މީކާއިލް ނަސީމް--
މީކާއިލް ނަސީމް--
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލައި އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަަދުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އެހެންވެ އެ ބިލުގެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައެއް ވަނީ ހުށަހެޅުއްވާފަ އެވެ.

ނަމަވެސް އެ މައްސަލަ ބަލައިގަންނަން ވޯޓަށް ވެސް ނާހާ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ވިދާޅުވީ އެ މައްސަލަ ބަލައި ނުގަންނަން ނިންމީ މަޖިލީހުގެ ހިނގާނެ ބަހުސަކާ ގުޅޭ މައުޟޫއަކާ ގުޅޭ މައްސަލައަކަށް ވެފައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަނުވާތީ ކަމަށެވެ.

މީކާއިލް މިއަދު ހުށަހެޅުއްވި މައްސަލައިގައި ބުނީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން ފާސްވެގެން ގޮސްފިނަމަ ގާނޫނުއަސާސީއިން އެކަށައަޅާފައިވާ ތިން ބާރު ވަކިވެފައި އޮތުމުގެ ނިޒާމު ރޫޅޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އެކަށައަޅާފައިވާ އެންމެހައި ހަމަތަކަށް ބުރޫއަރާ މުޅި ދައުލަތުގެ އެންމެހައި ބާރުތަކެއް ސަރުކާރުގެ އަތްމައްޗަށް ފުރޮޅިގެންދާނެ ކަމަށް ވެސް މީކާއިލް ވިދާޅުވެފައި ވެއެވެ.

މީކާއިލް އިތުރަށް ވިދާޅުވީ ފަނޑިޔާރުންގެ އަދަދު މަދުކޮށްފިނަމަ އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގުލައިގެންވެސް ދާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތަކުގައި އިންސާފާ ހަމައަށް ވާސިލްވުމުގައި އިތުރު ހުރަސްތަކާ ކުރިމަތިވާނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން މިއީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް ސަރުކާރުގެ ބައިވެރިވުމާއެކު ހިންގާ އަމަލެއް ކަަމަށް ވިދާޅުވެ އެކަން މީކާއިލް ކުށްވެރި ކުރެއްވި އެވެ.

"އަދުލުއިންސާފުގެ ބާރުގެ މިނިވަންކަން ނަގާލައ،ި އިންސާފާ ހަމައަށް ވާސިލްވުމަށް އިތުރު ބުރަތަކެއް ކުރިމަތިވެގެންދާ ގޮތަށް ރައްޔިތުންގެ މަޖިލިސްގެ ބޭނުންކޮށްގެން މިފަދަ ބިލެއް ފާސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ." މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން