އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
މި އަހަރުގެ ނަސްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން މިދަނީ ވަރަށް ހައްސާސް ދަނޑިވަޅެއްގައި ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 38 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ، މިއަދު މި ގައުމުގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިއަދު އާކުރަން ޖެހިފައިވަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހި ފަސްގަނޑުގެ ދިފާއުގައި ހިތްވަރާއެކު ނުކުމެވަޑައިގެންނެވި ގައުމީ ބަތަލުން ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ފުރާނައިން ގުރުބާންވި ހުރިހާ ޝަހީދުންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވާފައެވެ.

ނަސްރުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ، 1988 ވަނަ އަހަރުގެ އެ ދުވަހު ދިވެހި ހާއިނުންގެ ބަޔަކާއި ސްރީލަންކާގެ ތަމަޅަ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތް ގުޅިގެން މާލެއަށް ދިން ކުއްލި ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި އަސްކަރިއްޔާއިން ހޯދި މަތިވެރި ނަސްރުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އެ ހާދިސާގައި ދިވެހި ސިފައިންނާއި އާންމުން ހިމެނޭހެން 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު