ސްރީލަންކާ ކައިރިން ރޯވި ތެޔޮ ޓޭންކަރުގެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސްރީލަންކާގެ ކަނޑުގެ ސިފައިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަލިފާންގަނޑު ނިއްވުމުގައި 4 ޓަގު ބޯޓާ، ސްރީލަންކާގެ ނޭވީ ގެ މަނަވަރުތަކާއި، އިންޑިޔާގެ 4 މަނަވަރަކުން ހަރަކާތްތެރިވަމުން ދިޔައެވެ.

ޓޭންކަރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް، ޓަގު ބޯޓެއްގެ އެހީގައި ސްރީލަންކާއާ ދުރަށް ތެޔޮ ޓޭންކަރު ޓޯ ކުރެވިފައިވާ ކަމަށް ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ކެޕްޓަން އިންދިކާ ސިލްވާ ވަނީ ވިދާޅުވެފައެވެ. މިހާދިސާގައި އުޅަނދުގެ އެއް ފަޅުވެރިޔަކު މަރުވެ އިތުރު ފަޅުވެރިޔަކަށް އަނިޔާވެ ފަރުވާ ދެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިދެ ފަޅުވެރިންނަކީވެސް ފިލިޕީންސް އަށް ނިސްބަތްވާ ދެމީހުންނެވެ.

އަރަބް ނިއުސް ގައި ރިޕޯޓް ކޮށްފައިވާ ގޮތުން ތެޔޮ ޓޭންކަރުގެ ބޮއިލަރު ރޫމްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި، ތެޔޮ ރައްކާކޮށްފައި ހުރި ސަރަހައްދަށް އަލިފާންގަނޑު ފެތުރުނުނަމަ ތެޔޮ ލީކުވެ، ތެޔޮ ޓޭންކަރު ގޮވައި ސްރީލަންކާގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކާ ބެހޭގޮތުން ސްރީލަންކާގެ އިދާރާތަކަށް ވަނީ އިންޒާރު ދީފައެވެ.

މިހާދިސާ އާއި ގުޅޭގޮތުން ސްރީލަންކާގެ މެރިން އެންވަރަންމެންޓް ޕްރޮޓެކްޝަން އޮތޯރިޓީގެ އިސްވެރިޔާ ދަރްޝަން ލަހަންދަޕުރް ވިދާޅުވެފައިވަނީ، ތެޔޮ ޓޭންކަރުން ތެޔޮ ލީކުވެ ނުވަތަ ތެޔޮ ޓޭންކަރު ގޮވިނަމަ ސްރީލަންކާގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް އިޖާބަ ދޭން ބޭނުންވާނެ އާލާތްތަކާއި ކެޕޭސިޓީ އެގައުމުގައި ނެތުމާއެކު، އަވަށްޓެރި ގަައުމު ތަކުގެ އެހީއަށް ވެސް އެދުނުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން