ޞާދިރު ޢަލީދީދީ   7 ސެޕްޓެމްބަރު 2020 - 11:43
ސަންޑޭ
ސަންޑޭ
އެޕިސޯޑް 15

...............

[ކިހިނެއްވީ ދަރިފުޅާ؟] ޒިލާ ރޮމުން އައިސް ގެއަށް ވަނުމާއެކު ޒިލާގެ މަންމަ ޚަދީޖާ އެއްސެވެ.

[މަންމާ...މަންމާ.....] ޒިލާ މަންމަގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ބާރުބާރަށް ރޯން ފަށައިފިއެވެ.

[ވީގޮތެއް މަންމަގާތު ބުނެބަލަ ދަރިފުޅާ.....] ޚަދީޖާވެސް ނިކަން ހާސްވެފައި ކަންބޮޑުވެއްޖެއެވެ.

[މަންމާ....ނަވާލް....އަހަންނަށް ބޭވަފާތެރިވެއްޖެ. އެއީ އަހަރެން ހީކުރިފަދަ ކެތްތެރި ފިރިއަކަށްނުވި.] ޒިލާގެ އަޑު ބެދިއްޖެއެވެ.

[ކީކޭ! ފިސާރި ތެދެއް. ތިއޮތީ މަންމަ ބުނިތަން އައިސްފަ. ކިތައްފަހަރު މަންމަ ދަރިފުޅު ގާތު ބުނިން، މީހާ ރަނގަޅަށް ދަސްކޮށްފައި ނޫނީ ކައިވެނި ކުރުން ރަނގަޅެއް ނުވާނެއޭ.....އެދުވަހު މަންމަގެ ނަޞޭޙަތް އަޑުއެހިނަމަ، މިއަދު ތިކެހި ނުލިބުނީސް.] ޚަދީޖާ ޒިލާ އަތުލަފިކޮށްގެން ގޮސް މެދުގޭތެރޭ އުނދޯލީގައި އިށީނދެއްޖެއެވެ. ތެދެކެވެ. ނަވާލް ޒިލާގެ ކައިވެންޏަށް ފުރަތަމަ އެދުނު ދުވަހުވެސް ޚަދީޖާ ޒިލާގާތު ކައިވެނީގެ ކުރިން އެކަކު އަނެކަކު ދަސްކުރުމަށް އިރުޝާދު ދިނެވެ. ނަމަވެސް، އެދުވަހު މަންމަގެ ނަޞޭޙަތަށްވުރެ ޒިލާއަށް މުހިއްމުވީ ނަވާލްގެ ކައިވެންޏެވެ. އިތުރު ދަސްކުރުމަކާނުލައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ނަވާލް އޭނާގެ ކައިވެންޏަށް އެދުނީ، އޭނާ ނަވާލްގެ ކައިވެންޏަށް އެދި އިންތިޒާރު ކުރާތާ އެތައް އަހަރެއްގެ ފަހުންނެވެ.

[ވެދިޔަތަން ވެދިޔައީ މަންމާ. އިތުރަށް ދެން ތިވާހަކަ ނުދައްކާ މަންމާ....] ޒިލާގެ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ.

ނަދުހާ ދޭތެރެޖެއްސީ ކަމަށް ހީކޮށްފައި، ނަވާލް ވަގުތުން ނަދުހާއަށް ގުޅިއެވެ. ނަދުހާ ކަންތައްވީގޮތް ނިކަން ރަނގަޅަށް ނަވާލަށް ކިޔައިދިނެވެ. އެހެންކަމުން، ފޯނު ގޭގައި ބާއްވާފައި އޮފީހަށް ދެވުނު ދެރަ ހީވުމާއެކު، ނަވާލް ބޯހޫރާލިއެވެ. އަފްޒަލް އެގެއަށް އައިސް ވަނީ އެވަގުތެވެ. ނަވާލް އަފްޒަލަށް އެވާހަކަ ކިޔައިދިނެވެ. އަފްޒަލް ޚިޔާލުދިނީ ޒިލާ ބަލާ އެގެއަށްދާށެވެ.

[ނުދާނަން އަހަންނެއް...އަހަރެން ބޭނުމެއް ނޫން.] ނަވާލަކީ ގޮތްދޫކުރާ ފާޑުގެ މީހެއް ނޫނެވެ.

[ތިގޮތެއް ރަނގަޅެއް ނުވާނެ ނަވާލް....އަންހެނުންގެ ސިކުނޑި ނިކަން ފަސޭހައިން ހަމައިން ނެއްޓޭނެ. ކޮންމެވެސް އެކަކު ގޮތްދޫކުރަންވާނެ. އަހަރެންގެ ނަޞޭޙަތަކީ ޒިލާ ބަލާ އެގެއަށް ދިޔުން......] އަފްޒަލް ނަވާލަށް ވިސްނައިދިނެވެ. ނަމަވެސް ނަވާލް އެއަށްދިނީ ބީރު ކަންފަތެކެވެ.

[އެހެން އުޅެން ހެދީމާ އަންހެންވެރިން އުޅޭނީ ފިރިމީހާ އަޅުވެތި ކުުރުމަށް. އަހަންނެއް މިހާރު ޖަހާހާ ބެރަކަށް ނުނަށާނަން.] ފުރަތަމަ ކައިވެނީގެ ތަޖްރިބާއިން ޢިބްރަތް ލިބިގަންނަމުން ނަވާލް ބުންޏެވެ.

[ނައިސް ކިތަންމެ ދުވަހެއްވިޔަސް އަހަންނެއް އާދޭސް ކުރާކަށް ނުދާނަން. އޭނަ ހީކޮށްފާނެ އަހަރެން އާދޭސްކޮށް ރޮމުން ފަހަތުންދާނެއޭ.] ނަވާލް ބުނެލިއެވެ.

ނަވާލް ނުދިޔަޔަސް، އަފްޒަލް ޤަޞްދުކުރީ ނަވާލަށް ނާންގައި ޒިލާ ބަލައި އެގެއަށްދާށެވެ. ޒިލާ ގޮތްދޫކޮށް އެނބުރި ފިރިމީހާގެ ޙިމާޔަތަށް އަންނާނެ ކަމަށް ވިސްނާފައެވެ.

[އަހަންނެއް ނުދާނަން...އޭނަ އަހަރެންގެ އަގު ވައްޓާލައިފި.] އެރޭ އަފްޒަލް ޒިލާ ބަލާ ދިޔުމުން ޒިލާ ދިން ޖަވާބަކީ އެއީއެވެ. އެހެންކަމުން، އަފްޒަލް ޒިލާއަށް ވިސްނައިދޭން މަސައްކަތްކުރިވެސްމެއެވެ.

[ޒިލާ.....ޒަވާޖީ ޙަޔާތް ދާއިމްކުރަން ބޭނުމިއްޔާ، ކޮންމެވެސް އެކަކު އަބަދުވެސް ގޮތްދޫކުރަންވާނެ. އެހެންނޫނީ ކައިވެނި ދެމިއޮންނަން ވަރަށް އުނދަގޫވާނެ....ޙަޤީޤަތުގައި އެއްވެސް ކަމަކަށްނުވާ ކަހަލަ ކަމަކާ ޒިލާ ރުޅިއައިސްގެން ތިއުޅެނީ. އަހަންނަށް ހަމަޔަޤީން، ނަވާލަކީ ޒިލާ ތިހީކުރާކަހަލަ މީހެއް ނޫންކަން.] އަފްޒަލް ޒިލާއަށް ވިސްނައިދެމުން ނަވާލް ދިފާޢު ކުރިއެވެ.

[އާނ، އަފްޒަލަކަށް ނަވާލް ގޯހެއްނުވާނެ. ތީ އަހަރެން ވަރަށް ދަންނަ ފާޑެކޭ....އަފްޒަލްވެސް ދިފާޢު ކުރާނީ ނަވާލް....] ޒިލާ ބުންޏެވެ.

[ޒިލާ ބުނަން ތިކަހަލަ ކޫސަނި ކަންތައްތަކުގައި މައްސަލަތައް އުފައްދަން މަސައްކަތް ކުރުމަކީ އަންބަކަށް ކުރެވޭ ވަރަށް މޮޔަ، އެހާމެ ގެއްލުންހުރި ކަމެއް. އޭގެސަބަބުން ފިރިމީހާ އަނބިމީހާގެ މަތިން ބޮޑަށް ފޫހިވާނީ....] އަފްޒަލް ދެންވެސް މަސައްކަތްކުރީ ޒިލާއަށް ވިސްނައިދެވޭތޯއެވެ.

[ތިބުނީ އަނބިން ތިބެންޖެހޭނީ ފިރިމީހާގެ ކުށްތައް ފޮރުވާށޭތަ. ވަރިހަމަދޯ ހިލޭ އަންހެނަކު ގެނެސް ލޯމަތީގައި ކޮޓަރިއަށް ވައްދާތަން ފެނުނަސް. އަޅާނުލާ ތިބެންވީ؟] މަލާމާތުގެ ރާގަކަށް ޒިލާ ބުންޏެވެ. އެރޭ އަފްޒަލް އެގެއިން ދިޔައީ ތަފާތު އެކިގޮތްގޮތަށް ވާހަކަ ދައްކައިގެންވެސް ޒިލާ ގޮތްދޫނުކުރީމައެވެ. ނަމަވެސް، އަފްޒަލް އެވާހަކައެއް ނަވާލް ގާތަކު ނުބުނެއެވެ.

[ކޮބާ ޒިލާ؟] ޒިލާ ގޭގައި ނޫޅޭކަން ނަވާލްގެ މަންމަ މަރީނާއަށް އެނގުނީ، އެރޭ ނިކަން ދަންވެސްވީ ފަހުންނެވެ. ނަވާލް ކަންތައްވީގޮތް މަންމައަށް ކިޔާދިނުމުން، މަރީނާ ބޭނުންވީ ޒިލާބަލާ ވަގުތުން އެގެއަށް ދިޔުމަށެވެ.

[ގޮސްގެން ނުވާނެ. އޭނައަށް އާދޭސްކުރާކަށް އަހަރެންގެ މަންމައެއް އަހަންނެއް ނުފޮނުވާނަން. އޭނަ އަމިއްލައަށް ވިސްނުނީމާ އަތުވެދާނެ...] ނަވާލް މަންމަ ހުއްޓުވިއެވެ. ދަރިފުޅާ ދެކޮޅަށްދާކަށްވެސް މަރީނާއެއް ނޫޅެއެވެ.

އެރޭވެސް ފާއިތުވެއްޖެއެވެ. ނަމަވެސް ޒިލާއެއް ނާދެއެވެ.

ދެވަނަ ދުވަސްވެސް ފާއިތުވެއްޖެއެވެ. ޒިލާގެ ޚަބަރެއްނުވެއެވެ. މަޑުމަޑުން ނަވާލަށް ބަދަލު އަންނަން ފަށައިފިއެވެ. ސިކުނޑީގެ ހާސްކަން އުފެދުމުގެ ސަބަބުން، އެހާސްކަން ފިލުވުމަށްޓަކައި އިތުރު ދިމަދިމާއަށް ކަޅިއުކެން ފެށިއެވެ. ނަމަވެސް، އެހާސްކަން ފިލުވުމަށްވެސް ޒިލާއަށް ގުޅާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އަމިއްލައަށް ފެނިގެން ގެއިން ނުކުމެގެންދިޔަ ގޮތަށް އެނބުރި އަންނަންޖެހޭނީވެސް އަމިއްލައަށް ފެނިގެންނެވެ.

ނަދުހާވެސް އޭނާ ގާތުން ވަރިވީ، އޭނާގެ އެއްވެސް ކުށެއްނެތިއެވެ. ނަމަވެސް، މިއަދު ނަދުހާވަނީ އަމިއްލައަށް ގުޅައިގެން އޭނާގެ ކިބައިން މަޢާފަށް އެދިފައެވެ.

އެކަނިވެރިކަން އިޙްސާސް ކުރެވެމުންދާވަރަކަށް ނަވާލްގެ ސިކުނޑިއަށް ވެރިވަމުންދަނީ ނަދުހާގެ ޚިޔާލުތަކެވެ. ހިތްއެދެނީ އެކަނިވެރިކަން ޙިއްޞާ ކުރުމަށްޓަކައި ނަދުހާގެ އެހީ ހޯދުމަށެވެ. ނަމަވެސް، މާޒީގެ ހިތި ދުވަސްތަކެއްގެ ހަނދާންތަކެއް ސިކުނޑީގައި ބިންވަޅު ނެގިފައިވާތީ، އަދިވެސް ނަދުހާއަށް ގުޅަން އޭނާ ފަސްޖެހެނީއެވެ.

[ނަވާލްގެ ލޯބި ޙާޞިލް ކުރުމަށް މިއަދު ކަލެއަށް ފުރްޞަތު ލިބިފައިވެއެވެ. ފުރްޞަތު ނަގާނުލާށެވެ. އަވަސްވެގަންނާށެވެ.] ނަދުހާގެ ސިކުނޑީގައި މިހާރު ކުރެހި ބިންވަޅު ނެގެމުންދަނީ ނަވާލްގެ އަޑެވެ. ނަވާލްގެ ނަފްސު ހޭލައްވާލީ އޭނާގެ ޟަމީރެވެ. ނަވާލަށް ތެޅިގަނެވުނެވެ. ޖީބުގައި އޮތް މޯބައިލް ފޯން ނަގާ ވަގުތުން ނަދުހާއަށް ގުޅައިފިއެވެ.

[އެދުވަހުއްސުރެ ނަވާލްގެ ކޯލަކަށް އެބަ އިންތިޒާރު ކުރެވޭ. އިންތިޒާރުގެ ވަގުތު މިހާރު މިއޮތީ ނިމުމަކަށް އައިސްފައި. ވަރަށް އުފާވެސްވެއްޖެ.] ނަވާލްގެ އަޑު ކަންފަތުގައި ޖެހުމާއެކު، ނަދުހާގެ އުފާވެރިކަން އިންތިހާއަށް ދިޔައެވެ.

[އަހަންނަށް މިގުޅެނީ ނަފްސު ކޮންޓްރޯލް ނުކުރެވިގެން. ޤަބޫލުކުރަން، އަހަރެންގެ ހިތުގެ އިޝާރާތް މިހާރު ނަދުހާއަށް ދޭހަވެއްޖެ ކަމަށް....] ނަވާލް ތަންކޮޅެއް ނުގޮތަކަށް ބުންޏެވެ.

[އާނ ދޭހަވެއްޖެ...އެކަމަކު ޤަބޫލުކުރަން ވަރަށްދަތި. ހިތަށްއަރަނީ އެނބުރި ޒިލާ އަތުވެއްޖެއްޔާ، ނަވާލް އަހަރެން ބާކީކޮށް އެއްލާލަފާނޭ....] ނަދުހާ އުއްމީދު ގެއްލިފައިވާ ރާގެއްގައި ބުންޏެވެ.

އެދުވަހަށްފަހު، ނަވާލާއި ނަދުހާގެ ގުޅުން އައީ ބަދަހިވެ ފިތި ބާރުވަމުންނެވެ. މާގިނަދުވަސްތަކެއްނުވެ ނަދުހާގެވެސް އެދުމުގެ މަތިން ނަވާލާއި ނަދުހާގެ ކައިވެނި، މާބޮޑު ޙަފްލާއަކާނުލައި ކުރެވުނެވެ. ކައިވެނީގެ ކުރިން ނަވާލް ޒިލާއަށް އެޚަބަރުދިނެވެ. އަދި ޒިލާ އެނބުރި އަންނަން ހުރިއްޔާ، އެކައިވެނި ނުކުރާނެ ކަމަށްވެސް އޭނާ ޒިލާގާތު ބުންޏެވެ. ނަމަވެސް، ޒިލާ އެނބުރި ނަވާލްގެ ޙަޔާތަށް އައުމަށް އިންކާރު ކުރަމުން ބުނީ، ހަތަރު މީހުންނާ އެއްފަހަރާ ކައިވެނިކުރިޔަސް ވަރިހަމައެވެ. ކައިވެނި ނަވާލް ރޭވީ އެހެންވެގެންނެވެ. ގައިމެވެ. ޒިލާ ދެކޮޅުހެދުމުގެ ކުޑަވެސް އިޝާރާތެއް ކުރިނަމަ، އޭނާ ކައިވެންޏެއް ނުކުރާނެއެވެ. ޒިލާގެ ބަނޑުގައިވާ އޭނާގެ ދަރިފުޅުގެ ޙައްޤުގައެވެ. ނަމަވެސް، ޒިލާއަކީ ކުރިމަގަށް އެއްވެސް ވަރަކަށް ވިސްނާ މީހެއް ނޫނެވެ. ވިސްނާނަމަ، އޭނާއަށް އިވުނު އެންމެ އަޑަކާއެކު ދިރިއުޅުން ރޫޅާލާކަށް މަސައްކަތެއް ނުކުރާނެއެވެ.

[އެއީ ވަރަށް ބޯހަރު މީހެއް. ޙަޤީޤަތުގައި އެހާ ޝައްކު ބޮޑިއްޔާ ކައިވެނި ދާއިމްވާން ނިކަން އުނދަގޫވާނެ.] ނަވާލް ވާހަކަ ދެއްކީ އަފްޒަލާއެވެ. ތެދެކެވެ. އަފްޒަލަށްވެސް ވަނީ ޒިލާގެ ބޯހަރުކަން ސާބިތުވެފައެވެ.

[ދެން އަނެއްކާވެސް އޭނާގެ ވާހަކަ ނުދައްކާ. މިހާރު ދެން އެކަންތަކާ މާބޮޑަށް ވިސްނުމުގެ ބޭނުމެއް ނެތް. އޭނަގެ ބަނޑަށް ދުވަސްފުރެން ގާތްވީމާ، ދަރިފުޅަށް ބޭނުންވާ ތަކެތީގެ އިތުރުން ޚަރަދުކުރާނެ ފައިސާދިނީމަ އެނިމުނީ.....] އަފްޒަލް ޚިޔާލުދިނެވެ.

[މިހާރުވެސް ކޮންމެ މަހަކު ފައިސާ ފޮނުވަންވާނެއެއްނު...] އޭނައަށް ފައިދާހުރި ކާނާއާއި އެއްޗެހި ކެވޭނީ އޭރުންނެއްނު.] ނަވާލް ބުންޏެވެ.

[އާނ މިހާރުވެސް ޚަރަދު ދޭންވާނެ.] އަފްޒަލް ބުންޏެވެ.

[ނަދުހާ ވަރަށް ރަނގަޅު މިހާރު. މިހާރު އޭނާ ބުނާގޮތުން އޭނާ އަހަރެންދެކެ ވަރަށް ލޯބިވެސްވޭ. ޙަޤީޤަތުގައި ޒިލާ އެހެން ހެދުމުން، އަހަރެންގެ ނަޞީބު އަހަރެންގެ އަތުގައި ހިފީ.....] އުފާވެފައި ހުރި ނަވާލް ބުންޏެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް ނަވާލާއި ނަދުހާގެ ކައިވެންޏަށް މަސްފުރުނުއިރު ނަދުހާ ބަލިވެއިންކަމުގެ ސިގްނަލް، ނަދުހާގެ ފުށުން ލިބެން ފަށައިފިއެވެ.

[ނަވާލް އަހަންނަށް ހީވަނީ އަހަރެން މަންމައަކަށް ވަނީހެން.] ނަދުހާ ބަނޑުގައި އަތްކާއްތާލިއެވެ.

[ފިސާރި ތެދެއް. ޑޮކްޓަރަށް ދައްކަން ދާންވީނު. އަހަރެން މިއަދު އޮފީހުގައި ވަރަށް ބިޒީވާނެ. ކިރިޔާވެސް ވަގުތެއް ވެއްޖެއްޔާ އަހަރެން އަންނާނަން....އަހަރެން ލަސްވެއްޖެއްޔާ ނަދޫ ދިޔަޔަސް އެންމެ ރަނގަޅު....] އެއީ ނަދުހާ ބޭނުންވެސްވާގޮތެވެ. އޭނާ ޑޮކްޓަރަށް ދައްކަންދާން ބޭނުންވަނީ އެކަންޏެވެ. އެހެންނޫނީ ނަވާލަށް ޙަޤީޤަތް ހާމަވެދާނެއެވެ. މިހާރު ނަދުހާއާ ބެހޭގޮތުން ކުރިން ދެކެވުނު ވާހަކަތައްވެސް ވަނީ އޮބިފައެވެ. އެހެންކަމުން، ނަދުހާއާއި އޭނާގެ މައިންބަފައިން ތިބެނީ ނުހަނު ހިތްހަމަޖެހިފައެވެ.

އެދުވަހު ކްލިނިކަށް ދިޔައީ ނަދުހާ އެކަންޏެވެ. އެހެންކަމުން، ނަވާލާއި އޭނާގެ މައިންބަފައިންނަށް އިވޭނީ އޭނާ ބުނާ އެއްޗެއްގެ އަޑެވެ.

[ހަތަރު ހަފްތާޔޯ.....] އޮފީހުގައި ހުރެފައި ނަވާލް އައިސް ގެއަށް ވަނުމާއެކު، ނަދުހާ ބުންޏެވެ. ނަވާލް އުފަލުން ވަރެއްނެތެވެ. އޭނައަށް އެއްފަހަރާ ދެބަނޑަށް ދެކުދިން ލިބޭތީ އޭނާ އިންތިހާއަށް އުފާވެއްޖެއެވެ.

[އަހަންނަކީ ވަރަށްބޮޑު ނަޞީބުވެރިއެއް. ޒިލާ ވިހާތާ މާގިނަ ދުވަސްތަކެއްނުވެ ނަދޫވެސް ވިހާނެ....] ނަވާލް ނަދުހާގެ ބަނޑުގައި ނިކަން ލޯބިން އަތްކާއްތާލިއެވެ.

[އަހަރެންވެސް ވަރަށް އުފާވެއްޖެ. ހިތަށްއަރަނީ ނަވާލް ހަމަ ދެވަނަފަހަރަށްވެސް އަހަރެންގެ ދިރިއުޅުމަށް އަތުވެއްޖޭ.] ނަދުހާ ނަވާލްގެ މޭގައި ބޯއަޅާލިއެވެ.

މުނާޒް، އޭނާގެ ގާތު ބުނެފައިވާ ޖުމްލައެއް، އޭނާގެ ސިކުނޑިއަށް ވެރިވީ އެވަގުތުއެވެ.

[ނަދުހާއެވެ. ނަދުހާގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުން، އަހަންނާ ޙަވާލުކުރަންވާނެއެވެ. ތި ދަރިފުޅު ނަދުހާއަކަށް ނުބެލޭނެ.] އެޖުމްލަ ހަނދާނަށް އައުމާއެކު، އޭނާއަށް ތެޅިގަނެވުނެވެ. އެއަށްފަހު، ބަނޑުގައި އަތްކާއްތާވެސް ލެވުނެވެ.

[ކިހިނެއްވީ ކުއްލިއަކަށް ތެޅިގަތީ؟] ނަވާލް އެއްސެވެ. ނަދުހާ ބުނީ ކުއްލިއަކަށް ބަނޑަށް އުނދަގޫވީ ކަމަށެވެ.

[ހިނގާ އޮށޯންނަން.] ނަވާލް ނަދުހާ އަތުލަފިކޮށްގެން ގޮސް އެނދުގައި ބޭއްވިއެވެ. ނަދުހާ އޮށޯތެވެ. ނަވާލް ނަދުހާގެ ބަނޑުގައި މަޑުމަޑުން ފިރުމަމުންދިޔައެވެ. އެވަގުތު ނަވާލަށް ޙަޤީޤަތް ހާމަކުރުމަށްވެސް އޭނާ ހިތަށްއެރިއެވެ. ނަމަވެސް، ނަވާލް ދެރަވާނެވަރު ވިސްނާފައި އޭނާ ކެތްތެރިވިއެވެ.

[އަންނާނަން ނަދޫއަށް ކުރުނބާއެއް ހިފައިގެން.] ނަވާލް ނިކުތެވެ. ހަމައެއާއެކު އެނދުގެ މަގަތުން މުނާޒް ފާޅުވެއްޖެއެވެ. ބާރު އަޑުފައްގަނޑަކާ އެކުގައެވެ. ނަދުހާ ސިހިފައި ފަހަތަށް ޖެހިލިވެސްމެއެވެ.

[ކާކުގެ ހުއްދައާއެކު މިތަނަށް ތިވަނީ. ކަލެއަކަށް ނުޖެހޭނެ މިތަނަށް ވަންނާކަށް. އާދޭސްކޮށްފަ ބުނަން މުނާޒް، އަހަރެންގެ ދިރިއުޅުން ހަލާކު ކުރަން ނޫޅެބަލަ.] ނަދުހާ ހަޅޭއްލަވައިގަތެވެ.

އެވަގުތު ދޮރު ހުޅުވާފައި އައިސްވަނީ ދަލޭކައެވެ. ނަދުހާގެ ދެލޯބޮޑުވިއެވެ.

[ދަލޭކަދައްތާ މާލޭގައި އެބައުޅެންތަ؟ ދައްތާ މިއެތީގެ ކިބައިން އަހަރެން މިންޖުކޮށްދީބަލަ...މީއްޗަށް މީތީގެ ނަސްލު އެއްޗެއް ނުލިބުނީތަ.....] ނަދުހާ އެނދުން ތެދުވެގެންގޮސް ދަލޭކަގެ އަތުގައި ހިފެހެއްޓިއެވެ. ދަލޭކަ ނަދުހާގެ ބުރަކަށީގައި ނުހަނު ލޯތްބާއެކު ފިރުމާލިއެވެ.

[ދަރިފުޅާ....ޙަޤީޤަތުގައި ދަރިފުޅަކީ މުނާޒްގެ އަންބެއް. ބަނޑުގައި އޮތީ މުނާޒްގެ ދަރިއެއް....އެކުއްޖާ އުފަންވިޔަސް، އިންސާނުންގެ ތެރެއަކު ނޫޅެވޭނެ. ދަރިފުޅުވެސް ރަނގަޅީ އޭނައާއެކު ދިޔައްޔާ.....] މިފަހަރުވެސް ދަލޭކަ ވާހަކަ ދެއްކީ މުނާޒްގެ ކޮޅަށް ބުރަވެ ހުރެއެވެ.

[ހޫނ....ތިކަމެއް ނުވާނެ. އަހަންނަށް ޖިންނިއަކާއެކު ނޫޅެވޭނެ. ތިގޮތަށް މުނާޒްގެ ދިފާޢުގައި ވާހަކަ ދައްކަންޏާ މިތަނުންދޭ.] ނަދުހާ ދުރަށް ޖެހިލިއެވެ.

[އިންސިއަކަށްވުރެ ދަރިފުޅުގެ ދިރިއުޅުމަށް އެންމެ އެކަށީގެންވަނީ ހަމަ މުނާޒް...އެހެން ނޫނީ ދަރިފުޅަށް ޙަޤީޤީ އުފަލެއް ނުލިބޭނެ.] ދަލޭކަ ބުންޏެވެ.

[ވަރިހަމަ، ތިބުނާ އުފަލެއް އަހަރެން ބޭނުމެއް ނޫން.] އޭރު މުނާޒް ހިނިއައިސްފައި ނަދުހާއަށް ބަލަން ހުއްޓެވެ. އެވަގުތު ނަވާލްގެ ފިޔަވަޅުގެ އަޑު ނަދުހާއަށް އިވުމާއެކު، ނަދުހާ މުނާޒްގެ ކިބައިން އެތަނުން ދިޔުމަށް އެދުނެވެ. ހަމައެއާއެކު މުނާޒް ގެއްލުނެވެ. އޭނައާއެކު ދަލޭކަވެސް ވިދުވަރެއްކަހަލަ އައްޔަކާއެކު ގެއްލިއްޖެއެވެ. ނަދުހާގެ ދެލޯ ބޮޑުވިއެވެ. ޢަޖައިބުވެ އަންތަރީސްވިއެވެ. ދަލޭކައަކީވެސް ޖިންނިއަކީބާއެވެ. ނޫނީ ހަންޑިއަކީބާއެވެ. ޔަޤީނެވެ. އިންސާނަކަށް އެފަދަ ބާރެއް ލިބިގެނެއް ނުވާނެއެވެ. ނަދުހާ އިންތިހާއަށް ހާސްވެއްޖެއެވެ. ނަވާލް އައިސް ކޮޓަރިއަށް ވަންއިރުވެސް ނަދުހާއަށް ހުރެވުނީ ދަލޭކަ ގެއްލުނު ފާރާ ދިމާއަށް ކަޅި ހުއްޓައިގެންނެވެ.

[ނަދޫ...ފާރުތެރޭން އެއްޗެއް ފެންނަނީތަ؟] ނަދުހާ ހުއްޓިހުރިގޮތުން ނަވާލް އެއްސެވެ. ދިމާކުރާފަދަ ގޮތަކަށެވެ. ސަމާސާ ރާގަކަށެވެ. ނަދުހާ ތެޅިގަތެވެ.

[އާނ، ނަވާލްގެ ހިތްގައިމު ސޫރަ ފެންނަނީ.] ނަދުހާ ނަވާލްގެ ސަމާސާގައި ބައިވެރިވަމުން ހިނިތުންވެލިއެވެ.

[އަވަހަށް މިކުރުނބާ ފަނިތަށި ބޯލާ.....] ނަވާލް އޭނާ ގެނައި ކުރުނބާ ފަނިތަށި ނަދުހާގެ އަތަށް ދިނެވެ. ނަދުހާ ފަނިތަށީގައި ހިފިއެވެ.

[ފާރެއްގެތެރޭންވެސް އަހަރެންގެ ސޫރަ ނަދުހާއަށް ސިފަވުންތީ އަހަންނަށް ލިބުނު ވަރަށްބޮޑު އުފަލެއް. ހިތްހަމަޖެހުމެއް.] ނަވާލް ނަދުހާގެ ބަނޑުގައި އަތްޖައްސާލިއެވެ. ފިސާރި އުފަލާއި ހިތްހަމަޖެހުން ޙިއްޞާ ކުރަމުންނެވެ.

[މިދަރިފުޅު އަހަރެން ހަދަން ބޭނުންވަނީ މޮޅު ޑޮކްޓަރަކަށް.] ނަަވާލް ނަދުހާގެ ބަނޑުގައި އަތް ކާއްތަމުން ވާހަކަ ދެއްކިއެވެ.

[ޒިލާ ވިހާ ދަރިފުޅޯ؟] ނަދުހާ ސީދާ ނަވާލްގެ ލޮލަށް ބަލައިލިއެވެ.

[ޕައިލެޓަކަށް....] ނަވާލް ބުންޏެވެ. ދަރިން އުފަންވުމުގެ ކުރިން ބައެއް މީހުން އެދަރިންގެ މުސްތަޤްބަލް ރާވައެވެ. އުއްމީދު ކުރެވޭ ކުރިމަގަކަށްޓަކައެވެ. ދަރިޔަކު ލިބުމުން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް މުޖްތަމަޢަށް ފައިދާކުރަނިވި ކުއްޖަކަށް ދަރިފުޅު ހެދުމަކީ، މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. ތަހުޒީބީ ޒަމާނުގައި ތިމާއަށް ލިބޭ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ، ކޮންމެ މަޔަކާއި ބަފަޔަކުވެސް ކުރަންޖެހޭ ކަމެކެވެ. ނަވާލް ބޭނުންވަނީ އެފަދަ ބަފައިންނަށް މިސާލެއްފަދަ ބައްޕައަކަށްވާށެވެ. އެއީ ނަދުހާގެވެސް އުއްމީދެވެ.

[ބައެއް ފިރިހެނުން ދެކޭގޮތުގައި، ދަރިން ތަރުބިއްޔަތު ކުރުމަކީ އެކަނި މައިމީހާގެ ޒިންމާއެއް...އެކަމަކު އެއީ އަހަރެން ޤަބޫލުކުރާ ގޮތެއް ނޫން. ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވޭނީ، މަންމައެކޭ އެއްވަރަށް ބައްޕަގެ ޙިއްޞާވެސް ލިބިގެން.] ނަވާލް ބުންޏެވެ.

[ވިހޭމަ......ނަވާލްގެ ތިވާހަކަވެސް ބަދަލުވެދާނެ. ރޭގަނޑު ދަންވަރު ދަރިފުޅު ރޯތީ ރުޅިއަންނާނެ. ހިތަށްއަރާނެ މިއޮތީ ކަންތަކާ ޖެހިފައޭ.....] ނަދުހާ އޭނާގެ ބައެއް ކްލާސްމޭޓުންނަށް ދިމާވެފައިވާ ޙާދިޘާތަކަށް ވިސްނާފައި ބުންޏެވެ.

[ނަދޫ ދައްކާ ވާހަކަ. އަހަރެންގެ ދަރިއަކު ރޮއެގެން އަހަންނަށް އުނދަގޫވާނެތަ؟ ނަދޫ ދެކެނީ އަހަންނަކީ ވަރަށް ޚުލްޤެއްނެތް މީހެއްގެ ގޮތުގައިދޯ.] ނަވާލް އެނދުގައި ދެފައި ދަމާލާފައި އޮށޯތެވެ.

[ނޫން ތިކަހަލަ އޯގާތެރި ފިރިން ވަރަށް މަދުވާނެ. އަހަންނަކީ ވަރަށް ނަޞީބު ރަނގަޅު މީހެއް. ތިޔަފަދަ ހެޔޮވިސްނޭ ފިރިޔަކު ލިބުމުން، ޙަޤީޤަތުގައި އަހަރެން ފަޚްރުވެރިވާންޖެހޭނެ.] ނަދުހާ ފިރިމީހާއަށް ތަޢްރީފު ކުރިއެވެ.

މިފަދައިން ދުވަސްތައް ފާއިތުވަމުންދެއެވެ. މިހާރު ނަދުހާގެ ބަނޑަށްވެސް ހަމަސް ފުރިއްޖެއެވެ. މިހާރު ނަދުހާއަށް މުނާޒް ނުފެންނަތާވެސް ދުވަސްތަކެއް ވެއްޖެއެވެ. އެހެންކަމުން، ނަދުހާއަށް ވަނީ ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. ދަލޭކަވެސް ނުފެންނަތާ މިހާރު އެހާ ދުވަސް ވެއްޖެއެވެ. ދަލޭކައަކީ އިންސާނެއް ނޫން ކަމަށްވެސް މަންމައަށް ގުޅާފައި، މަންމަ ގާތު ބުނުމަށް ނަދުހާ ހިތަށްއަރައެވެ. ނަމަވެސް، އެކަމަށް ހުއްޓުން އަންނަނީ، އަމިއްލަ ޙާލާދޭތެރޭ ވިސްނުނީމައެވެ. އޭނާގެ ހިތަށް އަރައެވެ. ދަލޭކަދައްތަގެ ވާހަކަ މަންމައާއި ބައްޕަ ގާތު ބުނެފިއްޔާ، އޭނާގެ ޙަޤީޤަތް ދަލޭކަދައްތަ ފަޅާއަރުވަފާނެއެވެ. އޭރުން އޭނާ ފަޟީޙަތްވެ ދުނިޔެއަށް ގިނަވެދާނެއެވެ. މަންމަމެނަށްވެސް ނޭނގޭ ސިއްރުތައް އެނގިދާނެއެވެ.

[މަންމާ....ދަލޭކަދައްތަ މިއިން ދުވަހަކުވެސް ދުށިންތަ؟] ނަދުހާގެ މަންމަ އޭނާގެ ޙާލު ދުށުމަށް ގެއަށް އައިސް ވަނުމާއެކު އެއްސެވެ.

[މީގެ ދެމަސްކުރިން ކޮންމެވެސް ފިރިހެން ކުއްޖަކާއެކު ގެޔަށްދިޔަ. ބުނީ އޭނަގެ އަވަށްޓެރި ކުއްޖެކޯ، މުނާޒޯ ކިޔަނީ. އަދި ބުނި ކީއްކުރަންހޯ ނަދުހާ ނަވާލާ ދެވީ މިފަހަރުވެސް. އިނދެގެން ނޫޅެވޭނެޔޭ.] މަންމަގެ ޖުމްލަތަކުން ނަދުހާ ނުތަނަވަސްވެއްޖެއެވެ. މޫނުމަތީގެ އަސަރުވެސް ވަގުތުން ބަދަލުވެއްޖެއެވެ. [ދެން އިތުރު ވާހަކައެއް ނުބުނޭތަ؟] ނަދުހާ ހިތް އަވަސްވިއެވެ.

[އާނ، ދެން މަޑުވެސްކޮށްނުލާ ހިނގައްޖެ. އެމީހުންނަށް ސައިހަދަން ބަލާލިއިރު ލީލާވެސް ގެޔަކު ނެތް.] މަންމަ ބުންޏެވެ.

[ދަރިފުޅު ދެންވެސް ފިރިމީހާއަށް ކިޔަމަންތެރިވެގެން ރަނގަޅަށް އުޅޭތި....މިސާލަކަށް، ދަރިފުޅު، ދަރިފުޅުގެ މަންމައަށް ބަލާލަބަލަ.....] ޒުހުރާ ނަދުހާގެ ބުރަކަށީގައި ފިރުމާލިއެވެ.

[މަންމަޔާ ވަރަށް ތަފާތުވާނެއެއްނު. މަންމައަށް ލިބުނީ މަންމަ މިދުނިޔެއިން އެންމެ ލޯބިވި މީހާ. އެހެންމެ ބައްޕަވެސް މަންމަދެކެ އެހާވަރަށް ލޯބިވޭ....] ނަދުހާ ބުންޏެވެ.

[ދަރިފުޅުދެކެވެސް ނަވާލް ކިހާ ލޯބިވޭ....އެއީ ކިހާ އޯގާތެރި ފިރިއެއް.] ނަވާލަށް ތަޢްރީފް ކުރަމުން ޒުހުރާ ބުންޏެވެ. ޙަޤީޤަތުގައިވެސް މިހާރު ނަދުހާގެ ހުރިހާވެސް ފަޚްރަކީ ހެޔޮލަފާ ފިރިމީހާއެވެ.

[ދެމައިން ހާދަ އޮލަ ވާހަކައެއްގަ....] އެވަގުތު ކޮޓަރިއަށް ވަން މަރީނާގެ އަޑުން ނަދުހާމެން ސިހުންވިއެވެ. މަރީނާ އައިގޮތަށް އައިސް ދެމައިން ގާތަށް ހުއްޓިއްޖެއެވެ.

[މިދައްކަނީ މަރީނާމެންގެ ރަނގަޅު ވާހަކަ. އަހަރެން ފެނިއްޖެއްޔާ އަބަދުވެސް މިމަންޖެގެ ކަމަކީ މަރީނާމެނަށް ތަޢްރީފް ކުރުން. މަރީނާމެންގެ ރަނގަޅު ވާހަކަ ދެއްކުން.....] ޒުހުރާ ބުންޏެވެ.

[ރަނގަޅުވާނެ ކަމެއް ނެތެއްނު. މިމަންޖެ ގާތު ބަދިގެއަށްވަދެ މަސައްކަތް ނުކުރާށޭ ކިތަންމެ ވަރަކަށް ބުންޏަސް، ބަދިގެއަށްވަދެ މަސައްކަތްވެސް ކުރޭ.] މަރީނާ ނަދުހާގެ ބޮލުގައި އަތް ކާއްތާލިއެވެ.

[މިއަދު މިގެއިން ދާންވާނީ ތިންމައިން އެއްކޮށް ސައިބޮއިގެން. ހިނގާ ސައިބޯން....] މަރީނާ، ޒުހުރާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ.

ދުވަސްތަކަކަށްފަހު ދަލޭކަ ނަދުހާއަށް ފެނުނީ އެދުވަހު ނަދުހާގެ މަންމަ ޒުހުރާ އެގޭގައި އިނދެފައި ދިޔަތާ ބައިގަޑިއެއްހާއިރު ފަހުންނެވެ. މިފަހަރުވެސް ދަލޭކަ އައިސްވަނީ ނަދުހާ ކޮޓަރިތެރޭ އެކަނި ހުއްޓައެވެ. ދަލޭކަ ފެނުމާއެކު ނަދުހާގެ ދެލޯ ބޮޑުވިއެވެ.

[ކާކުތީ....؟ ނުކުމޭ މިތަނުން ތީ ދަލޭކަދައްތައެއް ނޫން...] ނަދުހާ ހަޅޭއްލަވައިގަތެވެ. ދަލޭކަ ލުއި ހިނިތުންވުމަކާއެކު އައިސް ނަދުހާއާ ދާދި ގާތަށް ހުއްޓިއްޖެއެވެ.

[އަޑުގަދަ ނުކުރޭ ދަރިފުޅާ....] ދަލޭކަ ނަދުހާގެ އަތުގައި ހިފެހެއްޓިއެވެ. ނަދުހާ ބިރުގަތެވެ. ކުރިން ދުވަހަކުވެސް އޭނާ އެވަރަށް ބިރެއްނުގައެވެ. އެހެންކަމުން، އޭނާ ދަލޭކަގެ އަތް ފޮޅުވާލުމަށްފަހު، ދުވެފައިގޮސް ކޮޓަރިން ނުކުތެވެ. އެއީ އޮފީސް ނިންމާފައި އައިސް ނަވާލް ގެއަށް ވަން ވަގުތުކަމުން، ނަދުހާއަށް ނުކުމެވުނީ ނަވާލްގެ ކުރިމައްޗަށެވެ. އޭރު ނަދުހާ ހުރީ މާނޭވާލެވިފައެވެ.

[ނަދޫ! ކިހިނެއްވީ؟] ނަވާލް ނަދުހާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ނަދުހާ ރޮއިގަންނަމުން ނަވާލްގެ މޭގެތެރޭގައި ބޮނޑިވެލިއެވެ. ނަވާލް ނަދުހާ އަތުލަފިކޮށްގެން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަން އުޅުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން