ޖަރުމަނު ވިލާތުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނަ ރަޝިޔާގެ އިދިކޮޅުގެ ލީޑަރު އެލެކްޒޭ ނަވަލްނީ ކޯމާއިން ސަލާމަތްވެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

އެލެކްޒޭ ނަވަލްނީ ސައިބޭރިއާއިން މޮސްކޯއަށް ކުރި ދަތުރަށްފަހު ބަލިވެ ފަރުވާ ހޯދުމުގެ ތެރޭގައި ނޮވިޗޮކްގެ ކެމިކަލް އެކުލެވޭ ވިހައެއްގެ އަސަރު އޭނާގެ ހަށިގަނޑަށް ކޮށްފައި ހުރިކަން އެނގިފައިވެއެވެ. އަދި އޭނާގެ ހާލު ދަށަށް ގޮސް ޖަރުމަނުގެ ޗެރިޓީ ހޮސްޕިޓަލް ނަމަކަށްކިޔާ ހޮސްޕިޓަލެއްގައި ވެންޓިލޭޓަރުގައި ފަރުވާދޭން ފެށިއެވެ.

އެލެކްޒޭ ނަވަލްނީގެ ހާލު ރަނގަޅު ވަމުންދާކަމަށް ހޮސްޕިޓަލާ ހަވާލާދީ ސީއެންއެން އިން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް ވިހައިގެ އަސަރުން ލިބިފައިވާ އިތުރު ގެއްލުންތަކަށް ފަރުވާ ދިނުމަށް ގިނަދުވަސް ތަކެއް ނަގާނެ ކަމަށް ހޮސްޕިޓަލުން ބުނާކަމަށް ވެއެވެ.

އެލެކްޒޭ ނަވަލްނީގެ ޓެސްޓުތަކުން ދައްކާގޮތުން އޭނާ ވިހަވެފައިވަނީ ސޮވިއެޓް އޭރާގެ ނޮވިޗޮކް ގްރޫޕުގެ ކެމިކަލް ނާވް އޭޖެންޓަކުންނެވެ. މިއީ ތަފާތު ކެމިކަލް އަކަށް ވުމުން މިކެމިކަލް އާ ބެހޭގޮތުން ރަޝިިޔާއިން ބޭރުގެ ގައުމުތަކުގެ ސައިންސްވެރިންނަކަށް މާބޮޑަކަށް ނޭނގޭނެ ކަމަށްވެސް ސީއެންއެންގައި ހާމަކޮށްފައިވެއެވެ. ކެމިކަލް ލީތަލް ހަތިޔާރު ފުރަތަމަ އުފައްދައިފައިވަނީވެސް ރަޝިޔާއިންނެވެ.

މިކަމާގުޅޭގޮތުން ރަޝިޔާއިން އިނގިރޭސި ވިލާތަށް ކަނޑަ އަޅާފައި ހުންނަވާ ސަފީރު އެންޑްރީ ކެލިން ކުރެއްވި ޓްވީޓެއްގައި ވަނީ މަނާކޮށްފައިވާ ކެމިކަލް ލީތަލް ހަތިޔާރު ގެންގުޅުމުން މިކަން ތަހުލީލުކުރަން ގޮވާލައިފައެވެ.

އަދި މިހާދިސާގައި އެލެކްޒޭ ނަވަލްނީގެ ސަޕޯޓަރުން ރަޝިޔާގެ ރައީސް ޕޫޓިން އަށް އިނގިލި ދިއްކުރަމުންދާއިރު، މިހާދިސާ އާއި ގުޅިގެން ދުނިޔޭގެ އެތައްގައުމަކުން ރަޝިޔާ އާއި މެދު ދެކެމުންދާ ގޮތް ބަދަލްވާނެ ކަމަށްވެސް ސީއެންއެންއިން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން