ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އެޕްލިކޭޝަންގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަވުތުގަައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ ޑީއެންއާރު މެދުވެރިކޮށް ލޮގިން ވުމުން، އެއީ ކޮން ދިމާލަކުން ވެފައިވާ ލޮގިންއެއް ކަންވެސް މިހާރު އެނގޭނެ ކަމަށެވެ.

ދާހިލީ ވުޒާރާގެ ދަށުން ހިނގަމުންދާ ޑީއެންއާރުގެ ޑޭޓާ ބޭސް ވަރުގަދަކޮށްފައިވާކަން ވަޒީރު ވިދާޅުވީ އެ ޑޭޓާ ބޭސް ބޭނުންކޮށްގެން މީހުންގެ ޝަޚްސު އޮޅުވާލައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕ.ީއެން.ސީ) އަށް މެންބަރޝިޕް ފޯމު ފުރާފައިވާކަމަށް ބުނާ މައްސަލައާއި ގުޅޭ ސުވާލު ކުރުމުންނެވެ.

"އެކަމާއި ގުޅިގެން އަޅުގަނޑުމެންވާނީ ވަރަށް ގިނަ ފިޔަވަޅުތައް އަޅާފަ، އޭގެތެރޭގައި ސިސްޓަމް ތެރޭގެ އެކްސެސް ލޮގުތަކާއި އޭގެ އޮޑިޓް ލޮގުތައް ހުރިކަން ކަށަވަރުކޮށްފައި އަޅުގަނޑުމެންވާނެ. އަދި ޕެނެޓްރޭޝަން ޓެސްްޓުރޭ ސިސްޓަމްގައި ހަދާ، ސިސްޓަމް ޕެޗްކޮށްފައިވާނެ. އޭގެއިތުރުން މިހާރު ސިސްޓަމަށް ދީފައިވާ އޭޕީއައިތަކުގެ ތެރޭގައި ސިގްނޭޗާތައް އެކުލަވާލައި މީގެ ފަހުން އެ އެޕުން ލޮގިންވާއިރު އެއީ ކޮން ދިމާއަކުން އައި އެއްޗެއްކަން މިހާރު އަޅުގަނޑުމެންނަށް އެނގޭނެ." ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވަނީ މިހާރު ޑީއެންއާރުގައި ފިޒިކަލީ ޑޭޓާއަށް އެކްސެސްވާ ހުރިހާ މުވައްޒަފުންނަށް އެކްސެސްވެވޭނީ އެ މުވައްޒަފުންގެ މަސައްކަތަށް ރަސްމީ ގޮތުން ބޭނުންވާ ވަރަށް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން މޯލްޑިވްސް 2.0 ގެ ނަމުގައި ދިވެހިރާއްޖޭގެ އީފާސްގެ ޚިދުމަތް ހަރުދަނާކޮށް ޑިޖިޓަލް އައިޑެންޓިޓީ ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ވަޒީރު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި މުއާމަލާތު ކުރުމަށް ބޭނުންކުރާ މައުލޫމާތު ހިމެނޭ އައިޑެންޓިޓީއެއް ކަނޑައަޅައި އެކަމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން