image ގައްދޫ ރަޝީދު   7 ސެޕްޓެމްބަރު 2020 - 5:13
24 ވަނަ އެޕިސޯޑް

ނާޖިޔާ ޖަލާލީގެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ޖަލާލީގެ ފައި ބިމުގައި ހަރުލާފައިވާ ކަހަލައެވެ. އޭނާއަށް ޖަޔާގެ ވާހަކަ އަޑުއިވި ވިސްނުނީ ކަންނޭގެއެވެ.

އެކަމަކު އަޑެއްއިވި އެއީ ކޮންއަޑެއްކަން އެނގުމަކުން ވާނެއެއްކަމެއްވެސް ނޯންނާނެއެވެ. އެއަޑާމެދު ޔަޤީންކަން ހޯދުމަކީ އެންމެބޮޑު މަރްޙަލާއެވެ.

އަދިވެސް އޭނާ އެގޮތަށް ގާވެފައި ހުރީއެވެ. ހިރިވެސް ނުލައެވެ. ހުރިތަނުން ގުޑިލައިފިއްޔާ ޖަޔާގެ ޖުމްލަތައް ގެއްލިދާނެކަމުގެ ބިރު ހީވެފައި ހުރިކަހަލައެވެ. ބައެއް ފަހަރު އެއީ ހުވަފެނެއް ކަމުގައިވެސް އޭނާ ހީކުރެއެވެ.

ޖަޔާހުރީ ރުޅިއައިސް ރަތްވެފައެވެ.

އެކަން ފާޅުކުރުމަށްޓަކައި އޭނާ ބޭނުންކުރި ހަތިޔާރަކީ ހަމައެކަނި ކަރުނައެވެ.

އޭނާ ވަރަށް އުނދަގުލުން ލިވިންގރޫމާ ހަމައަށް ހިނގައްޖެއެވެ. ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރިގަތެވެ. އަދި ސޯފާގައި އިށީނުމާއެކު އަތު މުލައްދަނޑީގައި ބޯޖައްސާލައިގެން ރޯން ފަށައިފިއެވެ.

ރޮމުންވެސް އޭނާ ޖަލާލީ އަތުވެދާނެ ކަމުގައި ހީކުރިއެވެ. އޭނާ ހީކުރިގޮތުގައި ޖަލާލީ އުފަލުން ފޮޅެމުން އޭނާގެ ފަހަތުން އަންނާނެއެވެ. އޭނާގެ ވާހަކަ ޔަޤީން ކުރުމަށްޓަކައި ފަށްފަށްކޮށް ސުވާލުކުރާނެއެވެ.

އެކަމަކު އެހެނެއްވެސް ނުވިއެވެ.

އޭނާ އެތައް އިރެއް ވަންދެން އެގޮތަށް ކަރުނަ އޮހޮރުވަން އިނެވެ.

ކަރުނައިގައިވެސް ޚަޒާނާއެއްވެއެވެ. އެއީ ޙައްދެއްނެތް ޚަޒާނާއެއް ނޫނެވެ. ވަކި ދާއިރާއެއްގެ ތެރޭގައިވާ އެއްޗެކެވެ.

އޭނާ ވަރަށް ރޮއިފިއެވެ.

ރުއިމުން ހަމަޖެހުންވެސް ލިބެއެވެ. އޭނާ ދޯޕައްޓާއިން ލޯފޮހެލިއެވެ. މިހާރު ހާސްވާކަމުގެ އެއްވެސް އަސަރެއް މޫނުމަތިން ފެންނާކަށް ނެތެވެ. އޭނާ ރުޅިވެރި ކަމާއެކު ޖަލާލީގެ އަނދޮޅުކަމުގެ މައްޗަށް ހިތާހިތުން އެތިވަރު ގޮވަމުން ގެންދިޔައެވެ.

ލޮލުން ކަރުނަފޮހެމުން އޭނާ ކުއްލިއަކަށް ސޯފާއިން ތެދުވެއްޖެއެވެ. އޭނާއަކީ މާފަށް އެދޭވަރުގެ ކުށެއްކޮށްފައިވާ މީހެއްނޫނެވެ. މިކަން ޖަލާލީއަށް ވިސްނެން ވާނެއެވެ.

ތުން ތަޅުވަމުން އޭނާ ތެދުވެއްޖެއެވެ.

އޭނާ ކޮޓަރިއާ ދިމާއަށް ހިނގައި ގަތުމާއެކު ޖަލާލީ ލިވިންގރޫމަށް އަތުވެއްޖެއެވެ.

ޖަޔާ އިސްއުފުލާ ބަލާލިއެވެ.

ދެން އަވަސް އަވަހަށް މޫނު އަބުރާލިއެވެ.

އެކަމަކު އެހުރި ފިޔަވަޅު މަތީގައި ހުއްޓި ހުރެއްޖެއެވެ.

[ނާޖިޔާއެވެ.] ޖަލާލީ އޭނާގެ ފުރަގަހުން ދެތިން ފޫޓު ދުރުމިނުގައި ހުރެފައި ބުންޏެވެ.

ނާޖިޔާ އެއްވެސް ޖަވާބެއް ނުދިނެވެ.

އާނއެކެވެ. އަނެއްކާވެސް ހޯސްލާފައި ނާޖިޔާގެ ލޮލުން ކަރުނަ އޮހޮރިގަތެވެ.

[ނާޖިޔާއެވެ....! ތިޔަ ނިންމި ނިންމުމާމެދު ފުރިހަމައަށް ޢަމަލުކުރެވިދާނެ ހެއްޔެވެ.]

ނާޖިޔާ ހަމަ އެކައްޗެކޭވެސް ނުބުންޏެވެ. ލޮލުން ފައިބަމުންދާ ކަރުނައިން ކޯތާފަތް ތެންމަމުން ދިޔައެވެ.

[އަހަރެން..... އަހަރެން މިމައްސަލައާ ބެހޭގޮތުން ނާޖިޔާއާ ވާހަކަ ދައްކަން ބޭނުމެވެ.] އޭނާ ވަރަށްބޮޑަށް ހާސްވެފައިވާ ކަހަލައެވެ.

ޖަޔާ ދެންވެސް ޖަވާބެއްނުދިނެވެ. ޖަލާލީ ދެތިންފިޔަވަޅު ކައިރިއަށް ޖެހިލިއެވެ. ހިނދުކޮޅަކު ހިމޭނުން ހުއްޓެވެ. ދެން އަނެއްކާވެސް މަޑުމަޑުން ބުންޏެވެ. [ނާޖިޔާއެވެ. އެނބުރި ރަށަށް ނުދާނަން ދޯއެވެ!]

[ލައްބައެވެ....! ނުދާނަމެވެ....!] ނާޖިޔާ ވަރަށް ހަރުކަށި ގޮތަކަށް ބުނެލިއެވެ.

ޖަލާލީއަށް ނާޖިޔާގެ ލޮލުގައިވާ ކަރުނަ ނުފެންނަނީ ކަންނޭގެއެވެ. އޭނާ އަވަސް އަވަހަށް ބުންޏެވެ. [އަހަރެން ބޭނުންވަނީ ނާޖިޔާ ގާތުގައި.....] އޭނާ ހުއްޓާލައިފިއެވެ.

ދެން އަނެއްކާވެސް ބުންޏެވެ.

[މިގޭގައި ނާޖިޔާ ހުރުމަށް އަހަރެން އެދިއްޖެއްޔާ.....]

ނާޖިޔާގެ ހަށިގަނޑަށް ކުއްލި ލޮޅުމެއްއެރި ކަހަލައެވެ. [މޮޔަޔާއެވެ! އަހަރެން މިގޭގައި ނުހުރެދާނީ ކޮންތާކަށް ހެއްޔެވެ؟] ނާޖިޔާ ހިތުން ޖަލާލީއާ ދިމާއަށް އެތިވަރު ގޮވައިގަތެވެ.

[ނާޖިޔާއެވެ! މިގޭގައި ނާޖިޔާ ހުންނާނެކަމުގައި އަހަރެން އުއްމީދު ކުރަންވީ ހެއްޔެވެ.] ޖަލާލީގެ އަޑު އިންތިހާއަށް ނުކުޅެދިފައިވެއެވެ. ޖަޔާ ވަރަށްބޮޑަށް ރުޅި އަތުވެއްޖެއެވެ. މިއީ އެކަހަލަ ވާހަކަ ދައްކަންވީ ވަގުތެއްނޫނެވެ. މިއީ އަމިއްލަވަންތަ ކަމާއެކު ޖަލާލީ އައިސް އޭނާގެ އަތުތެރެއަށް ޖަޔާ ބޮނޑިކޮށްލަންވީ ވަގުތެވެ. ކެތްމަދުވެފައިވާ ގޮތަކަށް ޖަޔާއާ ލޯބިކޮށްލަންވީ ވަގުތެވެ. ޖަޔާގެ މުޅިނަފްސަށް ވެރިވެ ގަންނަންވީ ވަގުތެވެ. މިވަގުތު އޭނާ ނުކުޅެދިފައި ހުރެގެން ނުވާނެއެވެ. ނާޖިޔާ [ޒަޚަމް[ ކޮށްލަންވީއެވެ.

އެކަމަކު..... އޭނާ އެހުންނަނީ ސަލާންޖަހާ މީހަކު ފަދައިން ޖަޔާގެ ފަހަތުގައެވެ.

އަނެއްކާވެސް ޖަލާލީ މާބޮޑަށް ދެރަވެލާފައި ބުންޏެވެ.

[ޖަޔާއެވެ. ޖަވާބު ދީބަލާށެވެ.]

ޖަޔާގެ ލޭ ހޫނުވެއްޖެއެވެ. އޭނާ ހަލުއިކަމާއެކު ޖަލާލީއާ ދިމާއަށް އެނބުރިލަމުން ބުންޏެވެ. [އަޅުގަނޑު ހުންނާނީ މިގޭގައެވެ. ދާނީ ކޮންތާކަށް ތޯއެވެ. ނަރަކައަށް ތޯއެވެ؟]

ޖަލާލީ ބިރުންހުރެ ނާޖިޔާގެ މޫނަށް ބަލާލިއެވެ. އޭނާ ރޮނީއެވެ. މޫނު ރަތްވަމުން ދިޔައެވެ. ލޮލުގައި ރަސްކަން ކުރަނީ ކަރުނައެވެ. ތުންފަތުގައި ހުރީ ކަރުނައިގެ ތެތްކަމެވެ.

ޖަލާލީ އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާ ލައިފިއެވެ. އަދި ކުރެހިފައިވާ އަޑަކުން ބުންޏެވެ.

[ނާޖިޔާއެވެ. އަހަންނަކީ ޢުޒުރުވެރި އަކީމެވެ. އަހަރެން ނާޖިޔާގެ ކޮންމެ އެދުމަކާމެދު އިޙްތިރާމް ކުރާނަމެވެ. އެކަމަކު މިގޭގައިނުހުރެ ދާންބޭނުންނަމަ ދިޔަޔަސް އަހަރެންގެ ޝަކްވާއެއްނެތެވެ. އަހަރެން މިސުވާލުތައް ކުރަނީ މިބީރައްޓެހި ރަށުގައި ނާޖިޔާ ދާނީ ވަކިކޮންތާކަށް ބާވައޭ ހިތަށް އަރާތީއެވެ.]

[ދާން ބޭނުންވީމާ ދާންއުޅޭ ތަނެއްގެ ވާހަކަ ނަންގަންނާނަމެވެ.] ޖަޔާ ތުންފަތް ހަފާލަމުން ބުންޏެވެ. އަދި ފިސާރި ރަޙުމްކުޑަ ނަޒަރަކުން ބަލާލިއެވެ.

[އެންމެ ރަނގަޅެވެ.] ޖަލާލީ އިސްޖަހާލަމުން ބުންޏެވެ.

[އަޅުގަނޑު ހުންނަން ގަސްތުކުރަނީ މިގޭގައެވެ.] ނާޖިޔާ ރުޅިވެރި ކަމާއެކު ކުޅުދިރުވާލަމުން ބުންޏެވެ. އޭނާގެ ވާހަކަ މިހިސާބަށް ނިންމާލި ކަހަލައެވެ. ޖަލާލީ ހީކުރީ އެޖުމްލައާއެކު ޖަޔާ ކޮޓަރިއާ ދިމާއަށް ހިނގައި ގަންނާނެ ކަމުގައެވެ. އެކަމަކު އެއާ ޚިލާކަށް ނާޖިޔާ އެހުރި ވަޅުގައި ހުރީއެވެ.

ހިމޭންކަމާއެކު ދެމީހުން ކޮޅަށް ތިބޭތާ އިރުކޮޅެއް ވެއްޖެއެވެ. ދެމީހުންގެ ޚިޔާލު އެއްބާރު މިނެއްގައި ވަގުތާއެކު ދަތުރުކުރަމުން ދިޔައެވެ. އެކަމަކު ދެމިޞްރާބަކަށެވެ.

[ކުޑައިރުކޮޅަކު މިތާނގައި މަޑުކޮށްލަ ފާނަން ހެއްޔެވެ.] ޖަލާލީ ހިތްވަރު ކޮށްލާފައި ބުންޏެވެ.

ޖަޔާ އެނބުރި ބަލާލިއެވެ. ޖަލާލީގެ ލޮލުގައި ދަޢުވަތެއްގެ އަސަރެއްނެތެވެ. އެމޫނުން ފާޅުވަނީ ދުރުހިލޭކަމެވެ. އޭނާގެ މިއެދުމަކީ ޖަޔާއާ ކައިރިވުމަށްޓަކައި އެދުނު އެދުމެކެވެ. ޖަޔާއަށް ވިސްނުނީ މިގޮތަށެވެ.

ޖަޔާގެ ރުޅިގަނޑު އަދިވެސް މައިތިރި ވާގޮތެއް ނުވެއެވެ.

[އަންނާށެވެ. މިތާނގައި އިރުކޮޅަކު އިށީންނަން އަންނާށެވެ.]

[ކީއްކުރަން ތޯއެވެ؟]

[ޓީވީ ބަލާށެވެ.]

[ޝުކުރިއްޔާއެވެ.]

ޖަޔާ އަނދައިގެންފައި ދާން ހިނގައިގަތެވެ. އެއާއެކު ޖަލާލީ ކުއްލިއަކަށް އައިސް އޭނާގެ ކުރިމައްޗަށް އަރައިފިއެވެ.

[ނާޖިޔާއެވެ.....]

[ކިހިނެއްވީ ތޯއެވެ.] އޭނާ މަލާމާތުގެ ރާގުގައި ބުންޏެވެ.

[ނާޖިޔާ މިގޭގައި އިނުމަށް އެއްބަސް ވެއްޖައީމުއެވެ.] އޭނާ ބުންޏެވެ.

[އަޅުގަނޑަށް މިގޭގައި އިނުމަށް މިއަދު މަޖުބޫރެވެ............] ޖަޔާ ދަތްކުނޑި ވިކާލުމާއެކު މަޖުބޫރީ ޙާލަތު ދިރުވާލުމަށް މަސައްކަތް ކުރިއެވެ.

ޖަޔާ ވަގުތީގޮތުން ނަމަވެސް މިގޭގައި އިނުމަށް އެއްބަސްވި ކަމަށްޓަކައި ޖަލާލީ ވަރަށް އުފާވެއްޖެއެވެ.

[ނާޖިޔާއެވެ. މިގޭގައި ހުރުމަށް ނާޖިޔާ އެއްބަސްވާ ކަމުގައި ވަންޏާ އަހަރެންގެ އެދުމަކީ މިދުރުހިލޭގޮތް ކަނޑާލާފައި އުޅުމެވެ. ދެރައްޓެހިންގެ ގޮތުގައިވެސް އުޅެވިދާނެ ނޫން ހެއްޔެވެ.

މިއީ ޖަޔާ ހީކުރިގޮތާއި މުޅިން އިދިކޮޅު ވާހަކައެކެވެ. އޭނާ ފަރުވާތެރި ކަމާއެކު ޖަލާލީގެ މޫނަށް ބަލާލިއެވެ.

ޖަލާލީގެ މޫނުގައި އުފާވެރިކަމެއް އެކުލެވިފައިވެއެވެ. އެކަމަކު ހިތްހަމަ ނުޖެހުމުގެ އަސަރެއްވެސް ފާޅުވެއެވެ. އޭނާގެ މޮޔަކަމާއި ތާކުންތާކު ނުޖެހޭކަމުގެ މައްޗަށް ޖަޔާ ހިތާހިތުން އެއްޗެހި ގޮވަމުން ދިޔައެވެ.

ޖަލާލީ ވަރަށް މަޢުޞޫމު ހިނިތުން ވުމަކާއެކު ބަލާލަމުން އަނެއްކާވެސް ބުންޏެވެ.

[އަހަރެންގެ ރަޙްމަތްތެރި ކަންވެސް ޤަބޫލެއް ނުކުރާނަން ހެއްޔެވެ؟]

ޖަޔާގެ މޭގައި ތޫނުއެއްޗަކުން ޖެހުނުކަމުގައި އިޙްސާސް ކުރެވުނެވެ. އޭނާއަށް ޖަލާލީގެ ކުރިމައްޗަށް ހިތުގައިވާ ހާސަރުތައް އޮއްސާލެވޭނީ ކިހިނެއް ހެއްޔެވެ. ޖަލާލީއަކީ ސިފަހުތުރު ބިރުވެރި އިންސާނެކޭ ބުނެވޭނީ ކިހިނެއް ހެއްޔެވެ..... އަހަރެން ކަލޭދެކެ ލޯބިވާން ފަށައިފިއެވެ. ކަލޭގެ ބޭރުފުށުގެ ސިފަ އަހަންނަށް ތިންވަނަ ދަރަޖައިގެ ހައިޘިއްޔަތުން އިޚްތިޔާރު ކުރެވެން ފަށައިފިއެވެ. އަހަރެން ބޭނުމީ ކަލެއެވެ. އަހަންނަކީވެސް ކަލޭފަދަ އިންސާނެކެވެ. އަހަރެން މިހާރު އެއްގޮތަކަށްވެސް ކަލޭ ދޫކޮށްލާފައި ދާކަށް ނެތީމެވެ.

ވިސްނުމުގެ ތެރޭގައިހުރެ އޭނާ އިސްޖަހާލިއެވެ. އަދި ޕޮލިޝްކޮށްފައިވާ ނިޔަފަތިތަކަށް ބަލަން ފަށައިފިއެވެ.

ޖަލާލީ ވޭތުވެގެންދާ ވަގުތުތަކުގެ ގަދަފަދަ ހިމޭންކަމާ ރަޙްމެއްނެތް މަޑުމައިތިރިކަމުގެ ސަބަބުން އަސަރު ކޮށްފިއެވެ. އޭނާ ކަރު އެލުވާލަމުން ބުންޏެވެ.

[ނާޖިޔާއެވެ. ފަހަރެއްގައިވެސް މިރަޙްމަތްތެރި ކަމަކީ މަޖްބޫރީކަމެއް ކަމުގައި ނުދެކޭށެވެ. މިކަން ނާޖިޔާއަށް ޤަބޫލުނުކުރެވެނީ ކަންނޭނގެއެވެ. ނާޖިޔާ ބޭނުންގޮތަކަށް ބޭނުން ސިފައަކަށް މިގޭގައި އުޅެވިދާނެއެވެ. އަހަރެން މިގޭގައި އުޅުމުން ނާޖިޔާ ހިތްހަމަނުޖެހޭ ކަމުގައި ވަންޏާ އެހެންތާކަށް ބަދަލުވެދާނަމެވެ. ހޮޓަލެއްގައިވެސް އަހަންނަށް ހުރެވިދާނެއެވެ. އަހަރެންގެ އޮފީސްވެސް ހުންނަނީ ދިރިއުޅެވޭ ގޮތަށް ތައްޔާރު ކޮށްފައެވެ.]

ރުޅީގެ ބަދަލުގައި ޖަޔާ ހިނިއަތުވެއްޖެއެވެ. ވަރަށް އުނދަގުލުން ހިނިގަނޑު މައިތިރިކުރުމުން ޖަލާލީއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

[އަދިވެސް ދައްކަވާނެ ވާހަކަ އެބަހުރިތޯއެވެ؟]

ޖަލާލީ ހިތްދަތިކަމުގެ އަލިފާންގަނޑުތައް ހުރަސް ކުރަމުން ދިޔައެވެ. އޭނާއަށް ހަމައެކަނި ޖަޔާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

[ދެން އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތޯއެވެ........؟] ޖަޔާ އަނިޔާވެރި ގޮތަކަށް ބުންޏެވެ.

[ކޮންތާކަށް ހެއްޔެވެ؟]

[އަޅުގަނޑުގެ ކޮޓަރިއަށެވެ.] އޭނާ ކުރިއަށް ފިޔަވަޅު ނެގިއެވެ.

ޖަލާލީ ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ. ޖަޔާ ދަމުން ބުންޏެވެ.] ރެއަށް ކާއެއްޗެހި ތައްޔާރުކޮށްފައި ހުންނާނެއެވެ.]

ޖަޔާ ރުޅިގަނޑު ދިރުވާލާފައި ގޮތަކަށް މައްސަލަ ނިންމައިފިއެވެ. އަދި އެ ނިންމުމާމެދު ފުރިހަމައަށް ޢަމަލު ކުރުމަށް ޢަޒުމް ކަނޑައަޅައިފިއެވެ.

އޭނާ ޖަލާލީ ފުރިހަމަ މަގަށް ލެންބުމަށްޓަކައި އެއްވެސް ކަހަލަ އިޢުލާނެއް ނުކުރާނެއެވެ. އަދި އެއްވެސް ގޮތަކުން އަމިއްލަ ޖަޒްބާތުވެސް ފާޅުވިޔަކަ ނުދޭނެއެވެ. ޖަލާލީ އަމިއްލައަށް ފިނޑިކަމުގެ ފޭރާން ބާލާފައި އަމިއްލަ ޙައްޤު އަތުނުލާހާ ހިނދަކު ޖަޔާ ހުންނާނީ ކުޅިބަލާ މީހެއްގެ ގޮތުގައެވެ.

މި ނިންމުމާމެދު އޭނާ ހިތްހަމަ ޖެހިއްޖެއެވެ. ހަމައެކަނި ހިތްހަމަ ޖެހުނީއެއް ނޫނެވެ. މީރުކަން އުކެލެވޭ މަޖާ ނިންމުމާމެދު އޭނާގެ ތުންފަތަށް ފޮނި ހިނިތުންވުމެއްވެސް ވެރިވެއްޖެއެވެ.

ޖަލާލީ އިސްޖަހާލައިގެން އިރުކޮޅަކު ހުއްޓެވެ.

ދެން ބަރުހެލި ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. އޭނާ އެރެއަކު ނުކައެވެ. ޖަޔާވެސް ބަނޑުހައެއް ނުވިއެވެ. އޭނާވެސް ތެޅިތެޅި އޮތީއެވެ.

**********************

ޖަޔާ ނާސްތާ ތައްޔާރު ކުރިއެވެ. ފަރާޓާއާއި ބިސްގަނޑު ތައްޔާރުކުރިއެވެ. މިސިޒް ހެރަލްޑް ބުނެފައިވަނީ ޖަލާލީ ބިސްގަނޑު ވަރަށް މީރުކޮށް ކާނެކަމުގައެވެ. ޖަޔާ ވަރަށް މީރުކޮށް ފަރާޓާ ފިހުނެވެ. އޭނާއަކީ ކަމުގެ މާހިރެއް ނޫނެވެ. އެކަމަކުވެސް އޭނާ ފަރާޓާ ފިހުނީ ވަރަށް ފަރުވާތެރިކަމާ އެކުގައެވެ.

ބަދިގޭގައިހުރި މޭޒަށް އޭނާ ސައިތައްޔާރު ކޮށްފިއެވެ. ސައި ފޯންޗްވެސް އެއްފަރާތުގައި ބެހެއްޓިއެވެ. ޓޯސްޓާއި ހަނާކުރި ތަރުކާރީ ބެހެއްޓިއެވެ. ހުރިހާ އެއްޗެއް ހަމަކުރުމަށްފަހު ވަރަށް ރީތި އެކަނިކާ ތައްޓެއް ބެހެއްޓިއެވެ.

އާދައިގެ މަތިން ކާންހަދާ ނިންމާލާފައި ނާޖިޔާ ބަދިގޭން ނުކުމެއްޖެއެވެ. މިސިޒް ހެރަލްޑް ދިޔަފަހުން ނާސްތާ ތައްޔާރުކުރަނީ އޭނާއެވެ. އެކަމަކު އެންމެ ދުވަހަކުވެސް ޖަލާލީއާ އެކުގައި ސައެއްނުބޮއެވެ. އޭނާ ޤަވާޢިދުން ވަގުތުން ވަގުތަށް މޭޒު މައްޗަށް ކާން ހަދައެވެ. އަދި ޖަލާލީ ފުރާނަ ހިފަހައްޓާލެވޭ ވަރަށް އެތިކޮޅެއް ކާލައެވެ.

މިއަދުވެސް އެ ޤަވާޢިދުން ނާޖިޔާ ނާސްތާ ތައްޔާރުކޮށްފިއެވެ. މިއަދު އޭނާއަށްވެސް ތަށްޓެއް ބަހައްޓާލައިގެން ޖަލާލީއަށް އިންތިޒާރުކުރަން މޭޒު ދޮށުގައި އިންނާނަމޭ ހިތަށް އެރިއެވެ.

އެކަމަކު......

އޭނާ އެގޮތަކަށް ޢަމަލެއް ނުކުރިއެވެ. ބަދިގޭގެ ބޭރުދޮރު ހުޅުވާލާފައި ބޭރު ލޯނަށް ނުކުމެއްޖެއެވެ.

މިއަދު ފަޟާ ވަރަށް ފިންޏެވެ. ބޯވިލާތަކުގެ ސަބަބުން އުޑުގެ ނޫކުލަ ގެއްލިފައިވެއެވެ. އަނދުން ކުލައިގެ ވިލާތައް ވައިގެ އެތިފަހަރު ތަކާއެކު ފަރާތް ފަރާތަށް ބުރަބުރައިގެން ދެއެވެ..... ޖަޔާހުރީ ބޯހެދުމެއް ލައިގެންނެވެ. އެހެން ނަމެވެސް ފިނިކަން އިޙްސާސް ކުރެވެން ފަށައިފިއެވެ. މިއަދު މޫސުމް ބަދަލުވެފައި މިވަނީ ހަމަ ކުއްލިއަކަށެވެ.

ގޭން ބޭރުގައި އުޅެން ދަތިވާވަރަށް ފިންޏެވެ. ވިލާތައް ބޯވަމުން ދިޔައެވެ. ޖަޔާ އެތެރެއަށް ވަންނަން ގަސްތު ކޮށްފިއެވެ. ބަދިގޭ ދޮރުހުރީ ހުޅުވާފައެވެ. އެކަމަކު އޭނާ ދިޔައީ މައިދޮރާ ދިމާއަށެވެ. ދޮރުހުރީ އެތެރޭން ތަޅުލާފައެވެ. އެނބުރިލާފައި ޖަޔާ ޖެހިގެންހުރި ކޮޓަރީގެ ދޮރުކައިރައަށް އަތުވެއްޖެއެވެ. އެދޮރުވެސް ހުރީ އެތެރޭން ތަޅުލާފައެވެ.

ކޮންމެއަކަސް ބަދިގޭދޮރުން ވަންނަން އޭނާއަން މަޖުބޫރުވެއްޖެއެވެ. އޭނާ އެތެރެއަށް ވަދެއްޖެއެވެ. ފިނިހޫނުމިން ބަދަލުވާމެއު އުފާވެރިކަމެއް އެވަގުތު އިޙްސާސް ކުރެވުނެވެ.

ޖަލާލީ އައިސް މޭޒުކަރީގައި އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ މޭޒުމަތީގައި ހުރި އެއްޗެއްސާ ދިމާއަށެވެ.

[އުފާވެރި ހެނދުނެކެވެ.] ޖަލާލީ ބުންޏެވެ.

ޖަޔާ ބޮލަށް ކުޑަ ޙަރަކާތެއް ގެންނަމުން ބުންޏެވެ. [ބޭރުގެ މާޙައުލު ވަރަށް ފިންޏެވެ.]

[އާނއެކެވެ. މިހިސާބަށް މޫސުމް ބަދަލުވަނީ ހަމަ ކުއްލިއަކަށެވެ.]

ޖަޔާ އެއަޑު އެހިއެވެ. އެކަމަކު ޖަވާބެއް ނުދެއެވެ. އޭނާ ބަދިގޭން ނުކުންނަން ހިނގައިގަތެވެ. އެކަމަކު ދޮރާ ހަމައަށް ދިއުމުގެ ކުރީގައި ޖަލާލީ އޭނާއަށް ގޮވާލިއެވެ.

[ނާޖިޔާއެވެ........!]

އޭނާ ހުއްޓިއްޖެއެވެ. އެނބުރި ބަލައެއް ނުލައެވެ.

[ނާސްތާ ކޮށްފިން ހެއްޔެވެ.] ޖަލާލީ ސުވާލުކުރިއެވެ.

[ނުކުރަމެވެ......] ނާޖިޔާ ޖަވާބު ދިނެވެ.

ޖަލާލީ ހިނދުކޮޅަކު ހިމޭނުން އިނެވެ. ދެން މަޑުމަޑުން ބުންޏެވެ.] އަހަންނާ އެކުގައި ނާސްތާކޮށްލުން ކޮންކަހަލަ ހެއްޔެވެ؟]

ޖަޔާގެ ތުންފަތުގައި ހިމޭން ހިނިތުންވުމެއް ކުޅެލިއެވެ.......

މިހިނިތުންވުން ދެކެފައި ޖަލާލީގެ ހިތްފުންމައިގެން އައިސް ކަރުތެރޭގައި ތާށިވި ކަހަލައެވެ. އަވަހަށް ތެދުވެގެން އޭނާގެ ކައިރިއަށް ހިނގައްޖެއެވެ. އަދި ބުންޏެވެ. [ރަޙްމަތްތެރިކަން ޤަބޫލުކުރާށެވެ. މިއީ ގެއްލުމެއްހުރި ކަމެއްނޫނެވެ.]

ޖަޔާ ކަތިނަޒަރަކުން ބަލާލިއެވެ. [އެންމެ ރަނގަޅެވެ]

[ޝުކުރިއްޔާއެވެ.] ޖަލާލީ އުފަލުން ބުންޏެވެ. [ވަރަށްބޮޑަށް ޝުކުރިއްޔާއެވެ.]

ޖަޔާ އެހުރިގޮތަށް ހުރީއެވެ.

[އަންނާށެވެ.] ޖަލާލީ ކެތްމަދުވެފައިވާ ކަހަލަ ގޮތަކަށް މޭޒާ ދިމާއަށް އިޝާރާތް ކޮށްލިއެވެ.

ޖަޔާ މަޑުމަޑުން ހިނގާފައި މޭޒު ކައިރިއަށް އަތުވެއްޖެއެވެ. ޖަލާލީގެ އުފާވެރިކަން ކޮޅުންލަނީއެވެ. އަދި މި އުފާވެރިކަން އިޙްސާސް ކުރަމުން ޖަޔާ ހިނިތުވެލިއެވެ. ޖަލާލީ ތަށި ބަހައްޓާ ހަރުގަނޑުން ތައްޓަކާ ޖޯޑެއް ނަގާ ޖަޔާގެ ކުރިމަތީގައި ބެހެއްޓިއެވެ. ދެން އަވަސް އަވަހަށް އޭނާއާ ކުރިމަތިވާގޮތަށް އިށީދެއްޖެއެވެ. އޭނާ އުފަލުން ހަލާކުވަނީއެވެ. އެއްފަހަރާ އެކި އެއްޗެހި ނަގާ ނާޖިޔާއާ ކައިރިކުރަމުން ގެންދިޔައެވެ.] މިއީ ވަރަށްމީރު އެއްޗެކެވެ...... މިވެސް އަޅާށެވެ. އެވެސް އަޅާށެވެ.] މިހެން ބުނަމުން ގެންދިޔައެވެ.

މިޙަރަކާތްތަކުން ޖަޔާ އުފާ ލިބިގަންނަމުން ދިޔައެވެ.

ޖަލާލީ ނާސްތާ ކުރަމުން ސިއްރުން ޖަޔާގެ މޫނަށް ބަލަމުން ގެންދިޔައެވެ. އޭނާއަށް ޔަޤީން ނުކުރެވެނީ ކަންނޭގެއެވެ. އޭނާގެ ކުރިމަތީގައި އިނީ ޖަޔާކަން އޭނާއަށް ޤަބޫލުނުކުރެވޭ ކަހަލައެވެ. އޭނާއަށް ކުރެވޭވަރުގެ ކަމެއްނަމަ އަތްލާ ބަލާލުމަށްވެސް ހިތަށް އެރިއެވެ.

[މިފަރާޓާ ވަރަށް މީރެވެ. ވަރަށް މީރެވެ. ރަހަތައް ވަރަށް ހެޔޮވަރެވެ. މިއީ ޚާއްޞަކޮށް އަހަރެމެން ހިސާބުގަނޑުގެ އެއްޗެއްނޫން ހެއްޔެވެ. ގިނަ ދުވަހު ބީރައްޓެހި ރަށެއްގައި އުޅުމުން އަމިއްލަ ވަޠަނުގެ ކޮންމެ އެއްޗެއް އިންތިހާއަށް ރަނގަޅު ވެދެއެވެ. ޖަޔާއެވެ. ޤަބޫލުކުރާށެވެ. ބައެއް ފަހަރަށް އެމެރިކާގެ މިރީތި މަގުތަކަށްވުރެ އަހަރެމެންގެ ރަށުގެ ކުނިގޮނޑުތައްވެސް މާރީތި ކަމުގައި ހީކުރެވެއެވެ.] މިހެން ބުނެލާފައި ޖަލާލީ މަޑުމަޑުން ހީނލިއެވެ.

ޖަޔާ އެކައްޗެކޭވެސް ނުބުނެއެވެ. އިސްޖަހާލައިގެން އިނދެ ހިތާދެކޮޅަށް ނާސްތާކުރަމުން ގެންދިޔައެވެ. އެކަމަކު ޖަލާލީގެ ޖަޒުބާތުތައް އިޙްސާސް ކުރެވުމުން އޭނާއަށް ވަރަށްބޮޑަށް އަސަރުކޮށްފައިވެއެވެ.

ސައިބޮއި ނިމިގެން ދެމީހުން ތެދުވެއްޖެއެވެ. ނާޖިޔާ ތަށިތައް ނަގަން ގަސްތުކުރިއެވެ. އެވަގުތު ޖަލާލީ އޭނާ ސައިބުއި ތަށިތައް ނަގައިފިއެވެ. [އަހަރެން ނަގާފާނަމެވެ.]

[ނޫނެކެވެ.] ޖަޔާ އެތަށިތައް ކައިރިއަށް ދަމާލިއެވެ. [އަޅުގަނޑު ދޮވެފާނަމެވެ.]

[ބުނަން ހެއްޔެވެ. ރަޙްމަތްތެރިކަމުގެ އެގްރިމެންޓްގައި ސޮއި ކުރެވިއްޖެއެވެ.] ޖަލާލީ ކުޑަކޮށް ސަމާސާ ރާގަކަށް މިހެން ބުނަމުން ތަށިތައް ކައިރިއަށް ދަމާލިއެވެ.

[ނޫނެކެވެ. މިއީ އަޅުގަނޑުގެ ފަރްޟެކެވެ.]

އޭނާ ތަށިތައް ނަގަން ގަސްތުކުރިއެވެ.

[އެއްގޮތަކަށްވެސް ތިޔަހެން ހަދައިގެން ނުވާނެއެވެ.] ތަށިތަކާ ދިމާއަށް ޖަލާލީ ފުންމައިގަތް ކަހަލައެވެ. އަދި މިދަނޑިވަޅުގައި އޭނާއަށް ޖަޔާގެ އަތުގައި ހިފިއްޖެއެވެ.

ކުއްލި އެކްސިޑެންޓެއްވީ ކަހަލައެވެ. ނާޖިޔާ އަވަސްއަވަހަށް އަތްދަމައި ގަތެވެ. ޖަލާލީވެސް އަތްދަމައި ގަތެވެ. އަދި މިހަނގުރާމައިގައި ތައްޓެއްވެސް ބިންމައްޗަށް ވެއްޓިއްޖެއެވެ.

ދެމީހުން ކުއްލިއަކަށް ހިމޭންވެއްޖެއެވެ. ދެމީހުންކުރެ އެކަކުވެސް ތަށިނަގާކަށް ނޫޅުނެވެ. ދެންވީ ކިހިނެއްކަމެއް ނޭނގެއެވެ. ޖަލާލީ ބާރަށް ހިނގާފައިގޮސް ބަދިގޭން ނުކުމެއްޖެއެވެ.

އަނެއްކާވެސް އޭނާ ދެކެ ޖަޔާ ރުޅި އަތުވެއްޖެއެވެ.

އެކަމަކު......

[ފިނޑި މީހެކެވެ.] މިހެން ބުނަމުން ހިނިތުން ވެލިއެވެ.

މަޑު ނާނާއަކާއެކު ޖަޔާ ބަދިގެތެރެ ސާފުކުރިއެވެ. އޭނާގެ އެކި ގުނަވަންތަކުންވެސް ދައްކަނީ އުފާވެރި ގޮތެވެ. ރަޙްމަތްތެރިކަމުގެ މިކުޅިގަނޑަކީ މަޖާ އަދި ލޯބި އެކުލެވޭ އެއްޗެއް ކަމުގައި އޭނާއަށް ފެންނަން ފަށައިފިއެވެ.

[މިއީވެސް ގޮތެއްތާއެވެ.] އޭނާ ހަރުގަނޑުގައި ތަށިތައް ބަހައްޓަމުން އުފަލާއެކު ބުނެލިއެވެ. [ކަމަކަށް އެދުމާ އަދި ކަމަކަށް މީހަކު އެދުންވެރި ކުރުވުމަކީވެސް އެތެރެހަށީގައި ޖާޒުބިއްޔަތަކާ ދަހިވެތިކަމެއް އެކުލެވޭކަމެއް ހެއްޔެވެ.]

މަސައްކަތް ނިންމާލާފައި އޭނާ ލިވިންގރޫމަށް އަތުވެއްޖެއެވެ. ޖަލާލީ ބްރީފްކޭސް ހިފައިގެން އޮފީހަށް ދަނީއޭ ބުނަން އަންނަނީ ކަންނޭގެއެވެ. އޭނާ ހުރީ ޖެހިލުންވެފައެވެ. އަދިވެސް އެކްސިޑެންޓްގެ ކަންތަކުން ހަނދާން ނުނެތެނީ ކަންނޭގެއެވެ. އެހެން ނަމަވެސް އޭނާ ހިތްވަރުކޮށްލާފައި ޖަޔާއާ މުޚާޠަބު ކުރިއެވެ.

[ނާޖިޔާއެވެ. އަހަރެން މިދަނީ އޮފީހަށެވެ. އެއްޗަކަށް ބޭނުންވަންޏާ ބުނާށެވެ. އަހަރެން އަންނައިރު ގެނެސް ދޭނަމެވެ.]

އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ.] އޭނާ ކޮޓަރިއާ ދިމާއަށް އެނބުރިލަމުން ބުންޏެވެ.

[އެންމެ ރަނގަޅެވެ. ޚުދާ ޙާފިޡެވެ!] ޖަލާލީ އެނބުރި ހިނގައިގަތެވެ. ޖަޔާވެސް ކޮޓަރިއަށް އަތުވެއްޖެއެވެ. އަދި އެތަނަވަސް ކޮޓަރީގެ ކުޑަދޮރުގެ ފަރުދާ ކަހާލިއެވެ. މިތަނުން ވަރަށް ރީއްޗަށް ގަރާޖު ފެނެއެވެ. އޭނާ ސިއްރުން ޖަލާލީއަށް ބަލަން ފަށައިފިއެވެ. މިއަދު ޖަލާލީހުރީ އަޅިކުލައިގެ ވަރަށްރީތި ހެދުމެއް ލައިގެންނެވެ. އޭނާގެ މޫނު ނުފެނުނުނަމަ އެއީ އިންތިހާއަށް ފަރި ޝަޚްޞިއްޔަތެއް ކަމުގައި ފެނުނީހެވެ. އެކަމަކު ޖަޔާ ވަރަށް ފަރުވާތެރި ކަމާއެކު އޭނާގެ މޫނަށް ބަލަމުން ގެންދިޔައެވެ. މީގެ ކުރީގައި އޭނާ އެއްގޮތަކަށްވެސް އެގޮތަކަށް ނުބަލައެވެ. ހުތުރު ކަމެއްގައިވެސް ރީތި ސިފައެއް އެކުލެވިދާނެއެވެ. އޭނާ އެހާވަރަށް އެބަލަނީ މިކަން ތެދުކުރުމަށް ނޫންކަމެއްވެސް ނޭގެއެވެ.

ޖަލާލީ ހިނގައްޖެއެވެ. ކާރުލޮލަށް ގެއްލެންދެން އޭނާ ބަލަހައްޓައިގެން ހުއްޓެވެ. ދެން އޭނާ ކޮޓަރި ރީތިކުރަން ފަށައިފިއެވެ. މިއަދު އޭނާމުޅިގެ ސާފުކުރިއެވެ. ޖަލާލީގެ ކޮޓަރިއަށްވެސް ވަނެވެ. ގަޑިއެއްހާއިރު ވަންދެން އެކޮޓަރީގައި އުޅުނެވެ. އެކިއެއްޗެހި ވަކިވަކިން ނަގާ ފުރޮޅާ ހެދިއެވެ. އަލަމާރީގައި ހުރި ހެދުންތައް ބެލިއެވެ. ވަތްގަނޑު ހުޅުވައިގެން އޭގައި ހުރި ލިޔުންތައް ބެލިއެވެ. ބައެއް ފޮޓޯވެސް ފެނުނެވެ.

ވަރަށްގިނަ ވަގުތު މިގޮތަށް ފާއިތުވެގެން ހިނގައްޖެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރަށް އުފާވެރި މަންޒަރެކެވެ.

މަސައްކަތުން ނިމިގެން އޭނާ ހެދުން ބަދަލުކޮށްފިއެވެ. މިއަދު އޭނާ ބޭނުންވަނީ އަތުގައިއޮތް އެންމެރީތި ހެދުން ލުމަށެވެ. އޭނާ ވަރަށް ފަރުވާތެރި ކަމާއެކު މޭކަޕްވެސް ކުރިއެވެ. އަދި އިސްތަށިގަނޑުގައި ފުނާއަޅަން އުޅެނިކޮށް ފޯނު ރަނގަބީލު ވާން ފަށައިފިއެވެ.

ފައުޒިއްޔާގެ ފޯނެކެވެ. ހާލު އަހްވާލުގެ ވާހަކައަށްފަހު ފައުޒިއްޔާ ބުންޏެވެ.

[ނާޖިޔާއެވެ. އިއްޔެ ނާޖިޔާ އުފާވެފައިހުރި މިންވަރު ފެނުމުން އަހަންނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ. އަހަރެން ކުރީގައި ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ.

[ކީއްވެގެންތޯއެވެ؟] ޖަޔާ ސުވާލުކުރިއެވެ.

[އަހަރެންގެ ހިތަށް އަރަމުން އައީ......]

[ޖަލާލީއާމެދު ރުހޭނެ ބާވައެވެ. ނުވަތަ ނުރުހޭނެ ބާވައެވެ. އެހެން ނޫންތޯއެވެ.]

[އާނއެކެވެ.]

[މިހާރު ހިތްހަމަ ޖެހިލައްވައިފި ތޯއެވެ؟]

[ޔަޤީން ކުރާށެވެ. އަހަރެންގެ ބޮލުން މިހާރު ވަރަށްބޮޑު ބަރެއް ލުއިވެގެން ހިނގައްޖެއެވެ. ކަލޭމެން ދެކުދިން އުފަލުގައި ލެހެއްޓެވި ކަމަށްޓަކައި ކަލާނގެ ރަސްކަންފުޅަށް ޝުކުރު ކުރަމެވެ.]

[ދެން ކޮންކަމެއްތޯއެވެ؟] ޖަޔާ ހީލާފައި ބުންޏެވެ.

[އިރާދަކުރެއްވިއްޔާ ތިޔަދެކުދިން މުޅިޢުމުރުގައި އުފާ ފާގަތިކަންމަތީ ދުވަސްތައް ކަޑައްތުކުރާނެއެވެ. ޖަލާލީއަކީ ވަރަށް ރަނގަޅު އިންސާނެކެވެ. އޭނާ ބޭނުންވަނީ ލޯތްބެވެ. ހިތްހެޔޮ ކަމެވެ. ނާޖިޔާއެވެ. އެއްބަނޑު އެއްބަފާ ދައްތައެއްގެ ހައިޘިއްޔަތުން ނަސޭޙަތެއް ދެން ހެއްޔެވެ. ޖަލާލީގެ ހިތްހަމަޖައްސާ ދޭށެވެ. ޖަލާލީގެ ޙަޔާތުގައި ގެއްލިފައިވާ އާރޯކަން އަލުން ލިބި ތާޒާވާ ވަރަށް އޭނާއަށް ލޯބި ދޭށެވެ. އޭނާއަކީ ލޯތްބަށް ބޭނުންވެފައިވާ މީހެކެވެ.]

ޖަވާބުގައި ޖަޔާ ހީނލިއެވެ. ގިސްލެވޭ ކަހަލަ އަޑަކާއެކުގައެވެ. ފައުޒިއްޔާ ޖަލާލީއާއި ބެހޭގޮތުން ތަޖުރިބާ ކުރެވިފައިހުރި އެތައް އެތައް މިސާލެއްގެ ވާހަކަ ބުނެދިނެވެ. މިކަމުން ޖަޔާގެ ހިތްފުރިއަރަމުން ދިޔައެވެ. މިހާތަނަށް އޭނާގެ ފަރާތުން ޖަލާލީއަށް ކިހާ އަނިޔާއެއް ލިބިއްޖެކަން ފައުޒިއްޔާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ.

ވާހަކައިގެ ތެރޭގައި އޭނާގެ ދެބޭބެއަށް ލަންޑަނުން ވަޒީފާ ހަމަޖެހުނު ވާހަކަވެސް ފައުޒިއްޔާ ބުނެފިއެވެ. [މާތްރަސްކަލނާގެ ބަރަކާތް ލައްވާށިއެވެ. ޖަލާލީގެ ވަރަށްބޮޑު ވިޔަފާރި ލަންޑަނުގައި ހިނގައެވެ. ޖަޔާގެ ދެބޭބެއަށް ވަރަށްބޮޑު ފައިދާ ލިބޭނެއެވެ. އެއީ މަސައްކަތްތެރި ދެކުދިންނެވެ. ބޭރު ޤައުމެއްގައި ވަޒީފާ އަދާކުރުމުގެ ޝައުޤު އެމީހުންގެ ހިތުގައި އުފެދިފައިވެއެވެ. ޖަލާލީއަކީ އެކަނިވެރިއެކެވެ. މިހާރު ނާޖިޔާގެ ދެބޭބެއަކީ ޖަލާލީގެވެސް އެއްބަނޑު މީހުންނެވެ.]

ފައުޒިއްޔާގެ ދުލުން އަމްޖަދާ ރައިޙާނާބެހޭ ވާހަކަ އަޑުއިވުމުން ޙައިރާންވެ އަންތަރީސް ވެއްޖެއެވެ. އަދި ހަމައެއާއެކު ޖަލާލީއަށްޓަކައި އޯގާތެރިކަމުގެ ޖަޒުބާތުވެސް ހޭލައިގަތެވެ. އަމިއްލަ ޙަރަކާތާމެދު ލަދުވެތިވިއެވެ. އޭނާ ކޮށްފައިވަނީ ކޮންފަދަ ކަންތައްތަކެއް ހެއްޔެވެ. އެކަމަކު އޭނާގެ ތިމާގެ މީހުންނާ ދޭތެރޭ ޖަލާލީ ކަންތައްކުރަނީ މުޅިން އެހެން ގޮތަކަށެވެ. ޖަޔާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

ފައުޒިއްޔާގެ ވާހަކަތަކުން ޖަޔާގެ ހިތުގައި ވަރަށްބޮޑު ހަމަނުޖެހުމެއް އުފެދިއްޖެއެވެ. ސިކުނޑީގައި ހަލަބޮލިކަން އުފެދިއްޖެއެވެ.

ނާޖިޔާ ކޮޅުކޮޅު މައްޗަށް ހިނގަން ފަށައިފިއެވެ. އެއްވެސް ގޮތަކަށް އޭނާއަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ޖަލާލީގެ ކޮޓަރިއަށް އަތުވެއްޖެއެވެ. އަދި މޭޒު ވަތްގަނޑުގައި ހުރި ފޮޓޯތައް ނަގައިގެން ބަލަން ފަށައިފިއެވެ. އޭނާގެ މޭގައި ޖަޒްބާތީ ޠޫފާން އުފެދެމުން ދިޔައެވެ. އޭނާ ބޭއިޚްތިޔާރުގައި ޖަލާލީގެ ފޮޓޯ ނަގާ މޭގައި ޖައްސާލިއެވެ.

ޖަޒްބާތީ އެތައް ޙަރަކާތަކަށްފަހު އޭނާ ކޮޓަރިން ނުކުމެގެން ލިވިންގރޫމަށް އަތުވެއްޖެއެވެ. ހަމަ އެވަގުތު ފޯނު ރަނގަބީލުވާން ފަށައިފިއެވެ.

[ހަލޯ....] އޭނާ ރިސީވަރު ނެގިއެވެ.

[ޖަލާލީ......]

[ކީކޭތޯއެވެ؟]

[ނާޖިޔާ ހުރީ ބަދިގޭގައި ހެއްޔެވެ؟]

[ނޫނެކެވެ.]

[މެންދުރަށް ނުކައްކާށެވެ.]

[ކިހިނެއްވީތޯއެވެ؟]

[ނާޖިޔާ ގޭގައި ބަންދުވެފައި އިންނަތާ ވަރަށްގިނަ ދުވަސް ވެއްޖެއެވެ. ވީމާ މިއަދު ދެމީހުން ކޮންމެވެސް ހޮޓަލަކުން ކެއުން ކިހިނެއްވާނެ ހެއްޔެވެ.]

ނާޖިޔާ އެއްޗެކޭ ނުބުންޏެވެ.

[އަނެއްކާ ނުރުހުނީ ހެއްޔެވެ؟ އަހަންނަށް ފެންނަ ލަފައެއްގެ ވާހަކަ ބުނީމެވެ. ނާޖިޔާ ޤަބޫލު ނޫނިއްޔާ އަޅާ ނުލާށެވެ......] ޖަލާލީ އަވަސް އަވަހަށް ބުންޏެވެ. އެއާއެކު ޖަޔާއަށް ރޮވޭގޮތް ވެއްޖެއެވެ.

[ނާޖިޔާއެވެ.]

[ލައްބައެވެ.]

[އަހަންނާއެކު ބޭރަށްދާން ޖެހިލުންވަންޏާ މިއީ ނުދައްކާ ވާހަކައެކެވެ.] އޭނާ ހީނގެންފައި އަނެއްކާ ބުންޏެވެ. [އެކަމަކު އެއްބަސްވުމުގައި ވާގޮތުން މިކަހަލަ ވާހަކަ ދެއްކުމުގެ ޙައްޤު އަހަންނަށް ލިބިގެންވެއެވެ.]

[ކޮން އެއްބަސްވުމެއް ތޯއެވެ؟]

[އަހަރެމެން ދެމީހުން ދެމެދުގައި ރަޙްމަތްތެރިކަމުގެ އެގްރިމެންޓެއްގައި ސޮއިކުރެވިފައިވޭ ނޫން ހެއްޔެވެ. ހަނދާން ނެތުނީ ހެއްޔެވެ؟]

[ލައްބައެވެ. ހަނދާން ވެއްޖެއެވެ.]

[ރަޙްމަތްތެރިޔާއެވެ. އެހެންވީއިރު ޚިޔާލަކީ ކޮބައި ހެއްޔެވެ.] ޖަލާލީ މަޖާވެފައި ބުންޏެވެ.

[އެންމެ ރަނގަޅެވެ.]

[ޝުކުރިއްޔާއެވެ. ޝުކުރިއްޔާއެވެ. އަހަރެން ބާރަޖަހާއިރަށް ގެއަށް ދާނަމެވެ. ތައްޔާރަށް ހުންނާށެވެ.]

[ލައްބައެވެ.]

[އަދި ބުނަން ހެއްޔެވެ؟]

[ކީކޭތޯއެވެ؟]

[ޕާކިސްތާނުން ސިޓީ އަތުވެއްޖެއެވެ.]

[ހަމަރަނގަޅަށް ތޯއެވެ؟]

[އާނއެކެވެ. ސިޓީގެ ވާހަކަ ބުނުމުން ވަރަށް އުފާވެއްޖެ ދޯއެވެ.]

[ލައްބައެވެ......]

[އަހަރެންގެ ނަމުގައި އެއްސިޓީ އެބައޮތެވެ. އެކަމަކު އަހަރެން އަދި ސިޓީއެއް ނުކަނޑަމެވެ. ނުވެސް ކަނޑާނަމެވެ. ޔަޤީންކުރާށެވެ.]

ޖަޔާ ހިމޭން ވެއްޖެއެވެ.

[ނާޖިޔާއެވެ. އަހަންނަކީ ކޮންމެ ކަހަލަ މީހަކު ކަމުގައި ވިޔަސް ބުނާބަހުގައި ޤަދަރު ބަހައްޓާ މީހަކީމެވެ. އަހަރެން ދުލުން ބުނިގޮތަކަށް ކަންތައްކުރެވޭތޯ ބަލާނަމެވެ. އަހަރެން އޮތީ ނާޖިޔާއަށް ރަޙްމަތްތެރިކަން ހުށަހަޅާފައެވެ. އެއްގޮތަކަށްވެސް އަހަންނާމެދު ޖެހިލުން ނުވާށެވެ. އަހަރެން ހުންނާނީ ހުދޫދުގެ ތެރޭގައެވެ. ސިޓީވެސް އަހަރެން ނުކެނޑީ އެހެން ވެގެންނެވެ. އަހަންނާ ބެހޭ އެއްޗަކަށް ނުވާތީއެވެ.]

[އަޅުގަނޑަށް ހީވަނީ ތިޔައީ މުޅިން އާވާހަކައެއް ނޫން ހެއްޔެވެ.] ނާޖިޔާ އަޅައަޅައި ގަންނަމުން ބުންޏެވެ.

[ޝުކުރިއްޔާއެވެ!]

ޖަލާލީ ހިނދުކޮޅަކު ހިމޭނުން އިނެވެ. ކޮންމެވެސް އެއްޗެއް ވިސްނަނީ ކަންނޭނގެއެވެ.

ޖަޔާ ދެތިން ފަހަރަކު ހަލޯއޭ ބުނުމުން ޖަލާލީ ބުންޏެވެ.

[އަހަރެން ބާރަޖަހާއިރު ގެއަށް ދާނަމެވެ. ނާޖިޔާ ތައްޔާރުވެގެން ހުންނާށެވެ.]

[ލައްބައެވެ!]

[އިރުއޮއްސެންދެން އަހަރެމެން އުޅޭނީ ބޭރުގައެވެ. މެންދުރުގެ ކެއުމުން ނިމިގެން ދާނީ ބާޒާރަށެވެ. ދެން ދާނީ ބްރިޖް ބަލާށެވެ.]

[އެންމެ ރަނގަޅެވެ.]

[ޝުކުރިއްޔާއެވެ.]

ޖަލާލީ ފޯނު ބާއްވައިފިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން