އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނެވި އަޙްމަދު މުއުތަސިމް އަދުނާން
އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނެވި އަޙްމަދު މުއުތަސިމް އަދުނާން
ޝަރަފުވެރިކަމާއެކު ރިޓަޔާކުރަށްވާ އުއްތަމަފަނޑިޔާރަށް ގަނޑުކޮށް ބައިމިލިއަނެއްހާ ރުފިޔާއާ އެކު މަހަކު 70،000 ރުފިޔާގެ ދާއިމީ އެލަންސެއް ދިނުމާ މެދު މާލީ ވުޒާރާއިން ލަފާ ހޯދައި، ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވާއިރު، ޝަރަފުވެރިކަމާއެކު ރިޓަޔާކުރަށްވާ އުއްތަމަފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ އާއި މަހަކު 70،000 ރުފިޔާ ދިނުމަށް މާލިއްޔަތު ކޮމިޓީއަށް ހުށައެޅީ ޖޭއެސްސީންނެވެ. ޖޭއެސްސީން އެގޮތަށް އެދިފައިވާއިރު، މިހާރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މިދިޔަ މެއި މަހުގެ ތެރޭގައި ރިޓަޔާކުރައްވަން ވަނީ ހުށަހަޅުއްވާފައެވެ.

ޖޭއެސްސީން މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ފަނޑިޔާރުން ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށެވެ. އަދި މިގޮތަށް މަޖިލީހުން ރުހުންދީފިނަމަ މިހާރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި މުއުތަސިމަށް މިހާރު ގަނޑުކޮށް ލިބިވަޑައިގަންނަވަން އޮތް 185،100 ރުފިޔާގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600 ރުފިޔާއެވެ. އަދި، މިހާރު މަހަކު އެ މަނިކުފާނަށް ލިބިވަޑައިގަންނަވަން އޮތް 47،182.50 ރުފިޔާ 70،000 ރުފިޔާއަށް ބޮޑުވާނެއެވެ.

މި މައްސަލާގައި އިއްޔެ މާލިއްޔަތު ކޮމިޓީގައި މެންބަރުންގެ މެދުގައި ހޫނު ބަހުސެއްވެސް ވަނީ ކޮށްފައެވެ. އަދި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު މާލިއްޔަތު ކޮމިޓީގެ ލަފައެއް ހޯދުމަށް ހުށައެޅުއްވުމުން އެގޮތަށް ވަނީ ފާސްކޮށްފައެވެ.

ޖޭއެސްސީން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައިވާގޮތުން، މިހާރު ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާ އުއްތަމަފަނޑިޔާރު، ފަނޑިޔާރުކަމުގައި ހޭދަކޮށްފައިވަނީ، ނުވަ އަހަރާއި ހަ މަހާއި 11 ދުވަހެވެ. އެހެންނަމަވެސް އެ މަނިކުފާނު ދައުލަތަށް ހިދުމަތް ކުރައްވާތާ 24 އަހަރާއި ހަތަރު މަހާއި 18 ދުވަސް ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން