މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު
މެލޭޝިއާގައި ކިޔަވަމުންދާ ބޭރުގެ ދަރިވަރުންގެ އަތުން އިތުރު ޓެކުހެއް ނެގިނަމަވެސް ދިވެހި ދަރިވަރުންނަށް އެކަމުގެ ބުރަ އުފުލަން ނުޖެހޭނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލުގައި، އެ ޤައުމުގައި ހިނގާ ޕްރައިވެޓް އެޑިއުކޭޝަން ސިސްޓަމުގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 6 އިންސައްތައިގެ ޓެކްހެއް ނެގުމަށް ނިންމާފައިވެއެވެ.

އެކަމާ ގުޅިގެން ވަޒީރު ހައިދަރު ވިދާޅުވީ، އެކަމުގެ މަޢުލޫމާތު ކަމާގުޅުންހުރި އިދާރާތަކުން ސާފުކުރަމުންދާ ކަމަށާއި، ސަރުކާރުން މިކަމަށް ޙައްލެއް ހޯއްދަވާނެ ކަމަށެވެ. އަދި މިކަން މެލޭޝިއާގެ ސަރުކާރުން ރަސްމީކޮށް ދިވެހިރާއްޖެއަށް އަންގާފައި ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު، މެލޭޝިއާ ސަރުކާރުން މި ނިންމުން އިޢުލާނުކޮށް ތަންފީޒުކުރުމާ ދެމެދުގައި ދީފައިވަނީ ހަފްތާއެއްހާ ދުވަހުގެ ކުރު މުއްދަތެއް ކަމަށާއި، އެހެންކަމުން ކުރިއާލާ އެކަމުގައި ފިޔަވަޅެއް އެޅުމަށް ނުވަތަ މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަމަށް ޑރ. ޙައިދަރު ވިދާޅުވިއެވެ.

އެހެންނަމަވެސް، މެލޭޝިއާ ސަރުކާރުގެ މިފިޔަވަޅަކީ ދިވެހި ދަރިވަރުންނަށް ބުރައަކަށް ނުވާނެ ގޮތަށް ސަރުކާރުން ކަންކަން ހަމަޖައްސަވާނެ ކަމަށާއި، ސަރުކާރުގެ ސްކޮލަރޝިޕާއި ލޯނުގައި ކިޔަވާ ދަރިވަރުންގެ އިތުރުން، އަމިއްލަ ގޮތުން ކިޔަވަން ގޮސް ތިބި ދަރިވަރުންނަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަށްވާނެ ކަމަށް ޑރ. ޙައިދަރު ވިދާޅުވިއެވެ.

މެލޭޝިއާ ސަރުކާރުން މިޓެކްސް ނެގުމަށް ނިންމާފައިވަނީ، މެލޭޝިއާގައި ޕްރައިވެޓް އެޑިއުކޭޝަން ސިސްޓަމުގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ ތެރެއިން، ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް (2 ލައްކަ 18 ހާސް ރުފިޔާ) އަށްވުރެ ގިނައިން ޚަރަދުކުރާ ބިދޭސީ ދަރިވަރުންގެ އަތުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން