ޞާދިރު ޢަލީދީދީ   5 ސެޕްޓެމްބަރު 2020 - 14:2
ސަންޑޭ
ސަންޑޭ
އެޕިސޯޑް 13

...............

އޭނާގެ ހުރިހާވެސް އުފަލަކީ މިހާރު އެދޫންޏެވެ. އެދޫނިން އޭނަޔަށް ހުރިހާ އުފަލެއްވެސް ލިބެއެވެ. މިގޮތުގައި ނަދުހާއާއި މުނާޒްގެ ސިއްރު ދިރިއުޅުން، އުފަލާއި ހިތްހަމަޖެހުމުގައި ކުރިއަށްދެއެވެ. ދަލޭކަގެވެސް އެހީއާއެކުގައެވެ. ނަދުހާއަށް މައްސަލަތަކާ ކުރިމަތިލާން ޖެހުނީ އެއުފާވެރި ދިރިއުޅުމަށް ދެތިންމަސް ފުރުނު ފަހުންނެވެ.

ނަދުހާގެ ހަށިގަނޑަށާއި ރޫފައަށް ބަަދަލުއައިސް މީހާ ކަންނެތްވާން ފެށިއެވެ. މޫނުމަތިންވެސް ހީވަނީ ފުރިފައި ހުންނަހެންނެވެ. އަންހެނުންނަށް ޢާންމު ގޮތެއްގައި އެފަދަ ބަދަލުތައް އަންނަނީ އަލަށް ބަލިވެއިންނަ ދުވަސްވަރުގައެވެ.

[މިހާރަކަށްއައިސް ދަރިފުޅުގެ ހަށިގަނޑަށް ހާދަ ބަދަލުތަކެއް އެބައާދެޔޭ. މާބޮޑަށް ފަލަވެސް އެބަވޭ މިހާރު....] ނަދުހާއަށް އަންނަމުންދާ ބަދަލު، އޭނާގެ ބައްޕަ ޝަކީބަށް ފާހަގަކުރެވުނުވެސްމެއެވެ.

[ބައްޕާ އަހަންނަށްވެސް ނޭނގެ މިވާގޮތެއް. ވަރަށް އެބަ ފަލަވޭ މިހާރު. ހިތަށްއަރާ އެބަ ޑޮކްޓަރަށް ދައްކާނަމޭވެސް.] އަމިއްލަ ހަށިގަނޑަށް އަންނަމުންދާ ބަދަލާމެދު ނަދުހާވެސް ވިސްނައެވެ. މިހާރު އޭނާއަށް ހިނގާ ބިނގާވެ އުޅެންވެސް ތުރާލެވެ.

[މާދަމާ އިމްޕީރިއަލް ކްލިނިކަށް ދައްކަން ދާންވީނު.] ޝަކީބް ބުންޏެވެ. ނަދުހާ ބޯޖަހާލިއެވެ. ޝަކީބް ނަމާދުކޮށްލައިގެން އެބަ އަންނަމޭ ބުނެފައި ގޮސް ގެއިން ނުކުމެއްޖެއެވެ.

[ޑޮކްޓަރަށް ދެއްކުމުގެ އެއްވެސް މާނައެއް ނެތް. ދަރިފުޅު ތިއިނީ މުނާޒްގެ ދަރިއަކަށް ބަލިވެ....] ޝަކީބް ދިޔުމާއެކު ނިކަން ބާރަށް އައިސް އެތަނަށް ހުއްޓެމުން ދަލޭކަ ބުންޏެވެ. ނަދުހާއަށް ސިހުން ލިބި، ދެލޯ ބޮޑުވެއްޖެއެވެ.

[ކީކޭ؟ ނުވާނެ ތިހެނެއް. އޭރުން އަހަރެން ފަޟީޙަތްވީނު. ކިހިނެއްތަ ދަލޭކަ ދައްތައަށް ތިވަރު އެނގެނީ.] ނަދުހާ ނިކަން ކަންބޮޑުވެ ހާސްވެއްޖެއެވެ. ދަލޭކަ އެހެން ބުނީމާ މިހާރު އޭނާއަށްވެސް އެކަހަލަ އިޙްސާސްތަކެއް އެބަވެއެވެ.

[ދައްތައަށް އެނގޭގޮތާ ދޭތެރޭ ވިސްނާނެ ކަމެއްނެތް. އެކަންވެސް ފަހުން އެނގޭނެ. އެކަމަކު ފިސާރި ތެދެއް މިބުނީ، ދަރިފުޅު މިހާރު ތިއިނީ މުނާޒްގެ ދަރިއަކަށް ބަލިވެ. ލަފާކުރެވޭ ގޮތުން ބަނޑަށް އަދި ހަތް ހަފްތާ.] ދަލޭކަ ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.

[ނޫން...ނޫން....އަހަރެން ބޭނުމެއް ނޫން އަދި ކުއްޖަކު ވިހާކަށް. އަހަރެމެންގެ ކައިވެންޏަކީ އަދި ކޯޓްގައި ރަޖިސްޓްރީވެސް ނުކުރާ ކައިވެންޏެއް. މިގުޅުމުން ދަރިއަކު އުފަން ވެއްޖިއްޔާ، އަހަރެންގެ ފަރާތުން މައިންބަފައިންގެ ޤަދަރާއި ޢިއްޒަތް ވެއްޔާ މޮޑެވިދާނެ.] ނަދުހާ ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަހަރެއްގައިވެސް އޭނާގެ ބަނޑުގައިވާ ދަރިފުޅު އުފަންކުރަން އޭނާ ބޭނުންނުވާ ވާހަކަ މުނާޒް ގާތު ބުނާށެވެ. ނަމަވެސް އޭނާ ކޮޓަރި ހުޅުވާލިއިރު، ކޮޓަރިއަކު މުނާޒެއް ނެތެވެ. އެހެންކަމުން، އޭނާ އިތުރަށް ކަންބޮޑުވެ މާޔޫސްވިއެވެ. އޭނާއަށް އެނދުމައްޗަށް ވެއްޓި ރޮއިގަނެވުނެވެ.

[އަހަރެން މަންމައާއި ބައްޕައަށް ދައްކާނީ ކޮން މޫނެއްތަ....؟ ނަދުހާއަށް ހިތާހިތާ އަމިއްލަ ނަފްސާ މުޚާޠަބު ކުރެވުނެވެ.

[މާބޮޑަށް ފިކުރުނުކުރޭ ނަދޫ....ދިރިއުޅުމެއް ފަށައިގެން އުޅޭއިރު ދަރިންވެސް ލިބޭނެ. އެއީ އެއްވެސް މައްސަލައެއް ނޫން.] ރޮއިރޮއި އޮތް ނަދުހާ ސިއްސައިގެން ދިޔައީ ދާދި ގާތުން އިވުނު މުނާޒްގެ އަޑުންނެވެ. ނަދުހާ ފުންމައިގެން ތެދުވެއްޖެއެވެ.

[މުނާޒް...މުނާޒަށް މައްސަލައަކަށް ނުވިޔަސް، އަދި އަހަރެން ދަރިޔަކު ވިހާކަށް ބޭނުމެއް ނޫން. މުނާޒް ޤަޞްދުގައި އަހަންނަށް ލަނޑުދިނީ. ތީ ކެހިވެރިޔެއް، އަނިޔާވެރިއެއް. ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރަށްދޭ.] ނަދުހާ ގިސްލަގިސްލާފައި ބުންޏެވެ.

[ތިހެން ނުބުނޭ ނަދޫ....ކައިވެންޏަށް ދެތިން ހަތަރުމަސްވާއިރު ބަލިވެއިނުމުން، ކީއްވެތަ މައްސަލައަކަށްވާންވީ. ނަދޫގެ މަންމައާއި ބައްޕަވެސް މިހާރު ތިބޭނީ ކާފަ މާމަޔަށްވުމަށް ނިކަން ބޭނުންވެފައި. އެފަދަ ދަނޑިވަޅެއްގައި ނަދޫ ބަލިވެއިންކަން އެނގުމުން، އެމީހުން ކިހާ އުފާވާނެ.] މުނާޒް ބޭނުންވަނީ އެކިގޮތްގޮތަށް ވާހަކަ ދައްކައިގެންވެސް ނަދުހާއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް އެއީ އޭނާގެ އަމިއްލަ ފައިދާއަށް ބުރަވެ ހުރެއެވެ. އޭނާ އެއްވެސް ވަރަކަށް ނަދުހާއާއި އޭނާގެ ޢާއިލާއަށް ކުރިމަތިވެދާނެ ލަދުވެތިކަމާ ދޭތެރޭ ވިސްނާހެނެއް ހިއެއްނުވެއެވެ. ނަދުހާގެ ގާތަށް އެންމެ ބޮޑަށް ރުޅިއަންނަނީ އެހެންވެގެންނެވެ.

[ޖިންނިއަކަސް ތިމާގެ އަމިއްލަ ފައިދާ ނަގަން ތިވަރަކަށް ނޫޅެވޭނެ. ތީ ދެން ބޮޑުވަރެއް. އަހަރެން މިހާރު ބޭނުންވަނީ މުނާޒްގެ ކިބައިން ޢުުމުރަށް މިންޖުވާން. މުނާޒް ދަރިން ބޭނުމިއްޔާ ތިނަސްލު (ޖިންނި) މީހަކާ އިނދޭ....ޖިންނީންނާއި އިންސީންގެ ގުޅުމަށް ރަނގަޅު ކުއްޖަކު އުފަން ނުވެސްވާނެ. ކަލޭ ހަމަ މިހާރު މިތަނުން ނުކުމޭ.....] ނަދުހާގެ އަޑު ބާރުވިއެވެ.

[ނަދުހާ.....] މުނާޒް ނަދުހާގެ އަތުގައި ހިފެހެއްޓިއެވެ.

[ޚަބަރުދާރު....މީގެފަހުން އަހަރެންގެ ގައިގައި އަތްވެސްލައިގެން ނުވާނެ. ދޫންޏެއް ނޫން ފިޔޮކެއްގެ ސިފައިގައި އަޔަސް، ދެން ކަލެއަކަށް މިގެއަކު ނުހުރެވޭނެ. އަހަރެން ކަލޭ ނައްތާލަން ފަންޑިތަވެސް ހަދާނަން. މިހާރު ބުނެފީމެއްނު، އަހަރެންގެ ކުރިމަތިން ދުރަށްދާށޭ.] ނަދުހާ މުނާޒް ފޮޅުވާލިއެވެ. މުނާޒްގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. މަލާމާތުގެ ފާޑަށެވެ.

[ފަންޑިތަ ހަދައިފިއްޔާ ނަދުހާއަށްވެސް ގޮތްގޮތްވާނެ، އޭރުންނޯ؟] މުނާޒް ކުރިއަށްވުރެ ބާރަށް ހެމުން ވާހަކަ ދެއްކިއެވެ.

[އަހަންނަށް އެއްގޮތެއްވެސް ނުވާނެ. ކަލޭމެންނު ފަންޑިތަވެރިން ދެކެ ބިރުން ފިލަނީ. ކީއްވެތަ ގަދަބާރުން ކަންތައްތައް ޙާޞިލް ކުރަން ތިއުޅެނީ. ކިތައްފަހަރު ބުނެފިން، މިތަނުން ނުކުންނާށޭ....ނުކުންނާށޭ...] ނަދުހާ ހަޅޭއްލަވައިގަތެވެ. ހަމައެއާއެކު، ކުއްލިއަކަށް މުނާޒް ގެއްލިއްޖެއެވެ. ނަދުހާއަށް ފުން ނޭވާއެއްލެވުނެވެ.

އަލަތު ފިރިމީހާ ނަވާލާ ދޭތެރޭ ފިކުރުކޮށް ވިސްނާލުމަށް ފުރްޞަތު ލިބުނީ ދެނެވެ. ހިތަށްއަރައެވެ. ނަވާލާއެކު އުފަލުގައި އުޅެވުނުނަމައެވެ. ނަވާލަށް ދެރަދީފައި އައިސް ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ ނަމަވެސް، އެފަދަ އޯގާތެރިޔަކަށް ދެން ގުޅާނެ ހިތްވަރެއް މިހާރަކު އޭނާގެ ކިބަޔަކު ނެތެވެ. އެކަމަކުވެސް އޭނާއަށް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. ނަވާލް އަދިވެސް އޭނާދެކެ އިންތިހާއަށް ލޯބިވާނެއެވެ. އޭނާ އެދެފިއްޔާ، ނަވާލް އޭނާއަށް އެހީގެ އަތެއްވެސް ފޯރުކޮށްދީފާނެއެވެ. އޭނާގެ ބަނޑުގައި އެވާ ދަރިފުޅު، އިންސާނުންގެ ލޯތަކަށް ރަށްމެދަށް އުފަންކުރާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ އަމިއްލަ އަބުރާއި ޢިއްޒަތަށްޓަކައެއް ނޫނެވެ. މައިންބަފައިންގެ ޙައްޤުގައެވެ. އޭނާގެ ސަބަބުން މަންމައާއި ބައްޕަ ރޮއި ހިތާމަކުރާކަށް އޭނާއެއް ނޭދެއެވެ.

ދަލޭކަވެސް މިހާރު މާބޮޑަށް މުނާޒްކޮޅަށް ބުރަވެ ހުންނާތީ، އެއްވެސްކަމަކާ އޭނާއާ މަޝްވަރާކުރާކަށްވެސް ނަދުހާ ބޭނުމެއް ނުވިއެވެ. ނަދުހާ ބޭނުންވަނީ މިހާރު އޭނާގެ މަންމައާއި ބައްޕަ ގާތު ބުނެގެން ދަލޭކަ ނޫން މީހަކު އެގޭގައި ގެންގުޅުމަށް ހޯދާށެވެ.

[މަންމާ....މިހާރު ދަލޭކަދައްތަ މާ މުސްކުޅި ވެއްޖެ. މިގޭގައި ގެންގުޅެން އެހެން މީހަކު ހޯދަންވީނުން....ބޮޑަށް ރަނގަޅީ ރަށަށް ފޮނުވާލިއްޔާ.] ދަލޭކަގެ ފަރާތުންވެސް ލީކެއްވެ، އޭނާގެ ޙަޤީޤަތް (މުނާޒާއި އޭނާގެ ގުޅުން) މަންމަމެންނަށް އެނގިދާނެތީ، ނަދުހާ ފިޔަވަޅެއް އެޅިއެވެ. ނިކަން ފަސޭހައިން ނަދުހާގެ މަންމަ، ނަދުހާގެ އެ އެދުން ޤަބޫލުކޮށް، ދަލޭކަ ރަށަށް ފޮނުވާލިއެވެ. އެދުވަހު ދަލޭކަ ވަރަށް ރުޔެވެ. އޭނާއަށް ނަދުހާއާ ދުރުގައި އުޅެން ވަރަށް އުނދަގޫވާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް، ނަދުހާ އެއަޑެއް ނޭހިއެވެ. އެންމެފަހުން ދަލޭކަ ރޮމުން ރޮމުން ދިޔައީއެވެ.

ދެން އެގެއަށް ގެނައީ ނަދުހާ އެދޭފަދަ ޒުވާން ކުއްޖެކެވެ. އެއީވެސް ރާއްޖެތެރޭގެ ރަށެއްގެ ކުއްޖެކެވެ. އެއީ ދަލޭކަގެ ރަށުން އޭނަ ހޯދައިދިން ކުއްޖެއް ކަމަށްވެއެވެ.

[ކޮން ނަމެއް ކިޔަނީ؟] އެކުއްޖާ އައުމާއެކު ނަދުހާ ބޭނުންވީ އޭނާއާ ރަޙްމަތްތެރިވާށެވެ.

[ލީލާ.....] ލީލާ އިސްޖަހާލިއެވެ. ނަދުހާ، އެބައަންނަމޭ ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ، އޭނާ ގުޅީ ނަވާލަށެވެ. ނަމަވެސް ދެތިންފަހަރު ރިންގްވާއިރަށް އޭނާ ފޯނު ކަނޑާލިއެވެ. ނަވާލާ ވާހަކަ ދައްކަން އޭނާއަށް ހިތްވަރު ނުލިބުނީމައެވެ. ފޯނުގެ އަތްގަނޑު ހިފަހައްޓައިގެން އިރުކޮޅަކު ހުރެފައި އަނެއްކާވެސް އޭނާ ނަވާލްގެ ފޯނަށް ޑައިލްކޮށްލިއެވެ. މިފަހަރު ނިކަން އަވަހަށް އެކޮޅުން ފޯނު ނަގައިފިއެވެ. ނަވާލް ފޯނު ނެގީ ނަދުހާކަން އެނގިހުރެއެވެ. ނަމަވެސް، ނަދުހާއަކަށް އެކަން އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން، ފުރަތަމަ އޭނާ އިސްލާމީ އާދަކާދައިގެ މަތިން ފޯނަށް ޖަވާބުދިނެވެ.

[އައްސަލާމް ޢަލައިކުމް....] އޭރު ނަވާލާ ދާދި ގާތުގައި އޭނާގެ އަންހެނުންވެސް ހުއްޓެވެ.

[ވަޢަލައިކުމުއްސަލާމް.] ނަދުހާއަށް މިއަށްވުރެން އިތުރަކަށް ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. އެހެންކަމުން، މިފަހަރުވެސް އޭނާ ފޯނު ބޭއްވިއެވެ.

[ވާހަކަ ދައްކަން ނުކެރެންޏާ ނުގުޅީމަވީނު.] ނަވާލް މަލާމާތުގެ ރާގަކަށް މިހެން ބުނެފައި ފޯނު ޖީބަށްލިއެވެ.

[ކާކުތަ ގުޅަގުޅާފަ ކަނޑަނީ.] ޒިލާ އެއްސެވެ.

[ކާކުހެން ހީވަނީ. ނަދުހާ މޮޔަހީވެގެން އެއުޅެނީ.] ނަވާލް ޒިލާގެ ކޮނޑަށް އަތް ވައްޓާލިއެވެ.

[އެހެންތަ؟....ކީއްކުރަންބާ އޭނަ އެގުޅަނީ....] ޒިލާގެ މޫޑު ބަދަލުވިއެވެ. އެކަން ނިކަން ފަސޭހައިން ނަވާލަށް އެނގުނެވެ.

[އެހެން ގުޅާނެ. އެހެން ކިތަންމެ ވަރަކަށް ގުޅިޔަސް، އަހަރެންގެ ޢަޒުމް ގުޑައެއްނުލާނެ. އަހަރެންގެ ޢަޒުމަކީ ދެން އޭނާ ދިއްކުރާ އަތެއްގައި ނުހިފުން. އެކަންތަކާ ޒިލާ އެއްވެސްވަރަކަށް ވިސްނައިގެން ނުވާނެ....] ނަވާލް ޒިލާ އޭނާގެ ހަށިގަނޑާ ކައިރިކޮށްލިއެވެ.

[އަހަރެން ނަވާލަށް އިތުބާރު ކުރަން. އަހަރެން އެކަމާ އެއްވެސްވަރަކަށް ނުވިސްނަން....] ޒިލާ އޭނާގެ ހިތުގެ އިޙްސާސްތައް ނަވާލަށް ފޮރުވުމަށްޓަކައި، މޫނުމައްޗަށް ހިނިތުންވުމުގެ އަސަރު ވެރިކުރުވިއެވެ.

[ޝުކުރިއްޔާ....އިރާދަކުރެއްވިއްޔާ ޒިލާ އަހަންނަށް ތިކުރާ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް އަހަންނެއް ނުކުރާނަން.] ނަވާލް އޭނާގެ ކަނާއަތުގެ އިނގިލިތަކުން ޒިލާގެ އޮފް އަރަމުންދާ ފަން އިސްތަށިގަނޑާ ކުޅެލިއެވެ.

ދުވާލަކަށްފަހު ރޭގަނޑެއް، ރޭގަނޑަކަށްފަހު ދުވާލެއް ފާއިތުވަމުންދަނީ ޒިލާއާއި ނަވާލްގެ ޒަވާޖީ ޙަޔާތުގައި އުފަލާއި ހިތްހަމަޖެހުމުގެ ކުލަ ޖައްސައި ފަވަމުންނެވެ. ދިރިއުޅުން އެއްދުވަހަށްފަހު އަނެއް ދުވަހެއް ބާއްޖަވެރިވަމުން އައިސް، އެދެމަފިރިންގެ ކައިވެންޏަށް ފަސްމަސް ފުރުނުއިރު ވަނީ ޒަވާޖީ ޙަޔާތުގައި ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމުގެ ސިގްނަލް ލިބިފައެވެ.

[ތިޔަ ދެކުދިންގެ ޙަޔާތުގައި އިތުރު އުފަލާއި ހިތްހަމަޖެހުމުގެ ބާބެއް މިއަދު މިއޮތީ ފެށިފައި....ދެން މާގިނަ ދުވަސްތަކެއްނުވެ ތިދެގަހުން ކުރިއެއް ފަޅާނެ....] ނަވާލްގެ ވަރަށް ގާތް ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ ޝާންތާ އުފާވެރި ޚަބަރު، ފުރަތަމަ ހެދުނު ޓެސްޓަށްފަހު ދިނީ ވަރަށް ހިނިއައިސްފައި ހުރެއެވެ. ޝާންތާއަކީ ނަވާލްގެ ޢާއިލާގެވެސް ވަރަށް ގާތް ޑޮކްޓަރެކެވެ.

[ވަރަށް އުފާވެއްޖެ. މިހާރު ބަނޑަށް ކިހާ ދުވަހެއް ވެއްޖެތަ؟] ނަވާލް ލިބުނު އުފަލާއެކު އެއްސެވެ. އޭރު ޒިލާވެސް ހުރީ ވަރަށް އުފާވެފައެވެ.

[ހަ ހަފްތާ. މަހަކު އެއްފަހަރު އަހަންނަށް ދައްކަންވާނެ.] ޑޮކްޓަރ ޝާންތާ މިފަހަރު ވާހަކަ ދެއްކީ އިނގިރޭސިބަހާ ދިވެހި ބަސް މަސްހުނިކޮށްގެންނެވެ.

[ޑޮކްޓަރ މިހާރު ދެން ރަނގަޅަށް ދިވެހިބަސް ދަސްވާހާ ދުވަސް ވެއްޖެއެއްނު.] ނަވާލް ޝާންތާއާ ދިމާކުރިއެވެ. ޝާންތާ ހިނިތުންވެލިއެވެ.

ނަވާލްގެ ދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭތީ، އެންމެ ބޮޑަށް އުފާވީ ދެފަރާތުގެ މައިންބަފައިންނެވެ. އެޚަބަރު ލިބުނު ވަގުތު ނަވާލްގެ މަންމަ މަރީނާއަށް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ. އޭނާ ހުރީ ފާއިޒަށް އެޚަބަރު ދިނުމަށް ކެތްމަދުވެފައެވެ. ނަމަވެސް، އޭރު ފާއިޒުވީ ވިޔަފާރި ދަތުރެއްގައި ރާއްޖެއިން ބޭރުގައި ކަމަށްވުމުން އަވަހަކަށް އެޚަބަރު އޭނާއަށް ދެވޭނެ ކަމެއް ނޭނގެއެވެ.

[ދަރިފުޅުގެ ބައްޕަ ވަރަށް އުފާވާނެ، ޒިލާ ބަލިވެއިންކަން އެނގިއްޖެއްޔާ. ހިތަށްއަރާ އަވަހަށް ފާއިޒު ގުޅާނެނަމައޭ.] މަރީނާ ނިކަން ލޯތްބާއެކު ޒިލާގެ ބަނޑުގައި އަތް ކާއްތާލިއެވެ.

[އިހަށް ބައްޕަ ފޯނުކުރިޔަސް ބުނާނެ ކަމެއް ނެތް. އުފާވެރި ޚަބަރު ބައްޕައަށްދޭނީ ޢަމަލުން. މަންމަވެސް އަދި ޒިލާވެސް އެއްވެސް އެއްޗެއް ބައްޕަ ގާތު ނުކިޔާތި.] ރަނގަޅު ގޮތެއް ރާވާލަމުން ނަވާލް ބުންޏެވެ.

[މައްސަލައެއް ނެތް. މަންމައާއި ޒިލާ ހިމޭނުން ތިބެދާނަން.] މަރީނާ ހީލިއެވެ.

ނަދުހާ ނަޙަލާލަށް ބަލިވެއިން ޚަބަރު ރަށުތެރެއަށް ފެތުރުނީ އެދުވަސްވަރެވެ.

[ހަމަ ތެދެއް ތިބުނީ؟ ނުވާނެ ތެދަކަށް. ނަދުހާއަކީ އެހާ ވިޔާނުދާ މީހެއް ނޫން. އޭނާ، އޭނާގެ އަބުރާއި ޢިއްޒަތް ނަގައެއްނުލާނެ.] ނަވާލް ވާހަކަ ދެއްކީ އަފްޒަލާއެވެ. އަފްޒަލް ދިން ޚަބަރަކީ އޭނާއަށް ޤަބޫލުކުރެވޭ ވާހަކަ ނޫނެވެ.

[ޤަބޫލުކޮށްބަލަ ނަވާލް! އަހަރެން މިއަދު ހަވީރުވެސް އޭނަ ދުށީމޭ. މިހާރު ބަނޑުންވެސް އެނގޭ.] އަފްޒަލް އިތުރަށް ޔަޤީންކަންދިނެވެ. ނަމަވެސް ނަވާލަށް ހަމަ ލޮލުން ނަދުހާ ފެނިގެން ނޫނީ، އެކަން ޤަބޫލު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

[ތިޔައީ ތެދަކަށް ވެއްޖިއްޔާ، އޭނާގެ ޢާއިލާގެވެސް ޤަދަރާއި އިއްޒަތް ވެއްޔާ މޮޑެވުނީތާ.....] ނަވާލް ދެފަރާތަށް ބޯހޫރާލުމަށްފަހު ބުންޏެވެ.

[އާނ، ނަދުހާ އަހަރެންގެ ޤަދަރާއި ޢިއްޒަތް ނަގާލައިފި ޝަކީބް....އަހަންނަށް މިހާރު ލަދުން މަގުމައްޗަށް ނުކުމެލަންވެސް ނުކެރޭ....] ނަދުހާގެ މަންމަ ޒުހުރާވެސް އެކަމާ ރޮއެރޮއެ މިހާރު ދެލޯވަނީ ދުޅަވެފައެވެ.

[އަހަރެންވެސް މިހާރު ހަދާނެގޮތް ހުސްވެއްޖެ. މިހާރު އެބަނޑަށް އެވަނީ ހަތަރުމަސް ފުރިފައި.....ރަނގަޅު ޑޮކްޓަރަކާ ވާހަކަ ދައްކައިގެން ބަނޑު ދޮވެލެވޭތޯކަންނޭނގެ މަސައްކަތް ކުރަންވީ.....] ޝަކީބް ބުންޏެވެ.

[އެހާ ދުވަސްވީމާ އެކަން ކުރެވޭނެބާ؟ ކީއްކުރާނީ ނަދުހާވެސް އަހަރެމެން އުއްމީދުކުރިފަދަ ދަރިޔަކަށްނުވިތާ....] ޒުހުރާގެ ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ. މިހާރު އެތައްފަހަރަކު ތަކުރާރުކޮށް ނަދުހާގެ ބަނޑުގައި އަށަގެންފައިވަނީ ކާކުގެ ދަރިއެއްތޯ ޒުހުރާ ސުވާލުކޮށްފިއެވެ. ނަމަވެސް ނަދުހާ އެއަކަށް އެއްވެސް ޖަވާބެއް ނުދެއެވެ.

[އާދޭސް ކުރަން މަންމާ...އަބަދު ތިޔަ ސުވާލު ނުކޮށްބަލަ.] ނަދުހާގެ ޖަވާބަކީ އެއީއެވެ.

[އަހަރެން މިއަދު ޑޮކްޓަރ ޒުހޭރަށް ގުޅައިގެން ތިކަމުން ސަލާމަތްވެވޭތޯ މަސައްކަތް ކުރާނަން.] ޝަކީބް ގޮސް ހުއްޓުނީ ފޯނު ކައިރިއަށެވެ. ޒުހޭރަށް ގުޅާށެވެ. ޑޮކްޓަރ ޒުހޭރަކީ އޭނާ ވަރަށް ކުޑައިރުއްސުރެ ދަންނަ ވަރަށް ގާތް ރަޙްމަތްތެރި ޑޮކްޓަރެކެވެ.

އެދުވަހު އޭނާ ޑޮކްޓަރ ޒުހޭރަށް ގުޅައިގެން، އެޢާއިލާއަށް ދިމާވެގެން އުޅޭ ކަންތައްގަނޑު ކިޔައިދިނެވެ. ފުރަތަމަ ކޮންމެވެސް ވަރަކަށް އެކަމަށް ޒުހޭރު އިންކާރު ކުރިވެސްމެއެވެ. ނަމަވެސް، ޝަކީބް ކުރި އާދޭހާއެކު، އެރޭ އެގެއަށް އަންނާނޭ ވާހަކަ ބުނެފައި ފޯނު ބޭއްވީއެވެ. ޙަޤީޤަތުގައި އެދަރިފުޅު އުފަންކުރާކަށް ޚުދު ނަދުހާވެސް ބޭނުމެއް ނޫނެވެ. އިންސާނުންގެ ލޯތަކަށް އެދަރިފުޅު ފެންނާނެ ކަމުގެ އުއްމީދު ނެތީމައެވެ.

[ފާތިނާ....އަހަރެން ދެން ކިހިނެއްތަ ހަދާނީ.] ނަދުހާ ރޮއިރޮއިފައި ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާއާއެވެ. ޙަޔާތުގައި ދިމާވެގެން އުޅޭ ކަންތައްގަނޑު ފާތިނާއަށް ކިޔައިދިނުމަށް ނަދުހާ ހުރީ ކެތްމަދުވެފައެވެ. އެކަމަކުވެސް އޭނާ ފާތިނާއަކަށްވެސް ހުރިހާ ވާހަކައެއް ކިޔައެއްނުދެއެވެ. އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަކީ ކާކުކަން އެއްވެސް މީހެއް ގާތު ބުނާކަށް އޭނާ ބޭނުމެއް ނޫނެވެ.

[ނަދޫ އަހަރެންނަށް ސިއްރުނުކޮށް ބުނެބަލަ. ކާކުތަ ތިކުއްޖާގެ ބައްޕައަކީ. ކޮންމެ މީހަކަސް ދުނިޔޭގެ ލަދުވެތިކަމަށްވެސް ވިސްނަންވާނެއެއްނު. އަޞްލު އޭނަ އެކަންޏެއްނޫން ގޯހީ. ނަދޫވެސް ގޯސް. ކައިވެނީގެ އިމުން ބޭރުގައި ތިފަދަ ކަމެއް މެދުވެރިވެގެން ނުވާނެ.] ފާތިނާ މުނާޒާ އެއްވަރަށް ނަދުހާވެސް ގޯސްކުރިއެވެ.

[އެންމެންވެސް ކުށްވެރި ކުރަނީ އަހަރެން...އޭނަ ބުނާގޮތުން އެއީ އަހަރެންގެ ފިރިމީހާ....] ނަދުހާއަށް ގިސްލެވެން ފެށުނެވެ.

[ފިރިމީހާއޭ؟ ކާކު އެއީ....؟] ފާތިނާ ޙައިރާންވެ ހުއްޓުންއެރިއެވެ.

[އިތުރަށް ތިވާހަކަ ނާހާ.....] ނަދުހާ އެނދުގައި ދެފައި ދަމާލާފައި އޮށޯވެލިއެވެ. ނަދުހާ މިހާރު އިންތިޒާރު ކުރަނީ ޑޮކްޓަރ ޒުހޭރު އަންނާނެ ވަގުތަކަށެވެ.

އެރެއެވެ. އަށެއްޖަހާ އެހާކަންހާއިރެވެ. ޑޮކްޓަރ ޒުހޭރު ޝަކީބްމެންގެ ގެއަށް ދިޔުމަށްޓަކައި ތައްޔާރުވަނީއެވެ. އަތްމަތީ ދަބަހަށް ސިރިންޖަރުތަކަކާއި ބޭސްތަކެއްވެސްލިއެވެ. އޭރު ދޮރުމަތީގައި އެމަންޒަރު ބަލަން ޒުވާންފުރައިގެ ފިރިހެން ކުއްޖަކު ހިނިއައިސްފައި ހުއްޓެވެ.

[ޑޮކްޓަރ، މާއަވަސްއަރައިގަނެގެން ކޮންތާކަށް ދާން ތިއުޅެނީ....] އެޒުވާނާ ޑޮކްޓަރުގެ ސަމާލުކަން ހޯދިއެވެ. ޑޮކްޓަރ ޒުހޭރު އެޒުވާނާއަށް އެނބުރިލިއެވެ.

[ކީއްކުރާ ކުއްޖެއް؟] އެޒުވާނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޑޮކްޓަރުވެސް ކުރީ ސުވާލެކެވެ.

[އަހަރެންގެ ބޭނުމަކީ ޑޮކްޓަރ ތިދާން އުޅޭ ތަނަކަށް ދިޔަނުދީ ހިފެހެއްޓުން.] އެޒުވާނާގެ ރާގު ބަދަލުވިއެވެ. އަޑުވެސް، ކުރިން ވާހަކަ ދެއްކި އަޑާ ތަފާތުވިއެވެ.

[ކީކޭ! އަހަރެން ހިފެހެއްޓުމޭ ބޭނުމަކީ؟] ޒުހޭރު ދަބަސް ކޮނޑުގައި އަޅުވާލިއެވެ.

[ބޭނުމަކީ ތިކުރަން އުޅޭ ކަންތައް ހުއްޓުވުން. ބުނަން، ކަލޭމެން ޑޮކްޓަރުކަން ކިޔަވައިގެން އައިސް ތިބެނީ މީހުން މަރާކަށް ނޫން....ކަލޭމެންގެ މަސައްކަތަކީ މީހުންގެ ބައްޔަށް ޝިފާއަށް އެދި ފަރުވާކުރުން.] އެޒުވާނާ އެތެރެއަށް ވަދެ ދޮރުލެއްޕިއެވެ. އެއަށްފަހު ބާރަށް ހީނގަތެވެ. މިފަހަރު ބަދަލުވީ އެޒުވާނާގެ އަޑާއި ރާގު އެކަންޏެއް ނޫނެވެ. މުޅި މީހާވެސް ކުއްލި ލޮޅުމަކާއެކު ބަދަލުވެއްޖެއެވެ. ޑޮކްޓަރ ޒުހޭރަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. އާއެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރީ ކުރިން ވާހަކަ ދެއްކި ޒުވާނާއެއް ނޫނެވެ. އެއީ ނިކަން ބިރުވެރި ސިފައެއްގައިވާ އެއްޗެކެވެ. މޫނުމަތި ގޮރިއްލާއަކާ ވައްތަރުވާއިރު، އޭގެ ނާމާންކަން އިންތިހާއެވެ.

[ކާކުތީ....؟] ޒުހޭރު ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ.

[އަހަރެންނަކީ ކަލޭ މަރަން ތިއުޅުނު ދަރިފުޅުގެ ބައްޕަ. އަހަންނަށް ކިޔަނީ މުނާޒް....ނަދުހާގެ ބަނޑުގައިވާ އަހަރެންގެ ލޯބީގެ ނިޝާނަށް ގޮތެއް ހެދިޔަކަ ނުދޭނަން.] ބިރުވެރި ސިފައިގައިވާ މުނާޒް (ޖިންނި) ޒުހޭރާ ގާތަށް ޖެހެން ފަށައިފިއެވެ.

[ހޫނ. އަހަންނާ ކައިރިއަށްނާދޭ....ތީ އިންސާނެއް ނޫން. މުނާޒަކީ އިންސާނުންނަށް ކިޔާނަމެއް...] ޒުހޭރު ފަހަތަށް ޖެހެން ފަށައިފިއެވެ. ޖިންނި ކުރިއަށްވުރެވެސް ބާރަށް ހީގަތެވެ. ޒުހޭރަށް މަލާމާތް ކޮށްފައެވެ.

[އަހަންނަކީ އިންސާނެކޭ އެންމެ ފަހަރަކުވެސް ނުބުނަމެއްނު. އަހަންނަކީ ޖިންނިއެއް. އަހަރެމެންނަށް ތަފާތު ސިފަސިފައިގައި ކަލޭމެންނާ ބައްދަލުކުރަން ބާރު ލިބިގެންވޭ. ބޭނުމިއްޔާ ކަލޭ މަރާލާފައި، ކަލޭގެ ސިފައިގައިވެސް އަހަންނަށް އުޅެވިދާނެ.] އޭރު ޒުހޭރު މަސައްކަތް ކުރަމުންދަނީ ދޮރު ހުޅުވޭތޯއެވެ. އިރުކޮޅަކުން ޖިންނި އައިސް އޭނާއާ ދާދި ގާތަށް ހުއްޓިއްޖެއެވެ.

[އަހަރެން...ދޫކުރޭ....އަހަރެން މިބޭހެއް ނަދުހާއަކަށް ނުދޭނަން. އާދޭސްކުރަން މިދޮރު ހުޅުވަދީ.....ޒުހޭރު ފެންކަޅިވެއްޖެއެވެ.

[ތިކަމެއް ނުވާނެ ޒުހޭރު. ތިކުޅިވަރު ކުޅެން ކަލޭ ދުނިޔޭގައި ބަހައްޓާކަށް އަހަރެން ގަސްތެއް ނުކުރަން. ހިތަށްއަރާ އަހަންނަށް ލިބިފައިވާފަދަ ބާރެއް ކަލޭމެންނަށް ލިބޭނަމަ، ކިހާވަރަކުންދާނެބާއޭ.]ޖިންނި ޒުހޭރުގެ އަތުގައި ހިފެހެއްޓިއެވެ. ސަލާމަތަށް އެދި ޒުހޭރަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު ޖިންނީގެ ވަކިފަޅާފައިވާ ކުރަކި އަތް އެދަނީ ޒުހޭރުގެ ކަނދުރާއާ ދިމާއަށެވެ. ހިނދުކޮޅެއްގެ ތެރޭގައި، އެތޫނު ވަކިތައް، ޒުހޭރުގެ ކަނދުރާގެ ތެރެއަށް ކޮއްޕާލިއެވެ. އެއާއެކު ޒުހޭރުގެ ކަރުބުޑުން ނިކުތީ ބާރު އަޑެކެވެ. ވޭންތަކަކަށްފަހު ޒުހޭރު ފަހުނޭވާ ދޫކުރީ ކުދިކުދި އަނިޔާތަކަކަށް ކެތް ނުކުރެވިގެންނެވެ.

އެރޭ ޑޮކްޓަރ ޒުހޭރުގެ އަނިޔާވެރި މަރުގެ ޚަބަރު، މުޅި ރަށުތެރެއަށް ފެތުރުނީ ޢާންމު ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަމުންނެވެ. ރަށުގެ ވަރަށްގިނަ ބަޔަކު ޒުހޭރުގެ މޫނު ދުށުމަށްޓަކައި އާސަހަރާއަށް އެއްވިއެވެ. ޒުހޭރުގެ މަރުގެ ޚަބަރުން އެންމެބޮޑު ޝޮކެއް ލިބުނީ ޝަކީބަށެވެ.

[ޒުހޭރު މަރާލައިފިޔޭ....! ކޮންބަޔަކު ކުރި ކަމެއް....] ޝަކީބްގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ.

[އޭނާ ގެންގުޅޭ ހުރިހާ ސާމާނުތައްވެސް ހުރީ ހަލާކުކޮށްލާފަޔޯ. އަހަރެންގެ ބައްޕަ ބުނިގޮތުން ހާދަ އަނިޔާއެކޭ އޭނަޔަށް ކޮށްފައިވަނީ.] ޝަކީބްމެންނަށް ޒުހޭރުގެ މަރުގެ ޚަބަރު ފުރަތަމަ ދިން ފާތިނާ އިތުރު ތަފްޞީލް ދެމުން ބުންޏެވެ.

[އަހަރެން ބޭނުން ޒުހޭރުގެ މޫނު ދެކެންދާން.] ޝަކީބް ތެދުވިއެވެ.

[ސަހަރާތެރެ ނިކަން ބާރުބޮޑޯ. މީހުންތައް އޮތީ ތޮއްޖެހިފަޔޯ. ބައްޕަ ބުނީ ބައްޕައަށްވެސް އެތެރެއަށް ވަދެވުނީ އެތާ ހުންނަތާ ގަޑިއެއްހާއިރު ފަހުންނޭ.] ފާތިނާ ބުންޏެވެ. ޝަކީބް ނުކުތެވެ.

ޒުހޭރުގެ މަރުގެ ޚަބަރުވީ ނަދުހާގެ ހިތަށްވެރިވި އިތުރު މާޔޫސީއަކަށެވެ. ނަދުހާއަށް ހުރިހާ މަގެއް ބަންދުވީ ކަހަލައެވެ. ޒުހޭރުގެ މަރުގެ ޙާދިޘާ، މުޅި ދުނިޔެއަށް ސިއްރުވިޔަސް، އެއީ އޭނާއަށް ސިއްރު ކުރެވޭނެ ކަމެއް ނޫނެވެ. އެއްވެސް ޝައްކެއްނެތި އޭނާއަށް ޔަޤީންވެއެވެ. ޒުހޭރު މަރާލީ މުނާޒެވެ. އޭނާގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކަށް ކޮންމެފަދަ ކަމެއް ކޮށްލާކަށްވެސް މުނާޒް ފަހެއްނުޖެހޭނެކަން އޭނާއަށް ކަށަވަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން