އިޒްރޭލާއި ހަމާސް އިން ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ގެނައުމަށް އެމެރިކާއިން އަލަށް އެކުލަވާލި އެއްބަސްވުމަށް ހަމާސް ޖަމާއަތުން ރުހޭކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ހަމާސްގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާ އިންނެވެ. ރިޕޯޓްތައް ބުނާގޮތުން، މި އެއްބަސްވުން އެކުލަވާލާފައި ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތެރެއިންނެވެ.

އެމެރިކާގެ މަންދޫބު ސްޓީވް ވިކްޓޮފް ހުށަހެޅި އެއްބަސްވުމުގެ ޑްރާފްޓްގައި 60 ދުވަހުގެ މުއްދަތަކަށް ގަތުލުއާންމު ހުއްޓާލުމަށާއި، ޣައްޒާގައި ދިރިތިބި އަސީރުންގެ 10 މީހުން ދޫކޮށްލުމާއި، މަރުވެފައި ތިބި މީހުންގެ ހަށިތައް ދޫކޮށްލުމާއި އިސްރާއިލުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުން ދޫކޮށްލުން ހިމެނެއެވެ.

މި ހުށައެޅުމުގައި ވާގޮތުން އެންމެ ފުރަތަމަ ދޫކޮށްލާނީ އިސްރާއީލުގެ ފަސް މީހެކެވެ. 60 ވަނަ ދުވަހު އިތުރު ފަސް މީހަކު ދޫކޮށްލަން ވާނެ ކަމަށް ވެސް އެއްބަސްވުމުގައި ބުނެފައިވެއެވެ.

އޮފިޝަލް ވިދާޅުވީ ހަމަލާތައް މެދުކަނޑާލައިގެން ތިބޭ މުއްދަތުގައި ހަމަލާތައް ދާއިމީކޮށް ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާތައް ފެށޭނެ ކަމުގެ ޔަގީންކަން ވެސް އެމެރިކާއިން ދީފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިޒްރޭލުން އަދި މީޑިއާއަށް އެއްޗެއްބުނެފައެއް ނުވެއެވެ.

2023 ވަނަ އަހަރު އިޒްރޭލުން އަލުން ފެށި ނިރުބަވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 54000 މީހުން މިހާތަނަށް ޝަހީދުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން