އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާ ބެހޭ ފޯރަމްގެ ޒުވާނުން ބިނާ ކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައިސް، ފޮޓޯ: މަޖިލިސް
އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާ ބެހޭ ފޯރަމްގެ ޒުވާނުން ބިނާ ކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައިސް، ފޮޓޯ: މަޖިލިސް
2054 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީ އެއް މިލިއަނާ ގާތްކުރާނެ ކަމަށް ލަފާކުރެވޭއިރު، އާބާދީގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނީ މާލެ ސަރަހައްދުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާ ބެހޭ ފޯރަމްގެ ޒުވާނުން ބިނާ ކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާ އިފްތިތާހު ކޮށްދެއްވައި ދެއްކެވި ވާހަަކަފުޅުގައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާ ބެހޭ މައުޟޫއަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ އާބާދީއަށް އަންނަ ހަލުވި ބަދަލުތަކާ ކުރިމަތިލެވޭނީ އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވައިގެން ކަމަށާއި އާބާދީއަށް އަންނަމުންދާ ހަލުއި ބަދަލުތަކާ ކުރިމަތިލުމަށް، އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށްޓަކައި ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

އަދި އާބާދީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހަރުދަނާ ސިއްހީ ފަރުވާއާއި، ނަފްސާނީ ސިއްހަތަށް ސަމާލުކަން ދިނުމާއި، މިންތީގެ ހަމަހަމަކަމާ ގުޅޭ ސިޔާސަތުތަކެއް އެކަށައެޅުމުގެ ބޭނުންތެރިކަމަށްވެސް ނާޒިމްގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފައެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އިންސާނީ ރައުސްމާލަށް ރާއްޖޭގެ ތަރައްޤީ ދެމެހެއްޓޭނެ ކަމަށާއި، އެކަން ދެމެހެއްޓެނިގޮތެއްގައި ކުރިއަށް ގެންދިއުމަށް އިންސާނީ ރައުސުމާލަށް އިންވެސްޓް ކުރަން ޖެހޭ ކަމަށެވެ. އަދި ޒުވާނުން، ވަކިން ޚާއްޞަކޮށް ޒުވާން އަންހެނުންނަށް ތަޢުލީމާއި ހުނަރާއި ލީޑާޝިޕްގެ ދައުރު ފަހިކޮށްދޭން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ ވާހަކައިގައި މުޖުތަމައުގެ ހެޔޮ ދުޅަހެޔޮކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަވާ ހެޕީނެސް މޯލްޑިވްސް ޕްރޮގްރާމާއި އަދި އެޕްރޮގްރާމާ ގުޅޭ ގައުމީ ހެޕީނެސް އިންޑެކްސްއަށްވެސް އަލިއަޅުއްވައި ލެއްވިއެވެ.

އަދި ރައީސްގެ މި ސިޔާސަތުތަކަކީ މިންތީގެ ހަމަހަމަކަން ދެމެހެއްޓުމާއެކު، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އިޖުތިމާޢީ ދުޅަހެޔޮކަން ބައްޓަން ކުރެއްވުމަށް ދެއްވާ އަހުމިއްޔަތުކަމުގެ ހެއްކެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން