ރާއްޖޭގެ ހައްޖުވެރިންނަށް ލުއި ފަސޭހަތައް ހޯދައިދިނުމުގެ ޕްލޭނެެއް އެބައޮތް ކަމަށާއި ކުރިއަށް އޮތްތާނގައި އިތުރު ލުއިފަސޭތައް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރާ ފަރާތްތަކަށް ހުރިހާ އިންތިޒާމެއް ސަޢޫދީ ސަރުކާރުން ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ފެންވަރު ރަނގަޅުކޮށްކަަމަށެވެ. ރައީސް ވަނީ ވަރަށް ތަފްޞީލީ ގޮތެއްގައި ޙައްޖާޖީންނަށް އިންތިޒާމްތައް ހަމަޖައްސަވާދެއްވާފައިވާ ގޮތާގުޅޭގޮތުގެ މައްޗަށް އަލިއަޅުވައިލައްވާފައެެވެ.

މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ޙައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އަދި މައްކާއިން މަދީނާއަށް ދާނީވެސް ސީދާ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި، ގާތްގަނޑަކަށް 2 ގަޑިއިރުތެރޭގައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހައްޖުވެރިންނަށް ލުއި ފަސޭހަތައް ހޯދައިދިނުމުގެ ވަރުގަދަ ޕްލޭނެެއް އެބައޮތް ކަމަށާއި އެމަޝްވަރާތައް ސަޢޫދީ ސަރުކާރާއި އެކު މިހާރު ކުރަށްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ އަދި ކުރިއަށް އޮތް ތަނަށްވެސް އޮތީ ޕްލޭންކޮށްފައި. މަޝްވަރާތައްވެސް އެބަ ހިނގާ. އެހެންވީމާ، ކުރިއަށް އޮތް އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެ. އަޅުގަނޑުމެން ވަރަށް އުންމީދުގައި މިތިބީ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ހައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވްގެ ހުރިހާކަމެއް ހަމަޖެހިގެން ދިޔައީ ސަޢޫދީ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކުރެއްވި މަސައްކަތުންކަން ފާހަގަކުރަށްވާފައެވެެ. އަދި މިކަމުން ފެންނަނީ ސަޢޫދީ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަންކަމަށާއި، އެގައުމުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

"ރާއްޖެއާ ދޭތެރޭގައި ވަރަށް ވަރަށް އިޙްސާންތެރިކޮށް، ވަރަށްގާތްކޮށް ހިއްތަވަނީ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ސަޢޫދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް ވަލީޢަހުދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން