މިއަހަރުގެ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 25 މިލިއަން ރުފިޔާގެ އެހީ ދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕިއުޓް ފަރުވާއަށް މިއަހަރުގެ މާރިޗްމަހުގެ ނިޔަލަށް އެކަނިވެސް 675 ފަރާތަކަށް ފޯރުކޮށްދީފައިވާކަމަށެވެ. އެއީ ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ކަމަށް ހީނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފަރުވާއަށް ސަރުކާރުން ދެމުންގެންދާ އެހީއަށް މިއަހަރުގެ މިހާތަނަށް ހޭދަވި މިންވަރު 91 އިންސައްތަ އިތުރުކަމަށް ހީނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތެރަޕިއުޓް ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް ސަރުކާރުން 96 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

ސަރުކާރުން މިފަދަ ފަރާތްތަކަށް ދެމުން އަންނަ ފައިސާ ބައެއް ފަރާތްތަކަށް ލިބުން ލަސްވާކަން ހީނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މި ފައިސާ ދިނުން ލަސްވަނީ އެފަރާތްތަކުން ހުށައަޅަންޖެހޭ ބައެއް ލިޔެކިޔުންތައް ފުރިހަމަ ނުވާތީކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފަރުވާ ނުވަތަ ތެރަޕީ ފުރިހަމަކުރުމަށްފަހު، އެކަމަށް ހޭދަވި ފައިސާ ހިމެނޭ ސްލިޕްތައް އެންސްޕާއަށް ހުށަަހަޅަން ޖެހޭކަމަށެވެ. އަދި ފައިސާ ދޫކުރުމުގައި ކުރިން ހޯދާފައިވާ ޚިދުމަތްތަކުގެ ފައިސާ ދައްކާފައިވާގޮތާއި އެހެންވެސް ބައެއް ހިސާބުތަކަށް ބަލާކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން