މިދިޔަ ދޮޅުއަހަރުދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއިން 4.3 ބިލިޔަން ރުފިޔާގެ މަޝްރޫއު ކުރިއަށްދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިދިޔަ ދޮޅުއަހަރުދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއިން އެކަނި ގާތްގަނޑަކަށް 4.3 ބިލިޔަން ރުފިޔާގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަދާ ހަމައަށް އައިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މާލޭގައި ގިނަ މަޝްރޫއުތަކެއް ފަށައިގަނެވިފައިވެއެވެ. މިގޮތުން ފަސްދޮޅަހަކަށް މަޝްރޫއުގެ މަސައްކަތް ފެށިގެން ދިޔައިރު، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 18 މަޝްރޫއެއްގެ މަސައްކަތް ސޮއިކުރެވި ކުރިއަށް ގެންދެވޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މި މަޝްރޫއުތަކުގެ ތެރެއިން އެތައް މަޝްރޫއެއް ނިމި، އަދި އައު މަޝްރޫއުތަކުގައި އިއްޔެ ވެސް ސިއްޙީ ދާއިރާއަށް 18 މަޝްރޫއެއްގައި ރޭގައި ވަނީ ސޮއިކުރެވިފަ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ކުދި އަދި މެދު ފަންތީގެ އާބާދީތަކުގައި ކުރަންހުރި މަސައްކަތްތައް ކުރުމަށާއި، ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ރަށްރަށުގައި އެ މަސައްކަތްތައް ކުރުމަށް ވެސް މަސައްކަތް ކުރަމުންދެއެވެ. އަދި މާލޭގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހުރިހާ ހޮސްޕިޓަލެއް މަތީ ފެންވަރަށް ގެނައުމަށް ޓަކައި ވެސް ޑޮކްޓަރުންނާއި ޞިއްޙީ ދާއިރާގެ ފަރާތްތަކުގެ ލަފަޔާ އެއްގޮތަށް ކަންތައްތައް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއިން ބޭރަށް އަޅުގަނޑުމެން އެތައް ރައްޔިތުންނެއް ވަރަށް ބުރަ އުފުލާފައި މި ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެސް މި ޤައުމުގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ސިއްހީ ފަރުވާ ލިބޭނެ ގޮތް ހެދުން އެއީ އަޅުގަނޑުމެންގެ ސިޔާސަތު،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގައި އެންމެ ރަނގަޅު ފެންވަރުގައި އަގު ހެޔޮކޮށް ޞިއްޙީ ފަރުވާ ލިބޭނެ ގޮތް ހެދުމަކީ ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމެއް ކަމަށެވެ. އަދި މިކަން ހާސިލްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން