ޞާދިރު ޢަލީދީދީ   11 ސެޕްޓެމްބަރު 2020 - 14:43
ސަންޑޭ
ސަންޑޭ
އެޕިސޯޑް 19

...............

[ދެންވެސް ހުންނަނީތަ؟ ތިހެން ހުއްޓާ ނަވާލް އަތުވެދާނެ. އޭރުން އަނެއްކާވެސް ފުރްޞަތު ގެއްލިދާނެ. އަވަހަށް ބުނޭ....] ނަދުހާގެ ހިތް އަވަސްވަމުން ދިޔައެވެ. މުނާޒް ބޯޖަހާލިއެވެ.

[ނަދޫ، ނަދޫގެ ބައްޕަ ޝަކީބް ގާތު އަހާބަލަ ތީ ހަމަ އަޞްލުވެސް ނަދޫގެ ބައްޕަހޭ؟] މިޖުމްލައާއެކު މުނާޒް އެތަނުން ގެއްލުނެވެ.

މުނާޒްގެ އެވާހަކައާ ދޭތެރޭ އޭނާއަށް ވަރަށް ފުންކޮށް ވިސްނާލެވުނެވެ. މުނާޒް އެބުނީ ކީކޭބާއެވެ. އެއީ އަހަރެންގެ ބައްޕަ ނޫން ބާވައެވެ؟ އެހެންވެއްޖެއްޔާ އަހަރެންގެ ބައްޕައަކީ ކާކުހެއްޔެވެ. ނަވާލް ގެއަށް އައިސްވަނީ ނަދުހާ އެ ޚިޔާލުގައި ހުއްޓައެވެ.

ނަވާލް ކޮޓަރި ދޮރުގައި ޓަކިޖަހާލިއެވެ. ނަދުހާއަށް މޭރުންވީ ނަވާލް ދެތިންފަހަރު ޓަކިޖެހިފަހުންނެވެ. އޭނާ ގޮސް ދޮރު ހުޅުވައިފިއެވެ.

[ނިދާފަތަ އޮތީ؟] ނަވާލް އެތެރެއަށް ވަންނަމުން އެއްސެވެ.

[އުނހު. ފާޚާނާގައި އުޅުނީމަ ލަސްވީ. ކޮބާ ދަރިފުޅަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހޯދިންތަ؟] ނަވާލަށް ޖަވާބު ދިނުމަށްފަހު، ނަދުހާ އެއްސެވެ.

[އާނ، ދެން ނުގަނެވެނީ ހަމައެކަނި އެނދު. އެނދު ގަންނަންދާނީ އަހަންނާ ނަދޫ....ޒިލާ ބުނީ ނަދޫއަށް ރީތި އެނދެއް ގަންނާށޯ.] ނަވާލް ގަމީހުގެ ގޮށްތައް ނައްޓަމުން އެނދުމައްޗަށް ވެއްޓިގަތެވެ. އޭރުވެސް ނަދުހާ ހުރީ މުނާޒްގެ ވާހަކައާ ދޭތެރޭ ވިސްނާށެވެ. އެހެންވުމާއެކު، އޭނާއަށް ނަވާލް ދައްކާ ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. އޭނާއަށް ނަވާލްގެ އަޑު އިވޭހެނެއްވެސް ހިއެއްނުވެއެވެ.

[ނަދުހާ...އަހަރެން ނަދުހާއާ އެބަ ވާހަކަ ދައްކަމޭ....އަޑުނީވެނީތަ؟] ނަވާލް ކުޑަކޮށް ބުރަކަށި ތެދުކޮށްލާ ބާލީހުގައި ލެނގިލިއެވެ. ނަދުހާ ތެޅިގަތެވެ. އެއަށްފަހު، ހިނިތުންވެލަމުން އައިސް ނަވާލް ގާތުގައި އިށީނދެއްޖެއެވެ.

[އާނ، ދެން ކިޔާބަލަ. އަހަރެންގެ ޙާލަތާ ދޭތެރޭ ވިސްނާލެވުނީ. ހިތަށްއަރާ މިހާރު ނަވާލް އަހަރެން މަތިން މުޅިން ފޫހިވެދާނޭ....އަހަރެންގެ ބަނޑުން އުފަންވާން އުޅުނު ދަރިފުޅުވެސް ނުލިބުނުވިއްޔަ.] ނަދުހާ ނަވާލްގެ މޭގައި ބޯއަޅާލިއެވެ.

[ނަދޫ އެކަމާ މާބޮޑަށް ނުވިސްނަބަލަ. ދަރިފުޅު ބައިގެންދިޔަޔަސް، އަހަރެން ނަދޫދެކެވާ ލޯތްބަކަށް ކުޑަވެސް ބަދަލެއްނާދޭ. އާނ، ނަދޫދެކެ އަހަރެން ވަރަށް ލޯބިވޭ.....] ނަވާލް ނިކަން ލޯތްބާއެކު ނަދުހާގެ ކޮލުގައި ހިފާލިއެވެ. ނަމަވެސް، ނަދުހާ އުފަލެއް ނުވެއެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމުގެ އަސަރެއް ނުވެސްފެނެއެވެ.

[ޒިލާ ބުނީ ކީކޭތަ؟] ނަދުހާ ބޭނުންވީ މަޥްޟޫޢު ބަދަލުކޮށްލާށެވެ.

[މާގިނަ ވާހަކަތަކެއް ނުދައްކާ...އެކަމަކު ބުނި ނަދުހާއަށް ރީތި އެނދެއް ގަނެލާށޯ....ދެން އޭނާއަށް އެނދު ގަންނާކަށް ނުހިނގޭނެޔޯ.] ނަވާލް ބުންޏެވެ. ނަދުހާ ހީލިއެވެ.

[އެނދު ގަންނަންދާނީ އަހަންނާ ނަވާލް.] ނަދުހާގެ ދެއަތް ނަވާލް ވަށާލިއެވެ. ނަވާލް ބޯޖަހާލިއެވެ.

[ނަވާލް މިއަދު އަހަރެން ބޭނުން މަންމަގެއަށް ޖައްސާލަން.] ނަދުހާ ބުންޏެވެ.

[އެކަންޏަކު ނުދެވޭނެއެއްނު. އަހަރެންވެސް ދާންވާނެދޯ؟] ނަވާލް ތެދުވިއެވެ.

[ނޫނޭ އެކަނިވެސް ދެވިދާނެ. ނަވާލް ހިނގަހިނގާފައި އައިސް ތިއޮތީ ވަރަށް ވަރުބަލިވެފައެއްނު. ނަވާލް އަރާމްކޮށްލާ. އަހަރެން ގޮސްލާފަ އަންނާނަން.] ނަދުހާ ބޭނުންވަނީ އޭނާ އެކަނިދާށެވެ.

[މައްސަލައެއްނެތް. ނަދޫ ގޮސްލާފައި އާދޭ. އަހަރެން ނިދާލާނަން.] ނަދުހާ އެނދުން ތެދުވެގެންގޮސް ފާޚާނާއަށް ވަނެވެ. ނަވާލް އެނދުގައި ހަމަޖެހިލިއެވެ.

ނަދުހާ ނަލަހެދިގެން ކޮޓަރިން ނިކުތްއިރު ސިޓިންގރޫމްގައި ދަލޭކައިނެވެ. ހީވާގޮތުން ދަލޭކަ އުޅެނީ ނަދުހާ ހުއްޓުވާށެވެ.

[ދަރިފުޅާ! ކޮންތާކަށް ދާން ތިދަނީ، މާ އަވަސްއަރައިގަނެގެން.] ދަލޭކަ ނަދުހާ މަޑުކުރުވިއެވެ.

[ގެއަށް، މަންމައާ ބައްދަލުކޮށްލަން.] ނަދުހާ ހިނގައިގަތެވެ. ދަލޭކަ ނަދުހާގެ އަތުގައި ހިފެހެއްޓިއެވެ. ނަދުހާ މަޑުޖެހިލިއެވެ.

[ދާނެ ކަމެއްނެތް. ނަދޫ ތިކުރަން އުޅެނީ ފަހަރެއްގައިވެސް ރަނގަޅު ކަމެއް ނޫން.] ހީކުރެވުނީ ރަނގަޅަށެވެ. ދަލޭކަ ބޭނުންވަނީ ނަދުހާ ދިޔަނުދީ ހިފަހައްޓާށެވެ.

[އެއްވެސް ކަމެއް ކުރާކަށް ނޫނޭ އަހަރެން މިދަނީ. އަހަރެން ބޭނުންވަނީ މަންމަގާތު ވާހަކައެއް އަހާލަން...] ނަދުހާ ހިނގައިގަތެވެ. މިފަހަރު ދަލޭކައެރީ ނަދުހާގެ ކުރިމައްޗަށެވެ. ނަމަވެސް ނަދުހާ މަޑެއް ނުކުރިއެވެ. ދަލޭކަގެ އެޙަރަކާތްތަކުގެ ސަބަބުން އޭނާގެ މަންމައާއި ބައްޕަ އޭނާއަށް ކަންތައްތަކެއް ސިއްރުކުރާ ކަމުގެ ޔަޤީންކަން އޭނާއަށް ލިބުނުކަހަލައެވެ. ދަލޭކަ އެވަރަށް ހުރަސްއަޅާއިރުވެސް އޭނާ އެދަނީ އެހެންވެގެންކަން ކަށަވަރެވެ.

[އެންމެ ރަނގަޅު. ދަލޭކަދައްތަ ތިވަރަށް އަހަރެން ހުއްޓުވަން އުޅޭ ސަބަބެއް ބުނެފާނަންތަ؟] ނަދުހާ މަޑުޖެހިލުމަށްފަހު، އޭނާގެ ފަހަތުން އައިސް އައިސް ހުރި ދަލޭކައާ ދިމާލަށް އެނބުރި ބުންޏެވެ. ދަލޭކައަށް ބުނާނެ އެއްޗެއް ނޭނގުނު ކަހަލައެވެ. އޭނާ ވިސްނަން ވަގުތުކޮޅެއް ބޭނުންވިއެވެ.

[ޢާއިލީ މަޞްލަޙަތު ގެއްލިދާނެތީ....] ދަލޭކަ ބުންޏެވެ.

[އަހަރެން އެސުވާލު ކުރިޔަސް، ޢާއިލީ މަޞްލަޙަތު ގެއްލޭކަށް ނުޖެހެއެއްނު. ދަލޭކަދައްތައަށް އެނގެންޏާ ދަލޭކަދައްތަ ބުންޏަސް އެންމެ ރަނގަޅޭ....] ނަދުހާ ބުންޏެވެ.

[ކޮންކަމެއް އެނގޭ ވާހަކައެއްތަ؟ ނަދޫ ހަމަ މުނާޒް ބުނާ ކޮންމެ ވާހަކައެއް ޤަބޫލުކުރަންޖެހޭތަ؟ ދަރިފުޅު ތިގޮތަށް ސުވާލުކޮށްފިއްޔާ، އެމީހުން ހާދަ ދެރައެއްވާނެޔޭ. ހާދަ އަސަރެއް ކުރާނެޔޭ. ދައްތައަކަށް ނުފެނޭ، ޢާއިލާގެ މަޞްލަޙަތު ގެއްލޭފަދަ ކަމެއް ކުރާކަށް. މިއޮއްހާ ދުވަހުވެސް ދަރިފުޅު ހުރީނު.....] ދަލޭކަ ބުންޏެވެ. ނަދުހާއަށް ވިސްނައިދޭނަމޭހިތައެވެ.

[ދަލޭކަދައްތަގެ ވާހަކަތަކުންވެސް އަހަންނަށް ކަންތައްތަކެއް އެބަދޭހަވޭ. ދަލޭކަދައްތަވެސް ކަންތައްތަކެއް އަހަންނަށް ސިއްރު ކުރާކަން އެބަ އެނގޭ. ވަރިހަމަ ކޮންމެގޮތެއްވިޔަސް، އަހަރެން މަންމައާއި ބައްޕައާވެސް ސުވާލުކުރާނަން.] ނަދުހާ ދެފަޔަށް ބާރުލާފައި ގެއާ ދިމާއަށް ހިނގައިގެންފިއެވެ. ފަހަތުން ދަލޭކަވެސް ހިނގައިގެންފިއެވެ. ދެން ނަދުހާ ނުހިފެހެއްޓޭނެކަން އެނގޭތީ، ދަލޭކަ އިތުރަށް ނަދުހާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ.

ދަލޭކަ އެގޭގެ ދޮރޯއްޓާ އަރާހަމަވުމާއެކު، ލީލާގެ ސިފައަށް ބަދަލުވެއްޖެއެވެ. ނަދުހާ ފަސްއެނބުރި ބަލާވެސްނުލާ އެގެއަށް ވަނެވެ. ނަދުހާ އެތެރެއަށްވަނީވެސް މަންމައަށް ގޮވަމުންނެވެ.

[ކިހިނެއްވީ؟ ދަރިފުޅާ.....] ކޮޓަރިތެރޭ އަވަދިނެތި ކޮންމެވެސް މަސައްކަތެއްގައި ހުރެފައި، ނަދުހާގެ އަޑަށް ޒުހުރާ ނުކުތެވެ. ނަދުހާހުރީ ނިކަން ހާސްވެ ކަންބޮޑުވެފައެވެ.

[މަންމާ...އަހަރެން ވާހަކައެއް އަހައިފިއްޔާ ތެދަށް ޖަވާބުދޭނަންތަ؟ ނަދުހާ ކުރީ ސުވާލެކެވެ. އޭނާ ބޭނުންވަނީ އޭނާގެ ހިތުގައިވާ ހާސްކަމާއި ނުތަނަވަސްކަން ފިލުވާށެވެ.

[ކޮންވާހަކައެއް؟ އަހާބަލަ. މަންމަ ދަރިފުޅަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން...] މަންމަގެ ވާހަކައިން ނަދުހާއަށް ހިތްހަމަޖެހުން ލިބުނު ކަހަލައެވެ. ފުރަތަމަ އޭނާ ބަލައިލީ އޭނާއާ ދާދި ގާތުގައި ހުރި ލީލާގެ މޫނަށެވެ. ލީލާގެ ސިފައިގައި ހުރި ދަލޭކަ ބޯޖަހާލިއެވެ.

[އަހަރެންގެ ޙަޤީޤީ ބައްޕައަކީ ކާކު؟] ނަދުހާ ޒުހުރާގެ މޫނަށް ބަލަން ހުރެފައި ސުވާލުކޮށްލިއެވެ. ޒުހުރާއަށް ތެޅިގަނެވުނެވެ. އޭނާއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ބާރު ބޮނޑިއެއް އަޅާލިހެންނެވެ. އޭނާގެ މޫނުމައްޗަށް ހާސްކަމާއި ނުތަނަވަސްކަން ވެރިވިއެވެ.

[ކުއްލިއަކަށް ދަރިފުޅު ތި ސުވާލު ކުރަން ޖެހުނީ ކީއްވެ؟ ބައްޕަ ދަރިފުޅަށް ދޭންޖެހޭ ލޯބިން ބައެއް އުނިވީތަ؟]

[ނޫން، ބައްޕައެއްގެ ލޯބި އަހަންނަށް ފުރިހަމައަށް ލިބޭ. މަންމަ ބުނީމެއްނު އަހަރެންގެ ސުވާލަށް ތެދަށް ޖަވާބުދޭނަމޭ. ބުނީމެއްނު އެއްވެސް ކަމެއް އަހަންނަކަށް ނުފޮރުވާނަމޭ.] މަންމަގެ މޫނަށް ބަލަންހުރެފައި އަނެއްކާވެސް ނަދުހާ ވާހަކަ ދެއްކިއެވެ. ނަދުހާ ބޭނުންވަނީ އަމިއްލަ ޙަޤީޤަތް ދެނެގަންނާށެވެ. ދެންވެސް ޒުހުރާއަކަށް ޙަޤީޤަތް ހާމަކުރާކަށް ކުޅަދާނައެއްނުވިއެވެ. އޭނާ ކުރިއަށް ހިނގައިގެންފިއެވެ. ޙަޤީޤަތާއެކު ދަރިފުޅާ ކުރިމަތިލާން ބޭނުންވާތީއެވެ.

[މަންމާ...އާދޭސްކުރަން މަންމާ، އަހަރެންގެ ސުވާލަށް ތެދަށް ޖަވާބުދީ...މަންމަ ތިއުޅެނީ ޙަޤީޤަތާ ކުރިމަތިލާން ނުކެރިގެން.] ނަދުހާ މަންމަގެ ފަހަތުންގޮސް މަންމަ ހިފެހެއްޓިއެވެ. ޒުހުރާ ހުއްޓުނެވެ. އޭރު ޒުހުރާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

[ދަރިފުޅާ، ދަރިފުޅު ތިއުޅެނީ މަންމަގެ ހިތް ހަލާކުރަންތަ؟ މަންމަ ކިހިނެއްތަ ދަރިފުޅު ތިއެދޭ ގޮތަށް ޙަޤީޤަތް ހާމަކުރާނީ....މަންމައަށް އެހިތްވަރެއް ނުކުރެވޭނެ...އެވާހަކަ ކިޔައިދީފިއްޔާ ދަރިފުޅުވެސް ދެރަވާނެ....ދަރިފުޅުގެ ކުރިމަތީގައި އެވާހަކަ ކިޔައިދޭކަށް މަންމައަކަށް ކުޅަދާނައެއް ނޫން....] ޒުހުރާއަށް ރޮވިއްޖެއެވެ. އޭނާ ރޮމުން ދަރިފުޅުގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

[ހުރިހާ ޙަޤީޤަތެއްވެސް އަހަންނަށް އެނގޭ. އަހަރެން ކިޔައިދީފާނަން، ޒުހުރާގެ މައްސަލައެއް ނެތިއްޔާ....] ލީލާ ކުޑަކޮށް ކުރިއަށް ޖެހިލައި، މިހެން ބުނީމާ ޒުހުރާ ސިހުމާއެކު ލީލާގެ މޫނަށް ބަލައިލިއެވެ.

[ކިހިނެއް ލީލާއަށް އެނގެނީ؟] ޒުހުރާ އެއްސެވެ.

[އަހަންނަށް އެނގެނީ ކީއްވެގެންކަމާއި ސަބަބުވެސް ފަހުން ޒުހުރާއަށް އެނގޭނެ. ޒުހުރާގެ މައްސަލައެއް ނެތިއްޔާ، އަހަރެން އެވާހަކަ ކިޔައިދީފާނަން.] ރޮއިރޮއި ހުރި ޒުހުރާއަށް ލީލާ ބަލައިލިއެވެ. އޭރު ނަދުހާވެސް ރޮވެނީއެވެ. ޒުހުރާ މައްސަލައެއްނެތޭ ކިޔައިދޭށޭ ބުނާފަދަ ގޮތަަކަށް ބޯޖަހާލިއެވެ. ލީލާ ޒުހުރާއާ ޝަކީބާގެ މާޒީގެތެރެއަށް ވަނެވެ.

އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. ޒުހުރާއާއި ޝަކީބްގެ މަދްރަސީ ދައުރު ނިމި، ލޯބީގެ ދިގު ދައުރަކަށްފަހު ކައިވެނިކުރީ ނުހަނު އުފަލާއި ހިތްހަމަޖެހުން ޙިއްޞާ ކުރަމުންނެވެ. އޭރުވެސް ޝަކީބްގެ ޢާއިލާއަކީ މުއްސަނދި ތަނަވަސް ޢާއިލާއެއްކަމުން، ޝަކީބްގެ ދެމަފިރިންވެސް ކައިވެންޏަށްފަހު އުޅެމުން އައީ ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ. ކައިވެނީގެ ފުރަތަމަކޮޅު ކުއްޖަކު ބޭނުންނުވިޔަސް، ކައިވެންޏަށް ދެއަހަރެއްހާ ދުވަސްވީތަނާހެން ޒުހުރާ ދަރިޔަކު ބޭނުންވެގެން އެވާހަކަ ޝަކީބްގާތު ދައްކަން ފެށިއެވެ.

[މިހާރު ކައިވެންޏަށް ދެއަހަރުވީ. އަދިވެސް އުނގު ފަޅުފިލުވޭވަރެއް ނުވޭދޯ؟ އަހަރެން ވަރަށް ބޭނުން ދަރިޔަކު.] ޒުހުރާ ޝަކީބްގެ މޭގައި ބޯއަޅައިގެން އޮވެ ވާހަކަ ދެއްކިއެވެ.

[އަހަރެންވެސް ބޭނުން. މިވީ ދެއަހަރު ދުވަސްތެރޭ ކުއްޖަކު ނުހޯދާކަން އަހަރުމެން ނޫޅެމެއްނު. މިހާރު ދެން ދެމީހުންވެސް ޓެސްޓް ކުރަންވީކަންނޭނގެ. ދަރިން ލިބުމުން މަޙްރޫމްވެފައިވަނީ އަހަރެން ކަމުގައިވަނީވިއްޔާ، އަހަރެން ޒުހުރާ މަޔަކަށްވުމަށް ފުރްޞަތުދޭނަން.] ޝަކީބް މިހެން ބުނީމާ ޒުހުރާ ނިކަން ހާސްވިއެވެ. ޙަޤީޤަތުގައި ޝަކީބާ ވަކިވުމަކީ ދުވަހަކުވެސް އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. މަޔަކަށްވުމުގެ ބޭނުމުގައި ލޯބި ޤުރްބާންކުރާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ.

[ތިބުނީ ދަރިން ލިބުމުން މަޙްރޫމްވެފައިވަނީ އަހަރެން ކަމަށް ވެއްޖިއްޔާ، ޝަކީބް އަހަރެން ދޫކޮށްލާނެ ވާހަކަތަ؟] ޒުހުރާ ފެންކަޅިވިއެވެ.

[ނޭނގެ، ޒުހުރާ އެކަންޏެއް ނޫން. އަހަރެންވެސް ޒުހުރާދެކެ ލޯބިވޭ. އެކަމަކު ބައްޕައަކަށްވުމަކީ އަހަރެންދެކޭ ހުވަފެނެއް. އަހަރެން ބޭނުން ބައްޕައަކަށްވާން.] ޝަކީބް ޒުހުރާ ދޫކޮށްނުލާނެ ވާހަކައެއް ނުބުނެއެވެ. އެހެންކަމުން ޒުހުރާއަށް ރޮވުނެވެ. ލޯބި ބީވެގެން ހިނގައިދާނެ ކަމުގެ ބިރު ކުރިމަތިވީމައެވެ.

[ފާއިޒާއި މަރީނާ ކައިވެނިކުރިތާ އަދި ނުވާނެ އަހަރެއް. އެކަމަކު މިހާރު މަރީނާ އެއިނީ ބަލިވެ.....އިހަކަށްދުވަހު ދިމާވެގެން ފާއިޒް ލައްކަ ފޮންޏެއް ކެނޑިއޭ....އެދުވަހު ދިމާފަށެއްކޮށްލި. އަހަންނާ ދިމާއަށް ބުނި، ތިމަންނާ ކިހާ ގަދަހޭ.]

[އަޅެ ހިނގާ ޓެސްޓްކުރަމާ. ޓެސްޓް ކުރާނީވެސް ދެމީހުން އެއްކޮށް. ނަތީޖާ ލިބެންވާނީވެސް ދެމީހުން އެއްކޮށް....] ޒުހުރާ ބުންޏެވެ. އެދުވަހު ދެމަފިރިން ވާހަކަ ދައްކައިގެން ނިންމީ، ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިޔުމަށެވެ. އޭރު ދުނިޔޭގައި ހުރި ޝަކީބްގެ ބައްޕަ ބަކުރުގެވެސް އެދުމާ އެކީގައެވެ.

[އިންޑިޔާއަށް ދާން އަހަރެން ބޮޑަށް ފަރިތަވާނީވެސް. އަހަރެން އިންޑިޔާއަށް ފޮނުވަން ބައްޕަ އެހާވަރުން އެއުޅެނީ ކާފައަކަށްވާން ހިތްއެދޭވަރުން.] ޝަކީބް ބުންޏެވެ.

[އައްސަލާމް ޢަލައިކުމް....] އެވަގުތު އައިސްވަނީ ފާއިޒްގެ ދެމަފިރިންނެވެ.

[ވަޢަލައިކުމުއްސަލާމް، އަނހަ....ފާއިޒް، މަރީނާ އާދޭ އިށީންނަން...އަދިވެސް ތިބަނޑު ހިންދާލާކަށްނުވޭތަ؟ ސަލާމް ބަލައިގަތުމަށްފަހު ޝަކީބް ބުންޏެވެ.

[ދެން ނެތް މާގިނަ ދުވަހެއް. ޖުލައިމަހު ސަތާރައަށް އިންތިޒާރު މިކުރަނީ....ޝަކީބްމެންވެސް ދެން ކުއްޖަކު ހޯދަން ވެއްޖެއެއްނު.] އިށީންނަމުން ފާއިޒް ބުންޏެވެ. ޝަކީބް ބަލައިލީ ޒުހުރާގެ މޫނަށެވެ. އިސްޖަހާލިއެވެ. ދޭނެ ޖަވާބެއް ނެތީމައެވެ.

[މިފަހަރު ފާއިޒަށް ތިލިބޭ ކުއްޖާއަކީ ފިރިހެން ކުއްޖަކަކަށް ވެއްޖިއްޔާ، އަހަރެންގެ ޒުހުރާ މާގިނަ ދުވަސްތަކެއްނުވެ ތިކުއްޖާއާ ދެވާނެ އަންހެން ކުއްޖަކު ވިހާނެ.] ޝަކީބް ހީގަންނަމުން ބުންޏެވެ. ދެރަވެފައިހުރި ޒުހުރާވެސް ހީގަތެވެ.

ޖެހިގެން އައި ދުވަހު ޝަކީބާއި ޒުހުރާ އިންޑިޔާއަށް ދިޔައެވެ. ފޮނި އުއްމީދަކާއި ހުވަފެންތަކެއް ދެކެމުންނެވެ. ޙަޤީޤަތުގައި އެދެމަފިރިންވެސް އެކަކު އަނެކަކަށް ވަކިވާކަށް ބޭނުމެއް ނޫނެވެ. ލޯބީގެ ދިގު ދައުރަކަށްފަހު، އެމީހުންވެސް ކައިވެނިކުރީ ނިކަން ފޮނި އުއްމީދުތަކަކާ އެކުގައެވެ. އެހެންކަމުން، މިހާރު އެމީހުން ބޭނުންވަނީ، އެމީހުންގެ ލޯބީގެ ބަގީޗާގައި މީރުވަސް ފަތުރާނެ ފަރި މަލެކެވެ. ޝަކީބާއި ޒުހުރާގެ ދުޢާއަކީ، އެފޮނި އުއްމީދުތައް ފުރިހަމަވުމެވެ. އެދެމަފިރިންގެ ގުޅުން ދާއިމީވާން އެދޭތީއެވެ.

ކޮންމެ ހުވަފެނެއް ސީދާވުމާއި، ކޮންމެ އުއްމީދެއް ފުރިހަމަވުމަކީ ވަރަށް ނާދިރު ކަމެކެވެ. ވުމާއެކު ޝަކީބާއި ޒުހުރާއަށްވެސް ދިމާވީ ނިކަން ބަދުނަޞީބު ގޮތެކެވެ. ޓެސްޓްތަކެއް ހެދުމަށްފަހު، ޑޮކްޓަރ ތަކުރާރުކޮށް ބުނީ ދެމަފިރިންކުރެން އެކަކަށްވެސް ދަރިއަކު ނުލިބޭނެ ކަމަށެވެ. އެހެންކަމުން، އެ ނާކާމިޔާބު ދަތުރަށްފަހު، ޝަކީބްމެން މާލެއައީ ކުއްޖަކަށްޓަކައި ކުރެވޭ އުއްމީދެއްގެ ސަބަބުން އިތުރު ގޮތްތަކެއް ރާވައިގެންނެވެ. މާލެއައިތާ ދެވަނައަށްވީ ދުވަހު ދިވެހިބޭސް ކުރުމަށް ރާއްޖެތެރެއަށް ދިޔުމަށް ޝަކީބް ޤަޞްދުކުރިއެވެ. [ކޮންރަށަކަށްދާނީ؟] ޒުހުރާ އެއްސެވެ.

[ލ. މާވަށަށް ދާނީ. އެރަށުގައި ކޮންމެވެސްވަރަކަށް އަހަރެން ދަންނަ މީހުންވެސް އުޅޭނެ.] ޝަކީބް ބުންޏެވެ.

[ކޮން ދުވަހަކަށް ފުރުން ތައްޔާރުކުރާނީ.] ޒުހުރާ އެހިއެވެ.

[އަންނަ ބުރާސްފަތީގައި ފުރޭތޯ ބަލަންވާނެ. ޝަކީބް ބުންޏެވެ. ޒުހުރާ ބޯޖަހާލިއެވެ.

ލ. އަތޮޅަށް ގޮސް، އެއަތޮޅުގައިވެސް ޒުހުރާގެ ދެމަފިރިން މަހެއްހާ ދުވަސް ވަންދެން ތިއްބެވެ. ނަމަވެސް އެދެމަފިރިންގެ އުއްމީދު ފުރިހަމައެއްނުވިއެވެ. މިހާރު ލައްކަ ބޭސްވެސް ކުރެވިއްޖެއެވެ. އެހެންކަމުން، ދެން ފުރައިގެންދިޔައީ ރާއްޖޭގެ އެހެން ސަރަޙައްދަކަށެވެ. އެމީހުން ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދުއަށް ދިޔައީ ދިވެހިބޭސްކޮށް ކުއްޖަކު ނުލިބުނު ކަމުގައިވިޔަސް، އެރަށުން އެމީހުން ދަރިއެއްގެ ގޮތުގައި ބަލާނެ ކުއްޖަކު ހޯދައިގެން މާލެ ގެނައުމުގެ މަޤްޞަދުގައެވެ. ބިލެތްދޫގައި އުޅޭތާ މާގިނަ ދުވަސްތަކެއްނުވެ އެ އުއްމީދު ފުރިހަމަވެއްޖެއެވެ. ޝަކީބްމެން ބިލެތްދޫގައި އުޅުނު ގެޔާ ޖެހިގެންހުރި ޖިފުޓިގަނޑެއް ކަހަލަ ގެއަކީ އަޅާލާނެ ޔާރަކުނެތް، ނިކަމެތި އަންހެނަކު އުޅޭ ގެއެކެވެ. އޭރު އެއަންހެން މީހާ އުޅެނީ ލޯބިލޯބި އަންހެން ކުއްޖަކު ވިހައިގެންނެވެ. އެހެންކަމުން، ތުއްތު ކުއްޖަކަށް ފެންބޮވައިގެންފައިވާ ޝަކީބްގެ ދެމަފިރިން، ކޮންމެ ދުވަހަކުވެސް ގިނަވަގުތު ހޭދަކުރަމުން އައީ އެގޭގައެވެ.

މިގޮތުގައި އެދެމަފިރިން އެރަށުގައި އުޅޭތާ ފަނަރަވަނައަށްވީ ދުވަހު ވަރަށް ކުއްލި ގޮތަކަށް އެލޯބި ލޯބި ކުއްޖާގެ މަންމަ ނިޔާވިއެވެ. އިއްތިފާޤުން އެދަރިފުޅުގެ މަންމައާއި ބައްޕައަށްވުމަށް އެދެމަފިރިންނަށް ފުރްޞަތު ލިބުނެވެ. އެދަރިފުޅަކީ ކާކުތޯއެވެ. އެއީ ނަދުހާއެވެ. ލީލާ، މިވާހަކަތައް ކިޔައިދީ ނިމުނުއިރު، ނަދުހާއަށް ވަނީ ރޮވިފައެވެ. އޭރު ޒުހުރާވެސް ރޮނީއެވެ. ދަރިފުޅު، އެމީހުން ދޫކޮށް، އޭނާގެ މަންމަގެ ރަށަށް ހިނގައިދާނެ ކަމުގެ ބިރު ހީވަނީއެވެ.

[ދަރިފުޅު ކީއްކުރަން ހޯދަން އުޅުނު ޙަޤީޤަތެއް...މިމަންމައާއި ބައްޕަ ދަރިފުޅަށް ލޯބި ނުދެނީތަ؟] ޒުހުރާ ރޮމުން ނަދުހާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

[ލޯބި ނުދެނީކީނޫން. އަހަރެންގެ މަންމަ ދުނިޔޭގައި ނެތަސް، ޢާއިލާ މީހުން އެރަށުގައި އުޅޭނެއެއްނު. އަހަރެން ބޭނުން އެރަށަށްދާން. އަދިވެސް އަހަރެންގެ ބައްޕައަކީ ކާކުކަމެއް ނޭނގެދޯ؟] ނަދުހާއަށް ގިސްލެވުނެވެ.

[އެއީ އެރަށުގައިވެސް އެއްވެސް މީހަކަށް ނޭނގޭ ކަމެއް. ދަރިފުޅުގެ މަންމަ ދުވަހަކުވެސް މީހަކާ ނީނދޭ.] މިފަހަރު ޖަވާބުދިނީ ޒުހުރާއެވެ. އޭރު ލީލާގެ ސިފައިގައި ހުރި ދަލޭކައަށްވެސް ރޮވެނީއެވެ.

[ތިބުނީ އަހަރެންގެ ބައްޕައެއް ނުހުރެއޭތަ؟] ނަދުހާއަށް ގިސްލެވުނެވެ.

[ބައްޕަ މިހުރީނު....ކިހިނެއްވީ؟ އެންމެން ރޮނީ....] އެވަގުތު އައިސްވަން ޝަކީބް ވާހަކަ ދެއްކިއެވެ. ނަދުހާ ބަލައިލީ މަންމަގެ މޫނަށެވެ. ޒުހުރާ ބަލައިލީ ޝަކީބްގެ މޫނަށެވެ. ލީލާވެސް ހީވަނީ ވަރަށްގިނަ ވާހަކަތައް ދައްކަން ބޭނުންވެ ނުދެއްކިގެން އުޅޭހެންނެވެ. ނޫނީ ދައްކަން ފަސްޖެހެނީއެވެ. އިތުރަށް މަޞްލަޙަތު ގެއްލިދާނެތީއެވެ. ޙަޤީޤަތުގައި ނަދުހާ، އޭނާގެ ކުރިމަތީގައި ރުއިމަކީ އޭނާ ވަރަށް ދެރަވާ ކަމެކެވެ. ދަރިޔަކު ރޯތަން ފެނުމަކީ، މަޔަކަށް ނޫނީ ބަފަޔަކަށް ކުރެވޭފަދަ އިޙްސާސްތަކެއް އޭނާއަށް ކުރެވެއެވެ.

[ކިހިނެއްވެގެންތަ މިއުޅެނީ، ބައްޕަ ގާތު ބުނެބަލަ ދަރިފުޅާ.....ޝަކީބް ނަދުހާގެ ދެކޮނޑުގައި ހިފެހެއްޓިއެވެ.

[އަހަންނަކީ ކިހާބޮޑު ނިކަމެއްޗެއް. އަހަރެން ދުނިޔެއަށް އައިގޮތެއްވެސް އަހަންނަކަށް ނޭނގެ.] ނަދުހާ ބާރުބާރަށް ރޮމުން ޝަކީބްގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ދަރިފުޅާ، މިމަންމައާ ބައްޕަ ދުރުކޮށްލަން ތިއުޅެނީ ދަރިފުޅު ކީއްވެތަ؟ ދަރިފުޅު ނިކަމެތިވާންވީ؟ ކޯއްޗެއްތަ ދަރިފުޅުގެ އަތުގައި ނެތީ؟ މުދަލާއި ފައިސާ އެބަހުރި. ގެއެއް އެބަހުރި. ދަރިފުޅަށްވުރެ މިމަންމައާއި ބައްޕަ ނިކަމެއްޗެއްނު. މަންމައާއި ބައްޕަގެ އަތުގައި އެއްވެސް އެއްޗެއް ނެތް. ހުރިހާ މުދަލާއި ފައިސާއެއްވެސް ވަނީ ދަރިފުޅުގެ ނަމުގައި.] ޒުހުރާ ރޮމުން ރޮމުން އައިސް ނަދުހާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

[ފައިސާއާއި މުދަލުގެ ތަނަވަސްކަމުން ހުރިހާ އުފަލެއް ޙާޞިލެއް ނުވާނެ. އަހަރެން ދުނިޔެއަށް އައި ގޮތުން އަހަރެން ދެރަވަނީ. އަހަރެންގެ އުފަން މަންމަ ދުނިޔޭގައި ހުރިނަމަ، އެމަންމައަށް ކެހިދިން މީހަކު އަހަންނަށް ހޯދުނީސް. އެކަމަކު އަހަރެންގެ ޙަޤީޤީ ބައްޕަ އަހަންނަކަށް ދުވަހަކުވެސް ނުހޯދޭނެ.] ނަދުހާ ރޮމުން ގިސްލަމުން ބުންޏެވެ.

[ނުރޮއި ހުއްޓާލާ! ނަދުހާއަށް ބައްޕަވެސް ހޯދޭނެ. ބައްޕައާ ބައްދަލުވެސްވާނެ.] ލީލާގެ ސިފައިގައި ހުރި ދަލޭކަ ބުންޏެވެ. ނަދުހާގެ ދެލޯ ބޮޑުވިއެވެ.

[މަންމަ ދުނިޔޭގައި ނެތީސް ކިހިނެއްތަ ހޯދާނީ؟] ނަދުހާ ސިހިފައި ލީލާއަށް ބަލައިލިއެވެ.

[ނަދުހާގެ މަންމަ ދުނިޔޭގައި އެބަހުރި. ބައްޕަވެސް އެބަހުރި.] ލީލާގެ މިޖުމްލައާއެކު އެންމެންގެ ލޯތައް ލީލާއަށް ހުއްޓި ޙައިރާންވިއެވެ. ލީލާ އިސްޖަހާލަމުން ކުޑަކޮށް ކުރިއަށް ޖެހިލިއެވެ.

[އޭނ؟ އަހަރެންގެ މަންމަ ދުނިޔޭގައި އެބައުޅެއޭ؟] ނަދުހާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. ލީލާ އެއްމިޔަކަނުން ހީނލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އޭރު ޝަކީބާއި ޒުހުރާގެ ނަޒަރުވެސް ހުއްޓިފައިވަނީ ސީދާ ލީލާއަށެވެ. ޙަޤީޤަތުގައި މިހާރު ޒުހުރާމެން ލީލާއާމެދު ޙައިރާންވެއެވެ. ހިތުގައި ސުވާލުތަކެއްވެސް އުފެދިއްޖެއެވެ. ލީލާއަށް އެމީހުންގެ ދިރިއުޅުން އެހާ ރަނގަޅަށް އެނގެންވީ ކީއްވެހެއްޔެވެ؟ ލީލާއަކީ ނަދުހާގެ ޙަޤީޤީ މަންމައާއި ބައްޕަގެ ރަށު މީހަކީ ބާވައެވެ؟ އެރަށު މީހަކަސް ޒުހުރާއާއި ޝަކީބްގެ ޒަވާޖީ ޙަޔާތުގެ ފުރަތަމަ ދުވަސްތަކުގެ ވާހަކަތައް އެހާ ރަނގަޅަށް ލީލާއަށް އެނގެންވީ ކީއްވެގެން ހެއްޔެވެ؟

[ލީލާ! އަހަރެން ލީލާއާ ދޭތެރޭ ފިސާރި ޙައިރާންވެއްޖެ. ކިހިނެއްތަ، ލީލާއަށް ތިހާ ރަނގަޅަށް އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެނގުނީ؟] ޒުހުރާ އެއްސެވެ. ޝަކީބާއި ޒުހުރާގެ ދިރިއުޅުމުގެ ޙަޤީޤަތް، ލީލާ ނަދުހާއަށް ހާމަކޮށްދިންއިރު ހީވަނީ ފޮތެއްގައި ލިޔެފައިވާ ވާހަކައެއް ކިޔައި ނިންމާލިހެންނެވެ.

[ފަސްނުޖެހޭ ލީލާ، އަހަރެންގެ މަންމަ ދުނިޔޭގައި ހުރިއްޔާ ބުނޭ، ކާކުތަ އެއީ. ވަރިހަމަ އެނގެންޏާ ބައްޕަ ބުނެދިނަސް.] ނަދުހާ ލީލާގެ އަތުގައި ހިފެހެއްޓިއެވެ.

ނަޞީބު ދިމާކުރިގޮތުން އެމަޥްޟޫޢު މެދުކަނޑާލަން އެމީހުންނަށް މަޖުބޫރުވީ ނަދުހާ ލަސްވެގެން އޭނާ ބަލާ އޭނާގެ ފިރިމީހާ ނަވާލް އައިސް އެގެއަށް ވަނީމައެވެ.

[އެންމެން ހާދަ އޮލަ ވާހަކައެއްގައި. އެމެރިކާގެ އަތްދަށަށް ޞައްދާމް ދިޔައިމަ އެބަޙުޘްދޯ ތިކުރަނީ. ފަސޭހަދޯ ބައްޕާ އޭނާގެ ކަންތައް ދިޔަލެއްވެސް.] ޞައްދާމް ހައްޔަރުކުރި ވާހަކަ ލިޔެފައިވާ ނޫސް ހިފައިގެން، ގެއަށް ވަންނަމުން ނަވާލް ވާހަކަ ދެއްކިއެވެ.

[ދަރިފުޅާ ތިބުނީ ތެދެއް. އަހަރުމެން ހީކުރިވަރެއްނުވިދޯ. އެމީހުން ތަޅަނީ ހުސް އަނގައޭ......] ޝަކީބް ނަވާލްގެ އަތުން ނޫސް އަތުލުމަށްފަހު، އޭގެ ގަނޑުތައް އުކަން ފެށިއެވެ.

[ބައެއް މީހުން އެބަކިޔާ، އަޞްލު ޞައްދާމެއް ނޫނޯ، އެމީހުން އަތުލައިގެން އުޅެނީ....] ޝަކީބް ނޫހަށް ބަލަން ހުރެފައި ބުންޏެވެ.

[ކޮންތާކު....އެއީ ހަމަ ޞައްދާމް....އޭތް....ނަދޫ....ހިނގާ ގެއަށްދާން....] ނަވާލް ގަޑިއަށް ބަލައިލުމަށްފަހު ބުންޏެވެ.

[މަންމާ...ބައްޕާ....އަހަރެން ދަނީ....] ނަދުހާއާއި ނަވާލް ގެއަށް ދިޔުމަށްޓަކައި ނުކުމެއްޖެއެވެ. ނަދުހާ ދިޔުމާއެކު، ޒުހުރާ ލީލާއާ ވާހަކަ ދައްކަން ބޭނުންވިއެވެ. އެމީހުންގެ ދިރިއުޅުމާ ބެހޭގޮތުން އެހާގިނަ މަޢްލޫމާތުތައް އެހާ ރަނގަޅަށް ލިބިފައިވަނީ ކިހިނެއްތޯ ބަލަން އޭނާ ބޭނުންވަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން