އެމެރިކާއިން އީރާނުގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާ ދީފިކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދީފިއެވެ.

ޓްރަމްޕް މިކަން ކަށަވަރުކޮށްދީފައިވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލް ގައި މިކަމާ ގުޅިގެން ލިޔުއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޓްރަމްޕް ވިދާޅުވީ ކާމިޔާބު ކަމާއެކު އެމެރިކާގެ ސިފައިން އީރާނުގެ ތިން ނިއުކްލިއާ ސައިޓުކަމަށްވާ، ފޯރޑޯ، ނަތާންޒް އަދި އެސްފަހާން އަށް ބޮމުގެ ހަމަލާ ދީފައިވާކަމަށެވެ. އަދި މިކަން އިއުލާންކުރެއްވިއިރު، އެމެރިކާ ސިފައިންގެ އަސްކަރީ އުޅަނދުތައް ހަމަލާ ދިނުމަށްފަހު، އީރާނުގެ ވައިގެ ސަރަހައްދު ދޫކޮށް ގޮސްފައިވާކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

ޓްރަމްޕް ވަނީ އެ މިޝަން ކާމިޔަބު ކަމަށް އިއުލާން ކުރައްވައި މިހާރު މި ވަދެވުނީ ސުލްހަވެރިކަމުގެ ވަގުތައް ކަމަށް ފާހަގަ ކުރައްވާފައިވެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހިންގި މި މިޝަންގައި ބީ-2 ބޮމުގެ ހަމަލާ ދޭ މަތިންދާ ބޯޓުތައް ބޭނުންކޮށްފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ ބިމުގެ އަޑީގައި ވަރުގަދަކޮށްފައިވާ ތަންތަނަށް އަމާޒުކޮށްގެން މެސިވް އޯޑަންސް ޕެނެޓްރޭޓަރސް ނުވަތަ ބަންކަރ ބަސްޓިން ބޮން، މިހަމަލާ ދިނުމަށް ބޭނުންކޮށްފައިވެއެވެ. މި ހަމަލާތަކަކީ 1979 ވަނަ އަހަރުގެ ރިވޮލިއުޝަނަށްފަހު އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި އެންމެ އުދުވާނީ އަސްކަރީ ފިޔަވަޅު ކަމަށް ބެލެވެއެވެ.

ހޮނިހިރު ދުވަހު ދިން މިހަމަލާގެ އިތުރަށް އީރާނާ ދެކޮޅަށް ޓްރަމްޕް މިވަގުތު އިތުރު އަސްކަރީ ފިޔަވަޅުތަކެއް ރާވާފައި ނުވާ ކަމަށް ވިދާޅުވި ނަމަވެސް، ހަމަލާ ދީފިނަމަ އީރާނުން ރައްދު ދިނުމަށް ވައުދުވެފައިވާތީ އެމެރިކާ އޮތީ ހައި އެލާޓްގަ އެވެ.

ރިޕޯޓުތައް ބުނާގޮތުން އީރާނަށް އެމެރިކާއިން ހަމަލާ ދިން އިރު، އެމެރިކާގެ ރައީސް ގެ އަޒުމަކީ މިހަމަލާ އާއެކު ނިއުކްލިއާ މަޝްވަރާތައް ކުރުމަށް ޕްރެޝަރ ކުރުމެވެ.

ވައިޓް ހައުސްއިން ވަނީ އެމެރިކާ އީރާނަށް ހަމަލާ ދޭން އުޅޭކަން އިސްރާއީލަށް ކުރިން އަންގާފައިވާކަން ކަށަވަރުކޮށްދީ، އަދި އެ މިޝަން ހިންގިތާ މާގިނައިރުތަކެއް ނުވެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ރައީސް ޓްރަމްޕް ވާހަކަ ދައްކަވާފައިވާކަން ހާމަކޮށްފައެވެ.

އީރާނަށް އެމެރިކާ އިން މިހަމަލާ ދީފައިވަނީ، އީރާނުގެ ނިއުކްލިއާ ސައިޓުތަކާއި، އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްގެން އިސްރާއީލުން ހަމަލާ ދެމުންދާތާ ހަފްތާއެއް ވިފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން