ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
މުޖްތަމައުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

ރައީސްގެ ޚިތާބުގައި ވިދާޅުވީ މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަމެވެ.

މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم، އެކަލޭގެފާނު އުފަންވެ ވަޑައިގަތް ބިން ދޫކުރައްވައި، ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަ ކުރެއްވި ކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް ޢިބްރަތެއް ލިބިދޭ ތާރީޚީ ޙާދިސާއެއްކަމަށް ރައީސްގެ ޚިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެއްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ޤައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ޙާޞިލްކުރުމުގައި ހިފަހައްޓަންވީ ޙިކްމަތެރި ހަމަތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން ހިޖުރައިގެ ދަތުރުފުޅަށް ރަސޫލާ ﷲ صلى الله عليه وسلم، ފެއްޓެވިރޭ، އެކަލޭގެފާނުގެ އެނދުދާންކޮޅުގައި ޢަލީގެފާނު ބޭއްވެވުމާއި، ޢާއްމުކޮށް މަދީނާގެ ދަތުރަށް މީހުން މިޞްރާބު ހިފާ މަގާ ދުރުގައި ހުރި ޘައުރު ފަރުބަދައިގެ ހޮހަޅައިގާ 3 ރޭ މަޑު ކުރެއްވުމާއި، ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ޞަޙާބީ ބޭކަލެއްކަމުގައިވާ ޢާމިރު ބިން ފުހައިރާއާ ޙަވާލުކުރެއްވުންފަދަ ކަންކަމުން އަންގައިދެނީ ﷲއަށް ވަކީލު ކުރުމާއެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖު ވެވޭނެ މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމުކަން ކަމަށް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

އަދި ދަތުރުފުޅު މަތީގައި އުޅުއްވާއިރު، މުޝްރިކުންގެ ޚަބަރުތައް ގެނަސްދެއްވުމަށް ޒުވާން ޞަޙާބީ ޢަބްދުﷲ ބިން އަބޫބަކުރާ ޙަވާލުކުރެއްވުމާއި، ފަރިއްކޮޅު ގެނަސްދެއްވުމަށް، ހިތްވަރުގަދަ އަންހެން ޞަޙާބީ، އަސްމާ ބިންތު އަބޫބަކުރާ ޙަވާލުކުރެއްވި ކަމީ، އިސްލާމީ މުޖުމަތަމަޢުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ހިއްސާގެ ބޮޑުކަން އަންގައިދޭ ކަމެއްކަމުގައި ރައީސްގެ ޚިތާބުގައި ހަނދާން ކޮށްދެއްވިއެވެ.

މީގެ އިތުރުން، މުސްލިމުން އިތުރު ތަޖުރިބާ ބޭނުންވާ ކަންކަމުގައި، އެކަންކަމަށް މޮޅު، އިތުބާރުހުރި، ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލުވެސް ހިޖުރައިގެ ހާދިސާއިން އެނގިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިތާބުގައި ފާހަގަކުރެއްވި ގޮތުގައި ހިޖުރީ އައު އަހަރެއް ފެށިގެން ދިޔަ މިދަނޑިވަޅަކީ، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުޢާކުރުން އިތުރު ކުރުމަށް އިސްލާމީ އުންމަތަށް ޖެހިފައިވާ ވަގުތެކެވެ.

އެގޮތުން، ހަނގުރާމައިގެ ނުތަނަވަސް ޙާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ޤައުމުތައް ދާދިފަހުން ތަޙައްމަލު ކުރި އިރު، ދިވެހިރައްޔިތުންގެ އިޚްލާޞްތެރި ދުޢާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އެދިވަޑައިގެން، އެ ސަރަޙައްދުގެ މުސްލިމް ހުރިހާ ވަޠަނަކަށްމެ، ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އަދައި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަ ކުރެއްވިއެވެ.

ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިތާބު ނިންމާލަމުން ވަނީ ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން އިސްލާމީ އުންމަތް ޙިމާޔަތް ކޮށްދެއްވައި، މުސްލިމުންނަށް ނަޞްރާއި ނަސީބު މާތްﷲގެ ޙަޟްރަތުން ދެއްވުމަށާއި، ދިވެހި މި ލޮބުވެތި ވަޠަން ކީރިތިކަމާއި މޫރިތިކަމުގައި، އިސްލާމީ ހިދާޔަތާއި މިނިވަންކަމާއި ތިޔާގިކަމުގައި އަބަދުމެ ލެއްވެވުން އެދި ދުޢާ ދަންނަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން