އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފާތިމަތު ޝިއުނާ އާއި އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ މާދަމާގެ މެންދުރު 13:30 ގައި ފުލުހަށް ހާޒިރުވުމަށެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމައެެވެ. މަންދީ އާއި ޝިއުނާ ފުލުހަށް ހާޒިރުވާން އެންގި ޗިޓުގައި ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކުގައި އެއްވެ، އަޑުގަދަކޮށް، މުޒާހަރާކުރި ކަމަށެވެ. އަދި އެކަން ކުރީ އާންމު ދަތުރުފަތުރު ކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ކަމަށާއި އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށްވެސް ޗިޓުގައި ބުނެފައިވެއެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް އެ ޗިޓުގައި ވަނީ ބުނެފައެވެ. އެހެންކަމުން އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 13:30އަށް ޝިޢުނާ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން ވަނީ އަންގާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެ މައްސަލައާ ބެހޭގޮތުން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

މުޒާހަރާއާ ގުޅިގެން މީގެ ކުރިން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސަލީމް (މާޒް ސަލީމް)، އަދި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ޝާމިންވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން