ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ދޮށީ ޢުމުރުގެ މީހުންނަށް ޚާއްސަ ލައިސަންސެއް ދޫކުރަނީ ރަށްރަށުގައި ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދޮށީ ޢުމުރުގެ މީހުންނަށް ދޫކުރަން ނިންމާފައިވާ ޚާއްސަ ލައިސަންސާ ގުޅިގެން، މީގެ ކުރިން ދޫކޮށްފާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެ ކަމަށެވެ.

އަދި މީގެކުރިން ދޫކޮށްފަވާ ލައިސަންސް ބޭނުންކުރުމަށާއި އަދި އާއްމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށާއި އެލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަޙައްދެއްގައި ދުއްވުމަށް 60 އަހަރުވެފައިވާ ފަރާތްތަކަށްވެސް ހުރަހެއް ނެތް ކަމަށް ބަޔާނުގައިވެއެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ މި ޚާއްސަ ލައިސަންސް ތަޢާރަފް ކުރުމުގެ މައިގަނޑު މަޤުޞަދަކީ ދޮށީ ޢުމުރުގެ މީހުންނަށް އާއްމު އުސޫލުން ލައިސަންސާ ގުޅޭ އިމްތިހާނުތައް ފުރިހަމަކުރުމާ ނުލައި، ފަސޭހައިން ވަކި ބާވަތްތަކެއްގެ ވެހިކަލްތައް ދުއްވުމުގެ ލައިސަންސް ލިބޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން އެއްގަމު އުޅަނދު ދުއްވަން ބޭނުންވާ 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި މި ހުއްދައިގެ ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ޤަވާއިދުގެ ތެރެއިން ފަސޭހަކޮށްދީ މަގުފަހިކޮށްދިނުމަކީ މި ލައިސަންސްގެ މަޤްސަދު ކަމަށްވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

އެހެންކަމުން އިސްރަށްވެހިންނަށް ޤަވާއިދުގެ ތެރެއިން ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެތެރޭގައި، ހަރަކާތްތެރިވެވޭނެގޮތަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ގެނެސްފައިވާ ފަސޭހަ ހެޔޮ ބަދަލުގެ މަޤުސަދު އޮޅޭގޮތަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ދައުރު ނުކުރުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން މިހެން ބުނެފައިވާއިރު އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ޤަވާއިދަށް ގެނައި 2ވަނަ އިސްލާހުގައި ބުނެފައިވަނީ، ވަކި ކެޓަގަރީއެއްގެ އުޅަނދު ދުއްވުމަށް، ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ލައިސަންސެއް ދޫކުރެވޭނެ ކަމަށެވެ. އަދި މި ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދުތައް ކަމަށް އެ އިސްލާހުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން