އެމްޑީޕީގެ ޕްރެސްއެއްގެ ތެރެއިން
އެމްޑީޕީގެ ޕްރެސްއެއްގެ ތެރެއިން
ހއ. ހޯރަފުށީގައި ގާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލުމަކީ އެރަށު ރައްޔިތުންނަށް މި ސަރުކާރުން ދޭ ބޮޑު ނިކަމެތިކަމެއް ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފިއެވެ.

މި ބޮޓްލިން ޕްލާންޓަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ދަށުން އަޅާ ބޮޓްލިން ޕްލާންޓެކެވެ. މި ޕްލާންޓުގެ މަސައްކަތް ފެނަކައިން ހުއްޓާލާފައިވަނީ އެރަށު ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތިކަމަށް ވެއެވެ.

ޕްލާންޓުގެ މަސައްކަތް ހުއްޓާލައި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުން ކުށްވެރިކުރަމުން އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ މި ޕްލާންޓަކީ ހޯރަފުށީ ކައުންސިލާއި، ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ޖޮއިންޓު ވެންޗާ އުސޫލުން ގާއިމް ކުރާ ޕްލާންޓެއް ކަމަށެވެ. އަދި އަންނަ ޖުލައި މަހު ތެރޭގައި ޕްލާންޓުގެ ބޭނުން ކުރެވޭނެ ކަމަށް އެރަށު ކައުންސިލުން ބުނެފައި ވާކަމަށް ބަޔާނުގައި ވެއެވެ.

އެހެންނަމަވެސް ފެނަކަ ކޯޕަރޭޝަނުން ދީފައިވާ ޔަގީންކަމާ ހިލާފަށް އެ ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް އެމްޑީޕީއިން ބުނެފައި ވެއެވެ.

އެމްޑީޕީން ބުނިގޮތުގައި މިފަދަ ޕްރޮޖެކްޓުތަކަކީ ރަށްރަށުގެ އިގްތިސޯދަށް ދިރުން ގެނެސްދީ، އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ފަދަ ޕްރޮޖެކްޓުތަކެކެވެ.

"އަންނަ މަހު ހިދުމަތް ދޭން ފެށުމުގެ ކުރިން މި ޕްރޮޖެކްޓު ހުއްޓާލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ހޯރަފުށީ ރައްޔިތުންނަށް ދޭ ވަރަށް ބޮޑު ނިކަމެތިކަމެއް." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އަދި މިއީ އިގްތިސާދީ ނަފާ ހޯދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅާ ކަމުގެ ހެއްކެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ ބޭނުމަށް ޕްރޮޖެކްޓުތައް ހުއްޓައި، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާތީ އެތައް އާއިލާތަކެއް ހާލުގައި ޖެހެމުންދާ ކަމަށެވެ.

އަދި ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލުމަށާއި، ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން