ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ފާއިތުވި އަހަރުގެ ދެވަނަ ޓާމްގައި ކިޔަވައި ނިމުނު 349 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އެމްއެންޔޫގެ ނުވަ ފެކަލްޓީއަކުން ދަރިވަރުން ދަސްވެނިވެފައިވާއިރު މިކަމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޔޫގެ މައި މަރުކަޒުގައެވެ.

މި ފަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ސްކޫލް އޮފް ނާސިންގގެ 101 ދަރިވަރުން އަދި ސްކޫލް އޮފް މެޑިސިންގެ 24 ދަރިވަރުން، ފެކަލްޓީ އޮފް އާރޓްސްގެ 26 ދަރިވަރުން، ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ 62 ދަރިވަރުން، ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސުޓަޑީސްގެ އަށް ދަރިވަރުން އަދި ފެކަލްޓީ އޮފް ޝަރީއަރ އެންޑް ލޯގެ 18 ދަރިވަރުން ހިމެނެވެ.

މީގެ އިތުރުން ފެކަލްޓީ އޮފް ހެލްތު ސައިންސްއިން ދަސްވެނިވި 20 ދަރިވަރުންނާއި ފެކަލްޓީ އޮފް އިންޖީނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީގެ 26 ދަރިވަރުންނާއި، ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސަސްގެ ތިންދަރިވަރުންނާއި، އެމްއެންޔޫ ބިޒްނަސް ސުކޫލުގެ 44 ދަރިވަރުން އަދި ސްކޫލް އޮފް ނާސިންގްގެ މާސްޓާރސް ޕުރޮގްރާމް ނިންމާފައިވާ 17 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިވެހިންގެ ފަޚުރުވެރިކަމުގެ ނިޝާނެއްކަމަށެވެ. އަދި ދިވެހި ޤައުމިއްޔަތުގެ ފުދުންތެރިކަމުގެ ރަމްޒެއްކަމަށާއި އެ ޔުނިވަރސިޓީއަކީ ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ޔުނިވަރސިޓީއެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން