ޕޮލްކޯ ފްލެޓުތައް
ޕޮލްކޯ ފްލެޓުތައް
ކޯޓު އަމުރަކާއެކު އަނެއްކާވެސް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއަށް ވަދެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ބަލައިފާސްކުރުމުގެ އަމުރަކާއެކު މިއަދު ޕޮލްކޯއަށް ވަދެފައިވަނީ ޕްލްކޯގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާ ގުޅިގެން ހެތްކާއި ގަރީނާ ހޯދާށެވެ.

އޭސީސީން ޕޮލްކޯ ދެވަނަ ފަހަރަށް ރެއިޑު ކޮށްފައި މިވަނީ އެ ކުންފުންޏާ ބެހޭ އިތުރު ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެ، އެކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވަނިކޮށެވެ. މި މައުލޫމާތުތައް އެ ކޮމިޓީއާ ހިއްސާ ކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާ ކުރަމުންދާ ފަރާތަކުން ކަމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ވަނީ މީގެ ކުރިން ބުނެފައެވެ.

ސަބް ކޮމިޓީން ބުނީ ޕޮލްކޯގެ ފަރާތުން ކޮރަޕްޝަން ހިންގާފައިވަނީ ހަމައެކަނި ފްލެޓު މަޝްރޫޢުގެ ތެރެއިން ނޫން ކަމަށާއި، އެއަށްވުރެ ފުޅާ ދާއިރާއެއްގައި މުދަލާއި ހިދުމަތް ހޯދުމަށް ޕޮލްކޯގެ ތެރޭގައި ކޮރަޕްޝަން ހިންގަމުން ދާކަމަށެވެ. އެގޮތުން އެ މައުލޫމާތު ދިން ފަރާތުން ހަވާލާދީފައި އޮތް އެއް ރިޕޯޓަކީ 2019 ވަނަ އަހަރު އޭރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވާފައިވާ ރިޕޯޓެއް ކަމަށާއި ސީޕީ ހަމީދުގެ ފަރާތުން އެކަމަށް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށްވެސް ކޮމިޓީން ފާހަގަ ކުރެއްވިއެވެ.

ޕޮލްކޯގެ ފްލެޓު މަޝްރޫއުގައި ކޮރަޕްޝަން ހިންގާފައިވާކަން ހާމަވެފައިވަނީ މިދިޔަ އަހަރު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުންނެވެ.

އެ ކުންފުނިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި "ބްލޫސް ހައުސިން" ގެ ނަމުގައި ތަރައްގީކުރި ފްލެޓް މަޝްރޫޢުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، މަޝްރޫޢު ހިންގުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު ނިމިފައިވާ މަސައްކަތްތަކަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އެކި ގޮތްގޮތުން ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކޮށްފައިވާކަމަށް ބުނެފައި ވެއެވެ.

އަދި މި މަޝްރޫޢަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މަޝްރޫޢުން 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން، މަޝްރޫޢުގެ މަސައްކަތް ލަސްވެ، ކޮންޓްރެކްޓަރަށް ފައިދާވާގޮތަށް އަދި ދައުލަތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަން ހިނގަމުންދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑާއި އިސްވެރިން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އިހުމާލުވެފައިވާތީ، އެފަރާތްތައް ޒިންމާދާރުކުރުވުމަށްވެސް އޮޑިޓް އޮފީހުން ވަނީ ގޮވާލާފައެވެ.

އޭސީސީއިންނާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން