ޖޭއެސްސީގެ މެންބަރުންނާއެކު ފަނޑިޔާރު ސުޢޫދު (މ)
ޖޭއެސްސީގެ މެންބަރުންނާއެކު ފަނޑިޔާރު ސުޢޫދު (މ)
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އަލްއުސްތާޛު ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވަން ހުށައެޅުއްވީ އޭނާއަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކުރުމުންކަން ހާމަވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނާ ސިޓީ ވަނީ މީސްމީޑިއާގައި ޢާއްމުވެފައެވެ. އެހެން ނަމަވެސް އެ ސިޓީ ޖޭއެސްސީގެ ރައީސް އަށް ލިބިވަޑައިގެންފައި ނުވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން ސުޢޫދަށް ތުހުމަތު ކުރެވޭ މައްސަލަތަކާބެހޭ ބައްދަލުވުމެއް ޖޭއެސްސީން މިއަދު މެންދުރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޖޭއެސްސީގެ އެބައްދަލުވުމުގެ އެޖެންޑާގައިވާ ގޮތުން ސުޢޫދަށް ތުހުމަތު ކުރެވޭ 04 މައްސަލައެއްގައި އެ ކޮމިޝަންގެ މައްސަލަބަލާ ކޮމިޓީން ނިންމަވާފައިވާ ނިންމެވުންތަކުގެ ރިޕޯޓްތައް މިއަދުގެ ބައްދަލުވުމަށް އޮތީ ތާވަލު ކޮށްފައެވެ.

ޖޭއެސްސީން ބަލާފައިވާ ސުޢޫދުގެ މައްސަލަތަކުގެ ތެރޭގައި ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ކޯޓުގެ ޙުރުމަތް ކަނޑައިގެން ކުރި ޙުކުމް ސުޢޫދު ގިނިކަންޏާ ބާތިލުކުރެއްވިކަމަށް ބުނާ މައްސަލަ ހިމެނެއެވެ.

ހަމައެއާއެކު ސުޢޫދުގެ ޢާއިލީ ބޭފުޅެއްގެ މައްސަލަ ސުޕްރީމްކޯޓުގެ ބެންޗްގެ އިސްފަނޑިޔާރަކަށް ސުޢޫދު އިންނަވައިގެން ބެއްލެވި ކަމަށް ބުނާ މައްސަލައާއި ސުޢޫދުގެ ކުރީގެ މުވައްކިލެއްގެ މައްސަލަ ސުޢޫދު ފަނޑިޔާރެއްގެ ޙައިސިއްޔަތުން ބެއްލެވި ކަމަށް ބުނާ މައްސަލައެއްވެސް ހިމެނެއެވެ.

އޭގެ އިތުރުން ޢިލްމީ ބޭނުމަށް ސުޢޫދު ލިޔުއްވާފައިވާ ފޮތެއްގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި ބޭނުންކުރެއްވި ހައިކޯޓުގެ ޤަޟިއްޔާ އަކާއި ގުޅޭ އަސްލު މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓަށް ހުށައެޅުމުން ފޮތުގައި ސުޢޫދު ދެއްވާފައިވާ ރަޢުޔާ އެއްގޮތް ރަޢުޔެއް ފަނޑިޔާރުންގެ ބެންޗުގައި އިންނަވައިގެންވެސް ނެރުއްވި ކަމަށް ބުނާ މައްސަލަ ހިމެނެއެވެ.

ސުޢޫދުގެ މި މައްސަލަތަކުގައި ގޮތެއް ނިންމުމަށް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކުރުމުން ސުޢޫދުވަނީ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ނަމަވެސް މިއަދު މެންދުރު ފަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސުއޫދުގެ އިސްތިއުފާ ސިޓީ ޖޭއެސްސީއަށް ލިބިފައި ނުވާތީ އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތައް ކުރިއަށް ގެންދިއުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން