ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާކޮށް އިސްލާހުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާކޮށް އިސްލާހުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރިހެބިލިޓޭޝަން މަރުކަޒުތަކުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން އަހަރުތަކެއް ވަންދެން ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ތެރޭގައި ރިހެބިލިޓޭޝަން މަރުކަޒުތަކުގައި ޚިދުމަތްދޭ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމާއި، ބޭނުންކުރާ ވަސީލަތްތައް ފުރިހަމަކޮށްދިނުމާއި، އިމާރާތްތަކުގެ ފެންވަރު ރަނގަޅުކުރުން އަދި އިތުރު މަރުކަޒުތައް އެޅުން ހިމެނެއެވެ. އެގޮތުން މި އަހަރުގެ ބަޖެޓުންނާއި އަންނަ އަހަރުގެ ބަޖެޓުން މި މަސައްކަތްތަކަށް ފައިސާ ކަނޑައެޅިފައިވާ ކަމަށާއި، މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެެވެ. އަދި މި ހަފުތާގެ ތެރޭގައި މި ދާއިރާގައި ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން