ރާއްޖޭގެ ރިސޯޓެއްގެ ހިތްގައިމު މަންޒަރެއް
ރާއްޖޭގެ ރިސޯޓެއްގެ ހިތްގައިމު މަންޒަރެއް
ރިސޯޓުތަކުގެ ޕްރޮކިއުމެންޓު ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ގުޅިގެން މޯލްޑިވިއަން އެސޯސިއޭޝަން ފޯ ޕްރޮކުޔަރމެންޓު އެންޑް ލޮޖިސްޓިކްސް އެމްޕްލޮޔީސް (މެޕުލް) ގެ ނަމުގައި އެސޯސިއޭޝަނެއް އުފައްދައި، ހިނގާ ކޮމިޓީ އެކުލަވާލުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

ރިސޯޓްތަކުގައި ޕާޗޭސީންދާއިރާގައި މަސައްކަތްކުރާ ދިވެހިން ގުޅިގެން އުފެއްދި މެޕުލްއިން ބުނީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މި ޖަމިއްޔާ މިދިޔަ މެއި 31 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގައި ރަޖިސްޓަރ ކޮށްފައިވާ ކަމަށެވެ.

މި ޖަމިއްޔާ އުފައްދާފައިވަނީ ޕްރޮކިއުމެންޓު، ލޮޖިސްޓިކްސް އަދި ސަޕްލައި ޗެއިންގެ ދާއިރާއަށް ދިވެހި ޒުވާނުންނެރެ، އެކަމަށް މަގުފަހިވާނެ އެންމެހާ ކަންކަން ކުރުމުގެ މަގްސަދުގައި ކަމަށެވެ. އެގޮތުން ޕްރޮކިޔުމެންޓް، ލޮޖިސްޓިކްސް އަދި ސަޕްލައި ޗެއިންގެ ދާއިރާއަށް ދިވެހިން ބިނާކުރުމަކީ މައިގަނޑު އެއް އަސާސްކަމަށްވެސް މެޕުލްއިން ވަނީ ބުނެފައެވެ.

މެޕުލްއިން ބުނީ އެޖަމިއްޔާގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ސަޕްލަޔަރުންގެ ތަކެތި ރިސޯޓުތަކަށް ވިއްކޭނެ މަގު ތަނަވަސްކޮށް ދިނުމާއި، ރާއްޖެއާއި ގުޅޭ ދެމެހެއްޓެނިވި ޕާޗޭސިން ޕޮލިސީތައް ތައާރަފް ކުރަން މަސައްކަތް ކުރުމާއި ޓޫރިޒަމްދާއިރާއާއި އަދި އެހެނިހެން ދާއިރާތަކުގައިވެސް ދިވެހި ޕާޗޭސިން މެނޭޖަރުންގެ ނިސްބަތް ގިނަކުރުމުގެ ގޮތުން ދިވެހިންނަށް އިސްކަންދޭ މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރުން ހިމެނޭކަމަށެވެ.

މެޕުލްގެ ފައުންޑަރުންނަކީ ޅ. ކުރެންދޫ ސޯސަންގެ، އަހްމަދު އަބްދުއްރަހްމާން އާއި ޏ. ފުވައްމުލައް ދޫނޑިގަން މިލާނޯ، މުޙައްމަދު މަމްދޫހް ނޫމާން އަދި ޅ. ކުރެންދޫ ކޯރަމް، އިބްރާހިމް ޝިމާއު އެވެ.

މެޕުލް އިން ބުނީ މި ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި އެކަން ފަހުން އަންގާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން