ގިނަ ގައުމުތަކެއްގެ އެންޓި ސްކޭމް ސެންޓަރުތައް ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ފުރަތަމަ ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ ހިދުމަތުން ބައިވެރިވެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.

ފްރޮންޓިއާ ޕްލަސް ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. އެ ނެޓްވޯކްގައި އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮންގ، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ ވެސް ހިމެނެ އެވެ.

އެ އޮޕަރޭޝަންގައި ހަތް ގައުމަކުން ބައިވެރިވެ، އިންޓަރނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް މަސައްކަތްތައް ކުރިއިރު ރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ.

"މި މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވެއެވެ. މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށްވާއިރު، މިއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓެވެ." ފުލުހުން ބުނެފައި ވެއެވެ.

ފްރޮންޓިއާ ޕްލަސް ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންނގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުމެވެ.

ފުލުހުން ބުނީ ފްރޮންޓިއާ ޕްލަސް ނެޓްވޯކުކުގެ އޮޕަރޭޝަނުން ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނގުގައި އެފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބައިވެރިވި ގައުމުތަކުގެ މެދުގައި މަޝްވަރާވެސް ކުރި ކަމަށެެވެ.



"ފްރޮންޓިއާ ޕްލަސް ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެކެވެ." ފުލުހުން އިތުރަށް ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން