image ގައްދޫ ރަޝީދު   8 ސެޕްޓެމްބަރު 2020 - 12:36
ގާތްކަން އިތުރުވަނީއެވެ. ދުރުހިލޭގޮތް ކެނޑެނީއެވެ. ރައްޓެހިކަން އާލާވަނީއެވެ. އެކަމަކު ޖަލާލީ އެނބުރެމުން ދަނީ ކަނޑައެޅިފައިވާ ދާއިރާގެ ތެރޭގައެވެ. މިދާއިރާ ބައެއް ފަހަރަށް ޖަލުގެ ކުޑަގޮޅިއަކަށް ވެދެއެވެ. އެތަނުގައި އޮވެ ނޭވާ ހާސްވަމުންދާ ކަމުގައި އޭނާއަށް ހީވެއެވެ. މިއާ ޚިލާފަށް ޖަޔާ ކެނޑިނޭޅި ވާދަކުރަމުން ގެންދަނީއެވެ. ޒުވާން ރީތި އަންހެން ކުއްޖަކު ކައިރީގައި އުޅޭއިރު ޖަޒްބާތުތައް މޯޅިއަށް ދެމުމަކީ އާކަމެއް ނޫނެވެ. އަދި ނާޖިޔާ މިހާރު ހުންނަނީވެސް ފަރިކަން ދައްކަން ފައިވިއްދާފައެވެ. ކެނޑިނޭޅި ފަރި ޙަރަކާތްތަކުގެ މަންޒަރުތައް ދެއްކުމަކީ އޭނާގެ ވާޖިބެއް ކަހަލައެވެ. އެއީ އޭނާ ކުޅޭ ކުޅިގަނޑެކެވެ. މިކަމުން ޖަލާލީގެ ފުރާނައަށް އަނިޔާ ބިލެމުންދެއެވެ. އެކަމަކު އޭނާ ހުންނަނީ އޭނާގެ ގޮތުގައެވެ. ބައެއް ފަހަރަށް ކޮށްލެވޭ ކުޑަކުޑަ ކަމަކުން މިރީތި ހުވަފެންވެސް ފުނޑުފުނޑުވެގެން ހިނގައިދާނެކަމުގެ ބިރު އޭނާގެ ހިތު ތެރޭގައި އުފެދެއެވެ. އަދި ޖަޔާ ފަދަ ރަޙްމަތްތެރިއަކު ލިބުނީތީ އޭނާ ޝުކުރުކުރެއެވެ.

ޖަލާލީ މިހާރު އޭނާގެ އެކަނިވެރި ކަމާއިމެދު ބައެއް ފަހަރަށް ނާޖިޔާ ގާތުގައި ވާހަކަވެސް ދައްކަން ފަށައިފިއެވެ.

މިއީ ވަރަށް ވިއްސާރަ ހަވީރެކެވެ. މިއަދު އެމީހުންގޮސް މިތިބީ ރެސްޓޯރެންޓެއް ގައެވެ. ބިއްލޫރިން ހަދާފައިވާ މި ރެސްޓޯރެންޓަކީ ވިއްސާރައިގެ މަންޒަރު ދުށުމަށް ވަރަށް އެކަށޭނަ ތަނެކެވެ.

ވޭތުވެދިޔަ ތިން ހަތަރުދުވަސް އެމީހުން ކަޑައްތުކުރީ މުޅިންވެސް ބޭރުގައެވެ. ޖަލާލީ ކޮންމެ ދުވަހަކު ޖަޔާ ގޮވައިގެން ބުރުއަޅަން ނުކުމެވެ. އެކި އަވަށް ގަނޑަށެވެ. ބޮޑެތި ހޮޓާ ތަކަށެވެ. ފެންވަރު މަތީ ރެސްޓޯރެންޓް ތަކަށެވެ. ޕާކް ތަކަށެވެ. އެތައް ސިނަމާ ތަކަށެވެ. އަދި ޖަލާލީގެ އެތައް އެތައް ރަޙްމަތްތެރިންނަކާވެސް ބައްދަލު ކުރުވައިފިއެވެ.

ތަޢާރަފް ކުރުމުގައި އޭނާ އަބަދުވެސް ބޭނުންކުރަނީ [މައިފްރެންޑް] ގެ ނަމުންނެވެ.

މިއަދު ރެސްޓޯރެންޓުން ޖަލާލީ ދެކެފަރިތަ އަންހެނަކާ ބައްދަލުވިއެވެ. މިސިޒް ކެޓްރިޖްއެވެ. ޖަލާލީގެ ކައިރީގައި ޖަޔާ އިންތަން ދެކެފައި ބުންޏެވެ.

[ޖަލާލީ މީހަކާ އިނީ ހެއްޔެވެ؟]

ޖަލާލީގެ މޫނު މައޗަށްކުލަވަރެއް އަރާ ފައިބައިގެން ހިނގައްޖެއެވެ. ޖަޔާގެ މޫނުވެސް ރަތްވެގެން ދިޔައެވެ. ފުން ނޭވާއެއް މޭގައި އަޅައިގަތް ކަހަލަގޮތެއް ޖަލާލީއަށް ވެގެން ދިޔައެވެ. ކަންބޮޑުވުމުގެ އަސަރުތައް މޫނުމަތިން ފެނިގެން ދިޔައެވެ.

އޭނާ ވަރަށް އަސަރާއެކު ބުންޏެވެ.

[ތިޔައީ ކުށް ހީއެކެވެ. މިއީ އަހަރެންގެ ރައްޓެހި ކުއްޖެކެވެ. މިސް ނާޖިޔާއެވެ.]

[ރަނގަޅެވެ.] މިސިޒް ކެޓްރިޖް ނާޖިޔާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ. [މިއީ ޕާކިސްތާނު ކުއްޖެއް ހެއްޔެވެ؟]

[އާނއެކެވެ.]

[ވަރަށް ސްމާޓެވެ. ވަރަށް ރީއްޗެވެ.]

[ޝުކުރިއްޔާއެވެ.]

[އަހަރެނަށް ފެންނަނީ ކަލޭމެން ދެކުދިން ކާވެނި ކުރުމެވެ.]

ޖަޔާގެ ތުންފަތް ތުރުތުރު އަޅައިގަތެވެ. ކޮލުގެ ރަތްކަން ގަދަވެގެން ދިޔައެވެ. ޖަލާލީ ކަތިނަޒަރަކުން ޖަޔާގެ މޫނަށް ބަލާލުމާއިއެކު ހިނިތުންވެލާފައި މިސިޒް ކެޓްރިޖް ގާތުގައި މަޑުމަޑުން ބުންޏެވެ.

[ކެޓްރިޖްގެ ވާހަކައަށް އިޙްތިރާމް ކުރެވޭނެނަމަ ކޮންފަދަ ހެއްޔެވެ.]

[ކިހިނެއްވީ ހެއްޔެވެ؟]

[ތިޔަވާހަކަ ހުއްޓާލަމާ ހިނގާށެވެ. ފިރިމަނިކުފާނު ކޮބައި ހެއްޔެވެ. އޭނާގެ ޙާލު ކިހިނެއް ހެއްޔެވެ. މިހާރަކަށް އައިސް އޭނާ ނުވެސް ފެނެއެވެ.]

އޭނާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

އެކަމަކު ޖަލާލީއާ ނާޖިޔާ ގެއަށްދާން ތެދުވުމުން ކެޓްރިޖް ޖަޔާ ގާތުގައި ބުންޏެވެ.

[ހަމައެކަނި ރަޙްމަތްތެރިކަމަކީ މާކަ އާރުލާ އެއްޗެއްނޫނެވެ. ޖަލާލީއާ ކާވެނީގެ ގޮތުން ގުޅޭށެވެ. ޖަލާލީއަކީ މިހާރު އެކަނިވެރިއެކެވެ.]

[ޖަޔާއެވެ.] ޖަލާލީ އުރުދޫބަހުން ބުންޏެވެ. [އޭނާގެ ވާހަކައިން އެއްޗެކޭ ހީނުކުރާށެވެ. އޭނާ އެއުޅެނީ އަހަރެން އެކަނި އުޅޭތީ ކަންބޮޑުވެގެންނެވެ. ކޮންމެ މީހަކުވެސް ނަގަނީ މި މަސްއަލައެވެ.]

ދެމީހުން ގެއަށްދިޔަ މަގުމަތީގައި މާގިނަ ވާހަކައެއް ނުދައްކައެވެ. ޖަޔާ އިނީ ލަދުންނެވެ. ސިހިސިހިއެވެ. ޖަލާލީ ނާޖިޔާއަށް މިސިޒް ކެޓްރިޖްގެ ވާހަކައިގެ އަސަރު ވިސްނާދެމުން ގެންދިޔައެވެ. އޭނާ ޖަލާލީގެ މޫނުމަތީގެ ކުލަވަރުތައް ރަނގަޅަށް އިޙްސާސް ކުރިއެވެ.

މިހާރު ދެމީހުން ތިބީ ގޭގެ ލިވިންގ ރޫމުގެއެވެ. ޓީވީގައި އޮތީ ވަރުގަދަ ޖާސޫސީ ފިލްމެކެވެ. ބޭރުގައި ގަދައަށް ވާރޭވެހެމުން ދިޔައެވެ. ފުރާޅުތަކަށް ވާރޭގެ ބޮޑެތި ތިކިތައް ފައިބަމުން ދާއިރު ރީތިރާގެއް އެކުލެވިފައިވާ ކަހަލައެވެ.

މިއަދު ޖަލާލީގެ ހިތް މާބޮޑަކަށް ހަމައެއް ނުޖެހެއެވެ. އުދާސްކަމެއް އެހިތައް ވެރިވެފައިވެއެވެ. އޭނާ ކޮފީ ހަދައިގެން އައިސް ޖަޔާއަށް އެއްތަށި ދިނެވެ. އަނެއްތަށި ކުރިމަތީގައި ބެހެއްޓިއެވެ. އެކަމަކު އޭނާ ކޮފީއެއް ނުބޮއެވެ. ސިކުނޑީގައި މިސިޒް ކެޓްރިޖްގެ ވާހަކަތައް ގުގުމާލާފައިވެއެވެ. ޖަޔާއާ ވާހަކަ ދައްކަމުން ދިޔައެވެ.

[ޖަލާލީއަކީ ޕާކިސްތާނުގެ ކޮންއަވަށެއްގެ ބޭކަލެއް ތޯއެވެ.] ޖަޔާ ކުއްލިއަކަށް ސުވާލުކުރިއެވެ.

[އަހަރެން ހެއްޔެވެ؟] ޖަލާލީ މިސުވާލާމެދު ސިހިފައި ބުންޏެވެ.

[ލައްބައެވެ.] ޖަޔާ ކޮފީތަށި އަނގައިގައި ޖައްސާލިއެވެ.

[އަހަންނަކީ ކުރީގައި ލައިލްޕޫރުގެ މީހެކެވެ.] ޖަލާލީ ގޮނޑީގައި ލެނގިލަމުން ބުންޏެވެ.

[ކިހިނެއްވީ ތޯއެވެ.] ޖަޔާ އަވަސް އަވަހަށް ބުންޏެވެ. [ޖަލާލީގެ މައިންބަފައިންނާ އެއްބަނޑު މީހުން ކޮބައިތޯއެވެ؟]

[މައިންބަފައިންނެއް މިހާރަކު ނެތެވެ.] ޖަލާލީ ވަރަށް ހާސްވެއްޖެއެވެ.

[އެމީހުން ދުނިޔެ ދޫކުރެއްވީތޯއެވެ؟]

[ވަރަށްގިނަ ދުވަސް ވެއްޖެއެވެ.]

[އެއްބަނޑު ތިމާގެ މީހުން އެބަ ތިބިތޯއެވެ؟]

[އެއްވެސް މީހަކުނެތެވެ. ނާޖިޔާއެވެ. އަހަރެންގެ އެއްވެސް މީހަކު ނެތެވެ.] އޭނާ ހިނދުކޮޅަކު ހިމޭނުންއިނެވެ. ދެން ދެރަވެލާފައި ބުންޏެވެ. [އަހަންނަކީ އެއްވެސް ކަހަލަ ތިމާގެމީހަކު އަދި ހެޔޮއެދޭ މީހަކުހުރި މީހެއްނޫނެވެ. މިހާރަކުވެސް ނެތެވެ. ފަހުންވެސް ނުހުންނާނެއެވެ.]

ޖަލާލީ ސިއްރުން ނާޖިޔާއާ ދިމާއަށް ބަލާލިއެވެ. ޖަލާލީގެ ލޮލުގައި ކަރުނައިގެ ތެތްކަން އެކުލެވިފައިވެއެވެ. އޭނާ ސޯފާގެ މަގަތަށް ޖެހިލާފައި ދެއަތް ދެއަތަށް އުނގުޅާލަމުން ބުންޏެވެ.

[ނާޖިޔާއެވެ. ދުނިޔެއިން ނާޖިޔާއަށް މިކަހަލަ އިންސާނެއް ނުފެންނާނެ ކަންނޭގެއެވެ.]

ޖަލާލީ އުދާސްވަމުން ދިޔައެވެ. ފަޟާގައި ހިތާމަވެރި ކުލަތައް ޖެހެމުން ދިޔައެވެ. އަދި މިމޮޅިވެރިކަން ފުނޑު ފުނޑުކޮށްލުމުގެ ގޮތުން ނާޖިޔާ އުފާވެރި ގޮތަކަށް ބުންޏެވެ.

[ދުކީމެވެ.]

ޖަލާލީ ފަރުވާތެރި ކަމާއެކު ނާޖިޔާގެ މޫނަށް ބަލާލިއެވެ. އޭނާ ހިނިތުންވެފައި އިނެވެ.

ޖަލާލީގެ ހިތުގައި ޖެހުނެވެ. [މިއީއަހަންނަށްޓަކައި ވެވޭ ހިނިތުން ވުމެއްނަމަ ކޮންފަދަ ހެއްޔެވެ.]

ޖަޔާ ފާޅުގައި ހިނިތުންވަމުން ދިޔައެވެ. އެކަމަކު އޭނާގެ ހިތް ކަތިލެވެމުންދާ ކަހަލައެވެ. ހުރިހާ ހުރަސްފާރެއް ތަޅާ ފުނޑުފުނޑު ކޮށްލުމަށް އޭނާގެ ހިތަށް އެރިއެވެ. ލަދުވެތިކަމުގެ ހިލިހިލާތައް ބުރިކޮށްލާފައި ޖަލާލީ ގެނެސް މޭގައި ޖައްސާލަންވީއެވެ. މަންމައަކު ދަރިފުޅު ގެނެސް މޭގައި ޖައްސާލާ ފަދައިންނެވެ.

ޖަލާލީ ވަރަށް އަސަރާ ހިތާމައާއެކު އޭނާގެ ޙަޔާތާ ބެހޭގޮތުން ޖަޔާ ގާތުގައި ވާހަކަދައްކަމުން ދިޔައެވެ. ޖަޔާގެ ކެތްތެރިކަން ކުޑަވަމުން ދިޔައެވެ. އޭނާ ލޮލުން އެތައް ފަހަރަކު ކަރުނަވެސް އައެވެ. އެކަމަކު ހިތްވަރުކޮށްލާފައި އެކަރުނަތައް ހިންދަމުން ދިޔައެވެ.

[މައިން ބަފައިންނާ އެއްބަނޑު ތިމާގެ މީހުން ހަމައަށް ތިބި މީހަކަށް މިކަހަލަ ވީރާނާކަމެއް އިޙްސާސެއް ނުކުރުވޭނެއެވެ. އަހަރެން އަމިއްލަ ވަޠަންދޫކޮށް މިތަނަށް އައުމަށްފަހު ވޭތުވެދިޔަ ޙަޔާތާ ބެހޭގޮތުން ވިސްނާލާ އެއްވެސް ފަހަރަކު އުފާވެރިކަމެއް އިޙްސާސެއް ނުކުރެއެވެ.] ޖަލާލީ ވަރަށް އަސަރާއެކު ބުންޏެވެ. ޖަޔާ އިސްޖަހައިގެން އިނެވެ.

[ނާޖިޔާއެވެ. ތެދެއްބުނަން ހެއްޔެވެ. ދެރަވާވަރުން ކިތަންމެ ފަހަރަކު މައިންބަފައިންގެ ޤަބުރުކޮނެގެން އެމީހުނާ ސުވާލުކުރަން ހިތަށް އަރައެވެ. އަހަރެން ދުނިޔެއަށް އައުމާއެކު ކަރުގައިހިފާ މަރާނުލީ ކީއްވެގެންތޯ ސުވާލުކޮށް މިހާ ބިރުވެރި ސިފައެއްގެ އިންސާނަކު ދުނިޔޭގައި ކުޅިގަނޑަކަށް ހެދުމަށްޓަކައި ދިރިހުއްޓަ ދިނީ ކީއްވެގެންތޯ އޮޅުން ފިލުވަން ހިތަށް އަރައެވެ.]

[ޖަލާލީއެވެ!] ޖަޔާ ފުރަތަމަ ފަހަރަށް ބޭއިޚްތިޔާރުގައި ބުންޏެވެ. އޭނާ ތުންފަތުގައި ދަތްއަޅައިގެން އިނދެ އަތުގެ އިނގިލަތަށް ފިތަމުން ދިޔައެވެ.

ޖަލާލީ ޙައިރާން ކަމާއެކު އޭނާއާ ދިމާއަށް ބަލާލިއެވެ. ޖަޔާގެ ލޯތެމިފައިވެއެވެ. ޖަލާލީގެ ހިތް އެފުށް މިފުށަށް ޖެހިއްޖެއެވެ. ބޭއިޚްތިޔާރުގައި ޖަޔާ އަތްދަނޑި މައްޗަށް ނަގާ ލޯބިކޮށްލުމަށް އޭނާގެ ހިތަށް އަރިއެވެ.

އެކަމަކު.... އޭނާ އެފަދަ ޢަމަލެއް ނުކުރިއެވެ. އަވަހަށް ސޯފާއިން ތެދުވެއްޖެއެވެ. [ނާޖިޔާއެވެ. ޢުޒުވެރިވަމެވެ. މާބޮޑަށް ޖަޒުބާތުގައި ޖެހެވުނީއެވެ. އަހަންނަކީ އެއްވެސް މީހެއްގެ ހަމްދަރުދީ މިގޮތަށް ޙާޞިލުކުރުމަށް އެދޭމީހެން ނޫނެވެ. އަހަންނާމެދު ކުށްހީއެއް ނުކުރާށެވެ. އަހަރެން......]

އޭނާ ހިނދުކޮޅަކު ހިމޭންވިއެވެ. ދެން ބާރަށް ހިނގާފައި ކޮޓަރިއަށް ހިނގައްޖެއެވެ.

ހިފަހައްޓާލުމުގެ ހިނދުކޮޅު އަނެއްކާވެސް އަތްދަށުން ދަމާލައިފިއެވެ.

ޖަޔާވެސް ހިތުގައި ހިފަހައްޓައިގެން ކޮޓަރިއަށް ހިނގައްޖެއެވެ. ޖަލާލީއަށްޓަކައި މޭގައި ރިހުން އުފެދިފައިވާއިރު އޭނާ ޖަލާލީ ދެކެ ރުޅިވެސް އާދެއެވެ.

މިހާރުވެސް ގަދައަށްވާރޭ ވެހެއެވެ. ގަދައަށް ވައިޖެހެމުން ދިޔައެވެ. ގުގުރުމާ ވިދުމުގެ ސަބަބުން ހިތްތެޅެމުން ދިޔައެވެ. މިކަހަލަ މޫސުމުގައި ހިތްއެޅޭނީ އެކަކު އެކަކާ ގައިގޯޅިވުމަށެވެ. އެކަމަކު މިގޭތެރޭގައި ކަންތައް ދިމާވަނީ އެއާ އިދުކޮޅަށެވެ.

ކިތަންމެ ފަހަރަކު ތެދުވެގެން ޖަލާލީގެ ކޮޓަރިއަށް ހިނގައިދާނަމޭ ޖަޔާގެ ހިތަށް އެރިއެވެ. އޭނާ ތެދުވެ އިށީނދެއްޖެއެވެ.

އެއްފަހަރު އެނދުން ތެދުވެގެން ދޮރާހަމައަށްވެސް އައެވެ. އެކަމަކު ފިޔަވަޅުގައި ދަލުވެތިކަމުގެ ކަސްތަޅު އެޅިފައިވާ ކަހަލައެވެ. ދޮރުން ބޭރަކަށް ނުނިކުމެވުނެވެ.

އަނެއްކޮޅުން ޖަލާލީވެސް އޮތީ މިކަހަލަ ހަމަނުޖެހުމެއްގެ ތެރޭގައެވެ. ޖަޔާ އޭނާއަށް އެދެއެވެ. އެކަމަކު ޖަލާލީ ނާޖިޔާގެ ކައިރިއަށް ދިއުމުގެ ފިކުރެއް ނުކުރެއެވެ. ޖަޔާގެ ރަޙްމަތްތެރިކަމަކީ ލިބުނު ޣަނީމާއެއް ކަމުގައި އޭނާ ދެކެއެވެ. ކައިރީގައި އުޅުމުގެ ސަބަބުން ޖަޔާގެ ހިތުގައި އޭނާއަށްޓަކައި ހަމްދަރުދީ އުފެދެމުންދާކަންވެސް އިޙްސާސް ކުރެވެއެވެ.

އެކަމަކު........

ހަމްދަރުދީ!؟

ހަމްދަރުދީއަކީ އޭނާ ބިރުގަންނަ ލަފުޒެކެވެ. ނަފްރަތު ކުރާ ލަފްޒެކެވެ. ފޫހިވާ ލަފްޒެކެވެ.

އޭނާ ބޭނުންވަނީ ލޯތްބެވެ. ލޯބީގެ އުންމީދެވެ. އިޚްލާޞްތެރިކަމެވެ. އަދި މިހުރިހާކަމަކީ ކެހިވެރި ކަންތައްތަކެއް ކަމުގައި އޭނާ ޔަޤީން ކުރެއެވެ. އެއީ ފަހަރެއްގައިވެސް އޭނާއަށް ލިބޭނެ އެއްޗެއްނޫނެވެ. މިކަން ޖަޔާގެ ފަރާތުން އޭނާއަށް ފާޅުވެ އެނގެއެވެ. ލޯބި ލިބިދާނެކަމުގެ ތަޞައްވުރެއްވެސް އޭނާއަކަށް ނުކުރެވޭނެއެވެ. މިދުވަސްކޮޅު އަދި ވަކިން ބޮޑަށް އަމިއްލަ ސިފައާއިމެދު އޭނާއަށް އިޙްސާސް ކުރެވެއެވެ.

ރޭގަނޑު ވޭތުވެގެން ހިނގައްޖެއެވެ.

ހެނދުނު ހޭލިއިރު ދެމީހުންގެ މޫނުމަތީގައިވެސް އުފާވެރިކަމުގެ އަސަރެއްނެތެވެ. ރޭގަނޑުގެ ނިދިން މަޙްރޫމްވުމުގެ ސަބަބުން ލޯރަތްވެފައިވެއެވެ. މިކަންތައްތައް ސިއްރު ކުރުމަށްޓަކައި ދެމީހުންމެ އުފާވެރިކަމުގެ ފަރުދާއެއް މޫނު މައްޗަށް ވައްޓާލާފައި ވެއެވެ.

[ރަޙްމަތްތެރިޔާއެވެ. ރޭގެ ވަގުތުތައް ހޭދަކޮށްލީ ކިހިނެއް ހެއްޔެވެ.] ޖަލާލީ ބުންޏެވެ.

ޖަޔާގެ ހިތް ކަރުތެރޭގައި ތާށިވެއްޖެއެވެ. ކުއްލިއަކަށް ޖަލާލީގެ މޫނަށް ބަލާލިއެވެ.

[ގަދަ ވިއްސާރައާއެކު ވިދުމާ ގުގުރުމުގެ ސަބަބުން ރޭގެ ނިންޖަކަށް އެއްވެސް އަރާމެއް ނުލިބުނެވެ.] އޭނާ ބުންޏެވެ.

ޖަޔާ އަނެއްކާވެސް ކަތިނަޒަރަކުން ބަލާލިއެވެ. [ސާފުބަހުން ބުނުމުގައި އޮތީ ކޮންގެއްލުމެއް ހެއްޔެވެ؟ ކަލޭ ނިދިން މަޙްރޫމްކޮށްލީ ހިތުގެ އެދުމެވެ.]........ އެކަމަކު މިޖުމްލަ ޖަޔާ ދުލުން ބޭރެއް ނުކުރިއެވެ. އަދި ހިނިތުންވެލަމުން މަލާމާތުގެ ގޮތަކަށް ބުންޏެވެ.

[ކަލާގެ ފިނޑިކަން ހާދަހާ ބޮޑެވެ.]

[ތިޔަބުނީ ހަމަ ތެދެކެވެ.] ޖަލާލީ ފަސޭހަގޮތަކަށް ބުންޏެވެ.

ޖަޔާ ނުރުހުންވެފައި ބަލާލިއެވެ. މިބެލުމުގައި އެކުލެވިފައިވާ މާނައެއް ޖަލާލީއަކަށް ނުވިސްނުނެވެ. އޭނާ ބިރުގެންފިއެވެ..... އެކަމަކު ނާސްތާކުރުމުގެ ތެރޭގައި އެއްވެސް ކަހަލަ ނުރުހުންތެރިކަމެއް ޖަޔާ ނުދައްކައެވެ. އަމާންކަމާއެކު ނާސްތާކޮށްގެން ޖަލާލީ އޮފީހަށް ހިނގައްޖެއެވެ.

**********************

ޖަލާލީ އޮފީހުގައި އިނދެގެން ވިޔަފާރިއާއި ބެހޭގޮތުން އެތައްބަޔަކާ ބައްދަލުކޮށްފިއެވެ. މިވަގުތުވެސް އޭނާ އިންޑޮނޭޝިޔާއިން ގެނެސްފައިވާ އިތާތަކެއްގެ ނަމޫނާއާ ބެހޭގޮތުން މީހަކު ވާހަކަ ދައްކަނީއެވެ. ރޭޓްތަކާ ބެހޭގޮތުން އިރުކޮޅަކު ބަޙުޘް ކުރެވުނެވެ. އެއަށްފަހު ދެފަރާތް އެއްބަސްވާ ގޮތަށް ނިމިއްޖެއެވެ. ޖަލާލީ އެޝިޕްމެންޓް ހުރިގޮތަށް ގަތީއެވެ.

އޭނާގެ މެނޭޖަރު ލިޔުންތައް ތައްޔާރު ކުރުމަށްފަހު އެމީހާ ގޮވައިގެން ޖެހިގެންހުރި ކޮޓަރިއަށް ހިނގައްޖެއެވެ.

ޖަލާލީ ގޮނޑީގައި ލެނގިލުމާއިއެކު ދެފަރާތަކަށް ގޮނޑި ޙަރަކާތް ކޮށްލިއެވެ.

މިވިޔަފާރިގަނޑުން ޖަލާލީއަށް ވަރަށްބޮޑަށް ފައިދާ ލިބޭނެއެވެ. އެކަމަކު އޭނާ ކުޑަވެސް އުފަލެއް ނުވެއެވެ. އޭނާގެ އަތުގައި މުދަލާ ފައިސާ ހުރިވަރު ޚުދް އޭނާއަށްވެސް އަންދާޒާ ކުރެވޭނެކަމެއް ނޭނގެއެވެ.

އެކަމަކު އޭނާގެ ހިތުގެ އެންމެ އަޑިއަށް ދާންދެން ފެތުރިފައިވަނީ ހިރަފުހެވެ. މިހުރިހާ މުދަލެއް ދީގެންވެސް އޭނާއަކަށް އުފާވެރިކަމުގެ އެންމެ ހިނދުކޮޅެއްވެސް ނުގަނެވޭނެއެވެ. މިއީ ހަމަމުޅިން ބޭކާރު މުދަލެކެވެ.

އޭނާގެ ރަޙްމަތްތެރިން ކުރީ ކުށް ތަޖްރިބާއެކެވެ. އެމީހުން މަސައްކަތްކުރީ ފައިސާވެރިކަމުގެ އޮށް އިންދައިގެން އުފާވެރިކަން ހޯދުމަށެވެ. ޖަޔާ ގޮވައިގެން އައީ ފައިސާގެ އެހީގައެވެ. އެކަމަކު ފައިސާ ފުންޏެއް ޚަރަދުކުރި ކަމުގައިވިޔަސް އުފާވެރިކަމުގެ އެންމެ ހިނދުކޮޅެއްވެސް ނުގަނެވޭނެކަން ޖަލާލީއަށް ރަނގަޅަށް އެނގިއްޖެއެވެ.

ޖަޔާއާ ކާވެނި ކުރުމަކުންވެސް އޭނާއަކަށް ޖަޔާއެއް ނުލިބުނެވެ. ރަޙްމަތްތެރިންގެ މިތަޖުރިބާގެ ސަބަބުން ޖަލާލީގެ ޙަޔާތް ވީރާނާވެއްޖެއެވެ. ޖަޔާއަށްޓަކައި އޭނާގެ ހިތުގައި ލޯބީގެ ޠޫފާނެއް އުފެދިފައިވެއެވެ. ވަގުތު ހޭދަވަމުން ދިޔަވަރަކަށް ހިތުގައި ހައިޖާނު ގަދަވަމުން ދިޔައެވެ. ޢިޝްޤާ ލޯބީގެ މިކަހަލަ މަރްޙަލާއެއްގައި މީގެ ކުރީގައި ދުވަހަކުވެސް އޭނާ ނުޖެހެއެވެ.

އޭނާ ވިސްނުމުގެ ތެރޭގައި އިންދާ ފޯނު ރަނގަބީލު ވެއްޖެއެވެ..... ވާހަކަ ދައްކަނީ މަންސޫރެވެ.

]ކޮން ޙާލެއް ހެއްޔެވެ؟]

[ރަނގަޅެވެ.]

[ފަހަރި ކިހިނެއް ހެއްޔެވެ؟]

ޖަލާލީގެ ހިތް ޑަންޑާލާފައި ތެޅިގަތެވެ. [ރަނގަޅެވެ.] ވަރަށް އުނދަގުލުން ބުންޏެވެ.

[މާދަމާ މިގެއަށް އަންނަންޖެހޭ ނޫން ހެއްޔެވެ. ހަނދާން އެބަހުރި ހުއްޔެވެ؟] މަންސޫރު ބުންޏެވެ.

[ތިޔަބުނީ ރަނގަޅު ވާހަކައެކެވެ. އަހަރެން ހަނދާނެއްވެސް ނެތެވެ.]

[ތެދެކެވެ. މިހާރުދެން އަހަރެމެންގެ ހަނދާނެއް ނުކުރެވޭނެއެވެ. އެހެން ނޫން ހެއްޔެވެ؟]

ޖަލާލީ ހިތާދެކޮޅަށް ހީނލިއެވެ.

[ޖަލާލީއަކީ ވަރަށް ނަސީބުގަދަ އިންސާނެކެވެ.]

[ކީއްވެގެން ހެއްޔެވެ؟]

[ނާޖިޔާ ކަހަލަ އަންބަކު ލިބުނީތީއެވެ.]

[އާނއެކެވެ.]

[އެންމެ ރަނގަޅެވެ. މާދަމާ އަނެއްކާވެސް ފޯނުކުރާނީ ހެއްޔެވެ. ނޫނީ ހަނދާން ހުންނާނެ ހެއްޔެވެ؟]

[ނާޖިޔާއަށް ފޯނުކުރާށެވެ. ފަހަރެއްގައި އަހަރެން ހަނދާން ނެތިދާނެއެވެ.]

އެކިއެކި ވާހަކަ ތަކަކަށްފަހު ޖަލާލީ ރިސީވަރު ބާއްވައިފިއެވެ. އޭނާ އިނީ ކުޑަކޮށް ފިކުރު ބޮޑުވެފައެވެ.

އޭނާ ވިސްނާލިއެވެ. ވިސްނަމުން ދިޔަވަރަކަށް ހާސްކަން އިތުވަމުން ދިޔައެވެ. މިސިއްރު ފާޅުވާ ދުވަހަކުން ކިހާ ވަރަކަށް ލަދުގަންނަން ޖެހޭނެ ހެއްޔެވެ.

[އަސްތާއެވެ!] އޭނާ ގޮނޑީގެ ލެނގޭބައިގައި ބޯޖައްސާލުމާއެކު ލޯމަރާލިއެވެ. މިގޮތުގައި އެތައް އިރެއް ހިނގައްޖެއެވެ.

ފޯނު ރަނގަބީލު ވުމާއެކު ޖަލާލީ މަޑުމަޑުން ލޯހުޅުވާލިއެވެ. އިސްއުފުލާލިއެވެ. ދެން ކުރިއަށް ޖެހިލާފައި ރިސީވަރު ނެގިއެވެ.

[ހަލޯ........!]

[މުޝްތާޤު ޖަލާލީ އުޅުއްވާތޯއެވެ؟]

[ވާހަކަ ދައްކަނީ ޖަލާލީއެވެ.]

[އަޅުގަނޑަކީ ޑިވޯސް ކޮންސަލްޓަންޓެވެ.]

[އެހެންތޯއެވެ.]

ޖަލާލީގެ ހަށިގަނޑަށް ކުއްލި ލޮޅުމެއްއެރި ކަހަލައެވެ. އެއީ ވަރީގެ ލިޔުންތައް ތައްޔާރުކުރާ ވަކީލެވެ.

[ހުރިހާލިޔުމެއް ތައްޔާރު ވެއްޖެއެވެ. މިހާރު ބޭނުންވަނީ ދެފަރާތުގެ ސޮޔެވެ. އަޅުގަނޑު މިއެއްޗެހި ހިފައިގެން މިދަނީއެވެ.]

ޖަލާލީގެ ހަށިގަނޑުން ފުރާނަ ނިކުތް ކަހަލައެވެ. ހަށިގަނޑު ލުއިވެފައިވާ ވަރުން ހީވަނީ ފުރާނަނެތް މަސްގަނޑެއް ހެންނެވެ. އަދި އެހަށިގަނޑު ކުނިކޮޅެއް ފަދައިން ފަރާތް ފަރާތަށް ހޫރެމެންދާ ކަމުގައި އިޙްސާސް ކުރެވުނެވެ.

ގަދަ އަޑުފަށްގަނޑަކަށް ވެގެން ފަޟާތެރެއަށް ވެރިވެގަތުމަށް އޭނާގެ ހިތަށް އެރިއެވެ. ކުޑަކުއްޖަކު ފަދައިން އަޑުން އަޑުނަގާ ރޮވިގަތުމަށް ހިތް އެދުނެވެ.

އޭނާ މޭޒުމަތީގައި ދެއަތް ބާއްވާފައި ބޯއަޅާލިއެވެ. އޭނާގެ ހިތާ ސިކުނޑިން ދުންއަރަމުންދާ ކަހަލައެވެ. އޭނާއަށް މިއިނދެވުނީ ކޮންތަނެއްގައި ކަންވެސްނޭގެއެވެ. ކުރެވެނީ ކޮންކޮން ކަމެއްކަމެއް ނޭނގެއެވެ. މިޙާލުގައި އިރުގަނޑެއް ދިޔައެވެ. ދެން ލޮލުގައި ރިއްސަން ފެށިހެން ހީވިއެވެ. މިފަދަ ޙާލެއްގައި ދުވަހަކުވެސް އޭނާ ނުޖެހެއެވެ.

ބާރަ ޖަހަނީއެވެ. ވަކީލު ކޮޓަރިއަށް ވަންނަވައިފިއެވެ. މޭޒުމަތީގައި ދަބަސް ބަހައްޓާލަމުން ގޮނޑީގައި އިށީދެއްޖެއެވެ. ޙާލު އަހްވާލުގެ ވާހަކަތަކަށްފަހު އޭނާ ދަބަސް ހުޅުވާލައިފިއެވެ. އަދި ލިޔުންތައްނަގާ މޭޒުމަތީގައި ބެހެއްޓިއެވެ. ޖަލާލީގެ މޫނު މޯޅިވެފައިވާ ވަރުން ވަކީލު ސުވާލުކުރިއެވެ.]

[ޙާލު ރަނގަޅު ތޯއެވެ؟]

ޖަލާލީ އެއްޗެކޭ ނުބުންޏެވެ.

[ޖަލާލީ ހަމަގަސްތުގައި ވަރިކުރަން ޚިޔާރު ކުރައްވަނީތޯއެވެ.] ވަކީލު ބުންޏެވެ. އެއާއެކު ޖަލާލީ ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. [ތިޔަބުނުއްވީ ހަމަ ރަނގަޅަށެވެ.]

ވަކީލު އިރުކޮޅަކު ވިސްނާލާފައި ބުންޏެވެ. [ސޮއި ކުރެއްވުމުގެ ކުރީގައި އަދިވެސް އެއްފަހަރު ސުލްޙައަށް މަސައްކަތް ކޮށްލައްވަ ބައްލަވާށެވެ.]

[ނޫނެކެވެ. ތިޔައީވާނެ ކަމެއްނޫނެވެ. ސޮރީއެވެ!]

[އެންމެ ރަނގަޅެވެ.]

ވަކީލު މޭޒުމަތީގައި ކަރުދާސްތައް އަތުރާލައިފިއެވެ. ދެން ތެދުވެގެންގޮސް ޖަލާލީގެ ކައިރީގައި ހުރެގެން ސޮއި ކުރަންވާ ތަންތަން ދައްކަމުން ބުންޏެވެ.

[މި ތިންތަނުގައި ދެކަނބަލުން ސޮއި އޮންނަން ވާނެއެވެ.]

[ލައްބައެވެ.] ޖަލާލީ ފިނި ނޭވާއެއް ދޫކޮށްލިއެވެ.

[މާދަމާ އަންނަންވީތޯއެވެ؟]

[ލައްބައެވެ.]

[މާދަމާ އަދި އެއްފަހަރު އެމްބަސީއަށް ދުރުވަން ޖެހޭނެއެވެ. އެބުރުގައި ޖަލާލީގެ މިސިޒްވެސް ގެންދަވަން ޖެހޭނެއެވެ.]

[އެންމެ ރަނގަޅެވެ.]

ވަކީލު ލިޔުންތައް ފުރިހަމަކޮށްފައި ޖަލާލީއާ ޙަވާލުކޮށްފިއެވެ. ދެން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ޖަލާލީ ރަނގަޅަށް ލޯހުޅުވާލާފައި މިލިޔުންތައް ބަލާލިއެވެ. އޭގައި ސޮއިކުރުމަށްފަހު އޭނާއާ ނާޖިޔާ މަޒްހަބީ އަދި ސަމާޖީގުޅުން ކެނޑިގެން ހިނގައިދާނެއެވެ. މިހާރުވެސް އެގުޅުން އޮތީ މިނިވަން ގޮތެއްގައެވެ. އެކަމަކު އަދި ގުޅުމެއް ނުކެނޑެއެވެ.

އޭނާ ކަރުދާސްތަކަށް ބަލަމުން ގެންދިޔައެވެ. އޭގައި އަތްލުމަށް ޖެހިލުންވެ އިނދެގެންނެވެ. އެއީ އަލިފާނުގެ މާއްދާއެއް ކަމުގައި އޭނާއަށް ހީވާ ކަހަލައެވެ. އޭގައި އަތްޖައްސާލުމާއެކު އަލިފާން ރޯވެދާނެއެވެ. އަދި ހުރިހާ އެއްޗެއް ބުރަ ބުރައިގެން ހިނގައި ދާނެއެވެ. އަނދާ އަޅިއަށް ވެދާނެއެވެ. ވިއްސިވިހާލި ވެދާނެއެވެ.

ޖަލާލީ މެންދުރުކާން ގެއަކަށްވެސް ނުދިޔައެވެ. ނާޖިޔާއަށް ފޯނުކޮށް މުހިންމު މަސައްކަތެއްގައި އޮފީހުގައި އިންވާހަކަ ބުންޏެވެ. އެކަމަކު ސެކްރެޓަރީ ގާތުގައި އޭނާ އެއްވެސް މީހަކާ މިއަދު ބައްދަލުނުކުރާނެ ވާހަކަ ބުންޏެވެ. ފޯނުގެ ރިންގްވެސް ކަނޑާލައިފިއެވެ.

އޭނާ ގޮނޑީގައި ޙަރަކާތެއްނެތި އިނެވެ. ދެގަޑިއެއްހާއިރު މިގޮތަށް ވޭތުވެގެން ހިނގައްޖެއެވެ. ދެން ތެދުވެއްޖެއެވެ. ލިޔުންތައް ބްރީފްކޭހަށް ލައިގެން އޮފީހުން ނުކުމެއްޖެއެވެ. އޭނާ މިވަގުތު ފެންނަނީ ވަރަށްބޮޑަށް ފިކުރު ބޮޑުވެފައިވާ ކަހަލަ ގޮތަކަށެވެ.

ކާރުގައި އިށީނދެފައި އޭނާ ޖެހިގެންހުރި ސީޓުގައި ބްރީފްކޭސް ބެހެއްޓިއެވެ. ދެން ކާރު އިސްޓާޓްކޮށް ކުރިއަށް ދުއްވާލައިފިއެވެ. އޭނާ މިޞްރާބު ޖަހާފައިވަނީ ގެއާއި ދިމާއަކަށް ނޫނެވެ.

އޭނާ އެތައް މޭލަކަށް ހައިވޭގައި ކާރު ދުއްވިއެވެ. ރެސްޓޯރެންޓަކަށް ވަނެވެ. ހަމައެކަނި ކޮފީތަށްޓެއް ބުޔެވެ. ޢަދަދެއް ނެތްހާ ސިގިރޭޓް ބުޔެވެ.

އިރުއޮއްސިއްޖެއެވެ. ތަނަވަސް ކަންބޮޑު އުޑުގެ ތަރިތައް ވިދާބަބުޅަން ފަށައިފިއެވެ. މުޅި ޝަހަރު ދިއްލިއްޖެއެވެ. ޒީނަތްތެރިކަން ފެންނަން ފަށައިފިއެވެ. އެކަމަކު ޖަލާލީއަށް ހީވަނީ ކަޅު އަނދިރި ކަނޑަށް ގެނބެމުންދަނީ ހެންނެވެ. ހިތާދެކޮޅަށް އޭނާ ގެއާދިމާއަށް ދުއްވާލައިފިއެވެ.

ޖަލާލީ ލަސްވެގެން ޖަޔާއިނީ ފިކުރުބޮޑުވެފައި ކަންނޭގެއެވެ. އޭނާ ގޭގެ މަތީބުރީގައި ހުއްޓާ ޖަލާލީގެ ކާރު ގަރާޖާ ދިމާއަށް ދިޔަތަން ފެނިގެން އަވަސްއަވަހަށް ތިރިއަށް ފައިބަން ފަށައިފިއެވެ. މިއަދު އޭނާހުރީ ވަރަށްރީތި ފެހި ސާޅި އެއްގައެވެ. އޭނާގެ ކޮނޑު ހާމައަށް ފެންނަން ހުއްޓެވެ. ތުނި ސާޅި ފުރޭނިގެން ބުރަކަށީގެ ބައެއް ފެންނަން ހުއްޓެވެ. އިސްތަށިގަނޑު އޮތީ އައްސާލާފައެވެ. އަދި އެ އިސްތަށިގަނޑު ހަރުފައެއް ފަދައިން ކޮނޑުމަތިންގޮސް މެއާދިމާއަށް އެލިފައި އޮތެވެ. މިއަދުގެ މޭކަޕްވެސް ވަރަށް ރީއްޗެވެ.

ޖަލާލީ ކާރު ބާއްވާފައި އެތެރެއަށް އައިރު އޭނާވެސް ދޮރުކައިރިއަށް އަތުވެއްޖެއެވެ. އޭނާގެ އަތުގައި ވަރަށްރީތި މަލެއް އޮތެވެ. ޖަލާލީގެ ހިތް ޖަޔާއާ ދިމާއަށް ބަލާކަށް ނުރުހުނެވެ.

[ހަދާހާ ލަސްކުރައްވައި ފީމުއެވެ.] ނާޖިޔާ ޝަކުވާގެ ރާގުގައި ބުންޏެވެ.

ޖަލާލީ ކުށްވެރިއަކު ފަދައިން ބަލާލާފައި ބުންޏެވެ. [ސޮރީއެވެ.]

[ތިޔައީ ކޮންފަދަ ސޮރީއެއްތޯއެވެ.] ޖަޔާ ކައިރަށް ޖެހިލަމުން ބުންޏެވެ.

ޖަލާލީއަށް ހިނިތުންވާންވެސް ނޭނގުނެވެ. މިއަދު ޖަޔާގެ ވާހަކަ ދެއްކުމުގައި ޖެހިލުންކުޑަ ގޮތެއް ހުރިކަން ޖަލާލީއަށް ފާހަގަކުރެވުނެވެ. އެކަމަކު ހިތްއޮތީ ތެޅިތެޅިއެވެ. ޖަޔާގެ ވާހަކައަށް ޖަވާބުދިނުމުގެ ގޮތުން އޭނާ ބުންޏެވެ. [މަސައްކަތް ތަންކޮޅެއް ބޮޑީއެވެ.]

ދެމީހުން އެކުގައި ކަހަލަގޮތަކަށް އެތެރެއަށް އަތުވެއްޖެއެވެ. ޖަލާލީ ލިވިންގރޫމަށް އައުމުގެ ބަދަލުގައި ކޮޓަރިއާ ދިމާއަށް އަނބުރާލައިފެވެ. އެހެން ދުވަސް ދުވަހު އޭނާ އެގޮތަކަށް ކަންތަކެއް ނުކުރެއެވެ. މިގޮތް ޖަޔާއަކަށް ނުރުހެވުނެވެ. އެހެން ނަމަވެސް އެއްޗެކޭ ނުބުނެ މާޖަހާއެތި ރީތިކޮށްލިއެވެ. ދެން ޖަލާލީއަށް ސައި ހަދަން ބަދިގެއަށް ހިނގައްޖެއެވެ.

އޭނާ ބަދިގޭގައި ޖަލާލީއަށް އިންތިޒާރު ކުރިއެވެ. ސަޔާއެކު ކަވާބުވެސް ތެލުލިއެވެ. އަދި ބިސްކޯދުވަސް ނެގިއެވެ. އެކަމަކު ޖަލާލީގެ ޚަބަރެއް ނުވިއެވެ.

[އަނެއްކާ ބަލިވީ ނޫންބާވައެވެ.] މިޚިޔާލު އައުމާއެކު އޭނާ ބަދިގޭން ނުކުމެއްޖެއެވެ. ލިވިންގރޫމަށް ދިޔައިރު ޖަލާލީ ނުކުމެގެން އަތުވެއްޖެއެވެ.

[ކިހިނެއްވީތޯއެވެ. އަޅުގަނޑު މިއިންނަނީ ސައި ހަދައިގެންނެވެ. އަނެއްކާ ޠަބީޢަތު ރަނގަޅުތޯއެވެ.] ޖަޔާ ބުންޏެވެ.

[އާނއެކެވެ. ރަނގަޅެވެ.] ޖަލާލީ ފުންކޮށް ނޭވާއެއްލިއެވެ. އޭނާގެ އަތުގައި ކަރުދާސްތަކެއް ހުއްޓެވެ. އޭނާ އެކަރުދާސްތައް ހިފައިގެން އައިސް ސޯފާގައި އިށީނދެއްޖެއެވެ.

[މިތަނަށް ސައިގެންނަން ތޯއެވެ؟] ޖަޔާ ސުވާލުކުރިއެވެ. ޖަލާލީ އެކައްޗެކޭވެސް ނުބުންޏެވެ. އޭނާ ހަމައެކަނި އަތުގައިހުރި ކަރުދާސްތަކަށް ބަލަހައްޓައިގެން އިނީއެވެ.

ޖަލާލީގެ ހާސްކަމާމެދު ޖަޔާ ވިސްނާލިއެވެ. ކޮންމެވެސް ޚާއްޞަ ކަމެއްކަން ހަމަޔަޤީނެވެ. ބޭއިޚްތިޔާރުގައި އޭނާ ސުވާލުކުރިއެވެ. [ތިޔައީ ކޮންއެއްޗެއް ތޯއެވެ.]

[ވަރީގެ ލިޔުންތަކެވެ.] ޖަލާލީގެ އަނގައިން ކުރެވިފައިވާ އަޑެއް ނުކުތެވެ.

ކޮންމެވެސް މީހަކު ޖަޔާގެ ފުރާނަ ދަމައިގަތް ކަހަލައެވެ. އޭނާ ޖަލާލީގެ ކައިރީގައި ސޯފާގައި އިށީދެއްޖެއެވެ. މޭކަޕްނުކޮށް ހުރިނަމަ މޫނުމަތީގެ ކުލަތަކުން ހުރިހާ އެއްޗެއް އެނގުނީހެވެ.

ޖަލާލީ ސޯފާގެ މަގަތަށް ޖެހިލާފައި ޖަޔާއާ ދިމާއަށް ލިޔުންތައް ދިއްކޮށްލަމުން ބުންޏެވެ. [މީގައި ސޮއިކުރަން ހުރި ތަންތާނގައި ސޮއިކުރާށެވެ. ދެން.......]

ޖަލާލީ ރޮވޭކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ދިޔައެވެ. އެކަމަކު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ޖަޔާ ޙައިރާންވެފައި ބަލަހައްޓައިގެން އިނެވެ. އޭނާ ޖަލާލީގެ އަތުން ލިޔުންތައް އަތުލައިފިއެވެ.

ޖަލާލީ ހިނދުކޮޅަކު ހިމޭނުން އިނެވެ. ދެން ވަރަށް އުނދަގުލުން ބުންޏެވެ. [މާދަމާ އެއްބަސީއަށްވެސް ޖަޔާ ދާން ޖެހޭނެއެވެ. އެއަށްފަހު.....]

ޖަޔާ ދެލޯ ބޮޑުކޮށް ބަލަހައްޓައިގެން އިނެވެ.

ޖަލާލީ ގަދަކަމުން ހީނލިއެވެ. ދެން ބުންޏެވެ. [އެއަށްފަހު އަހަރެމެން ނަމަކަށްކުރި ކައިވެނިވެސް ރޫޅިގެން ހިނގައިދާނެއެވެ.]

ޖަޔާ މަޑުމަޑުން ސޯފާއިން ތެދުވެއްޖެއެވެ. އޭނާގެ ބެލުމުގައި ހަރުކަށިކަމާ ރުޅިވެރިކަން އެކުލެވެއެވެ.

ޖަލާލީ އޭނާއާ ދިމާއަށް ބަލާލިއެވެ. ދެން ހިނިތުންވެލަމުން ބުންޏެވެ. [މިކަމަކުން އަދި ރަޙްމަތްތެރިކަމެއް ނުކެނޑޭނެއެވެ.]

[ޖަލާލީއާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫނެވެ.] ޖަޔާ ތުންފަތް ހަފަމުން ހަޅޭލަވައިގަތެވެ. ދެން ރުޅި އައިސްފައި އަތުގައިހުރި ކަރުދާސްތައް ވީދާ ކުދިކުދި ކޮށްލައިފިއެވެ.

[ނާޖިޔާއެވެ.....!] ޖަލާލީ ހަރުއަޑުން ބުންޏެވެ...... ޖަޔާގެ މިޙަރަކާތާމެދު އޭނާއަށް އެކައްޗެއްވެސް ނުވިސްނުނެވެ..... ތިޔަކުރީ ކީއްހެއްޔެވެ.]

ޖަޔާ ކަރުދާސްތައް އެއްފަރާތަކަށް އުކާލާފައި ރުޅިއައިސް ފުފެމުން ޖަލާލީގެ މޫނަށް ބަލާލިއެވެ.

[ތިޔަ ލިޔުންތައް ވީދާލީ ހެއްޔެވެ؟]

[ލައްބައެވެ.] ޖަޔާ ހަޅޭލަވައިގަތެވެ.

[ކީއްވެގެން ހެއްޔެވެ؟]

[ވީދާނުލާންވީ ކީއްވެގެން ތޯއެވެ؟]

[އެކަމަކު...... އެކަމަކު.........] އޭނާއަށް ބުނެވުނީ މިވަރަށެވެ.

[އެކައްޗެއްވެސް ވިސްނި ނުލައްވަނީތޯއެވެ.] ޖަޔާ ބުންޏެވެ.

[ޖަޔާއެވެ. އަހަންނަށް ހަމަ އެކައްޗެއްވެސް ނުވިސްނުނެވެ.] އޭނާ ކުޑަކުއްޖަކު ފަދައިން ބުންޏެވެ.

[މާތްރަސްކަލާކޮއެވެ.] އޭނާ އިންތިހާއަށް ރުޅި އަތުވެއްޖެއެވެ. ރުޅިގަނޑު ބޭރެއް ނުކުރެވުނެވެ. ކުއްލިއަކަށް ރޮވިއްޖެއެވެ.

ޖަލާލީގެ ބޮލަށް އެނބުރުން އަރައިފިއެވެ.

ޖަޔާ ރޮނީއެވެ.

މިގޮތުގައި އިރުކޮޅެއް ވެއްޖެއެވެ.

[ނާޖިޔާއެވެ.] ޖަލާލީ ބުންޏެވެ. [އަހަރެން މިހުންނަނީ ވަރަށް ހާސްވެފައެވެ. ކަލާނގެ ރަސްކަންފުޅަށްޓަކައި ކޮންމެވެސް އެއްޗެކޭ ބުނެބަލާށެވެ.]

ޖަޔާ އެއްވެސް ޖަވާބެއްނުދީ ރޮމުން ގެންދިޔައެވެ. އޭނާ ދެއަތުން މޫނު ފޮރުވައިފިއެވެ. އަދި ކުރިއަށްވުރެވެސް ބާރަށް ރޯން ފަށައިފިއެވެ.

ޖަލާލީގެ ހިއްސުތައް ޖަވާބު ދީފިއެވެ.

އޭނާއަށް އެކައްޗެއްވެސް ނުވިސްނުނެވެ.

އެކަމަކު.... ބައެއް ފަހަރު ބައެއް ކަންތައްތައް، ވިސްނުން ކޮޅުންލާފައިވާ އިރުވެސް އިޙްސާސްތަކުގެ ދިލަ ކަމުގައި ވެގެން ވަރަށްގިނަ އެއްޗެހި ވިސްނައިދެއެވެ. އަންގައިދެއެވެ. އިޙްސާސް ކޮށްދެއެވެ. އަދި އިންސާނާ މި އިޙްސާސްތަކުގެ ކުރިމަތީގައި ގޮތް ހުސްވެދެއެވެ. އެ އިޙްސާސްތަކުގެ އެންގުމަށް ޢަމަލުކުރަން މަޖުބޫރުވެދެއެވެ.

ޖަލާލީވެސް އެތެދުވީ އެއިޙްސާސްތަކަށް ތަބާވެގެން ކަންނޭގެއެވެ. ދެފިޔަވަޅެއްވަރު އަޅާފައި ޖަޔާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.

[ނާޖިޔާއެވެ...!]

އޭނާ ހިތްދަތިކަމުގެ ޖަޒުބާތުން ފޯވެހުރެ ނާޖިޔާއަށް ގޮވާލިއެވެ. އޭނާގެ މޭގައި ވަރުގަދަ ޠޫފާނެއް އުފަދިފައިވާ ކަހަލައެވެ.

[ނާޖިޔާއެވެ. ބުނެބަލާށެވެ. އަހަންނަށް ކުށްބަހެއް ބުނެވުނީ ހެއްޔެވެ.]

އެއާއެކު.....

ޖަޔާ...

މޫނުން އަތްނަގަމުން ކަރުނައިން ފޯވެފައިވާ ދެލޯ ހުޅުވާލިއެވެ. އަދި ހަރުއަޑުން ބުންޏެވެ.

[ޖަލާލީ ފަހަރެއްގައިވެސް ތެދުބަހެއް ބުނުއްވިން ތޯއެވެ.]

ކަރުނައިން ފުރިފައިވާ މިމޫނު ފެނުމުން ޖަލާލީއަކަށް ކެތެއްނުކުރެވުނެވެ. އޭނާ ދެއަތްދިއްކޮށް ޖަޔާގެ މޫނުގައި ހިފަހައްޓައިފިއެވެ.

[ޖައާއެވެ......] އޭނާގެ ޖަޒްބާތުން ބަރުވެފައިވާ އަޑު ނުކުތެވެ.

އަދި......

ޖަލާލީގެ އަތުގެ ޙަރަކާތެއްކަމެއް ނުވަތަ ޖަޔާގެ ޙަރަކާތެއްކަމެއް ނޭނގެއެވެ.

ދެވަނަ ހިނދުކޮޅުގެ ތެރޭގައި ނާޖިޔާ ޖަލާލީގެ މޭގައި ބޯޖައްސާލުމާއެކު ރޯން ފަށައިފިއެވެ. ރޮމުން ގިސްލަމުން އޭނާ ބުންޏެވެ.]

[ޖަލާލީ ވަރަށް ގޯހެވެ. ވަރަށް ނުބައެވެ. ވަރަށް......]

ހިނދުކޮޅަކަށް ޖަލާލީގެ ބޮލަށް އެނބުރުން އެރިއެވެ. އެކަމަކު ތިންވަނަ ހިނދުކޮޅުގެ ތެރޭގައި ޖަޔާހުރީ ޖަލާލީގެ އަތުގެ ދާއިރާގެ ތެރޭގައެވެ.

މިއީ ކޮންފަދަކަމެއް ހެއްޔެވެ.

ކިހިނެއްވީ ކަމެއް ހެއްޔެވެ؟

މިކަމާ ބެހޭގޮތުން ޖަލާލީ ވިސްނުމުގެ ބޭނުމެއްނެތެވެ. އަދި ފުރުޞަތެއްވެސް ނެތެވެ.

ބައެއް ކަންތައްތައް ޔަޤީންކަމުގެ ސަރަޙައްދުގެ މާދުރުން ފެނެއެވެ. ނަމަވެސް މިކަންތައްތައް އޭނާއަކަށް ޔަޤީނެއް ނުކުރެވުނެވެ.

ޖަޔާ ޖަލާލީގެ މޭގައި ބޯޖައްސާ ލައިގެންހުރެ ރޮމުން ގެންދިޔައެވެ. އޭނާގެ ފުށްގަނޑެއް ކަހަލަ ވުޖޫދު ޖަލާލީގެ އަތު ތެރޭގައި ހިފެހެއްޓިފައިވެއެވެ.

އަދި.........

މިހިފެހެއްޓުން........

ޖަޒްބާތުގެ ގަދަފަދަ ކަމާއެކު ބާރުވަމުން ދިޔައެވެ. އޭނާ ބޯތިރިކުރަމުން ގެންދިޔައެވެ. އަދި އޭނާގެ ތުންފަތް ލޯބީގެ ފުރަތަމަ މަންޒިލާ ދިމާއަށް ދަތުރުކުރަމުން ދިޔައެވެ.

ޖަލާލީ އޭނާގެ ގަދަފަދަ ހާސްކަމާއި ހައްދެއްނެތް ލޯބީގެ ހުރިހާ ހޫނުކަމެއް އަދި ހުރިހާ ރުޅިވެރިކަމެއް ޖަޔާގެ ތުންފަތަށް ނަގުލުކޮށްފިއެވެ.

ޖަޔާގެ ހަށިގަނޑަށް މަސްތުކަމެއް ވެރިވެގެން ހިނގައްޖެއެވެ. އަދި މިމަސްތުކަން ކެތްތެރިކަމުގެ ރޮނގު ހުރަސްކޮށް ދިއުމުން އޭޭނާ ޖަލާލީގެ މޭގައި ފޮރުވިގަންނަން ތެޅިފޮޅިގަތެވެ.

[ނާޖިޔާއެވެ.....] ޖަލާލީ ފުރިހަމަ އަޑުގައި ލޯބި އެކުލަވަމުން ޖަޔާ އަދިވެސް ބޮޑަށް މެޔާލާ ފިއްތާލިއެވެ. ދެން...... ދެން އަނެއްކާވެސް ވައި އަޑަކުން ބުންޏެވެ.

[ނާޖިޔާއެވެ.... ނާޖިޔާ އަހަރެންގެ ލޯބި ޤަބޫލުކޮށްފިން ހެއްޔެވެ..... ނާޖިޔާއެވެ..... މާތްކަލާކޯއެވެ.... އަހަރެން އުފަލުން މަރުވެދާނެއެވެ..... ނާޖިޔާއެވެ..... އަހަރެން ހަލާކުވެދާނެއެވެ.....]

އަމިއްލަ ހިތުގެ އަސަރުން ޖަލާލީ ތުރުތުރުއަޅަމުން ދިޔައެވެ. އޭނާ ތުރުތުރުއަޅާ އަޑުން ފަށްފަށްކޮށް ނާޖިޔާއާ ސުވާލުކުރަމުން ގެންދިޔައެވެ.

[ނާޖިޔާ އަހަރެންގެ ލޯބި ބަލައިގެންފީމު ހެއްޔެވެ؟ މިނިކަމެތި އިންސާނާ ފިރިއެއްގެ ގޮތުގައި ބަލައިގެންފީމު ހެއްޔެވެ؟]

އަދި............

މިގޮތުގައި އިރުކޮޅެއްވުމަށްފަހު ޖަޒްބާތުގެ ވާފަށަށް ކުޑަދުލެއް ލިބުމުން ޖަޔާ ލަދުވެތި ކަމާއެކު ޖަލާލީއާ ދުރަށް ޖެހިލައިފިއެވެ.

އެއާއެކު ޖަލާލީ އުފާވެރި ނަޒަރަކުން ބަލާލަމުން ބުންޏެވެ.

[ނާޖިޔާއެވެ. ހަމަ ޙަޤީޤަތުގައިވެސް އަހަރެން ޤަބޫލުކުރީ ހެއްޔެވެ؟]

ޖަޔާގެ ލަދުވެތި ލޮލުން އަދާއަކާއެކު ޖަލާލީއާ ދިމާއަށް ބަލާލިއެވެ. އަދި ތުންފަތުގައިވާ އުފާވެރި ހިނިތުންވުން ސިއްރުކުރަމުން ނޫނެކޭ ބުނާކަހަލަ ގޮތަކަށް ބޯހޫރާލިއެވެ.

ޖަލާލީ އޭނާގެ ކައިރިއަށް ޖެހިލިއެވެ.

ހަމައެވަގުތު ޖަޔާ ހެމުން [ނޫނެކޭ ނޫނެކޭ] ބުނަމުން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ.

[އެހެން ދޯއެވެ.] މިހާރު ޖަލާލީގެ ސިހުން ކެނޑިއްޖެއެވެ. ޖަޔާގެ ފަހަތުން ދުއްވައި ގެންފިއެވެ. އަދި ޖަޔާ ކޮޓަރިއަށް ވަނުމުގެ ކުރީގައި ފަހަތުންގޮސް ހިފަހައްޓައިފިއެވެ.

[މާތްކަލާކޯއެވެ......] ޖަޔާ ހަޅޭލައިގަތެވެ.

އެކަމަކު......

ޖަލާލީ ކުއްލި ލޮޅުމަކާއެކު ޖަޔާ އަތްދަނޑި މައްޗަށް ނަގައިފިއެވެ.

[ދެން ދާނީ ކޮންތާކަށް ހެއްޔެވެ. ފިލަން ވަންނާނީ ކޮންތާކަށް ހެއްޔެވެ. މިހާރު މިއޮތީ އަހަރެންގެ އަތު ތެރޭގައެވެ.]

ޖަލާލީ މިހެން ބުނުމާއެކު އަނެއްކާވެސް އޭނާގެ ތުންފަތުގައި ކިސްކޮށްލިއެވެ.

އޭނާ ނާޖިޔާ ނަގައިގަނެގެން ގެންގުޅޭއިރު ހީވަނީ ކުޅޭކުޅޭ ބުދެއް ގެންގުޅޭ ހެންނެވެ. އޭނާ ލިވިންގރޫމަށް އަތުވެއްޖެއެވެ. ދެން އަނެއްކާވެސް ބޭރަށް ނުކުންނަން ހިނގައިގަތެވެ.

ޖަޔާ ލަދުން ހަލާކުވަނީއެވެ. އޭނާ އަތްތަޅާލާފައި ދުއްވައި ގަތުމަށް މަސައްކަތް ކުރިއެވެ.

އެކަމަކު......

ޖަލާލީގެ ވަރުގަދަ އަތުގެ ތެރެއިން ދެމިގަނެގެން ދިއުމަކީ ފަސޭހަ ކަމެއްތޯއެވެ.

ޖަލާލީ ނާޖިޔާ ގޮވައިގެން އޭނާގެ ކޮޓަރިއަށް އަތުވެއްޖެއެވެ. އަދި މަޑުމަޑުން އެނދުމަތީގައި ބާއްވާފައި އޭނާއާ ދިމާއަށް ގުދުވެލިއެވެ.

މިހިސާބުން ކަންހިނގިގޮތް އަޅުގަނޑަށްވެސް ދަންނަވާކަށް ނޭނގެއެވެ.

ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އެތައްހާދިސާއެއް ހިނގުމަށްފަހު އުފާވެރި ފަތިހަކާއިގެން އިރުއަރައިފިއެވެ.

ޖަލާލީގެ ޓްރާންސް ޕޭރަންޓް ކޮޓަރީގެ މަތިން ދުވާލުގެ އިރު ސިއްރުން ބަލަން ފަށައިފިއެވެ.

ޖަލާލީއާއި ނާޖިޔާ ނިދާފައި ތިބިއިރު ހީވަނީ އެއްހަށިގަނޑެއް ހެންނެވެ.

ޖަޔާގެ ބޯއޮތީ ޖަލާލީގެ އަތްދަނޑި މަތީގައެވެ. އަތް އޮތީ ޖަލާލީގެ މޭމަތީގައެވެ.

ޖަލާލީގެ އެއްއަތް ނާޖިޔާގެ އުނަގަނޑުގައި އަޅުވާލާފައިއޮތެވެ. އަނެއްއަތުން އޭނާގެ މޭމަތީގައިވާ ޖަޔާގެ އަތުގައި ހިފަހައްޓާލާފައިވެއެވެ. ދެމީހުންމެ ތިބީ ގަދަ ނިދީގައެވެ.

ޖަޔާގެ މޫނުމަތިން ލަދުވެތިކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.

ޖަލާލީގެ މޫނުގައި ރަސްކަންކުރަނީ ހިތްހަމަ ޖެހުމެވެ. އަރާމެވެ. އުފާވެރިކަމުގެ ނޫރެވެ.....

މިވަގުތު އޭނާ ހީވަނީ ދުނިޔޭގައިވާ އެންމެ ރީތި އިންސާނާ ހެންނެވެ.

(ނިމުނީ)


ކިޔުންތެރިންގެ ހިޔާލު


21

ނާއްކޮ

29-Sep-2020

މީގެ ސައްބީސް އަހަރުކުރިން ކިޔާލި ވާހަކައެއްމީ. ވަރަށް އުފާވޭ އަނެއްކާވެސް ކިޔާލަން ލިބުނީމަ. ހާދަ ރީއްޗޭ މާޝާﷲ


2

އައިންތު

10-Sep-2020

ވަރަށް ރީތި. ދެން ކުރިޔަށް އޮތީ ކޮންވާހަކައެއްތޯ?


16

ނޮންނި

09-Sep-2020

ކޮބާތަ އަނެއް ބައި


6

ހަފީޒާ

09-Sep-2020

ވ ރީތި



ޓްރެންޑިން