ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
އިރާނާއި އިސްރާއީލާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފިއެވެ.

މި މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

މީކާއީލް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ މެދުއިރުމަތީގައި ފެށީފައިވާ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެ ދައުލަތުގެ އާމްދަނީ ދަށްވުމާއި، ބޭރު ފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ ދަތި ހާލަތެއް ދިވެހިރާއްޖެއަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހަމައެއާއެކު އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި، ގޭސް ފަދަ ތަކެތި މެދުނުކެނޑި، އެތެރެކުރެވޭނެކަން ކަށަވަރުކުރުމާއެކު، ބޭހާއި ކާޑުގެ ބާވަތްތަކާއި އަދި ތުއްތު ކުދިންގެ ކާނާ ފަދަ، ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްޓަކައި، ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުކަމެއް ކަން މައްސަލައިގައި މައްސަލާގައި ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން، އެ ތަކެތީގެ ސްޓޮކް އެކަށީގެންވާ މިންވަރަށް، ހުރިތޯ ނުވަތަ ނޫންތޯ ސަރުކާރުން ރައްޔިތުންނަށް އަންގަވައި ދެއްވާންވާނެ ކަމަށް ކުއްލި މައްސަލާގައި ވަނީ ބުނެފައެވެ.

މި މައްސަލަ ބަލައިގަތުމަށް ވޯޓުގައި ބައިވެރިވި 45 މެންބަރުން ވޯޓު ދެއްވާފައި ވާއިރު ބަލައިނުގަތުމަށް ވޯތު ދެއްވީ އެންމެ މެންބަރަކެވެ. އެއާއެކު މި މައްސަލައިގެ ބަހުސް މަޖިލީހުގައި މިހާރު ވަނީ ފަށާފައެވެ.

އަދި މިއީ ހައްސާސް މައްސަލައެއް ކަމުގައިވާތީ ޤައުމުގެ މަސްލަޙަތު އިސްކޮށް، ސިޔާސީ ނުފޫޒުން އެއްކިބާވެ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަން މައްސަލައިގެ ބަހުސްގައި މެންބަރުން ގެންދަވަނީ ފާހަގަ ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން