ރައީސް ޑރ. މުޙައްމަދު މުޢިއްޒު - މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު - މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ތެލެސީމިއާ ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރުން ހަނދާންކޮށްދޭ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ހަނދާންކޮށްދޭ މުހިންމު ދުވަހެއް ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ، ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ބަދަހި ޤައުމެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ ވެސް އާއިލާގެ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އޭގެ އިތުރަށް ރައީސް މުޢިއްޒު ވިދާޅުވީ، ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ބޭނުންވާ ޞިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ޒިންމާ ކަމަށެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ތެލެސީމިއާ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ހިޑެން ނޯ މޯ: ފައިންޑިންގ ދަ އަންޑައިގްނޯސްޑް"އެވެ. މި ޝިއާރުގެ މަޤްޞަދަކީ އިތުރަށް ފޮރުވުމެއް ނެތި، ބަލި ތަހައްމަލުކުރާ މީހުން ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އޮރެންޖް ހިޔާގައި މިހާރު ޒަމާނީ ތެލެސީމިއާ ސެންޓަރެއް ޤާއިމުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ބަލި ތަހައްމަލުކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މަހަކު 2,000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަހަކީ މި ބައްޔާ މެދު މުޖުތަމަޢު ހޭލުންތެރިކޮށް، ބަލި ކޮންޓްރޯލްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ދުވަހެކެވެ.



ކިޔުންތެރިންގެ ހިޔާލު