ފައްޔާޒާއި ރައީސް ނަޝީދު
ފައްޔާޒާއި ރައީސް ނަޝީދު
ޤައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު ފައްޔާޒް ވިދާޅުވީ، ޤައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

އަދި ރައީސް ނަޝީދާއެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި، ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަަދަލުކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނުވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަށްވާނެކަން އިޢުލާނު ކުރަށްވާފައެވެ. އަދި އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓްގެ ވާދަވެރިކަން ބޮޑުވެ ފެކްޝަންތަކެއް އުފެދިފައިވާ ކަމަށް އެޕާޓީގެ އެތެރޭގެ މަސްދަރުތަކުން މަޢުލޫމާތުދެއެވެ.

ރައީސް ނަޝީދާއި ފައްޔާޒް ބައްދަލު ކުރަށްވާފައިވާއިރު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ރައީސް ނަޝީދު ވަނީ ފާޅުކުރަށްވާފައެވެ. އަދި ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

ރައީސް ނަޝީދަކީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބު އެމްޑީޕީގެ ޓިކެޓްގައި ކާމިޔާބު ކުރެއްވި ފަރާތެވެ. އެގޮތުން 2008 ވަނަ އަހަރު އުފެދުނު އެމަނިކުފާނުގެ ވެރިކަން ނިމުނީ 2012 ފެބްރުއަރީ 7 ގައި އެމަނިކުފާނު ވެރިކަމުން އިސްތިޢުފާ ދެއްވުމުންނެވެ.

ހަމައެއާއެކު އެމަނިކުފާނު ވަނީ، ގާތްގަނޑަކަށް 15 އަހަރު އެމްޑީޕީ ލީޑު ކުރަށްވާފައެވެ. ނަމަވެސް ފަހުން އެމްޑީޕީގެ ތެރޭގައި ޖެހުނު މައްސަލަތަކަކަށްފަހު އެ މަނިކުފާނު ވަނީ 21 ޖޫން 2023 ގައި އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރަށްވާފައެވެ.

ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުވެސް 19 ވަނަ މަޖިލީހުގައި އަދާކުރަށްވާފައިވެއެވެ. މިވަގުތު ރާއްޖޭގައި ހުންނެވި ނަމަވެސް ރައީސް ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލެވެ. އެމަނިކުފާނު ދިރިއުޅުއްވަނީ ގާނާގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން