ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސުން ބުނީ މި ތަކެތި އަތުލައިގަތީ މޯލްޑިވްސް ކަސްޓަމް ސަރވިސް އަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މަސްތުވާތަކެތި އެތެރެ ކުރީ ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައި ކަމަށާއި، އެ ތަކެތި ހުރީ ޕްލާސްޓިކް ގަސްޕޮޓްތަކެއްގައި ފޮރުވާފައި ކަމަށް ކަސްޓަމްސުން ހާމަކޮށްފައިވެއެވެ. ‎މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާއެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ ކަސްޓަމްސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވާ ކަމަށެވެ.

އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން