އެޕިސޯޑް 22
...............
[ދަރިފުޅާ، ދެން ތިގޮތަށް ރުއިމުގެ އެއްވެސް ބޭނުމެއް ނެތް. މަންމަގެ ބަހެއް އަހަންޏާ، އެހަނދާންތަކާ ދުރަށްދެވޭތޯ އެހެން ކައިވެންޏަކާ ދޭތެރޭ ވިސްނާ....] މަންމަ ޒިލާއަށް ހިތްވަރުދިނެވެ.
[ނޫން...މަންމާ....އަހަރެން ބޭނުމީ މިދަރިފުޅުގެ ބައްޕަ....އަހަރެން މަރުވެގެންދާނީވެސް ނަވާލްގެ ހަނދާންތަކުގައި (ނަވާލަށްޓަކައި) ދެމިހުރެ.....] ރޮއިރޮއިފައި ޒިލާ ބުންޏެވެ.
އެއީ މިހާރު ޒިލާގެ އާދައެވެ. އޭނާގެ އުފަލަކީ ރުއިމެވެ. އެންމެ ގާތް ރަޙްމަތްތެރިއަކީ ކަރުނައެވެ. އެހެންކަމުން، ދުވަހެއް ދުވަހަކަށް އޭނާގެ ހަށިގަނޑުވެސް އަންނަނީ ހިކި އަނަރޫފަވަމުންނެވެ. އެކަމާ އެންމެބޮޑަށް ދެރަވެ ހިތާމަކުރަނީ އޭނާގެ މަންމައެވެ. މިހާރު އޭނާގެ މަންމަކުރި އާދޭހަކުން ނޫނީ ކާއެއްޗެއްވެސް އަނގައަކަށް ނުލައެވެ. އެހެންކަމުން، ފާއިތުވާ ކޮންމެ ދުވަހަކީވެސް އޭނާގެ ހަށިގަނޑަށް އިތުރު ނިކަމެތިކަން ގެނުވާ ދުވަސްތަކެވެ. މާބޮޑަށް ވަރުދެރަވުމުގެ ސަބަބުން، އޭނާއަށް މިހާރު ގިނަފަހަރަށް ދަރިފުޅުގެ ކަންތައްތަކުގައިވެސް އަޅައެއްނުލެވެއެވެ. އެހެންކަމުން، އެދަރިފުޅު ނަވާލާ ޙަވާލުކޮށްފާނަމޭވެސް ޒިލާ ގާތު އޭނާގެ މަންމަ ތަކުރާރުކޮށް އެތައްފަހަރަކު ބުނެފިއެވެ.
[ދަރިފުޅާ، ތިހެން އުޅެންޏާ މަންމައަށް މަޖްބޫރުވެދާނެ، މިދަރިފުޅު ނަވާލާ ޙަވާލުކުރަން. އެގޮތަށްތަ ދަރިފުޅު ބޭނުންވަނީ؟] މަންމަ ދަރިފުޅު އުރާލަމުން ބުންޏެވެ. ޒިލާ ބޯޖަހާލިއެވެ. އާއެކޭ ބުނާފަދަ ގޮތަކަށެވެ. މަންމަގެ ދެލޯ ބޮޑުވިއެވެ. އެއޮއް ތުއްތު ދަރިފުޅު ބައްޕައަކަށް ދޫކޮށްލުމަކީ، އޭނާއަށް ރުހެވޭނޭ ކަމެއް ނޫނެވެ. އަދި ކިރިޔާ މިއީ އެދަރިފުޅަށް ހަތަރުމަހެވެ.
[ވަރަށް ވިސްނާފަތަ ދަރިފުޅު ތިހެން ތިބުނީ؟] މަންމަ އެއްސެވެ.
]އާނ......މަންމާ ޒާހިން ފެނުނީމާ، އިތުރަށް އަހަރެންގެ ހިތަށް ތަދުވަނީ. އަހަންނަށް ވަރަށް އަސަރުކުރޭ......] ރޮއިރޮއިފައި ޒިލާ ބުންޏެވެ. ނަމަވެސް އެކަމަކާ މަންމަ އެއްބަހެއްނުވިއެވެ.
[ދަރިފުޅާ، ތި މޮޔަ ޚިޔާލު ދޫކޮށްލާ. ދިރިއުޅުމުގެ މައިދާނުގައި ތިޔަހާ ހިތްވަރު ދެރަކުރާކަށް ނުވާނެ. ކެތްތެރިވާން ދަސްކުރަންވާނެ.] މަންމަ އުޅުނީ ޒިލާއަށް ވިސްނައިދޭށެވެ.
އެދުވަހު ނަވާލް ދަރިފުޅު ދެކިލަން އެގެއަށް އައުމުން، ޒިލާގެ މަންމަ ޒިލާ ބޭނުންވާގޮތް ނަވާލަށް ހުށަހެޅިއެވެ. އެދުވަހު ޒިލާ، ނަވާލް ފެންނަ ހިސާބަށް ނުވެސް ނުކުތެވެ. އޭނާ ކޮޓަރިއަށް ވަދެ ތަޅުލައިގެން އޮތީއެވެ.
[އަހަރެން ގެއަށް ގޮސް މަންމައާއި ނަދުހާ ގާތު އަހާފައި ދަރިފުޅު ގެންދާނަން. އެކަމަކު މިހާކުޑަ ކުއްޖަކަށް އަދި ބޭނުންވާނެ، މައިމީހާގެ ހޫނު......] ނަވާލް ބުންޏެވެ.
[ދަރިފުޅާ ނަވާލް، މިހާރުވެސް ޒިލާ މިސޮރަކާ އަޅައެއްނުލާ. މިހާރަކަށް އައިސް އޭނާ ހުންނަނީ ފާޑަކަށް ގަނޑުވެފައި. ގިނަފަހަރު މީހަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް އަނގައިންވެސް ނުބުނާނެ.] ޒިލާ މަންމަ ބުންޏެވެ. އޭނާހުރީ ވަރަށް ދެރަވެފައެވެ.
[އަހަރެން އަހާލާފައި ނިކަން އަވަހަށް އެބައަންނަން.....] ނަވާލް އެގެއިން ނުކުތެވެ. އޭރު ޒިލާ ކޮޓަރީގައި އޮވެގެން ރޯއަޑު އިވުނެވެ. ނަމަވެސް ނަވާލް މަޑެއް ނުކުރެއެވެ. އޭނާ ދިޔައީ ގެއަށެވެ.
[ނަދޫ.....އަހަރެންގެ ދަރިފުޅު ބަލައިދީފާނަންތަ؟ ޒިލާ އުޅެނީ ވަރަށް ބަލިކޮށް. އެހެންވެ އޭނާގެ މަންމަ ބުނެފި އަހަރެން ގާތު އެސޮރު ގެންދާށޭ.] ނަވާލް ގެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ. އެއަޑު އިވިގެން ކޮޓަރިތެރޭ ހުރި މަރީނާވެސް ކޮޓަރިން ނުކުމެގެން އައިސް ހުއްޓިއްޖެއެވެ.
[އަވަހަށް އެސޮރު ގެނޭ....މިހާރުވެސް ހިލޭ ބައެއްގެ ދަރިޔަކު ތިބަލަނީ.....މާރަނގަޅެއްނު ތިވީގޮތް.....] މަރީނާ މިހެން ބުނީމާ، ނަދުހާގެ މޫނުމަތީގެ ބަދަލުވިއެވެ.
ނަމަވެސް، އެދަރިފުޅު ގެނައުމަށް އޭނާ ދެކޮޅެއް ނަހަދައެވެ. ގެންނާށެކޭވެސް އޭނައެއް ނުބުނެއެވެ. އެހެން ނަމަވެސް، މަންމަގެ ވާހަކަ އަޑު އެހުމަށްފަހު، އިތުރަށް ނަދުހާގެ އިޒުނަ ހޯދާކަށް އޭނާ މަޑެއް ނުކުރެއެވެ. އޭނާ ދަރިފުޅު ބަލާ ޒިލާމެންގެ ގެއަށް ދިޔައެވެ.
އޭގެފަހުން ބައިގަޑިއެއްހާއިރުވެސް ނުވަނީސް ނަވާލް އޭނާގެ ދަރިފުޅު ޒާހިން އުރާލައިގެން އައިސް ގެއަށް ވަދެއްޖެއެވެ. އޭރު ނަދުހާ އިނީ ރަނާއަށް ކާންދޭށެވެ. ދަރިފުޅާއެކު ނަވާލް ގެއަށް ވަނުމާއެކު މަރީނާ ދަރިފުޅު އުރާލިއެވެ.
[ދަރިފުޅާ ނަދުހާ، މަންމައަށް ފެންނަނީ ދެން ތިކުއްޖާގެ މައިންބަފައިންނާ ޙަވާލުކޮށްލަން.] މާމަ ދަރިފުޅާ ލޯބިކުރަމުން މަރީނާ ނަދުހާއަށް ލަފާދިނެވެ. މަރީނާގެ މިޖުމްލައިން ނަދުހާ ހީވީ ކަރަންޓްގައި ޖެހުނުހެންނެވެ. އޭނާއަށް ސިހިފައި ތެޅިގަނެވުނެވެ.
[ދެކުދިންވެސް ބެލިދާނެއެއްނު....ދޯ ނަވާލް.] ނަވާލަށް ދޯ އެއްލަމުން ނަދުހާ ބުންޏެވެ. ނަވާލް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
[ތިދެކުދިންނަށް ފެންނަ ގޮތަކަށް ނިންމަނިކޮށް މަންމަގެ މައްސަލައެއް ނެތް.] އެކަމަކު މަންމަ ބުނެފާނަން ވާހަކައެއް، ހިލޭ ބައެއްގެ ދަރިޔަކަށް ކިތަންމެ ލޯބިދީގެން ބޮޑުކުރިޔަސް، ހޭވެރިކަންވާއިރަށް ޙަޤީޤީ މައިންބަފައިންގެ ގާތަށް ދާނެ.....] މަރީނާ މިހެން ބުނެފައި، ދަރިފުޅު އުރާލައިގެންގޮސް ކޮޓަރިން ނުކުންނަން ހިނގައިގެންފިއެވެ.
[ރަނާ....އަހަރެން ދޫކޮށްފަ ނުދާނެ.] ނަދުހާ ރަނާގެ މޫނުގައި ލޯބިކޮށްލިއެވެ.
[ތިޔަހެން ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.] ނަވާލް މިހެން ބުނެފައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭރު ނަދުހާ ރަނާއަށް ކާންދީ ނިންމައިފިއެވެ.
އެދުވަހުގެ ފަހުން ނަވާލްގެ ދަރިފުޅު ބަލަނީ ނަދުހާއެވެ. ނަވާލަށް ފެންނަފަށުގައި ނަދުހާ ޒާހިންދެކެ ފިސާރި ލޯބިވެއެވެ. ނިކަން ލޯބިދޭވެސްމެއެވެ. ނަމަވެސް ނަވާލް ގޭގައި ނޫޅޭ ވަގުތުތަކުގައި މުޅިން އެއާ ޚިލާފެވެ. ޒާހިން ބަނޑުހައިވެގެން ރޮއިރޮއި ހަލާކުވާއިރުވެސް، ގިނަފަހަރަށް އޭނާއަށް އޮންނަނީ އަޅާނުލެވިފައެވެ. ބައެއްފަހަރު ނަވާލްގެ މަންމައަށް އެއަޑު އިވިގެން އައިސް ބުއްފުޅި ގިރާފައި ޖައްސައެވެ. އެކަން ނަވާލަށް ފާހަގަކުރެވުނީ، މިތަން ތަކުރާރުވާތާ ދެތިންމަސްވީ ފަހުންނެވެ.
އެއީ ހުކުރު ދުވަހެއްގެ މެންދުރު ވަގުތެވެ. ނަދުހާ އިނީ އޭނާގެ ދަރިފުޅު ރަނާއަށް ކާންދޭށެވެ. ނިދާފައި އޮވެފައި ހޭލައިގެން ނަވާލްގެ ދަރިފުޅު ޒާހިން ރޮއިގަތީ ނަވާލް ހުކުރަށް ދާން ފެންވަރަން ވަންތަނާހެންނެވެ. އެސޮރު ރޮއިރޮއި ޚަބަރު ހުސްވާން ކައިރިވީއިރުވެސް ކެހިތަން ހިރުވާވެސްނުލާ ނަދުހާ އޭނާގެ މަސައްކަތައިގެން ކުރިއަށްދިޔައެވެ. ނަވާލް ފާޚާނާއިން ނުކުތީ ނަދުހާ ގޭގައިވެސް ނޫޅެނީކަމަށް ހީކޮށެވެ.
އޭނާ އަވަސް އަވަހަށް ދަރިފުޅު ނަގާ ކޮނޑުމަތީގައި ބާއްވާ ލޮއްސަމުން (މަސަލަސް ކުރަމުން) ކޮޓަރިން ނުކުތެވެ. އޭރު ނަދުހާ ރަނާއަށް ކާންދޭން ބޮޑުކޮޓަރީގައި އިނެވެ.
[ބީރުތަ ނަދުހާ....ރޮއިރޮއި މިސޮރުގެ ނޭވާ ކުރުވިއިރުވެސް ތިއިންނަނީ ތިކުއްޖަކަށް ކާންދެވޭތޯ.] ނަވާލް ނުރުހުމުގެ ފާޑަކަށް ރުޅިއައިސްފައި ބުންޏެވެ.
[އަހަރެން.....ހީކުރީ....ނަވާލް އަދި ފާޚާނާއަށް ނުވަންނަނީ ކަމަށް...އަހަރެންގެ އަތަށްދީފަދޭ.....] ނަދުހާ އުޅުނީ ޒާހިން އުރާލާށެވެ. ނަމަވެސް، ނަވާލް ނަދުހާގެ އަތަކަށް އެސޮރެއް ނުދިނެވެ. އޭނާ އެސޮރު ގެންގޮސްދިނީ ބަދިގެފަރާތުގައި ހުރި އޭނާގެ މަންމަގެ އަތަށެވެ.
]ނަދުހާ ބުނަން، އަހަރެންގެ ދަރިއަށް އަޅާނުލެވޭއިރު، ތިކުއްޖާ މިގޭގަ ގެންގުޅުމަކީ އަހަރެން ރުހޭ ކަމެއް ނޫން. މިއަދުން ފެށިގެން ތިކުއްޖާގެ މައިންބަފައިންނަށް ތިކުއްޖާ ޙަވާލުކުރޭ.] މަރީނާގެ އަތަށް ދަރިފުޅުދީފައި އައިސް ނަވާލް ރުޅިގަނޑު ނަދުހާއަށް ބޭލިއެވެ. ނަދުހާ ހާސްވެ ކަންބޮޑުވީދެނެވެ. ނަވާލްގެ ރުޅިވެރި މޫނު ފެނުމުން، ނަދުހާ އިންތިހާއަށް ދެރަވެއްޖެއެވެ. ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާންނެގީ މަދު ވަގުތުކޮޅެކެވެ. ވުމާއެކު އިސާހިތު ނަވާލް އޭނާ ބުނިބަސް އަނބުރާ ގެނައެވެ.
[ތިކުއްޖާ މިގޭގަ ގެންގުޅުނަސް ވަރިހަމަ. އެކަމަކު އަހަރެންގެ ދަރިފުޅަށް ފުރިހަމައަށް އަޅާލެވެންވާނެ.] ނަވާލް މިހެން ބުނެފައި، އަނެއްކާވެސް ގޮސް ފެންވަރަން ވަނެވެ. ނަދުހާ ހިތްހަމަޖެހުނެވެ. ލިބުނު އުފަލާއެކު، އޭނާގެ ގައިގައި ބައްދާލިއެވެ. އެދުވަހަށްފަހު ރަނާއާއި ޒާހިންއާ ދެކުދިންނަށް ހަމަހަމަ ގޮތެއްގައި ލޯބި ދިނުމަށް ނަދުހާ ޢަޒުމް ކަނޑައެޅިއެވެ. ދާއިމީ ގޮތެއްގައި އޭނާގެ ދިރިއުޅުން ބާއްޖަވެރި ކުރެވޭނީ އޭރުން ކަމަށް އޭނާއަށް ޤަބޫލު ކުރެވޭތީއެވެ.
އެގޮތާ އޭނާގެ ޟަމީރު އެއްބަސްވުމާއެކު، އޭނާ ގޮސް މައިދައިތަ އުނގުގައި އިން ޒާހިން އުރާލިއެވެ. އެއަށްފަހު ޒާހިންއާ ލޯބިކުރަމުން އައިސް އޭނާ ކޮޓަރިއަށް ވަނެވެ. އެއީ ފެންވަރާ ނިމިގެން ނަވާލް ނުކުތް ވަގުތެވެ. އެހެންކަމުން، ނަވާލްގެ މޫނުމައްޗަށް ހިތްހަމަޖެހުމުގެ އަސަރު ފާޅުވިއެވެ.
އޭނާގެ ބަސް ޤަބޫލުކޮށް، ނަދުހާ ބަދަލުވީއޭ އޭނާގެ ހިތަށް އެރިއެވެ. ފިރިމީހާއަށް ކިޔަމަންތެރިވުން އެއީ އަނބިންގެ ކިބައިގައި ހުންނަންޖެހޭ ރީތި ސިފައެކެވެ. އެފަދަ އަނބިންނަށް ފިރިންގެ ލޯތްބާއި އަޅާލުން ލިބުންވެސް އެފަދަ ނޫން މީހުންނާ ޚިލާފަށް އިތުރުވާނެއެވެ.
ފިރިހެނަކު އޭނާގެ ޒަވާޖީ ޙަޔާތް ފަށައިގަންނައިރު، ކިޔަމަންތެރި އަންބަކު ޚިޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަނބިމީހާއަކީ ގޭގެ އޮޅިގަނޑެވެ. ގެއަކަށް ލިބިގެންވާ ފުރިހަމަކަމަކީ، އެއޮޅިގަނޑެއްގައިވާ ފުރިހަމަކަމެވެ. ވީމާ، ޒަވާޖީ ޙަޔާތް ބާއްޖަވެރިވުމުގައި އޮޅިގަނޑު ރަނގަޅުވުމަކީ ނިކަން މުހިއްމު ކަމެކެވެ.
[ޒާއިންނަށް ބުއްފުޅި ދީފިންތަ؟] ނަވާލް ބޯހިއްކަމުން އެއްސެވެ.
[މަންމަ ދީފި....އެއޮއް ގަޑި ޖެހެނީ. ދެންވެސް ތައްޔާރުވެބަލަ.] ނަދުހާ ޒާހިން އެނދުމަތީގައި ބޭއްވުމަށްފަހު، އަލަމާރި ހުޅުވާލުމަށްފަހު ނަވާލްގެ ގަމީހާއި ފަޓްލޫނު ނަގާދިނެވެ. ނަވާލް ގަޑިއަށް ބަލައިލުމަށްފަހު އަވަސްގޮތަކަށް ތައްޔާރުވެލުމަށްފަހު ގެއިން ނުކުތެވެ.
މިއާދައިގައި ދުވަސްތައް ބަދަލުވެ ފާއިތުވަމުންދެއެވެ. ތަފާތު ބަދަލުތަކަކާ އެކުގައެވެ. އެންމެބޮޑު ބަދަލެއް އަންނަނީ ނަދުހާގެ ދަރިފުޅު ރަނާއަށެވެ. ކިރިޔާ އަހަރު ފުރުނުއިރުވެސް އޭނާ ހީވަނީ ހަތަރު ފަސް އަހަރުގެ ކުއްޖެއްހެންނެވެ. އޭނާގެ ސިކުނޑި އެވަރަށް މަސައްކަތް ކުރެއެވެ. ނިކަން ރީތިކޮށް ފުރިހަމައަށް ވާހަކަވެސް ދައްކައެވެ. އެކަމާ އެންމެ ބޮޑަށް ޢަޖައިބުވަނީ ނަވާލާއި އޭނާގެ މަންމަ މަރީނާއެވެ. ޙަޤީޤަތް އެނގޭތީ، އެކަމާ ބެހޭގޮތުން ނަވާލްމެން ކުރާ އެއްވެސް ބަޙުޘެއްގައި ނަދުހާ ބައިވެރިއެއް ނުވެއެވެ.
[ކުޑަ މުސްކުޅިޔާ....އައިސްބަލަ މާމަގެ ގާތަށް...] އެއީ މިހާރަކަށް އައިސް ބައެއްފަހަރު މަރީނާ ރަނާއަށް މުޚާޠަބުކުރާ ގޮތެވެ.
[ރަނާ އެބަ އަންނަން މޭވާއެއް ބިނދެގެން....] ކުޑަކުޑަ ރަނާ ކުދި ފިޔަވަޅުތައް އަޅަމުން ހިނގައިގަތެވެ. މަރީނާ ގާތަށް ހިނިއައުމާއެކު ދެފަރާތަށް ބޯހޫރާލެވުނެވެ. ރަނާ ގޮސްވަނީ އެގޭ ގޯތިތެރޭގައިވާ ބަގީޗާތެރެއަށެވެ. އޭރު ނަދުހާ ހުރީ އެމަންޒަރު ސިއްރުން ބަލާށެވެ. ނަދުހާއަށް ނޭނގުނަސް ނަވާލްވެސް ހުރީ ރަނާ ބަގީޗާތެރެއަށް ވަންތަން ބަލާށެވެ.
[ނަދުހާ މިހުންނަނީ އެކުއްޖާ އެކަނިމާއެކަނި ދާތަން ބަލަހައްޓައިގެން....ތިހާ ސިޔާސަ ކުއްޖަކު ކިހިނެއްތަ އަހަރެމެންނަށް ގެންގުޅެވޭނީ.....] ނަދުހާއާ ދާދިގާތަށް ހުއްޓި ނަވާލް ބުންޏެވެ. އޭގެ މާގިނައިރުތަކެއްނުވެ ރަނާ ކުޑަކުޑަ ފުރުޓް ބާސްކެޓެއް ހިފައިގެން އައިސް ގެއަށް ވަނެވެ. ފުރަތަމަ ރަނާ ފެނުނީ ސިޓިންގރޫމްގައި އިން މަރީނާއަށެވެ. މަރީނާގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް އާގަމަވެފައި އިރުކޮޅެއް ވަންދެން އިނދެވުނެވެ.
[ރަނާ ކާކު ދިން މޭވާތަކެއް؟] މަރީނާ ތެދުވިއެވެ. ރަނާ އައިސް މަރީނާގެ ގާތަށް ހުއްޓުނެވެ.
[ރަނާ ބަގީޗާގައި ހުރި ގަހަކުން ބިން މޭވާތަކެއް. މާމަ އާދޭ ގަސް ދައްކާނަން.] ރަނާ މާމަގެ އަތުގައި ހިފައިގެން ބަގީޗާއާ ދިމާއަށް ހިނގައިގަތެވެ.
[ކޮން ގަހަކުން މޭވާ ބިނީ؟] ބަގީޗާތެރެއަށް ވަދެ މަރީނާ އެހިއެވެ. އެގެއަކީ ނިކަން ފާޑުފާޑުގެ ގަސްތައް ހައްދާފައި ހުންނަ ގެއަކަށްވުމުން، ބަގީޗާއަށް ޚާއްޞަ ކުރެވިފައިވާ ޖާގަވެސް ކުޑައެއް ނޫނެވެ.
[ރަނާ މޭވާ ބިންގަސް މީ....] ރަނާ އިޝާރާތްކުރީ އެތާނގައި ދިހަވަރަކަށް ފޫޓަށް ދިގުވެފައި ހުރި ދުވަސްވެފައިވާ ފިތުރޯނު ގަހަށެވެ. މަރީނާ ގާތަށް އައީ ހިންޏެވެ. ގަބޫލު ނުކުރެވޭތީއެވެ. މާގިނައިރު މަޑުކުރުމެއްނެތި މަރީނާ ރަނާގެ އަތުގައި ހިފައިގެން އައިސް ގެއަށް ވަނެވެ. އޭރު ނަދުހާއާއި ނަވާލްވެސް ކުޑަދޮރުން (ކޮޓަރީގެ) އެމަންޒަރު ބަލަން ތިބެފައި އައިސް ކޮޓަރިން ނުކުމެއްޖެއެވެ. މަރީނާ ރަނާގެ ވާހަކަތައް ކިޔައިދިނެވެ. ނަވާލް ޙައިރާންވިއެވެ. ނަމަވެސް ނަދުހާ ހުރީއެވެ. އޭނާ ޙައިރާނެއްނުވެއެވެ.
[ބުނޭ ކާކު ރަނާއަށް މޭވާދިނީ. ބައްޕަ ވަރަށް ރުޅި އަތުވެދާނެ، އަވަހަށް ބުނޭ.....] ނަވާލް ރަނާގެ އަތުގައި ހިފައިގެން، އޭނާއާ ގާތަށް ގެނައެވެ. އެއީ މުނާޒްގެ ކަމެއްކަން އެނގޭތީ ނަދުހާ ހިމޭނުންހުރީއެވެ.
[ބައްޕަ ދިނީ. ބައްޕަ ރަނާ ގާތު ބުނީ ގަހުން ބިން މޭވާތަކެކޯ ބުނާށޯ.] ރަނާ ބައްޕައޭ ބުނުމުން، ނަވާލާއި މަރީނާގެ އިތުރުން ނަދުހާވެސް ސިހުނެވެ.
ކުޑަކުދިންގެ މައްސަލަތައް ފެންމަތިވަމުން އަންނަ ދުވަސްވަރެއްގައި ތުއްތު އަންހެން ކުއްޖަކު އެފަދަ ވާހަކަތަކެއް ދެއްކުމުން، ނަވާލާއި މަރީނާ ނިކަން ކަންބޮޑުވެއްޖެއެވެ.
[ބައްޕައޭ!؟] ނަވާލަށް ބަލައިލެވުނީ ނަދުހާގެ މޫނަށެވެ. ނަދުހާ އިސްޖަހާލިއެވެ. ހުރިހާ ޙަޤީޤަތެއް ފަޅާއަރަން އުޅޭކަމުގެ އިޙްސާސާ އެކުގައެވެ. އެވަގުތު ދޮރުމައްޗަށް މީހަކު ހުއްޓުނު އަޑަށް އެންމެންގެ ލޯވެސް އެދިމާއަށް އަމާޒުވިއެވެ.
[ރަނާއަށް މޭވާތައް ދިނީ އަހަރެން.] ދޮރުމަތީގައި ހުއްޓިހުރީ ދަލޭކައެވެ. ދަލޭކަހުރީ ނަދުހާއަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ.
[ދަލޭކަ ދައްތަދޯ ފުރުޓް ދިނީ.....ބައްޕަޔޯ....ދޮގު ހަދަންވެސް ދަންނަ ކުއްޖެކޭދޯ....] ނަދުހާ ރަނާގެ ކޮލުގައި ހިފާލިއެވެ. ރަނާ ބަލައިލީ ދަލޭކަގެ މޫނަށެވެ. ދަލޭކަ ހިނިތުންވެލިއެވެ.
[މީވެސް މާމައެކޭ ދަރިފުޅާ، މާމަ ކޮންމެ ދުވަހަކުވެސް ދަރިފުޅަށް ފުރުޓް ގެނެސްދޭނަން.] ދަލޭކަ ރަނާ އުރާލިއެވެ. ރަނާ މާމަގެ ކަރުގައި އެލިގަތެވެ. އެވަގުތު ކޮޓަރިތެރޭން ނަވާލްގެ ދަރިފުޅު ރޮއިގަތް އަޑު އިވުނެވެ. އެއަޑަށް ކޮޓަރިއާ ދިމާއަށް ހިނގައިގަނެވުނީ ނަވާލަށެވެ. ނަދުހާ ދަލޭކަގެ އުނގުގައި އިން ދަރިފުޅާ ސަމާސާކޮށްލަ ކޮށްލާ އިނީއެވެ. އެކަން ނަވާލަށް ފާހަގަކުރެވުނު ނަމަވެސް، އޭނާ އެދުވަހު އެކަމެއް ފާޅެއްނުކުރެއެވެ.
އޭނާ އެކަމާ ބެހޭގޮތުން ނަދުހާއާ ވާހަކަ ދެއްކީ، އެރޭ ނިދަން އޮށޯވެ އޮވެއެވެ. ނަވާލް ތަކުރާރުކޮށް ޚިޔާލުދިނީ، ރަނާ އޭނާގެ މައިންބަފައިންނާ ޙަވާލުކުރުމަށެވެ.
[ނަދޫ....ރަނާ، އޭނާގެ މައިންބަފައިންނާ ޙަވާލުކުރަންވީނު. އަހަންނަކަށް ހިއެއްނުވޭ، ރަނާ މިގޭގައި އުޅޭހާ ހިނދަކު ނަދުހާއަށް އަހަރެންގެ ދަރިފުޅަށް ލޯބި ދެވޭނެހެނެއް. އެހެން ނޫނަސް އެހާ ސިޔާސަ ކުއްޖަކު މައިންބަފައިންނާ ދުރުގައި ގެންގުޅޭކަށް ނުވާނެ.] ނަވާލް ބުންޏެވެ.
[ރަނާ މިގޭގަ ހުރީމަ ނަވާލަށް އުނދަގޫވަނީތަ؟ އަހަރެން ބޭނުން ރަނާ ގެންގުޅެން.] ނަދުހާ އަނެއްފަރާތަށް އެނބުރުނެވެ.
[ނަދޫ ބޭނުންވިޔަސް ވަރިހަމަ. ރަނާ އޭނާގެ މައިންބަފައިންނާ ޙަވާލުކުރުން ނޫން ގޮތެއް ނޯންނާނެ.] އެއީ ނަވާލްގެ ފަހުގެ ނިންމުމެވެ. ވުމާއެކު، ކިތަންމެ ދެރަވި ކަމުގައިވިޔަސް، ނަދުހާއަށް މަޖުބޫރުވީ، ރަނާ ބެލެހެއްޓުމަށް އޭނާގެ މަންމަ ދަލޭކައާ ޙަވާލުކުރާށެވެ. އެކަންވީ ރަނާގެ ބައްޕަ މުނާޒްގެ ގާތަށް ފިސާރި ރުޅިއައިސް، މުނާޒް އަލުން ނަދުހާގެ ދިރިއުޅުމަށް އައުމަށް ލިބުނު ބާރަކަށާއި ހިތްވަރަކަށެވެ. އޭނާ ބޮޑަށް ރުޅިއައީ ނަވާލްދެކެއެވެ. އެހެންކަމުން، އޭނާގެ މަޤްޞަދަކަށްވީ އޭނާގެ ދަރިއަކު ލައްވާ ނަވާލަށް ބައްޕަ ކިޔުއްވުމެވެ.
[އޭނާ އަހަރެންގެ ދަރިފުޅު އެގެއިން ނެރެލީ، އޭނާގެ ދަރިޔަށް ނަދުހާގެ ލޯބި ހުސްކުރަން. ފަހަރެއްގައިވެސް އެކަން އެހެންވިޔަކަ ނުދޭނަން.] މުނާޒް ވާހަކަ ދެއްކީ ދަލޭކައާއެވެ. ރަނާ އުރައިގެން ހުރެއެވެ.
[ރުޅިނާދޭ މުނާޒް. މުނާޒް އަލުން އެމަންޖެގެ ދިރިއުޅުމުގެ ތެރެއަށް ވަނުމަކީ އަހަރެން ރުހޭ ކަމެއް ނޫން. އަހަރެންވެސް ބޭނުން، އެމަންޖެ އުފަލުގައި އުޅޭތަން ދެކެން.] ދަލޭކަ ބޭނުންވަނީ ދަރިފުޅު ދިފާޢު ކުރާށެވެ. އޭރުވެސް މުނާޒް ހުރީ ވަރަށް ރުޅިއައިސްފައެވެ.
[އެމީހުން ރަނާއަށް ލޯބިދީގެން ގެންގުޅުނުނަމަ، އަހަރެން އެމީހުންގެ ދިރިއުޅުމުގެ ތެރެއަށް ދުވަހަކުވެސް ނުވަންނާނެ. އެކަމަކު.....އަހަރެންގެ ދަރިފުޅު، މައިވަންތަ ލޯބިން މަޙްރޫމްކޮށްގެން އަހަންނެއް ނޫޅޭނަން.] މުނާޒް ރަނާ ދަލޭކަ އަތަށް ދިނުމަށްފަހު ހިނގައިގަތެވެ. އޭނާ ބޭނުންވަނީ ނަދުހާއާ ބައްދަލުކުރާށެވެ.
އޭރު ނަދުހާ އޮތީ އެކަނިމާއެކަނި ކޮޓަރީގައެވެ. އޭނާގެ ވިސްނުމުގައި ވަނީ ރަނާއެވެ. އޭނާ އެގޮތަށް އޮއްވާ މުނާޒް އެތަނަށް ފާޅުވީ ކުއްލިއަކަށެވެ. ނަދުހާ ފުންމައިގެން ތެދުވިއެވެ.
[ރަނާ މިގެއިން ނެރެލާފައި ނިކަން އުފަލުގައިދޯ ތިއުޅެނީ؟] މުނާޒްގެ އަޑު ނިކަން ހަރުކައްޓެވެ.
[އާނ....ވަރަށް އުފަލުގައި މިއޮތީ. އެމަންޖެއާ ދޭތެރޭ ވިސްނޭތީ އަހަރެން މިއުޅެނީ އަރުން ފެންފޮދެއްވެސް އެތެރެ ނުކުރެވިގެން.] ނަދުހާ ފެންކަޅިވިއެވެ.
[ޙައްލު ހޯދަން ނޭނގެނީނު.] މުނާޒް އެނދުގައި އިށީނެވެ. އޭރު ނަދުހާގެ ދެލޯ ތެމިއްޖެއެވެ.
[ތިބުނާ ޙައްލެއް އަހަންނަކަށް ނޭނގެ. އަހަރެން މިހާރު މިދުނިޔޭގަ އުޅެންވެސް ފޫހިވެއްޖެ.] ނަދުހާ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ.
[ޙައްލު އަހަންނަށް އެނގޭ. އަހަންނަށް ޙައްލު ހޯދޭނެވެސްމެ. މިގޭގައި އަހަރެންގެ ދަރިފުޅަށް ނުހުރެވެންޏާ، އޭނާގެ ދަރިއަކަށްވެސް ނުހުރެވޭނެ.] މިޖުމްލައާއެކު މުނާޒް ނަދުހާގެ ލޯމަތިން ގެއްލުނެވެ. ނަދުހާއަށް އެއްޗެކޭ ބުނަންވެސް އެއްވެސް ފުރްޞަތެއް ނުދީއެވެ. އެހެންކަމުން، ނަދުހާ ނިކަން ހާސްވިއެވެ. މުނާޒް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކިތަންމެ ބޮޑު އަނިޔާއެއް ކުރާކަށްވެސް އޭނާ ފަހެއް ނުޖެހޭނެއެވެ. ނަމަވެސް އެއީ ނަދުހާ އެދޭގޮތެއް ނޫނެވެ.
މުނާޒް ލޯމަތިން ކަޝްފުވުމާއެކު، ނަދުހާއަށް ބަލައިލެވުނީ ކުރިމަތީގައި ހުރި ކުޑަ އެނދުގައި ނިދާފައި އޮތް ނަވާލްގެ ދަރިފުޅަށެވެ. ނަދުހާ އިރުކޮޅެއް ވަންދެން އެމަޢުޞޫމް މޫނަށް ބަލަން އޮވެފައި އެނދުން ތެދުވެއްޖެއެވެ. އެވަގުތު ކޮޓަރި ބޭރުން މީހަކު ތަޅުގައި ހިފައި އަނބުރާލުމާއެކު އެތެރެއަށް ވަނީ ނަވާލެވެ. ނަވާލް ދޮރު އެތެރޭން ތަންޑު އެޅުވުމަށްފަހު ނަދުހާގެ މޫނަށް ބަލައިލިއެވެ.
[މާ އަވަހަށް އޮފީސް ނިމުނީތަ؟] މާނުވަގުތެއްގައި ނަވާލް އައިސް ވަނުމުން ނަދުހާއަށް އަހާލެވުނެވެ.
[އޮފީސް ނިމުނީކީ ނޫން. ކުއްލިއަކަށް ނަދުހާ މަތިން ހަނދާންވެ، ހިތް މަސްތުވުމުން މަސްތުކަން ފިލުވަން މިއައީ.....] ނަވާލް މަސްތީ ޒާތަކަށް ނަދުހާގެ ދެލޮލަށް ބަލަން ހުރެފައި، ނަދުހާގެ އަތުގައި ހިފާލިއެވެ. މީ ދެން ކޮން ވަގުތެއްހޭ ބުނެފައި، ނަދުހާ ލަދުގަނެ އިސްޖަހާލިއެވެ.
[ދެމަފިރިންގެ ހިތްހަމަޖެހުމަށް ވަކި ވަގުތެއް ކަނޑައެޅިފައެއް ނޯންނާނެ.] ނަވާލް ނަދުހާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި އިށީނެވެ. އެއީ މެންދުރުގެ އެންމެ ހޫނު ވަގުތެވެ.
މާބުރު މަލުގެ ވަށައިގެން ޠަވާފްކުރާ ފަދައިން، ދެތިން ބުރެއް ޖަހާލުމަށްފަހު، ކަރުގަނޑު މެދަށް ތިރިކޮށްލީ، މެންދުރުގެ ހޫނު އެންމެ ގަދަވީ ވަގުތެވެ. ކިތަންމެ ގަދަ އަތްވެއްދީފައި އޮތަސް، މާބުރު މަލުގެ ކަރުގަނޑުތެރެއަށް ބޯ ކޮއްޕާލައެވެ. އެންމެ ފުރިހަމަ ގޮތުގައި އޭގެ ލައްޒަތު ލިބިގަތުމަށްޓަކައެވެ. މާބުރަށް ސުވާސްތި ކިޔަމުން މަލުގެ ފިޔަތައް މާބުރު ވަށާލައެވެ. އެއީ ދުނިޔޭގެ ޠަބީޢަތެވެ. އާދައެވެ. މަލަކީ ނިކަން ނާޒުކު އެއްޗެކެވެ. މަދުފަހަރެއްގައި ނޫނީ އެންމެ ބީހިލުމަކުން އަމިއްލަ އިޚްތިޔާރުން ގެއްލިދެއެވެ.
[ދަރިފުޅާ ނަދުހާ ފޯނެއް. ކޮޓަރިން ނުކުމެގެން އައިސްބަލަ.] ނަދުހާ ސިހުނީ، ނަވާލްގެ މަންމަގެ އަޑުންނެވެ. ނަވާލްވެސް ސިހުނެވެ.
[ކާކުގެ ފޯނެއްތަ މަންމާ....] ނަދުހާ އެއްސެވެ.
[ނަވާލްގެ.....] މަރީނާގެ މިޖުމްލައާއެކު ނަދުހާއަށް ބަލައިލެވުނީ، އޭނާގެ ދާދި ގާތުގައި އޮތް ނަވާލަށެވެ. އެއާއެކު ނަވާލް ނިކަން ބާރަށް ހީގަތެވެ. ކާމިޔާބީ ފާހަގަކުރާފަދަ ގޮތަކަށެވެ.
[ކާކުތީ!؟] ނަދުހާ ފުންމައިގެން ތެދުވިއެވެ.
[އަހަރެން، މުނާޒް. މިހާރު ނަދުހާ ތިއިނީ އަހަރެންގެ ދަރިއަކަށް ބަލިވެ.] މިހެން ބުނެވުމާއެކު، ކުރިން ނަވާލްގެ ސިފައިގައި އޮތް މުނާޒް، އޭނާގެ އަޞްލު ސިފައަށް ބަދަލުވެއްޖެއެވެ.
[ނޫން...ނޫން.....] ނަދުހާއަށް ރޮއިގަނެވުނީއެވެ. ނަމަވެސް، ނަދުހާގެ ރުއިން ބަލާކަށް މުނާޒެއް ނެތެވެ. އިސާހިތަކު އޭނާ (އޭތި) ނަދުހާގެ ލޯމަތިން ވަންހަނާ ވެއްޖެއެވެ. ރޮމުން ނަދުހާ ބަނޑުގައި އަތް ކާއްތާލިއެވެ.
[މުނާޒަށް ކުއްޖަކު ވިހާކަށް އަހަރެން ދެން ބޭނުމެއް ނޫން.] ނަދުހާއަށް ހިތާހިތާ ކިޔާލެވުނެވެ. އޭރު މުނާޒް ބުނިފަދައިން ބަލިވެއިންކަމުގެ އިޙްސާސް އޭނާއަށް ކުރެވެން ފަށައިފިއެވެ. ބަނޑުގެ ދެފަރާތުގައި ބާރަށް ހިފަހައްޓާލުމަށްފަހު، އޭނާއަށް ބާރަށް ރޮއިގަނެވުނުވެސްމެއެވެ.
އެވަގުތު ކޮޓަރި ދޮރުގައި މީހަކު ޓައިޖަހާލިއެވެ. ނަދުހާ ކަރުނަތައް އެތެރެއަށް ހިންދާލުމަށްފަހު ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހިނިއައިސްފައި ހުރީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ފާތިނާއެވެ.
[ފާތިނާ......!؟ ކޮންއިރަކު އައީ......] އަހަރުތަކަކަށްފަހު ރަޙްމަތްތެރިޔާ ފެނުމުން ނަދުހާގެ އުފާވެރިކަން އިންތިހާއަށް ދިޔައެވެ.
[ހެނދުނު. ގުޅާނުލާވެސް މިއައީވެސް ނަދޫއަށް ސަޕްރައިޒެއްދޭން. ކޮބާ ކަންތައްތައް ކިހިނެއްތަ؟ ހައަހަރުވީއިރުވެސް ކިޑެއް ނުލިބޭތަ؟] ފާތިނާ މިހެން ބުނީމަ، ނަދުހާ އިޝާރާތްކުރީ ކުޑަ އެނދުގައި ނިދާފައި އޮތް ޒާހިންއަށެވެ.
[އޯހް ކިޑެއް އެބައޮތްދޯ؟ ކީއްވެތަ އަންގާނުލީ...ކޮބާ ހަޒްބަންޑް.....] ފާތިނާ ނިދާފައި އޮތް ޒާހިންއާ ލޯބިކޮށްލިއެވެ. ނަދުހާ އެނދުގައި އިށީނެވެ.
[އޮފީހުގަ. ކޯސް ކިހިނެއް، ޑޮކްޓަރަކަށްވީދޯ؟] ނަދުހާއަށް ބެލުނީ ފާތިނާއަށެވެ. އޭނާއަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުންނެވެ. ބޮލުގައި އިހު އޮންނަ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވުމުގެ އިތުރަށް ހެދުން އެޅުމުގެ ފާޑުގަނޑުވެސް ވަނީ ކުރިޔާ ޚިލާފަށް ނިކަން ބޮޑަށް ބަދަލުވެފައެވެ. ފެންނަ ފެނުމަށް މިހާރު ބޮޑަށް ފާޑުވަނީ ހުޅަނގުގެ ތަހުޒީބީ އަންހެނަކާއެވެ.

ކިޔުންތެރިންގެ ހިޔާލު