މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހިމް ސުޖާއު
މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހިމް ސުޖާއު
މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ސުޖާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީ އިން ނެރެފައިވާ ބަޔާނެއްގައި ވަނީ މާލޭގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތް ކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ސުޖާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީއިން ބުނެފައިވަނީ މައްސަލާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މާލޭ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓުކަމާއި އެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދާއި އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަން މައްސަލައިގެ ލިޔުންތަކުން އެނގެން ހުރ ކަމަށެވެ. އަދި އެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ޚިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަދީ 2014 ވަނަ އަހަރުގެ ޖެނުއަރީ 15 ގައި މާލޭ ސިޓީކައުންސިލްގެ އިދާރާއިން "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އަދި "އިމާރާތް ކުރުމުގެ ހުއްދަ" ދޫކޮށްފައިވާ ކަމަށެވެ. އޭސީސީން ބުނެފައިވަނީ އެ ހުއްދަތަކަކީ މާލޭ ސިޓީކައުންސިލްގެ ސުޖާއު ސޮއިކުރަށްވައި ދޫކޮށްފައިވާ ހުއްދަތަކެއް ކަމަށެވެ.

މީގެ އިތުރުން މައްސަލާގައި ހަވާލާދެވޭ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެ ބިމުގައި "4 ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއިން 1995 ވަނަ އަހަރު ހުއްދަ ދީފައިވާކަމަށް ސުޖާއު، 2014 ވަނަ އަހަރުގެ 14 ޖެނުއަރީގައި ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށް ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެކަން ސުޖާ ކޮށްފައި ވަނީ އޭނާ އަށް އެނގިހުރެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް ތަހުގީގަށް ސާބިތުކުރެވޭ ކަމަށްވެސް އޭސީސީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން