ކަރަންޓުގެ އަގު ކުޑަކުރުމަކީ ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއްކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ކަރަންޓުގެ ޓެރިފް ރޭޓްތައް ކުޑަކުރުމަށް ރައީސް މުޢިއްޒު ނިންމެވުމާ ގުޅިގެން ފަހުމީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.

"ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ކުރައްވައި، އެކަން ރަސްމީކޮށް އިޢުލާންކުރައްވާފައި،" ފަހުމީ ވިދާޅުވިއެވެ.



ފަހުމީ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިޢުލާންކުރެއްވި ކަމަށްޓަކައި، ރައީސް މުޢިއްޒަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ.

މި ފެށޭ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރަން ނިންމަވައި އެކަން ތަންފީޒު ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، ވަނީ އަންގަވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ރޭ ވަނީ ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފަށް ގެންނަން އެންގެވި ބަދަލުތައް ހިއްސާކުރައްވައިފައެވެ. އަދި އެ ބަދަލުތައް މި ފެށޭ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނެސް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް އަންގަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ނިންމުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ނިންމުމެއް ކަމަށް ބެލެވެއެވެ. ކަރަންޓުގެ އަގު ކުޑަވުމުން ގޭބިސީތަކަށާއި ވިޔަފާރިތަކަށް މާލީ ގޮތުން ލުއިވެގެންދާނެ ކަމަށް ލަފާކުރެވެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން