ރައީސް ޑރ. މުޢިއްޒު ހުޅުމާލޭގެ އައު މާސްޓަރޕްލޭން އިފްތިތާޙު ކޮށްދެއްވުން
ރައީސް ޑރ. މުޢިއްޒު ހުޅުމާލޭގެ އައު މާސްޓަރޕްލޭން އިފްތިތާޙު ކޮށްދެއްވުން
ހުޅުމާލޭ ބަނދަރު 53 ހެކްޓަރަށް ބޮޑުކުރުމަށް ހުޅުމާލޭގެ އައު މާސްޓަރ ޕްލޭންގައި ހިމަނައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލޭގެ އައު މާސްޓަރ ޕްލޭން މިއަދު އިފްތިތާޙު ކޮށްދީފައިވާއިރު، މި މާސްޓަރ ޕްލޭންަކީ އިންގިލާބީ ބަދަލުތަކާއެކު އެކުލަވާލާފައިވާ މާސްޓަރ ޕްލޭނެކެވެ. އެގޮތުން މި ޕްލޭނުގައި ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް ވަނީ މަގުފަހިކޮށްދީފައެވެ.

އެގޮތުން އައު މާސްޓަރ ޕްލޭނުގައި ހުޅުމާލޭގެ ބިން އެކި ބޭނުންތަކަށް ޚާއްސަކޮށް، ޒަމާނާއި ތަރައްޤީއާއެކު ގެންނަންޖެހޭ ބަދަލުތައް ހިމަނާފައިވެއެވެ. އެގޮތުން ބަނދަރު ސަރަޙައްދު 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް ޖާގައާއި، އެނޫންވެސް ޒަރޫރީ ޚިދުމަތްތަކާއި ވަސީލަތްތަކަށް ޚާއްސަ ބިންތައް އެކި ނެއިބަރހޫޑުގައި ކަނޑައަޅާފައިވެއެވެ.

ހަމައެއާއެކު ކުރިން އެކުލަވައިލި ހުޅުމާލޭގެ މާސްޓަރ ޕްލޭނުގައި 133000 ވަޒީފާގެ ފުރުސަތު އޮތްއިރު، ފަހުން ގެނެވުނު ބަދަލާއެކު 93000 ވަޒީފާ އިތުރުކޮށް، 224000 ވަޒީފާގެ ފުރުސަތަށް އިތުރު ކޮށްފައިވެއެވެ.

ހުޅުމާލޭ މާސްޓަރ ޕްލޭން އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި މާސްޓަރ ޕްލޭނަކީ ސަރުކާރުން ކުރިއަށް ގެންދަން ގަސްތުކުރާ ތަރައްޤީގެ އެކިއެކި މަޝްރޫއުތަކާއި، ހުޅުމާލޭގެ 3 ފިޔަވަހި އެކުގައި ފައިނޭޝިއަލް ސެންޓަރަކާއެކު ގުޅިލާމެހިގެން ތަރައްޤީ ގެނައުމަށް މަގުފަހިވެގެންދާނެ މާސްޓަރ ޕްލޭނަކަށް ކަމަށެވެ.

“ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް އެޗްޑީސީގެ މާސްޓަރ ޕްލޭނުން މަގުފަހިވެގެންދާނެ.” ރައީސް މިއަދު ވިދާޅުވިއެވެ.

މި ޕްލޭނުގައި ބިންތައް އެލޮކޭޓްކޮށްފައިވާ ގޮތްތަކަށް ބަލާއިރު، ރެޒިޑެންޝަލް ބޭނުންތަކަށް 29.84 އިންސައްތަ، ގްރީން ސްޕޭސް، ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 30.62 އިންސައްތަ، އަދި ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 އިންސައްތަ ހިމެނެއެވެ. މީގެ އިތުރުން ކޮމާޝަލް ބޭނުންތަކަށާއި އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ.

ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ޖުމްލަ 11 ކަނެކްޝަނަކުން ގުޅާލައި، ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ނިޒާމްތައް ޤާއިމުކުރުމަށްވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ. އަދި އާއިލާތަކަށް ތަފާތު ތަޖުރިބާތަކެއް ލިއްބައިދޭނެ ވަސީލަތްތައް ޤާއިމުކުރުމާއި، ފައިނޭންޝަލް، ޓޫރިޒަމް، ކަލްޗަރަލް އަދި ރެކްރިއޭޝަނާއި އިވެންޓް ސްޕޭސްތައް ހިމެނޭހެން އެކި ކަންކަމަށް އަމާޒުކުރެވިފައިވާ އައު ކަންތައްތަކެއް ގެނައުމަށްވެސް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ބައިނަލްއަޤްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރއާއި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުންވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒް ކޮށްފައިމިވަނީ ހުޅުމާލޭގެ ފުރަތަމަ މާސްޓަރ ޕްލޭނަށް 24 އަހަރު ފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން