މަރްޔަމް ނަހްދާ ވަޙީދު   28 އޭޕްރީލު 2025 - 7:9
ބާންއައުޓަކީ މީހަކު ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވަރުބަލިވެ، މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވެ، އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ދަތިވާ ހާލަތެކެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންދާ ކަމަކަށްވުމާއެކު، މީހާގެ ސިއްހަތަށާއި އިޖްތިމާއީ ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިފަހަރު މި ހިމަނާލަނީ ބާންއައުޓުވުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.

މަސައްކަތުގެ ޕްރެޝަރު ބޮޑުވުން

ބާންއައުޓު ވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މަސައްކަތުގެ ޕްރެޝަރު އިންތިހާއަށް ބޮޑުވުމެވެ. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި، ގިނަ ޒިންމާތަކެއް އުފުލަން ޖެހުމާއި، ދަތި މުއްދަތުތަކެއްގެ ތެރޭގައި މަސައްކަތް ނިންމަން ޖެހުމުގެ ސަބަބުން މީހާއަށް ލިބެންވާ އަރާމާއި ހުސްވަގުތު ގެއްލިގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑަށާއި ސިކުނޑިއަށް ބުރަވެއެވެ. އަދި އެހެންވެ، ވަގުތު އޮތް ކަމުގައި ވިޔަސް މަސައްކަތުން ބޭރުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ޝައުޤުވެރިކަމެއް ނުހުރެއެވެ.

އަމިއްލަ ނަފްސަށް އަޅާނުލެވުން

ބާންއައުޓުވުމަށް މެދުވެރިވާ އަނެއް ސަބަބަކީ އަމިއްލަ ނަފްސަށް އޮންނަ އަޅާލުން ކުޑަވުމެވެ. ގިނަ މީހުން މަސައްކަތުގެ ދާއިރާގައި ކުރިއެރުން ހޯދުމަށް މަސައްކަތް ކުރާއިރު، އަމިއްލަ ސިއްހަތާއި ދުޅަހެޔޮކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެއެވެ. ރަނގަޅު ކާނާ ކެއުމާއި، ފުދޭވަރަކަށް ނިދުމާއި، ޖިސްމާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށްޓަކައި ކަސްރަތު ކުރުން ފަދަ ކަންކަމަށް އިސްކަމެއް ނުދެވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ކުރަން ޖެހޭ ކަމެއްވެސް ނުކުރެވެއެވެ. މިފަދައިން އަމިއްލަ ނަފްސަށް އަޅާނުލުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިކަށިވެ، ބާންއައުޓު ވުމަށް މަގުފަހިވެއެވެ.

އިޖްތިމާއީ އެހީތެރިކަން ނުލިބުން

މީހާއަށް ބޭނުންވާ މިންވަރަށަ އިޖްތިމާއީ އެހީތެރިކަން ނުލިބުމަކީވެސް ބާންއައުޓު ވުމަށް މެދުވެރިވާ ސަބަބެކެވެ. މަސައްކަތުގެ މާހައުލުގައި އެކުވެރި، އެއްބާރުލުން ދޭ ގުޅުމެއް އާންމުކޮށް ނެތުމާއި، އަމިއްލަ ދިރިއުޅުމުގައި ގާތް ރަޙްމަތްތެރިންނާއި އާއިލާގެ މެންބަރުންގެ އެހީތެރިކަން ނުލިބުމުގެ ސަބަބުން މީހާ އެކަހެރިވެ، ހިތްދަތިކަމާއި ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހެއެވެ. މިފަދަ ހާލަތެއްގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ހިތްވަރާއި ފޯރި ނުލިބި، ހިތްހަމަނުޖެހުމާއި ކަންބޮޑުވުން އިތުރުވެއެވެ. އަދި އޭގެ ސަބަބުން މީހާ ބާންއައުޓުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން