މެމްބަރު ސިނާން
މެމްބަރު ސިނާން
ދަރަންޏެއް ސާބިތުުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން މާދަމައަށް ތާވަލު ކޮށްފިއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މީގެ އެއް އަހަރު ކުރިން ޕީއެންސީގެ މެމްބަރު ސިނާންއާއެކު އަހުމަދު ވަހީދާއި މުހައްމަދު ސަލީމް، މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާ އޮތް މައްސަލައެއް ބަލާފަ އެވެ.

މި ތިން މީހުންނާ ދެކޮޅަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ނިމިދިޔަ އަހަރުގެ ޖުލައި 21 ގައި އެމްއައިބީން ކުރި ދައުވާ, އެ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ. މައްސަލަ ނިމުނީ އެމްއައިބީ ކޮޅަށެވެ. މި މައްސަލައިގައި ކޯޓުން ވަނީ ނުދެއްކި ހުރި ލޯނު ދެއްކުމާއި ޖޫރިމަނާގެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި އެމްއައިބީއަށް ދެއްކުމަށް ހުކުމް ކޮށްފައެވެ.

އެ ފައިސާ ނުދައްކާ އޮތުމުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އަދި އެ ކޯޓުން މައްސަލަ ބަލައިގަތީ މާޗް މަހުގެ ނުވަވަނަ ދުވަހު އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައި ވަނިކޮށް ސިނާން ވަނީ އެއް ފަހަރާ އެ ފައިސާ ދައްކާ ދަރަނި އަދާކޮށްފައެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓުން ވަނީ ގޮނޑީގެ މައްސަލަ ބެލުމަށް ނިންމައި، މާދަމާއަށް މައްސަލަ ތާވަލު ކޮށްފައެެވެ. މައްސަލަ ބަލަނީ ކޯޓްގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ގާނޫނު ބުނާ ގޮތުގައި މަޖިލީސް މެންބަރެއް އިންތިހާބުގެ ކުރިން ނުވަތަ މެންބަރުކަމަށް ވަޑައިގަތުމަށްފަހު ދަރަންޏެއް ނުދައްކާހުރިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން