މާލޭގެ މޭޔަރ އާދަމް އާޒިމް
މާލޭގެ މޭޔަރ އާދަމް އާޒިމް
ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް ޓަކައި، މިހާރު ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ދެފުށް ފެންނަގޮތަށް މަސައްކަތްތައް ކުރުން ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ވިސްޓްލްބްލޮވިންގް އަށް، މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން އަހުލުވެރި ކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ސެޝަންގައި މޭޔަރު އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ، ދެ ފުށްފެންނަ، ރައްޔިތުން އެންމެ އިތުބާރުކުރާ ރާއްޖޭގެ އެންމެ ނަމޫނާ ކައުންސިލަށް މާލެ ސިޓީ ކައުންސިލް ހެދުން ކަމަށެވެ.

އަދި ވިސްޓްލްބްލޮވިންގ އަށް ކައުންސިލްގެ މުވައްޒަފުން އަހުލުވެރި ކުރުމަށް، ވިސްޓްލްބްލޮވަރ ޕްރޮޓެކްޝަން ޔުނިޓުގެ މެމްބަރުން، އެފަދަ ސެޝަނެއް އިންތިޒާމް ކޮށްދެއްވީތީ، ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު މޭޔަރ ޢާޒިމް ވިދާޅުވީ، ވިސްޓްލްބްލޯ ކުރުމަކީ ކޮބައިކަން، ކައުންސިލްގެ މުވައްޒަފުންނަށް މިހާރު އެނގިފައިވާނެ ކަމަށާއި، އެހެންކަމުން ކައުންސިލްގެ އެއްވެސް ކަމެއް ގޯސްކޮށް ހިނގާނަމަ، އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށާއި، ގޯސްކޮށް ހިނގާ ކަންކަން ލަސްނުކޮށް ރިޕޯޓް ކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

އޭގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދައި، އެ އިތުބާރު ދެމެހެއްޓުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގެ މުހިއްމު އިދާރާ ތަކުގެ އިތުބާރު، ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވުން ކަމަށެވެ.

އެހެންކަމުން ޢާއްމު ރައްޔިތުންނާއި އިދާރަތަކުގެ މުވައްޒަފުން ވެސް، މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލަ، އިންސާފުވެރިކަމާއެކު ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މުވައްޒަފުންނަށް ލިބޭނަމަ، ދިވެހިރާއްޖޭގެ އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ޢާޒިމް ރޭ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން