ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ  މައްސަލަތައް ތަހުގީގުކުރުމާ ބެހޭ ބައްދަލުވުމަށް ފުރާ ފުލުހުންނާ ސީޕީ ބައްދަލުކުރައްވަނީ--
ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ މައްސަލަތައް ތަހުގީގުކުރުމާ ބެހޭ ބައްދަލުވުމަށް ފުރާ ފުލުހުންނާ ސީޕީ ބައްދަލުކުރައްވަނީ--
ކުޑަކުދިންނަށް ކުރާ ގޯނާތަކާއި ނަހަމަ ފައިދާ ނެގުމުގެ މައްސަލަތައް ތަހުގީގުކުރުމާ ގުޅޭގޮތުން އިނގިރޭސިވިލާތުގައި ބާއްވާ މަސައްކަތު ބައްދަލުވުމެއްގައި ދިވެހި ފުލުހުންގެ ޓީމަކުން ބައިވެރިވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އެޖެންސީ އިން އިންތިޒާމުކޮށްގެން ބާއްވާ ކުޑަކުދިންނަށް ކުރާ އަނިޔާގެ އަމަލުތައް ނުވަތަ ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް ތަހުގީގުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމުގައި ހަތް ފުލުހަކު ބައިވެރިވާކަމަށް ފުލުހުން ބުންޏެވެ.

މިއަދު އިސްކަންދަރު ބިލްޑިންގައި ކޮމިޝަނާ އޮފް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވަނީ އެ ވޯކްޝޮޕްއަށް ފުރި ފުލުހުންނާ ބައްދަލުވެސްކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރު ވަނީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި އެކްސްޕްލޮއިޓޭޝަނުން ކުޑަކުދިން ރައްކާތެރިކުރުމަކީ ދިވެހި ފުލުހުންގެ ހިދުމަތްފަދަ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރަންޖެހޭ އެންމެ އިސް އެއް ގައުމީ ޒިންމާކަން ފާހަގަކުރައްވާފައެވެ. އަދި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ އޮންލައިން ކުށްތައް ހުއްޓުވުމަށާއި ތަހުގީގު ކުރުމަށްޓަކައި، ހާއްސަ ގާބިލުކަމާއި ދުރާލާ ފިޔަވަޅުއެޅުމުގެ ހުނަރު ބޭނުންވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ މިފަދަ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އިނގިރޭސިވިލާތުގެ އެންސީއޭ ފަދަ ބައިނަލްއަގުވާމީ ތަންފީޒީ އިދާރާތަކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ފުލުހުން ބުނީ މި މަސައްކަތު ބައްދަލުވުމަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކާއި، ހާއްސަކޮށް އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް ހުއްޓުވުމަށާއި ތަހުގީގުކުރުމުގައި ފަންނީ މައުލޫމާތާއި އޮޕަރޭޝަނަލް ހުނަރުތައް ތަރައްގީކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށެވެ. މީގެއިތުރުން، އިންޓެލިޖެންސް އެނަލައިޒްކުރުމާއި، ތަހުގީގީ ހުނަރުތައް އިތުރަށް ތަރައްގީކޮށް، މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މި ތަމްރީނުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް ވެސް ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު