ކުށްކުރާ ކުޑަކުދިން އިސްލާހުކޮށް މުޖުތަމަޢަށް އަނބުރާ ގެނައުމަށް ހިންގާ "ހޯޕް އައިލެންޑް" މަޝްރޫޢު ތަރައްޤީކުރުމަށް ޝައުޤުވެރިވެފައިވާ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާގެ ނާއިބު ހަސަން ޢަލީ ވިދާޅުވީ، މި މަޝްރޫޢަށް އިންޓަރެސްޓް ފާޅުކޮށްފައިވާ ބައިނަލްއަޤްވާމީ ފަރާތްތަކަށް މިދިޔަ ހަފްތާގައި މަޢުލޫމާތު ސެޝަނެއް ބާއްވާފައިވާ ކަމަށެވެ. އަދި މިހާރު އެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ގާތްގަނޑަކަށް 15 ދުވަހުގެ މުއްދަތެއް ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕްރޮޕޯސަލްތައް ހުށަހެޅުމުން، އަޅުގަނޑުމެން އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، އެންމެ ރަނގަޅު ކަމަށް ފެންނަ ފަރާތެއް ޑިވެލޮޕަރެއްގެ ގޮތުގައި އައްޔަންކުރާނަން،" ހަސަން ޢަލީ ވިދާޅުވިއެވެ.

ރޭގެ ޕޮރުގުރާމްގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާގެ ނާއިބު ހަސަން ޢަލީ އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް ހިންގާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދަކީ ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް، އަލުން މުޖުތަމަޢަށް ގެނައުމުގެ މަސައްކަތް ކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހޯޕް އައިލެންޑް ތަރައްޤީކުރެވެނީ އުތުރު ތިލަފަޅުގައި 15 ހެކްޓަރުގެ ބިމެއް ހިއްކައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 700 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުގެ މަޤްޞަދަކީ 2027 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތައް ނިންމައި، ރަސްމީކޮށް އިފްތިތާޙުކުރުމެވެ.

ރައީސް މުޢިއްޒު ނެރުއްވި ގަރާރެއްގައިވާ ގޮތުން، ހޯޕް އައިލެންޑް ތަރައްޤީކުރުމަށް 15 މިލިއަން ޑޮލަރު އަދި ބިން ހިއްކުމަށް 10 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން