ކޮމިޝަނާ އޮފް ޕޮލިސް ނަވީން
ކޮމިޝަނާ އޮފް ޕޮލިސް ނަވީން
ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް ނުލިބިގެން ކުރާ ޝަކުވާތައް ނިމުމަކަށް ގެންނަވާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ރޭ ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބޭ ޝަކުވާއެއް ކަމަށެވެ.

އެހެންވެ އެކަން ރަނގަޅުކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ސީޕި ވިދާޅުވި އެވެ. އަދި އެ ޝަކުވާތަކަށް ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން ވެސް ސީޕި ދެއްވި އެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންނާމެދު ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ. އެގޮތުން ފުލުހުންގެ ތަހުގީގުތައްވެސް ކުރިއަށްވުރެ އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ބޮޑަށް ތަހުގީގުގެ ކަންކަން ރައްޔިތުންނަށް އެނގިގެންދާނެ ގޮތަށް ކަންކަން ބައްޓަންކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނާއި ފުލުހުންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އާ ކަންކަން ފެށުމަށްވުރެ ބޮޑަށް މިހާރު ފަށާފައިވާ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެގޮތުން، އަވައްޓެރި ފުލުހުންނަކީ ކާމިޔާބު މަސައްކަތެއް ކަމަށާއި އެކަންވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން