ގުޅީފަޅުގެ ލޭންޑްޔޫޒް ޕްލޭނަކީ ރައްޔިތުން ދިރިތެޅެން ހަދާފައި އޮތް ޕްލޭނެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ގުޅީފަޅުގެ ލޭންޑްޔޫޒް ޕްލޭނާ ގުޅޭ ގޮތުން ސްޓޭކްހޯލްޑަރުންނާއެކު ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިހާރު އެ ތަނުގައި ހަދާފައި އޮތް ޕްލޭނަކީ ރައްޔިތުން އެތާ ދިރިއުޅޭނެ ގޮތަށް ހަދާފައި އޮތް ޕްލޭނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ރައްޔިތުން ދިރިތެޅެން ހަދާފައި އޮތް ޕްލޭނެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އާދަމް އާޒިމް އިތުރަށް ވިދާޅުވީ، މާލެ މިހާރު އޮތް ވަރަށްވުރެ ބޮޑަށް ތޮއްޖެހޭ ތަނަކަށް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެއީ މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަދި ޚާއްޞަކޮށް ރާއްޖޭގެ ތަރައްޤީގެ ހާލަތަށް ބަލާއިރު އެކަށީގެންވާ ގޮތެއް ނޫން ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ހުޅުމާލެ ތަރައްޤީ ކުރަން ފެށިތާ 20 އަހަރު ވެގެން ދިޔައިރުވެސް އަދިވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭ ސަރަހައްދުތައް ހުރި ކަމަށެވެ. އަދި ގުޅީފަޅާއި، ގިރާވަރު ފަޅު އަދި އުތުރު ތިލަ ފަޅުގައި ދިރިއުޅެން ދާ މީހުންނަށް އެ ތަންތަނުގައި ދިރިއުޅެވޭނެ ތާރީޚެއް މިހާރުގެ ހާލަތުން ލަފާކުރަން ދަތި ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިހާ ބޮޑަށް ތޮއްޖެހޭ ގޮތަށް އެ ތަން ޕްލޭން ކޮށްފައި ވަނީ ވަރަށް އިންސާފުވެރިނޫން ގޮތަކަށް ކަމަށެވެ. އަދި މި ކަމާ ގުޅޭ ގޮތުން ކައުންސިލުން އެދިގެން އުފެއްދި ކޮމިޓީއަށްވެސް ސަރުކާރުން ފުރުސަތު ނުދިނުމަކީ ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ ހުޅުމާލޭ އޮތް ގޮތަށް އެމްޔޫޕީ ފަރުމާކޮށްދިނުމަށް ސަރުކާރުގައި އެދޭނެ ކަމަށެވެ. އަދި މިހާ ބިން ކުޑަ ތަނެއްގައި މާލެ އޮތް ހާލަތަށްވުރެ ދަށަށް ނުގެންދިއުމަށް ސަރުކާރުގައި އެދޭނެ ކަމަށްވެސް މޭޔަރ އާޒިމް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ކައުންސިލުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

މޭޔަރު މިހެން ވިދާޅުވެފައިވާއިރު ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކުރިއިރު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާ ކުރެއްވި ކަމަށް ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން