ޕާސްޕޯޓުގެ ސްޓޭމްޕް ޖަހައި ލަގެޖް ނެގުމަށް ޖިއްދާ އެއަރޕޯޓުގައި ހައްޖުވެރިން ދެން މަޑުކުރަން ނުޖެހޭނެ ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވީ ދިވެހި ޙައްޖުވެރިންނަށް މިހާރު ޖިއްދާ އެއަރޕޯޓުގައި ޕާސްޕޯޓުގެ ސްޓޭމްޕް ޖަހައި ލަގެޖް ނެގުމަށް މަޑުކުރާކަށް ނުޖެހޭނެ ކަމަށެވެ.

މިނިސްޓަރު ޝަޙީމް ވިދާޅުވި ގޮތުގައި، މި އައު އިންތިޒާމުގެ ދަށުން ޙައްޖުވެރިންގެ ލަގެޖު ސީދާ އެ މީހުން ތިބޭ ހޮޓަލަށް ގެންގޮސްދޭނެ އެވެ. އަދި ޙައްޖުވެރިން އެއަރޕޯޓުން ފައިބާ ވަގުތު ސީދާ ބަހަށް އަރައިގެން ހޮޓަލަށް ދެވޭނެ ކަމަށާއި މީގެ އިތުރުން، އިމިގްރޭޝަން ޕްރޮސެސްއަށް ވެސް މަޑުކުރާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ޝަޙީމް ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަޙީމް ވިދާޅުވީ މައްކާ ރޫޓުގައި ބައިވެރިވުމަށް ގިނަ ޝަރުތުތަކެއް ހުރި ނަމަވެސް، ދިވެހިރާއްޖެއަށް މި ފުރުޞަތު ލިބިފައިވަނީ އެއްވެސް އެގްރިމެންޓެއް ނެތި، އެހެން ޤައުމުތަކާ އެކުގައި ކުރެވޭ މުޢާމަލާތްތަކުން އިސްތިސްނާކޮށްގެން ކަމަށެވެ. އެގޮތުން އާންމު ގޮތެއްގައި މި ފުރުޞަތު ލިބެނީ މަދުވެގެން 20،000 ޙައްޖުވެރިން ފޮނުވާ ޤައުމުތަކަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް މި ފުރުޞަތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު މުޙައްމަދު ބިން ސަލްމާން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންނަށް ދެއްވި ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި މިނިސްޓަރު ޝަޙީމް ސިފަކުރެއްވި އެވެ. އަދި މިކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނަށް ޝުކުރު އަދާކުރެއްވި އެވެ.

މި އައު އިންތިޒާމަކީ ދިވެހި ޙައްޖުވެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށާއި، މިިއީ ތާރީޚީ ރަނގަޅު ފުރުޞަތެއް ކަމަށް މިނިސްޓަރު ޝަޙީމް ވިދާޅުވި އެވެ. މި ބަދަލާއެކު ދިވެހި ޙައްޖުވެރިންގެ ދަތުރު ފަސޭހަވެ، އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވެގެންދާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން