މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ--
މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ--
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އިންނަވަނީ މިނިވަންކަމާއެކު އެއްވެސް ހުރަހެއް ނެތި ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށް ގޮވާލައި ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް ހުއްޓާލަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ވަނީ ހުށަހެޅުއްވާފަ އެވެ.

އެ މައްސަލަ ބޭރުކޮށްލި ނަމަވެސް މީކާއިލް މިއަދުގެ ޖަލްސާގައި ދިޔައީ އެކަމާ ދެކޮޅަށް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ނެވެ.

އެގޮތުން ސަރުކާރުން އަބްދުއްރަޙީމް މަޖިލީހުގެ ރައީސްކަމުގައި މިހާރު ބަހައްޓާފައި ހުރީ "ބަޑިން ބިރުދައްކައިގެން" ކަމަށާއި އެހެންވެ އަބްދުއްރަހީމްގެ ހާލަތާމެދު ކަންބޮޑުވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް އެފަދައިން ވިދާޅުވުމުން އަބްދުއްރަހީމް ވަނީ މީކާއިލަށް ރައްދު ދެއްވައިފަ އެވެ.

އަބްދުއް ރަހީމް ވިދާޅުވީ މީކާއިލްއަކަށް އެމަނިކުފާނުގެ ސިއްހީ، ދިރިއުޅުމުގެ އަދި އެހެނިހެން ހާލަތެއް ވެސް ނޭނގޭނެ ކަމަށެވެ. އެެހެންވެ އެފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން މީކާއިލްއަށް ފުރުސަަތު ނުދެއްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު މި އިނީ މިނިވަންކަމާއެކީގަ މި ގޮނޑީގަ. މި ގޮނޑިއަށް އަޅުގަނޑު އިންތިހާބު ކޮށްދެއްވީ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން. އަޅުގަނޑަށް އެއްވެސް ހުރަހެއް މިތަނުގައި އެއްވެސް ކަމަކަށް ނެތް. އެހެންވީމާ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރުގެ މައިކު ބޭނުން ނުކުރެއްވުމަށް ތަކުރާރުކޮށް ދަންނަވަން." އަބްދުއްރަހީމް ވިދާޅުވިއެވެ.'

އަބްދުއް ރަހީމާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅުން ގޯސްވީ އަބްދުއްރަޙީމްގެ ދަރިފުޅު ފައިސަލް އިބްރާހިމް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރުމުން ނެވެ. ނަމަވެސް މި ފަހުން ޕީއެންސީގެ ޖަގަހައިން އަބްދުއް ރަޙީމް އަލުން ފެންނަން ފަށާފައިވާ އިރު ދާދި ފަހުން އޭނާ ވަނީ ރައީސް މުއިއްޒުއާވެސް ބައްދަލު ކުރައްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން