އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައިދީ ނިންމަވައި ދެއްވާނެކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު މުއްޠަލިބް ވިދާޅުވީ، ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގެންދާތީ، އެ އެއްބަސްވުންތައް ބާޠިލުކޮށް މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި މިހާރު އެމްޑަބްލިއުއެސްސީން މަސައްކަތަށް ބޭނުންވާ ހުއްދަތައް ހޯދައި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައިދީ ނިންމުމުގެ ލަނޑުދަނޑި ހާސިލު ކުރެވޭނެކަމުގެ ޔަޤީންކަން ބޮޑުކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ރައީސް މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކާއެކު ރަށްރަށުގައި އެންމެ ބޮޑަށް ހައްލުކުރަން ޖެހިފައިވާ އަސާސީ އެއް މައްސަލައަކީ ފެނާ ނަރުދަމާގެ މައްސަލަ ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ފެނުގެ ހިދުމަތް ލިބެނީ 86 ރަށަކަށް ކަމަށާއި، ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވެމުންދަނީ 99 ރަށަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެެހެން ނަމަވެސް މި ވެރިކަމުގައި ހޭދަވި އަހަރާއި ދެ މަސް ތެރޭގައި އެކަނިވެސް 45 ރަށެއްގެ ފެނުގެ ހިދުމަތާއި، 40 ރަށެއްގައި ނަރުދަމާގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ފެނުގެ ޚިދުމަތް ނުލިބި އޮތް 56 ރަށާއި، ނަރުދަމާގެ ހިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް 2026 ނިމުމުގެ ކުރިން، ނިމޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން