނީ އަހަރެންގެ މައިންބަފައިންނާ އަހަރެން ވަކިކުރުވަންތަ؟ އަހަންނަކަށް އެހިތްވަރެއް ނުކުރެވޭނެ.] ނަދުހާ ފެންކަޅިވެއްޖެއެވެ.

[ނަދުހާ، ނަދުހާގެ މައިންބަފައިންގެ ގާތުގައި ދިރިއުޅޭ. އަހަރެންވެސް އެހެން ގޮތެއްވޭތޯ މަސައްކަތް ކުރާނަން.] މުނާޒް ބުންޏެވެ. ނަދުހާ ބޯޖަހާލިއެވެ.

[މުނާޒް ރުޅިއައީތަ؟ އަހަރެންގެ މަންމައާއި ބައްޕައަށް ނޭނގިވެސް ކައިވެނިކޮށްގެން އުޅެވިދާނެއެއްނު.] ނަދުހާ ޖިންނީންގެ ދިރިއުޅުމާ ދޭތެރޭ ކުޑަކޮށް ވިސްނާލުމަށްފަހު ބުންޏެވެ.

[އާނ، އެގޮތް ނަދުހާ ޤަބޫލިއްޔާ ހިނގާ އަހަންނާއެކު. އަރާ އަހަރެންގެ ކޮނޑުމައްޗަށް....] މިހެން ބުނެވުނުއިރު އެތާނގައި ހުރީ މުނާޒެއް ނޫނެވެ. އެއީ މިހާރު ބޮޑު ދެފިޔަގަނޑުލީ ދޫންޏެކެވެ. ނަދުހާ ކުޑަކޮށް ބިރުގަތެވެ. އެހެންކަމުން، އޭތީގެ ބުރަކަށިމައްޗަށް އަރަން އޭނާ ފަސްޖެހުނެވެ.

[ނަދޫ....ސިފަ ބަދަލުވިޔަސް މީ މުނާޒޭ. އަވަހަށް އަހަރެންގެ ބުރަކަށިމައްޗަށް އަރާބަލަ.] އެދޫނި ވާހަކަ ދެއްކިއެވެ.

[މުނާޒް...އަހަރެން ބިރުގަންނަނީއޭ.....] ނަދުހާ ދޫންޏާ ދިމާއަށް ބަލަން ހުރެފައި ބުންޏެވެ. މުނާޒް ހީނގަތެވެ.

[ނަދޫ...ނަދޫ މިހާރު ތިބިރުގަންނަނީ، މީގެކުރިން އަހަންނަކީ އިންސާނެއް ނޫންކަން ނޭނގެނީތަ؟] ދޫނި ވާހަކަ ދައްކަމުން ނަދުހާއާ ގާތަށް ޖެހެން ފެށިއެވެ. ނަދުހާ ލޯމަރާލާފައި ކޮންމެ ގޮތެއްވިޔަސް ވަރިހަމަކަމަށް އެދޫނީގެ ބުރަކަށިމައްޗަށް އަރައިފިއެވެ. ހަމައެއާއެކު، ދެފިޔަގަނޑު ތަޅާލާފައި އޭތި ނިކަން ބާރަށް އުދުހިގެންފިއެވެ. އޭތި ނަދުހާ ގޮވައިގެން ދިޔައީ އޭތީގެ ވެށްޓަށެވެ.

އެއީ އިންސާނުންގެ ވެށްޓަށްވުރެ މާހިތްފަސޭހަ ވެށްޓެއް ކަމަށް ނަދުހާއަށް އިޙްސާސްވި ކަމުގައިވިޔަސް، މައިންބަފައިންނާ ދުރުގައި އުޅޭކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ. އެހެންކަމުން އޭނާ މުނާޒަށް ލަފާދިނީ ކޮންމެވެސް ގޮތަކުން މުނާޒް އޭނާއާއެކު އޭނާގެ ގޭގައި ދިރިއުޅުމަށެވެ.

[ނަދޫއަށް އެނގޭތަ، ނަދޫތީ މިހާރު އަހަރެންގެ އަންބެއް. ތިގޮތަށް އަހަރެންނާއެކު އަހަރެން އުޅޭ ސަރަޙައްދަށް އައުމުގެ މާނައަކީ އަހަންނަށް ޙަލާލުވުން. މިހާރު އަހަރެން ހިތުން ރުހުމުން ނަދޫ އަހަރެންގެ އަންބަކަށް ޤަބޫލުކޮށްފިން.] ފަޒާގެތެރޭ ނަދުހާއާއެކު އުދުހެމުން މުނާޒް ވާހަކަ ދެއްކިއެވެ.

[ކައިވެނި ކުރެވުނީޔޭ....ތިހެންވީއިރު މުނާޒް ވާނީ އަހަންނާއެކު އަހަރެންގެ ގޭގައި ދިރިއުޅެވޭނެ ގޮތެއް ހޯދަން....] ނަދުހާ މުނާޒްގެ ދެފިޔަގަނޑުގައި ބާރަށް ހިފަހައްޓާލަމުން ބުންޏެވެ.

[މިގޮތުގައި އުޅެވިދާނެ.] މުނާޒް ކުރުކޮށް ބުންޏެވެ.

[ތިބުނީ؟] ނަދުހާއަކަށް ނުވިސްނުނެވެ.

[މިބުނީ ދޫންޏެއްގެ ގޮތުގައި ނަދޫއަށް އަހަރެން ގެންގުޅެވިދާނެ ނޫންހޭ.] މުނާޒް ނަދުހާއާއެކު ވައިގެތެރޭ އުދުހެމުން ވާހަކަ ދެއްކިއެވެ.

[އޭރުން އޮތީ ކޮން އުފަލެއް؟] އެގޮތެއް ނަދުހާ ހިތްހަމައެއްނުޖެހުނެވެ.

[ނަދޫއަށް އަބަދުވެސް އަހަރެން ފެންނާނީ މުނާޒްގެ ސިފައިގައޭ. އަހަރެން މިސިފައިގައި ފެންނާނީ އެހެން މީހުންނަށް. ނަދޫ ގެއަށް ގޮސް ބުނޭ އަތިރިމަތިން (ތޮށިގަނޑު މަތިން) ހިފި ދޫންޏެއް ތިމަންނަ އޮޅުކޮށްގެން ގެންގުޅެނީޔޭ....] މުނާޒް ޚިޔާލު ދިނެވެ. އެގޮތް ނަދުހާއަށްވެސް ކަމުދިޔައެވެ. އެހެންކަމުން، އޭނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

އެރޭ ނަދުހާ ގެއަށް އައީ ބޮޑުފިޔަގަނޑުލީ އެދޫނި ހިފައިގެންނެވެ.

[ދަރިފުޅާ ކޮންތާކުން ހޯދި ދޫންޏެއް؟.....] އޭތި ފެނުމުން ޙައިރާންވެފައި ހުރި ޝަކީބް އެއްސެވެ.

[ތޮށިގަނޑު މަތިން ރައްޓެހި ކުއްޖެއް ހިފާފަ ދިން އެއްޗެއް. މީތި އަހަރެން ގެންގުޅޭ ހިތްވަނީވެސް ކޮޓަރީގައި.] ނަދު ދޫނީގެ ފިޔަގަނޑުގައި އަތް ކާއްތާލިއެވެ.

[ދަރިފުޅާ، އޭރުން ކޮޓަރިތެރެ މުޅިން މުޑުދާރުކޮށްލާނެއެއްނު. ކޮޓަރިތެރޭގައި ނުބައިވަސްވެސް ހިފާފާނެ.] ޝަކީބް ބުންޏެވެ.

[ބައްޕާ މިއީ އެއަށްވުރެ މާ ސާފުތާހިރު ދޫންޏެއް. މީ އަހަރެން ވަރަށް ލޯބިވާ ދޫންޏެއް....] މިހެން ބުނެފައި ނަދުހާ އޭއްޗާއެކު ގޮސް ކޮޓަރިއަށް ވަނެވެ. ހިނިތުންވެލަމުން ޝަކީބް ދެފަރާތަށް ބޯހޫރާލިއެވެ. އޭރު ނަދުހާގެ މަންމަވެސް ގެއަކު ނޫޅެއެވެ. އެދޫންޏަކީ ކޯއްޗެއްކަން އެނގޭ މީހަކަށް އެގޭގައި ހުރި ދެވަނަ ފަރާތަކީ ދަލޭކައެވެ. ދަލޭކަ ހުރީ ނިކަން އުފާވެފައެވެ. އެކަން މާރަނގަޅަށްވެސް އޭނާގެ ޙަރަކާތްތަކުން އެނގެއެވެ.

[މުނާޒް....ދެން ބަދަލުވޭ....] ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު ނަދުހާ ވާހަކަ ދެއްކިއެވެ. އެއާއެކު ދޫންޏެއްގެ ސިފައިގައި އިން މުނާޒްގެ ސިފަ، އާދައިގެ އިންސާނެއްގެ ސިފައަށް ބަދަލުވެއްޖެއެވެ.

[ވަރަށް އުފާވެއްޖެ...ވަރަށް ހިތްހަމަޖެހިއްޖެ.] ފުން ނޭވާއެއްލަމުން ނަދުހާ މުނާޒްގެ ކޮނޑުގައި ބޯޖައްސާލިއެވެ.

[ވަރަށް އުފާވެއްޖެ އަހަރެންވެސް. މިހާރު އަހަރުމެންގެ އެއްވެސް ގުޅުމަކަށް ހުރަހެއްނެތް....] މަސްތީ ނަޒަރަކުން ނަދުހާގެ މޫނަށް ބަލާލުމަށްފަހު މުނާޒް ނަދުހާގެ އަތުގައި ހިފައިގެން އެނދާ ދިމާއަށް ހިނގައިގަތެވެ. އޭރު ނަދުހާގެ މޫނުމައްޗަށްވެސް ވެރިވެފައިވަނީ މަސްތީ އަސަރެވެ. ހީވާކަހަލައެވެ. މުނާޒްގެ އެހީއާއެކު ނަދުހާ ބޭނުންވަނީ އަރާމާއި ހިތްހަމަޖެހުން ލިބިގަންނާށެވެ. އެއީ ނަވާލާ ކައިވެނީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްތަކުގައި އޭނާ އިންކާރު ކުރަމުން އައި ކަންތަކެވެ. ނަމަވެސް، މިރޭ އެދުވަސްތައްވަނީ މާޒީވެފައެވެ. ފާއިތުވި މާޒީއާމެދު ވިސްނާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. މިހާރު އޭނާ ބޭނުންވަނީ މުނާޒާއެކު އުފަލުގައި އުޅޭށެވެ. އެކަމަކު އޭނާއަށް އެގޮތުގައި އުޅެވޭނީވެސް އޭނާގެ މައިންބަފައިންނަށް ޙަޤީޤަތް ހާމަވަންދެނެވެ.

[އަހަރެން މިއުޅެނީ ވަރަށް އުފަލުގައި. މިހާރު ޒިލާގެ ފަރާތުން އަހަންނަށް ހުރިހާ ހިތްހަމަޖެހުމެއްވެސް ލިބޭ. ލޯތްބާއި އޯގާތެރިކަން. ކީކޭ ދެން ބުނާނީ....އެއީ ފަސްމީރުކުރިރުކެއް.] ނަވާލް އޭނާގެ އަނބިމީހާއަށް ތަޢުރީފްކޮށް ވާހަކަ ދެއްކީ ރަޙްމަތްތެރިޔާ އަފްޒަލް ގާތުގައެވެ.

[ނަދުހާ މިހާރު އެހެން ކައިވެންޏެއް ކޮށްފިބާ؟] އަފްޒަލް ނަވާލްގެ ހިތާ ކުޅެލުމުގެ ޤަޞްދުގައި ބުންޏެވެ.

[އެކަހަލަ ގޮތްދޫނުކުރާ މީހަކަށް މީހަކާ އިނދެގެން އުޅެވޭނެތަ. ގައިމުވެސް ހިއެއްނުވޭ އަދިވެސް އޭނާ އެހެން ކައިވެންޏެއް ކުރިހެނެއް. އަދި ފަހުން އޭނަ ދެރަވާނެ. އަހަރެން ފަހަތުން ދުވަންވެސް ދުވާނެ.] އަފްޒަލް ހީކުރިގޮތާ ޚިލާފަށް ނަވާލްގެ ހިތްވަނީ ވަރަށް ބޮޑަށް ކިލަނބުވެފައެވެ.

[އަހަރެންގެ ވަރަށް ގާތް މީހަކު އިހަށްދުވަހު ބުނި، ނިކަން ބިޔަ ދޫންޏަކާއެކު އެގޭ ދޮރާށިދޮށުގައި އޭނާ ނުކުމެހުރެޔޯ. އޭނާގެ އެކަނިވެރިކަން ފިލުވައިދެނީ އެދޫނި ކަމަށްވެސް ވެދާނެއެއްނު.] އަފްޒަލް ހީގަތެވެ. ފަހަތުން ނަވާލަށްވެސް ހީގަނެވުނެވެ. އެއީ ތެދެކެވެ. މިހާރު ނަދުހާދާ ކޮންމެ ތަނަކަށްވެސް އޭނާ އެދޫނި ގެންދެއެވެ. ބައެއް މީހުން އެ އާދާޔާ ޚިލާފު ދޫންޏަށް ނިކަން ބަލާވެސްހަދައެވެ. ނަމަވެސް އެކަމަކާ އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާގެ ހުރިހާވެސް އުފަލަކީ މިހާރު އެދޫންޏެވެ. އެދޫނިން އޭނަޔަށް ހުރިހާ އުފަލެއްވެސް ލިބެއެވެ. މިގޮތުގައި ނަދުހާއާއި މުނާޒްގެ ސިއްރު ދިރިއުޅުން، އުފަލާއި ހިތްހަމަޖެހުމުގައި ކުރިއަށްދެއެވެ. ދަލޭކަގެވެސް އެހީއާއެކުގައެވެ. ނަދުހާއަށް މައްސަލަތަކާ ކުރިމަތިލާން ޖެހުނީ އެއުފާވެރި ދިރިއުޅުމަށް ދެތިންމަސް ފުރުނު ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން