ޞާދިރު ޢަލީދީދީ   12 ސެޕްޓެމްބަރު 2020 - 15:12
ސަންޑޭ
ސަންޑޭ
އެޕިސޯޑް 20

...............

[މަންމާ...ބައްޕާ....އަހަރެން ދަނީ....] ނަދުހާއާއި ނަވާލް ގެއަށް ދިޔުމަށްޓަކައި ނުކުމެއްޖެއެވެ. ނަދުހާ ދިޔުމާއެކު، ޒުހުރާ ލީލާއާ ވާހަކަ ދައްކަން ބޭނުންވިއެވެ. އެމީހުންގެ ދިރިއުޅުމާ ބެހޭގޮތުން އެހާގިނަ މަޢްލޫމާތުތައް އެހާ ރަނގަޅަށް ލިބިފައިވަނީ ކިހިނެއްތޯ ބަލަން އޭނާ ބޭނުންވަނީއެވެ.

[ލީލާ ބުނެބަލަ، ލީލާއަށް އެވާހަކަ ކިޔައިދިނީ ކާކުތަ؟] ޒުހުރާ ލީލާގެ ގާތަށް ޖެހިލިއެވެ. ލީލާ ހިނިތުންވެލިއެވެ. ވިސްނަން ވަގުތު ބޭނުންވާތީއެވެ.

[ބިލެތްދޫ މީހަކު އަހަންނަށް ކިޔައިދިނީ.....] ލީލާ ހެދީ ދޮގެވެ.

[ތިހެންވީއިރު ލީލާތާ ނަދުހާއަށްވެސް އެވާހަކަ ކިޔައިދިނީ.....] ލީލާއާ ދޭތެރޭ ހިތްހަމަނުޖެހިފައި ހުރެ ޒުހުރާ ބުންޏެވެ. ލީލާ އާއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ. ޒުހުރާގެ ގާތަށް ރުޅިއައެވެ.

[މިޢާއިލާ އުފަލުގައި އުޅޭތީ ލަނގޮޑިއަށް ތަދުވީދޯ....ބައެއް އިންސާނުންނަކީ ހާދަހާ ގޮތެއް ފޮތެއްވެސް ނުހުންނަ ބައެކޭ....އަހަރެމެންނާއި އަހަރެމެންގެ ދަރިފުޅާ ދޭތެރެއަށް ވަދެގެން ކަލެއަށް އޮތީ ކޮން އުފަލެއް.....އަހަރެމެން ކަލޭ މިގެއަށް ގެނައީ މިޢާއިލާ ގަޑުބަޑުކޮށްލާކަށް ނޫނޭ....އެހެންނުވާނީ ފެންނައިރަށް ގެންނަން......] ޒުހުރާ ރުޅިބޭލިއިރު ޝަކީބަށްވެސް ބޭލިއެވެ.

[އޭނާގެ ނިތްކުރިއަކު ލިޔެފައެއް ނެތޭ. ބުނެއުޅެއެއްނު، ގޮތް އެނގޭނީ އެކުގައި އުޅުނީމައޭ....އަހަރެންވެސް ހަމަ ޙައިރާންވެއްޖެ، ތި ލީލާއަކާހުރެ. ނުލާހިކު ބޮޑު މުސާރަދީގެން، އޭގެއިތުރުން ބުނި ކޮންމެ ކަމެއް ކޮށްދީގެން މިގެންގުޅެނީ....ދަލޭކަ ފޮނުވާނުލާ ބެހެއްޓިނަމަ، މާރަނގަޅެއްނު....ކަލޭ ހަމަ މިހާރު މިގެއިން ނުކުމޭ.....ބޭނުމެއް ނޫން، ކަލޭ ދެން މިގޭގައި ބަހައްޓާކަށް.] ޝަކީބްވެސް ހުރީ ވަރަށް ރުޅި އައިސްފައެވެ. ލީލާ އިސްޖަހާލައިގެން ނުކުމެއްޖެއެވެ.

[ދަލޭކަ މިގެއިން ފޮނުވާލެވުން އެއީ އަހަރުމެންގެ ބަދުނަޞީބު. ދަލޭކަ އެމަންޖެއަށްވެސް ހާދަ ރަނގަޅޭ. މަޔަކު ދަރިއަކާ ދޭތެރޭ ދެކޭގޮތަށް، އޭނަ އެމަންޖެއާ ދޭތެރޭ ދެކެނީ.....] ސަލާމް ގޮވުމަށްފަހު، ދަލޭކަ އެގެއަށް އައިސްވަނީ ޒުހުރާއަށް އެހެން ބުނެވުނުތަނާހެންނެވެ.

[ވަޢަލައިކުމުއް ސަލާމް......] ދަލޭކަގެ ޢުމުރުވެސް ވަރަށް ދިގުވާނެ. ހީވަނީ ދަލޭކަގެ ވާހަކަ ދެއްކި އަޑުއިވިގެން އައިސް ވަންހެންވިއްޔަ......] ސަލާމް ބަލައިގަތީ ޝަކީބެވެ.

[ދަލޭކަ އަނެއްކާވެސް މިގޭގަ ހުރެދޭންވީނު. އަހަރެމެން މިދައްކަނީވެސް ދަލޭކަގެ ރަނގަޅު ވާހަކަ.....] ޒުހުރާ މިހެން ބުނީމަ ދަލޭކަ ހީލިއެވެ.

[މައްސަލައެއް ނެތްތަ......ލީލާ ފޮނުވާލީތަ؟] އެގޭގައި ހުންނަން އެދުމުން ދަލޭކަ އެއްސެވެ. އެއަށްފަހު ޒުހުރާ، އޭނާ ފޮނުވާލި ވާހަކައާއި، ފޮނުވާލަންޖެހުނު ސަބަބުވެސް ދަލޭކައަށް ކިޔާދިނެވެ.

[ލީލާ ތިވީ މާ ވިޔާނުދާ މީހަކަށްތާ.....] ދަލޭކަ ބޯކަހާލިއެވެ.

ގެއަށްގޮސް ނަދުހާއަށް ވިސްނެނީ، އޭނާގެ އަމިއްލަ ނަފްސާ ދޭތެރޭގައެވެ. ޚުދު އޭނާއަކީ ކާކުކަން އޭނާއަށް ނޭނގޭތީ އޭނާ ނިކަން ދެރަވެއްޖެއެވެ. ހިތަށްއަރައެވެ. [އަހަންނަކީ ހަމަ ޙަޤީޤަތުގައިވެސް މީހުންގެ މަލާމާތް ރައްދުވާފަދަ ގޮތަކަށް މިދުނިޔެއަށް އުފަންވެފައިވާ މީހަކީ ހެއްޔެވެ. މުނާޒް މިޙަޤީޤަތް ކިޔައިނުދިންނަމަ، އަހަރެން ހިތާމަކޮށް ރޯކަށް ނުޖެހުނީހެވެ.]

[އަހަރެންގެ ޙަޤީޤަތް އެނގިހުރެ ނަވާލްފަދަ މީހަކު އަހަންނާއެކު އުޅެފާނެ ހެއްޔެވެ؟] މިއީވެސް މިހާރު ނަދުހާގެ ހިތުގައި އުފެދޭ ސުވާލެވެ. ކައިވެންޏަކާނުލާ އޭނަ މިދުނިޔެއަށް އުފަންވުމަކީ ޙަޤީޤަތުގައި އޭނާގެ ކުށެއް ނޫނެވެ. އޭގެ ދެރަ އޭނާއަށް ލިބޭކަށް ނުވެސް ޖެހޭނެއެވެ. އެކަމަކު ދުނިޔޭގެ އާދައަކީ އެއީއެއް ނޫނެވެ. އެފަދަ ގޮތްގޮތަށް ދުނިޔެއަށް އުފަންވާ ގިނަ ކުދިންނަކީ ބިކަހާލުގައި ހިތްދަތި ދިރިއުޅުމެއް ޙިއްޞާކުރާ ބައެކެވެ. އެހެންނަމަވެސް، ދިރިއުޅުމުގައި މިއަދާ ހަމައަށްވެސް ނަދުހާގެ ޙަޔާތުގައި އުފަލާއި ހިތްހަމަޖެހުން ފިޔަވައި އިތުރުކަމެއް ނެތެވެ. އޭނައަށް މަންމައާއި ބައްޕަގެ ލޯބިވެސް ލިބުނެވެ.

[ނަދުހާގެ މަންމަ ދުނިޔޭގައި އެބަހުރި. ބައްޕަވެސް އެބަހުރި.] ލީލާ ބުނި ޖުމްލައެއް ކުއްލިއަކަށް ނަދުހާގެ ސިކުނޑީގައި ގުގުމާލި ކަހަލައެވެ. އޭނާގެ ހިތް ލީލާއާ ބައްދަލުވުމަށްޓަކައި ހިތްއަވަސްވެގަތެވެ. އިތުރު ޙަޤީޤަތްތަކެއް ލީލާގެ ކިބައިން އޮޅުންފިލުވުމަށް އޭނާ ބޭނުންވިއެވެ. ދުނިޔޭގައި އުޅޭނަމަ އޭނާގެ އުފަން މަންމައާއި ބައްޕައާ ބައްދަލުކުރަން އޭނާ އިންތިހާއަށް ބޭނުންވެއެވެ.

[އަހަރެން އެމީހުނާ ބައްދަލުކުރާނަން.] ނަދުހާއަށް ހިތާހިތާ ކިޔާލެވުނެވެ. މިހާރު ހޭދަވާ ކޮންމެ ސިކުންތެއްގައިވެސް އޭނާއަށް އިންތިޒާރު ކުރެވެނީ ދަލޭކައަށެވެ. ނަމަވެސް، އެދުވަސް ފާއިތުވެދިޔައީވެސް އޭނާއަށް ދަލޭކައާ ބައްދަލުނުވެއެވެ. މުނާޒްވެސް އެމީހުންގެ ދަރިފުޅު ގޮވައިގެން އައިސް ނަދުހާއާ ބައްދަލުކުރީ އެރޭ ދަންވަރެވެ. އޭރު ނަވާލް އޮތީ ނިދާފައެވެ.

[މުނާޒް، ކޮބައިތަ ދަލޭކަދައްތަ؟] ދަލޭކަދައްތަ ގާތު ބުނެދީފާނަންތަ އަހަރެން ހޯދާ ވާހަކަ....] ނަދުހާ ދަރިފުޅު އުރާލިއެވެ.

[އެއީ ކީއްކުރަން؟] އެނގިހުރެ މުނާޒް އެއްސެވެ.

[މުނާޒް ގާތު ބުނާކަށް ނޫޅެން. ބުންޏަސް މުނާޒްގެ ފުށަކުން ޙަޤީޤަތުގެ ކުޑަމިންވަރެއްވެސް އެނގޭނީކީ ނޫންވިއްޔަ....] ނަދުހާ ދަރިފުޅަށް ބުއްދޭން ފެށިއެވެ.

[އަހަންނަކީ ޢާއިލީ މަޞްލަޙަތު ގެއްލުވާލުމަށް މަސައްކަތްކުރާ މީހެއްނަމަ، ނަދޫއަށް އެއްކަމެއްވެސް ސިއްރު ކުރެވިފައެއް ނުވާނެ.] މުނާޒް ސިޓިންގރޫމްގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ.

[އަހަންނަށް އެނގޭ، ދަލޭކަދައްތައަށް ޙަޤީޤަތް އެނގޭވަރަށް މުނާޒަށްވެސް އެނގޭކަން. އަޅެ ބުނެބަލަ މުނާޒް، އަހަރެންގެ މަންމައާއި ބައްޕައަކީ ކާކުތަ؟] ނަދުހާ މުނާޒާ ގާތަށް ޖެހިލިއެވެ.

[އާނ، ތިބުނީ ރަނގަޅަށް، ނަދޫގެ ޙަޔާތުގައި އަހަންނަށް ނޭނގޭ އެކައްޗެއްވެސް ނެތް. އެކަމަކު އަހަރެން ބޭނުމެއް ނޫން އަގެއްނެތި ކިޔައިދޭކަށް.] މުނާޒް މަޑުމަޑުން ހީލިއެވެ.

[އަހަރެން އަގުދީފާނަން. ބަދަލެއްގެ ގޮތުން މުނާޒް ބޭނުން އެއްޗެއް ބުނޭ.] އަގުދީގެންވެސް އޭނާގެ މައިންބަފައިން ހޯދަން ބޭނުމެވެ.

[ނަދޫ ނަވާލްގެ ކިބައިން މިނިވަންވެގެން، އަހަރެންގެ ޙަޔާތަށް އަންނަން ބުނޭ. ދޮގެއް، އަންނަން ބުންޏަކަސް ނުފުދޭނެ. މިނިވަނެއްގެ ގޮތުގައި އަހަރެންގެ ގާތަށް އައިސްގެން ނޫނީ އަހަރެން ނަދޫގެ މާޒީއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާނަން.]

[ނުވާނެ ތިކަމެއް. މުނާޒަށް ހީވަނީ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ކަމަށްތަ؟ ހިތަށްއަރާއިރަށް އިނދެފައި، ވަރިކޮށް ހަދަން، މިއީ ޓީ.ވީ ގޭމެއްތަ؟] ނަދުހާ ރުޅިއައިސްގެން ދަރިފުޅު މުނާޒްގެ އުނގުމަތީގައި ބޭންދިއެވެ.

[ނަދުހާ ތިގޮތަށް ރުޅިއިސްކުރުމަކީ މައްސަލަތަކުގެ ޙައްލެއް ނޫން. ޙައްލު ކުރެވޭނީ ނިކަން ކެތްތެރިކަމާއެކު މަސައްކަތް ކުރެވިގެން. ނަދޫއަށް، ތިމާގެ އަމިއްލަ ޙަޤީޤަތް އެނގުމަށްފަހު، ހިއެއްނުވޭ ނަވާލާއެކު އުޅެން ނަދޫ ބޭނުންވާނެހެނެއްވެސް.] މުނާޒް ދަރިފުޅު އުރާލައިގެން ތެދުވިއެވެ. ނަދުހާ މުނާޒްގެ ވާހަކައާމެދު ޝައުޤުވެރިވިއެވެ.

[ތިބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނު.] ނަދުހާ މުނާޒާ ގާތަށް ޖެހިލަމުން ބުންޏެވެ.

]ވިސްނޭވަރަށް ބުނެފިއްޔާ އޮންނާނީ ހުރިހާ ޙަޤީޤަތެއްވެސް ހާމަވެފައި. މިވަގުތު އަހަރެން ދަނީ....] މުނާޒް ދަރިފުޅު ގޮވައިގެން ގެއިން ނުކުމެއްޖެއެވެ. ނަދުހާ ގޮސް ކޮޓަރިއަށް ވަނެވެ. އޭރުވެސް ނަވާލް ގަދަ ނިދީގައި އޮތެވެ.

ޖެހިގެން އައި ދުވަހުވެސް ނަދުހާ އިންތިޒާރުކުރީ ދަލޭކައަށެވެ. ނަމަވެސް ދަލޭކައެއް ނުފެނުނެވެ. ވުމާއެކު، އޭނާ ހީކުރިއެވެ. ދަލޭކަ އިތުރަށް ޙަޤީޤަތް އޭނާއަށް ކިޔާދޭން ބޭނުންނުވަނީއެވެ. މަޞްލަޙަތަށްޓަކައެވެ. މިހާރު ނަދުހާގެ މަންމައާއި ބައްޕަވެސް ވަނީ ދަލޭކަދެކެ އިންތިހާއަށް ރުޅިއައިސް، އެގެއިންވެސް އޭނާ ބޭރުކޮށްލާފައެވެ.

ނަދުހާގެ މަންމަ ޒުހުރާއާއި ބައްޕަ ޝަކީބްވެސް ޙަޔާތުގެ ބައެއް ކަންތައްތައް ނަދުހާއަށް ސިއްރުކުރި ފަދައިން ނަދުހާވެސްވަނީ ބައެއް ކަންތައްތައް އެމައިންބަފައިންނަށް ސިއްރުކޮށްފައެވެ. ލީލާއަކީވެސް ދަލޭކަކަމާއި، ދަލޭކައަކީ އިންސާނެއް ނޫންކަމުގެ އިތުރަށް ނަދުހާގެ ބައިވެރިއެއްގެ ގޮތުގައި ޖިންނިއަކު ޙިއްޞާކުރާކަން، އެމީހުންނަށް ވަނީ ސިއްރު ކުރެވިފައެވެ. އަދި އޭނާގެ ބަނޑުން ޖިންނި ކުއްޖަކު އުފަންވެފައިވާކަމީވެސް އެއްވެސް އިންސާނަކަށް ނޭނގޭ ޙަޤީޤަތެކެވެ. އެކަން އެނގޭނަމަ، ހިތްހަމަނުޖެހުމުގެ އިތުރަށް ބިރުވެސްގަންނާނެއެވެ. އެދަރިފުޅު ފެނިފައި ފުރަތަމަ ނަދުހާވެސް ބިރުގަތެވެ. އިންސާނެއްގެ ކުޑަވެސް އަސަރެއް އެކުއްޖާގެ ކިބައަކު ނެތެވެ. އެއްވެސްވަރަކަށް އިންސާނީ ނަސްލު ޙިއްޞާކުރާ ކުއްޖެއްހެންވެސް ހީނުވެއެވެ.

ނިދިފައި އޮތް ނަދުހާއަށް ހޭލެވުނީ، އޭނާގެ ބޮލުގައި މީހަކު ފިރުމާލިކަމުގެ އިޙްސާސް ކުރެވިގެންނެވެ. އޭނާ ތެދުވެ ވަށައިގެން ހޯދާލިއެވެ. ގާތުގައި ނަވާލް އަރާމުކޮށް ނިދާފައި އޮތެވެ. ނަދުހާ، ނަވާލްގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ސިފަވަނީ ތެދުވެރިކަމެވެ. އެފަދަ ތެދުވެރިޔަކަށް އޮޅުވާލައިގެން އަންބެއްގެ މަގާމުގައި އިނުމުގެ އެއްވެސް ޙައްޤެއް އޭނާއަކަށް ނޯންނާނެއެވެ. އެކަމަކު އޭނާ ވަނީ އެ ސާފު ތެދުވެރި ފިރިމީހާއަށް ބޮޑެތި ކަންތައްތަކެއް ފޮރުވާފައެވެ. އެއީ އިންޞާފުވެރި ގޮތެއް ނޫންކަން އެނގިހުރެއެވެ. އެވިސްނުމުގައިހުރެވެސް އޭނާ ތެދުވީ އެހެން ފަރާތެއްގެ އިޝާރާތެއް ލިބިގެންނެވެ. އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އޭރު ސިޓިންގރޫމްގައި މުނާޒް ހުއްޓެވެ. އޭނާއަށް އިޝާރާތްކުރީ މުނާޒެވެ.

[ކީއްކުރަން ތިއައީ.......] ނަދުހާ ދޮރުމަތީގައި ހުއްޓުނެވެ.

[މިކަހަލަ ވަގުތެއްގައި އަންނާނެ ސަބަބު، އަހަރެން ނުބުންޏަސް ނަދޫއަށް އެނގޭނެއެއްނު...އައިސްބަލަ އަހަންނާއެކު......] މުނާޒް ސޯފާގައި އިށީނދެއްޖެއެވެ. ނަދުހާ ފަހަތަށް ބަލައިލިއެވެ. އޭރުވެސް ނަވާލް އަރާމް ނިންޖެއްގައި އޮތެވެ. [ފަސްނުޖެހި އައިސްބަލަ.] މަސްތީ ރާގެއްގައި މުނާޒް ބުންޏެވެ. ނަދުހާ އައިސް މުނާޒްގެ ގާތުގައި އިށީނދެއްޖެއެވެ. އެއީ ދަންވަރުގެ ވަގުތުކަމުން ނަދުހާގެ މައިދައިތަމެންވެސް ތިބީ ނިދާފައެވެ. އެކަމަކު އެއިން މީހަކު ހޭލައިގެން އެތަނަށް އަތުވެދާނެތީ ނަދުހާ ނިކަން ކަންބޮޑުވެއެވެ. އެހެން ދިމާވެއްޖެއްޔާ، ޙަޤީޤަތް ފަޅާއެރުމުގެ އިތުރަށް އޭނާގެ ނަންވެސް ހުތުރުވީއެވެ.

[ހާސްނުވެބަލަ ނަދޫ.....] މިހާ ދަންގަޑިއެއްގައި އެއްވެސް މީހަކު މިތަނަށް ނާންނާނެ.......] މުނާޒް ނަދުހާގެ ދެއަތުގައި ހިފައި ގާތަށް ދަމާލަމުން ބުންޏެވެ. އޭރު ނަދުހާވެސް ވަނީ އެފަދަ ހިތްހަމަޖެހުމަކަށް ބޭނުންވެފައި ކަމަށްވާތީ، މުނާޒްގެ އެދުމަށް އިޖާބަދެވުނީ ހީކުރެވުނު ވަރަށްވުރެ މާއަވަހަށެވެ.

ނަވާލަށް ކޮޓަރި ހުޅުވާލާފައި ބޭރަށް ނުކުމެވުނީ، ނަދުހާއާއި މުނާޒް، އެކަކު އަނެކަކަށް އުފަލާއި ހިތްހަމަޖެހުން ލިބިގަންނަމުން ދަނިކޮށެވެ. އެމަންޒަރު ބަލަން ނަވާލަށް ގަނޑުވެފައި ކަހަލަ ގޮތަކަށް، ހިނދުކޮޅެއްވަންދެން ހުރެވުނެވެ.

[ނަދުހާ......] ނަވާލް އަޑުގެކޮޅަށް ހަޅޭއްލަވައިގަތެވެ. އެއަޑާއެކު ހުވަފެނުގައި އޮތް ނަދުހާއަށް ފުންމައިގެން ތެދުވެވުނެވެ. އެއަށްފަހު އޭނާ ފުންކޮށް ނޭވާލާން ފެށިއެވެ. އިސާހިތު މުޅިމީހާ ދާހިއްލާފޯވެސްވެއްޖެއެވެ. އޭނާ ވަށައިގެން ހޯދަން ފެށިއެވެ.

[ކާކު.....މީހަކު މިތާނގަ އުޅެނީތަ؟] ހާސްވެފައި ނަދުހާއަށް ބޭއިޚްތިޔާރުގައި ވާހަކަ ދެއްކުނެވެ. އެވަގުތު ނިދާފައި އޮތް ނަވާލަށް ހޭލެވިއްޖެއެވެ. ހޭލެވުމާއެކު ނަދުހާ އިންގޮތް ފެނި، އޭނާ ވަރަށް ޙައިރާންވެއްޖެއެވެ.

[ނަދޫ....ކިހިނެއްވީ؟ ކާކާ ތިވާހަކަ ދައްކަނީ؟] ނަވާލް ދެލޯ އުނގުޅަމުން ކަހަލަ ގޮތަކަށް ތެދުވިއެވެ. ނަދުހާ ދެލޯމަރާލިއެވެ.

[ކަމެއްނުވޭ.....] ނަދުހާ ފުން ނޭވާއެއްލަމުން ބުންޏެވެ.

[ދޮގު ނަހަދާ........ހުވަފެނެއް ފެނުނީދޯ؟] ނަވާލް ހިނިތުންވެލިއެވެ. ނަދުހާ ބޯޖަހާލިއެވެ.

[އެއީ މާބޮޑު ކަމެއް ނޫން ނިދާލާ.......ޝަހާދަތް ނުކިޔާ ނިދަންޏާ، ފާޑުފާޑުގެ ހުވަފެންތައްވެސް ފެންނާނެ.] ނަވާލް ނަދުހާގެ ދެކޮނޑުގައި ހިފައި އެނދުގައި ބާއްވާލިއެވެ. ނަމަވެސް ދާދި ދެންމެއަކު އެފެނުނު ހުވަފެނުގެ ސަބަބުން ނަދުހާގެ ސިކުނޑިއަށްވެރިވި ހާސްކަމެއް އަދިވެސް ނުފިލައެވެ.

އެހުވަފެނުގައިވީ ގޮތަށް ޙަޤީޤަތުގައި ކުރިމަތިލާން ޖެހިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އެއީ މިހާރު އޭނާގެ ހިތުގައި އުތުރިއަރަމުންދާ ސުވާލެކެވެ. އެކަމަކު އެގޮތް ޙަޔާތުގައި މެދުވެރިވެއްޖެ ހިނދެއްގައި ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް އޭނާއަށް ހިތްވަރު ލިބޭނެބާއެވެ. ގައިމެވެ. އެފަދައިން ދިމާވެއްޖެނަމަ، ނަވާލްގެ ދިރިއުޅުމާ ދުރަށް ދެވުނަސް، ދުނިޔޭގެ ލަދުވެތިކަމާ ދުރަކަށް ނުދެވޭނެއެވެ. ފަހަރެއްގައިވެސް އެއީ އޭނާ ބޭނުންވާނެ ގޮތެއް ނޫނެވެ. ދުނިޔޭގެ ލަދަކީ، އޭނާ ކުރިމަތިލާން އެންމެ ޖެހިލުންވާ އެއް ހަތިޔާރެވެ. އެހަތިޔާރުން ޒަޚަމްވާ ތަންތަނަށް ފަރުވާހޯދުމަކީ، އޭނާއަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ. އެފަދަ ޒަޚަމެއް، އޭނާގެ ދިރިއުޅުމުގައި ލެއްވިއްޖެނަމަ އޭނާ މޮޔަވެދާނެއެވެ.

[ބިރުވެރި ހުވަފެނެއް ފެނުނީމާ ވަރަށް ބިރުންދޯ ތިއޮތީ....މޫނުމަތީގައި ބާލީސް އަޅައިގެން ނިދާލާ. އޭރުން ހުވަފެންތަކެއް ނުފެންނާނެ....] ޚިޔާލީ ފުން ކަނޑެއްގައި އޮތް ނަދުހާ ސިހުނީ ފިރިމީހާގެ ސަމާސާއިންނެވެ. ނަދުހާ ހިނިތުންވެލުމަށްފަހު ލޯމަރާލިއެވެ.

[ހުވަފެނުގައި ފެނުނު ފަދައިން އޭރު މުނާޒް ސިޓިންގރޫމްގައި ނަދުހާގެ އިންތިޒާރުގައި ހުއްޓެވެ. އެއިޙްސާސް ނަދުހާއަށް ކުރެވޭވެސްމެއެވެ. ނަމަވެސް ހުވަފެނުގެ ތަޖްރިބާއަށް ވިސްނާފައި، އެނދުން ތެދުވާން އުޅެފައިވެސް ނަދުހާ ނިދޭތޯ ދެލޯ މަރާލައިގެން އޮތީއެވެ. އެހެން އޮއްވައި ޙަޤީޤަތުގައިވެސް ނަދުހާއަށް ނިދުނީއެވެ.

ހުސް އިންތިޒާރެއް، އެއްވެސް ހިތްހަމަޖެހުމެއްނެތި ކުރަން ޖެހުމުން، މުނާޒްގެ ގާތަށް ވަރަށް ރުޅިއައެވެ. އެރުޅި އޭނާ ބޭލީ ނަދުހާ ހެނދުނު ފެންވަރަން ހުއްޓައެވެ.

[އަހަރެން އިންސާނަކަށް ނުވާތީ....ހިތަށްއެރި ގޮތަކަށްދޯ އަހަންނާ ދޭތެރޭ ކަންތައް ތިކުރަނީ؟ ރޭގަ އަހަރެން ހާދަ ދިގު އިންތިޒާރެއް ކުރީމޭ......] ކުއްލިއަކަށް ފާޚާނާތެރެއަށް ފާޅުވަމުން މުނާޒް ވާހަކަ ދެއްކިއެވެ. ނަމަވެސް، އެފަދަ ފާޅުވުމަކުން މިހާރަކު ނަދުހާއެއް ނުސިހޭނެއެވެ.

[އަހަރެން ބުނެގެންތަ އިންތިޒާރުކުރީ.] އަހަރެންދެކެ މާލޯބިވާ ކަމަށް ހެދިގެން މުނާޒް ތިއުޅެނީ، އަހަންނަށް ލަނޑުދޭންތަ؟] ނަދުހާވެސް ހުރީ މުނާޒާ ދޭތެރޭ ހިތްހަމަނުޖެހިފައެވެ.

[ލަނޑުދޭންހޭ.....؟ ތިހެން އަހާކަށްވެސް ނުވާނެއެއްނު. ނަދުހާ ނިކަން ވިސްނާލަބަލަ، އަހަންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން، ކޮންމެ ގޮތެއްވެސް އިންސާނަކަށް ހަދާލެވިދާނެއެއްނު.....އެކަމަކުވެސް ލޯބި ހޯދުމުގައި ކިހާ ޞަބުރުވެރި.] މުނާޒް ނަދުހާގެ އަތުގައި ހިފައި، އޭނާއާ ގާތަށް ދަމާލިއެވެ. މުނާޒްގެ އެޖުމްލައާއެކު ނަދުހާގެ ޙަރަކާތްވެސް ހުއްޓުނުކަހަލައެވެ. އެހިނދު އޭނާގެ ހިތް ބުނާކަހަލައެވެ. ތެދެކެވެ. މުނާޒަކީ ޖިންނިއެކެވެ. އޭނާއަށް އިންސާނުންނަށްވުރެ ހުރިހާ ގޮތަކުންވެސް އާރާއި ބާރު ލިބިގެންވެއެވެ. ނަމަވެސް، އޭނާ އެބާރުގެ ފުރިހަމަ ބޭނުމެއް ނުކުރެއެވެ. ލޯބި ޙާޞިލް ކުރުމުގައި، އޭނާ ޚިޔާރު ކުރަނީ ޞަބުރުވެރިކަމެވެ. (ކެތްތެރިކަމެވެ.)

[ތެދެއް ތިބުނީ، މުނާޒްގެ ލޯތްބާ ދޭތެރޭ އެއްވެސް ޝައްކެއްނެތް. އަހަރެން ބިރުގަންނަނީ އަނެއްކާވެސް އަހަރެން ބަނޑު ބޮޑުވެދާނެތީ....] ނަދުހާ ތުވާލިން ހަށިގަނޑު ނިވާކުރަމުން، މުނާޒްގެ މޭގައި ބޯއަޅާލިއެވެ. ހިތްހަމަޖެހުމާއެކު މުނާޒް ނަދުހާގެ ހަށިގަނޑުގައި ބައްދާލިއެވެ.

[އަޅެ....މުނާޒް.......އެނގެންޏާ ބުނެބަލަ، އަހަރެންގެ ޙަޤީޤީ މަންމައާއި ބައްޕައަކީ ކޮންބައެއްތަ؟] ނަދުހާ އިސްއުފުލައި މުނާޒްގެ ލޮލަށް ބަލައިލިއެވެ.

[އަހަންނަކަށް ނޭނގެ.....އެޙަޤީޤަތް އެންމެ ރަނގަޅަށް އެނގޭނީ، ދަލޭކަދައްތައަށް. އޭނާ ގާތު އަހާ....ޖިންނިއެކޭ ކިޔާފައި ދުނިޔަވީ ހުރިހާ މަޢްލޫމާތެއް އަހަންނަކަށްވެސް ނޭނގޭނެ.....އެއީ އިންސާނުންނަށް ހީވެގެން އުޅޭ ކުށްހީއެއް.....] މުނާޒް ބުންޏެވެ. ނަވާލް ފާޚާނާގެ ދޮރުގައި ޓަކިޖަހާލީ އެވަގުތެވެ.

[ނަދޫ ހުޅުވަބަލަ......ފާޚާނާގަ ހާދައިރެކޭ.] ނަވާލް ދެތިންފަހަރު ޓަކިޖަހާލުމަށްފަހު ގޮވާލިއެވެ.

[މިނުކުންނަނީ..........] ނަދުހާ ދޮރު ހުޅުވާލުމަށްފަހު ނުކުތެވެ. އޭރު މުނާޒް ފެންލައިޓާ ދިމާއިން ގެއްލިއްޖެއެވެ.

[ނަދޫ ފާޚާނާގައި މިއޮއްހުރިހާއިރު ވަންދެން ކީއްތަކުރަނީ؟ ދެންމެ ޒިލާ ބަނޑަށް ތަދުވާތީ ގުޅި. ބުނީ އަހަރެން އަންނާށޯ. ދަންތަ އަހަރެން.] ނަވާލް އެހިއެވެ.

[އާނ އަވަހަށްދޭ. ނަވާލްގެ ފުރަތަމަ ދަރިފުޅު އުފަންވާއިރު، ނަވާލްވާނެ ހުންނަން. ވިހޭމަ އަހަންނަށް ގުޅާތި.....މަންމަ ނުދޭތަ؟] ނަދުހާ ބުންޏެވެ. ނޫނޭ މަންމަވެސްދާނެ. މަރީނާ ކޮޓަރިއަށް ބޯދިއްކޮށްލީ އެވަގުތެވެ. ނަދުހާ ހިނިތުންވެލިއެވެ. ނަވާލާއި މަންމަ މަރީނާ ހޮސްޕިޓަލަށް ދިޔުމަށްޓަކައި ނުކުތީއެވެ. ނަދުހާއާމެދު ފަޚްރުވެރިވަމުންނެވެ.

[މަންމާ....ނަދޫ ހާދަ ރަނގަޅޭ. އެއީ ޝިކާޔަތު މަދު، ހެޔޮލަފާ އަންބެއް. ހިތަށްއަރާ، އެޢުމުރުގެ ޝާއްބަ އަންހެނެއްގެ ވިސްނުން، އެހާ ރަނގަޅީ ކީއްވެބާއޭ؟ ޔަޤީނޭ ވަރަށްމަދު މީހެއްގެ ނޫނީ އެކަހަލަ ވިސްނުމެއް ނުހުންނާނެ.] ކާރަށް އަރަމުން ނަވާލް ކަމެއް ހަނދާންވިއެވެ. އޭނާ ޖީބުގައި އޮތް ވޮލެޓް ނަގައި، އޭގައި ފައިސާ ހުރިވަރު ގުނާލިއެވެ. އޭގައި އޮތީ އެންމެ ތިންސަތޭކަ ރުފިޔާއެވެ. އެއީ ހޮސްޕިޓަލާ ހަމައަށްދާއިރު މަދު ޢަދަދެކެވެ.

[މީގައި މިއޮތީ އެންމެ ތިންސަތޭކަ ރުފިޔާ. ގެއަށް ގޮސްފައި ފައިސާ ހިފައިގެން ދާންވީ....] ނަވާލް ބުންޏެވެ.

[އެންމެ ރަނގަޅު.....] ޓެކްސީ އަލުން ގެއަށް ދިޔުމަށްޓަކައި އަނބުރާލިއެވެ. އޭރު އެގޭގެ ނަވާލްގެ ކޮޓަރީގައި ކަންތައްގަނޑެއް ހިނގަމުންދަނީއެވެ. މުނާޒް ހުރީ ނަވާލާއި އޭނާގެ މަންމަ ގެއިން ބޭރަށް ނުގޮސްގެންނެވެ. އުފަލާއި ހިތްހަމަޖެހުން ނަދުހާގެ ފުށުން ލިބިގަތުމަށްޓަކައެވެ.

[ނަވާލް އަތުވެއްޖެއްޔާ މައްސަލަ ވަރަށް ގޯސްވާނެ. މުނާޒްދޭ.....] ނަދުހާއަށް މިހެން ބުނެވުނު ވަގުތަކީ، ނަވާލް އައިސް ކޮޓަރި ދޮރުމައްޗަށް ހުއްޓުނު ވަގުތު ކަމަށްވުމުން، ނަދުހާގެ އަޑު ކިތަންމެ ރަނގަޅަކަށްވެސް ނަވާލަށް އިވުނެވެ. ވުމާއެކު އިތުރަށް ނަދުހާގެ އަޑު އެހުމަށްޓަކައި ނަވާލް ދޮރުފަތުގައި ކަންފަތް ޖައްސާލައިފިއެވެ.

[ހިތަށްއަރާ، ނަވާލަށް އަހަރެން ލޯބިވަނީ މުނާޒްދެކެކަން އެނގޭ ދުވަހަކު ވާނީ ކިހިނެއްބާއޭ....] ދެންވެސް އިވުނީ ނަދުހާގެ އަޑެވެ. ފިރިހެން އަޑެއް ނަވާލަކަށް ނީވެއެވެ. ނަމަވެސް، އެވަގުތު ސިކުނޑިއަށް ބާރުފޯރުވަމުންދިޔަ ރުޅިވެރިކަން ކޮންޓްރޯލް ކުރަމުން އަދިވެސް އޭނާ އިންތިޒާރުކުރީ އެކިޔާ މުނާޒަކު ވާހަކަ ދައްކާތޯއެވެ. މުނާޒެއްގެ އަޑު ކަންފަތުގައި ޖެހޭއިރަށް ދޮރު ވައްޓާލާފައި ނަމަވެސް، އޭނާ ކޮޓަރިއަށް ވަންނާނެއެވެ. ނަމަވެސް އޭގެފަހުން މީހެއްގެ ހިލަންވާ އަޑެއްވެސް ނީވުނެވެ. ނަވާލް ތަޅުގައި ހިފައި އަނބުރާލައިފިއެވެ. ހަމައެއާއެކު ދޮރު ހުޅުވިއްޖެއެވެ. ނަދުހާ ވާހަކަ ފޮތެއް ކިޔަން ނިކަން ނަލަކޮށް އެނދުމަތީގައި އޮތެވެ. ނަވާލް އެތެރެއަށް ވަދެ ފުރަތަމަ ކޮޓަރި ތަޅުލިއެވެ. އެއަށްފަހު އެނދާއި އަލަމާރި ބިއްދޮށުގެ އިތުރުން އޭނާ ފާޚާނާވެސް ބަލައިލިއެވެ. އިތުރު މީހަކު ފެނޭތޯއެވެ.

[ނަވާލް ކޯއްޗެއް ތިހޯދަނީ؟] ނަދުހާ އޭނާ ކިޔަން އޮތް ވާހަކަ ފޮތް އެނދުމަތީގައި ބާއްވާލުމަށްފަހު ތެދުވެއްޖެއެވެ.

[ނަދުހާ ލޯބިވާ މީހާ....މުނާޒަކީ ކާކުތަ؟] ވަށައިގެން ހޯދަމުން ނަވާލް ބުންޏެވެ. ނަދުހާއަށް ހީވީ އޭނާގެ ބޮލުގައި ވަރުގަދަ ބޮނޑިއެއް މީހަކު އަޅާލިހެންނެވެ. އޭނާ ސިހުނެވެ. ނަމަވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި، އޭނާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް ވެރިވިއެވެ. އިރުކޮޅެއް ވަންދެން ނަވާލްގެ މޫނަށް ބަލަންހުރެފައި ނަދުހާ ނިކަން ބާރަށް ހީނގެންފިއެވެ.

[އަހަރެން ޤަޞްދުގައި ނަވާލް ހައްދާލީ....ނަވާލް ދޮރާށި ހުޅުވާފައި ގެއަށް ވަންތަން ފެނިފައި އަހަރެން އައިސް ކޮޓަރިއަށްވަނީ. އަނބިމީހާއަށް ހާދަ އިތުބާރެއްވެސް ނޯވެއޭދޯ......] އަދިވެސް ނަދުހާ ހެނީއެވެ. ވަގުތުން ނަވާލްގެ އަނގަ ބަންދުވިއެވެ. ނަދުހާގެ ސަމާސާ މިޒާޖަށް އޭނާ ހޭނިފައި ނެތީމައެވެ.

[ނަދޫވެސް ތިކަހަލަ ސަމާސާ ކުރާކަށް ނުވާނެއެއްނު. ކިރިޔާނު ދޮރުފަތްވެސް ހަލާކުކޮށްނުލެވުނީ.] ނަވާލް ނަދުހާގެ ކޮލުގައި ހިފާލިއެވެ.

[ތަޅުނުލާ ހުރި ދޮރެއް ހަލާކުކޮށްލާކަށް ނުޖެހޭނެއެއްނު. އަދިވެސް ހޮސްޕިޓަލަށް ނުދަނީތަ؟] ނަދުހާ އެއްސެވެ.

[ޖީބުގަ ރުފިޔާ މަދުވީމަ މިއައީ. މަންމަވެސް ކާރުގައި އެބައިނޭ.....] ނަވާލް އަލަމާރި ހުޅުވަމުން ބުންޏެވެ. ޙަޤީޤަތުގައި ނަދުހާ ގާތުގައި ނުބުންޏަސް ނަވާލް އެހުރީ ވަރަށް ލަދުގަނެ ދެރަވެފައެވެ. އޯގާތެރި ހެޔޮވިސްނޭ އަނބިމީހާއަށް އިތުބާރު ނުކުރެވުނީމައެވެ. ނަމަވެސް ނަދުހާ މާބޮޑަށް އެކަމަކާ އަޅައެއްނުލައެވެ.

[މިހާރު އެޓެކްސީއަށްވެސް ލަސްވާނެ. ނަވާލްވޭވިއްޔަ އަނބިންނަށް ފާރަލާންވެސް.] ނަދުހާ ނަވާލާ ދިމާކުރާފަދަ ރާގެއްގައި ބުންޏެވެ.

[އާނ....ދެން ތިހެންކިޔާ. އަޞްލު އަހަރެން ވަރަށް ލަދުގަނެއްޖެ. ދެރަވެސްވޭ ނަދުހާކަހަލަ ކިޔަމަންތެރި އަންބަކާ ދޭތެރޭ ނުބައި ގޮތަކަށް ވިސްނުނީތީ......ސޮރީ އިނގޭ.....] ނަވާލް ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ބުންޏެވެ. ނަދުހާ ހިނިތުންވެލިއެވެ. އެހިނދު ނަދުހާގެ ހިތަށްއެރިއެވެ. ޙަޤީޤަތް ވަންހަނާ ކުރެވިފައިވާތީ، ޙަޤީޤީ ކިޔަމަންތެރިކަން ނަވާލަށް އިޙްސާސް ނުކުރެވެނީއެވެ.

ޔަޤީނެވެ. ޙަޤީޤަތް ހާމަވުމާއެކު، ނަވާލްގެ ކުރިމަތީގައި ނަދުހާއަކީ އެއްވެސް އަގެއް ހުރި މީހަކަށް ނުވާނެއެވެ. ކުރެވިފައިވާ ރަނގަޅު އެއްވެސް ކަމެއް އޭރަކުން ފެންނާކަށް ނޯންނާނެއެވެ. މުޅިންވެސް ފާހަގަކުރެވޭނީ، ކުރެވިފައިވާނަމަވާ ގޯސް ކަންތައްތަކެވެ. ނަވާލް ކޮޓަރިން ނުކުތުމާއެކު، ކޮޓަރިތެރެއަށް މުނާޒް ފާޅުވެއްޖެއެވެ. އޭނާހުރީ ހިނިއައިސްފައެވެ.

[ސާބަސް....ސާބަސް....މަކަރުވެރިކަމުން ޑިގްރީއެއް ޙާޞިލްކޮށްފައިވާ އަންހެނެއް.....] ނަދުހާ އޮތް އެނދުގައި އިށީންނަމުން މުނާޒް ވާހަކަ ދެއްކިއެވެ. ނަދުހާ އެއްމިޔަކަނުން ހީލިއެވެ. މިފަހަރު މުނާޒް އައީ އެމީހުންގެ ދަރިފުޅުވެސް ގޮވައިގެންނެވެ. ފުރަތަމަ މުނާޒް ދަރިފުޅު ނަދުހާގެ ގާތުގައި ބާއްވާލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން