މޭޔަރ އާދަމް އާޒިމް، ފޮޓޯ: މާލެ ސިޓީ ކައުންސިލް
މޭޔަރ އާދަމް އާޒިމް، ފޮޓޯ: މާލެ ސިޓީ ކައުންސިލް
ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާގޮތް ބެލުމަށް، ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑަށް ކެތް މަދުވެފައި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ މިހެން ވިދާޅުވީ ވިސްޓްލްބްލޮވިންގް އަށް، މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން އަހުލުވެރި ކުރުމަށް ބޭއްވި ސެޝަނަށްފަހު ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މޭޔަރ އާޒިމް ވިދާޅުވީ މާލެ ސިޓީގެ ލޭންޑް އޮޑިޓް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ ކައުންސިލްގެ މި ދައުރު ނިމުމުގެ ކުރިން، ލޭންޑް އޮޑިޓް ނިންމައި ހާމަ ކުރާނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ކައުންސިލްގެ ލޭންޑް އޮޑިޓް ހާމަ ކުރާނީ، އޮޑިޓްކޮށް ނިންމުމުން އެ މަޢުލޫމާތު ރަނގަޅަށް ޗެކްކުރުމަށް ފަހު ކަމަށް މޭޔަރ ވިދާޅުވިއެވެ.

އެގޮތުން އެކި ފަރާތްތަކަށް ބިންތައް ދީފައި ހުރި ގޮތާއި، ބިންތައް ކުއްޔަށް ދީފައި ހުރި މީހުންނާއި، ކުއްޔަށް ދީފައި ހުރި މުއްދަތާއި، ދީފައި ހުރި ކުލި ފަދަ ހުރިހާ އެއްޗެއް ހާމަ ކުރާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މާލެ ސިޓީގެ މޭޔަރ ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، މާލެ ސިޓި ކައުންސިލަކީ ދެ ފުށްފެންނަ ގޮތަށް ކަންކަން ކުރަމުންދާތަނަކަށް ހެދުމަށް، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި ކައުންސިލުގެ މަސައްކަތާ ބެހޭ ގޮތުން ކޮންމެ ރައްޔިތަކާ ސުވާލުކުރުމުން ވެސް، ތެދުވެރިކަމާ ލޯތްބާއެކު، ދެ ފުށް ފެންނަ، އަވަސް ޚިދުމަތްތަކެއް ދެމުންދާ ކައުންސިލެއްގެ ގޮތުގައި، މާލެ ސިޓީ ކައުންސިލް، ރައްޔިތުންނަށް ތަޞައްވުރުވާން ބޭނުންވާކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ، މަޢުލޫމާތުތައް ހާމަކުރުމުގައި އެންމެ ކުރީގައި އޮތް ކައުންސިލަށް ހެދުމަށްޓަކައި، ކައުންސިލަރުން ގެ ފުރުހަމަ އެއްބާރުލުމާއި މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން